ވާހަކަ

ލޯބިން ބުނެލަން

(16 ޖޫން 2020 އާ ގުޅޭ)

އެލެވޭޓާއިން ލައިތު ނުކުމެ އާރިކު ދަންދެން މަޑުކުރިއެވެ. އޭނާ ބަދިގެ ހުންނަ ތަނަށް ވަނީ ދެނެވެ. އޭރު އެތެރޭގައި ހުންނަ ކޮޓަރީގައި ކެންޒާ ހަރަކާތްތެރިވާ އަޑު އިވެއެވެ. އެ ދިމާއަށް އަންނަމުން ވެސް ލައިތު ފަސްއެނބުރި ބަލާލިއެވެ. އަދި އޭނާގެ އަތުގައި އޮތް ޓެބްލެޓުން ކެމެރާތައް ބަލާލިއެވެ. އޮފީހުގެ މައިދޮރުން އާރިކު ނުކުމެދިޔަ މަންޒަރު ފެންނަން ދެން އޭނާ ފިޔަވަޅެއް ނުނަގާ މަޑުކުރިއެވެ.

ޖެހިޖެހިގެން އަތުރާފައި ހުރި ފޮށިތަކެއް ފަދަ އުސްއިމާރާތްތައް ގިނައެވެ. ބަލާލަން ހިތްގައިމު ގޮތެއް ނެތުމުން ކެންޒާގެ ނަޒަރު މައްޗަށް ދަތުރުކޮށްލިއެވެ. އިމާރާތްތައް ކިތަންމެ އުސްކުރެވިފައި ހުއްޓަސް މަތީގައި ތަނަވަސް ވެގެންވާ އުޑު އޭގެ ޒާތުގައި ވިއެވެ. ރޭގަނޑުގެ އަނދިރީގައި ޖަވާހިރުތަކެއް ފަދައިން ބަބުޅާ ތަރިތަކުގެ ވިދުން ފަނޑުކުރުވީ ތަފާތު ކުލައެއްގައި އަލިކުރަމުން ދިޔަ ފުރިހަމަ ހަނދެވެ. ހަނދުވަރުމޫސުންކަމެއް އޭނާ ނުދެނަހުއްޓެވެ. ހިތަށް ހަމަޖެހުމާއި ނަފްސު ހިމޭންކުރުވާފަދަ ހިތްގައިމުކަމެއް ޤުދުރަތުގެ އެ ހިތްގައިމު ކަމުގައި ވިއެވެ. ލުއި ހިނިތުންވުމަކުން ކެންޒާގެ ތުންފަތް ދެމިލީ އެހެންވެއެވެ. މައްޗަށް ހިއްލާލެވިފައި ހުރި ބްލައިންޑްސް ފަރުދާގެ ވާކޮޅު އަދިވެސް އެއްފަހަރު ރަނގަޅުކޮށްލާފައި ކެންޒާ އެނބުރިލިއެވެ. އެއްފައި މައްޗަށް ބުރަވެ ދޮރުކަނީގައި އަރިއަކަށް ލެނގިލައިގެން ލައިތު ހުއްޓެވެ. އެގޮތަށް ދެއަތް އުރާލައިގެން ކެންޒާއަށް ބަލަން ހުރީ ކިހާއިރަކުން ފެށިގެންބާއޭ ކެންޒާގެ ހިތަށް އެރިއެވެ. ލުއި ހިނިތުންވުމެއް ލައިތުއާ ބަދަލުކޮށްލުމާއެކު ކެންޒާ ވާހަކަދެއްކިއެވެ.

"ނިމިފަ އެހުރީ... ބްލައިންޑްސް ނެގީ... މިރޭ އުޑުމަތި ވަރަށް ރީތި" ކެންޒާ ބުނެލިއެވެ. ލައިތު އަނގައިންނެއް ނުބުންޏެވެ. އޭނާ އައިސް ފުރަތަމަ ވެސް އަތުގައި އޮތް ޓެބްލެޓް އެތަނުގައި ހުރި ހަމީހުންގެ ކަޅުބިއްލޫރީގެ ކާމޭޒުމަތީ ބޭއްވީއެވެ.

"އާރިކް ނާދޭތަ؟... އިތުރުކަމެއްނެތިއްޔާ، އަހަރެން ދަނީ" ލައިތުގެ ހިމޭންކަމުން ނަގައިގަންނަންވީ ކީކޭކަމެއް ނޭނގިހުރެ ކެންޒާ ވާހަކަދެއްކިއެވެ.

"ރިކު ހިނގައްޖެ، ޕެންޑާ ބައިވެރިވާންވީނު އަހަންނާ" ލައިތު ބުނެލިއެވެ.

