ތިން މަސް ދުވަހަށް ފަހު ޕްރިމިއާ ލީގް ރޭ ފެށިއިރު، އާސެނަލްގެ މައްޗަށް 3-0 ން މެންޗެސްޓާ ސިޓީި މޮޅުވުމުން، ލީގް ކަށަވަރު ކުރަން އޮތް އިންތިޒާރު ލިވަޕޫލަށް ދިގު ވެއްޖެ އެވެ.
ރޭގެ މެޗުން ސިޓީ ބަލިވިނަމަ، އާދިއްތަ ދުވަހުގެ ރޭ އެވަޓަން އާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުން މޮޅުވެގެން 30 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލިވަޕޫލަށް އިނގިރޭސި އެންމެ ޓޮޕް ލީގް ހޯދުމުގެ ފުރުސަތު ލިބިގެންދިޔައީސް އެވެ.
މެޗުގެ 81 ވަނަ މިނެޓްގައި ސިޓީގެ އޭރިއާގެ ބޭރުން، ސިޓީގެ ޒުވާން ޑިފެންޑަރު އެރިކް ގާސިއާ އާއި ކީޕަރު އީޑަސަން މޮރައިސް އެއްވަގުތެއްގައި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ގައިޖެހި އެރިކް ގާސިއާ ވެއްޓި އީޑަސަންގެ ގައި ދަށުވި އެވެ. އުމުރުން 19 އަހަރުގެ ޑިފެންޑަރު އަށިގަނޑުގައި ބަލާއިގެން ގެންދިޔައިރު އޭނާގެ އަންގަޔާ ނޭފަތަށް ވަނީ އޮކްސިޖަން މާސްކް ގުޅާފަ އެވެ. ދަނޑު މަތީގައި ފަރުވާ ދިނުމަށް 11 މިނެޓް ވަންދެން މެޗު މެދުކަނޑާލަން ޖެހުނެވެ. ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ ގާސިއާގެ ބޮލަށް ގެއްލުން ވެފައިވާ ކަމަށާއި އިތުރު ޓެސްޓްތަކެއް ހަދަން ޖެހޭ ކަމަށެވެ.
މެޗުގެ ދެ ވަނަ ހާފުގެ އާސެނަލްއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އަނިޔާވި ގްރެނިޓް ޒަކާ ގެ ބަދަލުގައި ކުޅެން އެރި ޑިފެންޑަރު ޑޭވިޑް ލުއިޒްއަށް ދެ ވަނަ ހާފުގެ ހަތަރު ވަނަ މިނެޓްގައި ރަތް ކާޑު ދެއްކި އެވެ.
މިޑްފީލްޑާ ކެވިން ޑިބްރޮއިނާގެ މޮޅު ކުޅުމާއެކު ސިޓީން ފުރަތަމަ މެޗުގައިވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ޓީމުން ދެއްކި ކުޅުމާއެކު މި ސީޒަންގެ ޑޮމެސްޓިކް ކަޕް އަދި ޗެމްޕިއަންސް ލީގްގެ ފޭވަރިޓެއްގެ ގޮތުގައިވެސް ސިޓީ ވަނީ ބެލެވިފަ އެވެ.
ސިޓީގެ ފުރަތަމަ ލަނޑު ރަހީމް ސްޓާލިން ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. ސިޓީގެ ދެ ވަނަ ލަނޑަކީ ޑޭވިޑް ލުއިޒްއަށް ރަތް ކާޑު ދެއްކި ފައުލް ކަމަށްވާ، ރިޔާދު މަހްރޭޒް އާސެނަލްގެ އޭރިއާގެ ތެރެއިން ވައްޓާލުމުން ދިން ޕެނަލްޓީ އެވެ. ޕެނަލްޓީ ކާމިޔާބު ކުރީ ޑިބްރޮއިނާ އެވެ. ސިޓީގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ފިލް ފޯޑެން އެވެ.
ތިން މަހަށް ފަހު ކުޅުނު ޕްރިމިއާ ލީގްގެ ފުރަތަމަ މެޗުގައި އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓަޑް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.