"އަހަރެން..." ކެންޒާއަށް ވިސްނާލެވުނެވެ. ލައިތުގެ އެ ދަޢުވަތު ޤަބޫލުކުރުމުން އޭނާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ކެންޒާއަށް އެ ލިބުނީ ރަނގަޅު ފުރުޞަތެކެވެ. އެކަމަކު އޭނާ އެ ދަޢުވަތު ޤަބޫލުކުރަން އަވަސްވެއްޖެނަމަ ލައިތުއަށް ތަފާތު މާނައެއް ނެގިދާނޭ ކެންޒާއަށް ހީވިއެވެ. ހަދާނޭ ގޮތެއް ނޭނގި ވާހަކަނުދެއްކިފައި ކެންޒާ ހުއްޓާ ލައިތު ގޮވާލިއެވެ.

"ޕެންޑާ... ޕްލީޒް..." ލައިތު ބުނެލިއެވެ. ބަދަލުކޮށްލި ހިނިތުންވުމަކާއެކު ކެންޒާ ބޯޖަހާލިއެވެ.

"އާރިކު ކީއްވެ ދިޔައީ؟، އަހަރެން ކާއެއްޗެހި ހިފައިގެންކަން އެނގޭނެ އައީ، އަހަރެން ބުނިން މީރިއްޔާ ބުނައްޗޭ ވެސް" ކެންޒާ އަހާލިއެވެ.

"އޭނާ ބަހައްޓަބަލަ، އަހަރެން ވެސް ކާނެއެއްނު، މީރިއްޔާ އަހަރެން ބުނާނަމޭ... އާދޭ އިށީންނަން" ލައިތު ބުންޏެވެ.

"ތިތާތަ އިށީންނަނީ؟. މިރޭ ހަނދުވަރު ވަރަށް ރީތި. އެއްފަހަރު ވެސް ދުށީންތަ މިރޭގެ ހަނދު" މޭޒުގެ ކޮޅުގައި ކުޑަދޮރަށް ފުރަގަސްވާހެން ލައިތު އިށީންނަން އުޅުމުން ކެންޒާ ބުނެލިއެވެ.

"އެ ހަނދާއި، ހަނދުވަރުން އަހަންނަށް ލިބޭނެ ހިތްހަމަޖެހުމެއްނެތް، އަހަރެންގެ ހަނދުވަނީ އަހަންނާއެކު، މިރޭގެ އެ ބޮޑު ހަނދަށްވުރެ އެންމެ ތަންފުކެއް ވެސް އަހަރެންގެ ހަނދު ކުޑައެއްނުވާނެ... އަހަރެންގެ ހަނދުވަނީ އަތްނުލެވޭހާ ދުރުގައެއް ވެސް ނޫން" ލައިތު ބުނެލިއެވެ. އަދި ގޮނޑި ފަހަތަށް ދަމާލައި އޭނާ އިށީނީ ކުޑަދޮރަށް ފުރަގަސްދީގެންނެވެ.

"މީ ޕެންޑާގެ ފޭވަރިޓް މީލް" މޭޒުމަތީ ހުރި ތަށިތަކަށް ބަލާލާފައި ލައިތު ބުނެލިއެވެ. ތަށިތަކުން ފެންނަނީ މޫދުގެ ބާވަތްތަކުން ތައްޔާރުކޮށްފައި ހުރި ތަށިތަކެވެ. ބޯވަދިލަމަހާއި، ޑިނގާއާއި، ގާހަކަ، ސޯސްގަނޑެއްގައި ތައްޔާރުކުރެވި އެއްކުރެވިފައި ހުރީ ފަތިނޫޑުލިސްއާއެވެ. ދެން ހުރީ ކުދި ވިލާތުބަށްޓާއި ބޯވެލިފަތާއި އެވަކާޑޯ އަޅައިގެން ހަދާފައި ހުރި ސަޓަންޏެކެވެ. އެންމެ ހެޔޮވަރު ވަރަށް ފިހެލާފައި އޮތް ދެ ފަރުމަސްފޮތި ވަކިން ތަށްޓެއްގައި އޮތެވެ.

"އަހަރެން ނުކާއެއްޗެއް ނުހުންނާނެ... މީ އަސްލު، ޓްރައިކޮށްލަން ބޭނުންވި ރެސިޕީއެއް" ފާޑަކަށް ހީނލަމުން ކެންޒާ ބުނެލިއެވެ.

"މި ކައިގެން އަހަރެން ވިހަވެއްޖެއްޔާ ޔޯ" އުލުން ތަށި ކުޑަކޮށް ހާވާލަމުން ލައިތު ބުނެލިއެވެ.

"ސީފުޑްއަށް އެލާޖިކްތަ؟" ކެންޒާ ހާސްވިއެވެ. އެއްޗެކޭ ނުބުނެ އިނދެ އުލުން ނެގި އެތިކޮޅު ލައިތު އަނގަޔަށް ލިއެވެ. އެއަށްފަހު ދެވަނަ އެތިކޮޅެވެ. ދެން ތިވަނަ އެތިކޮޅެވެ. އޭނާއަށް ބަދަލެއް ނާދެއެވެ. ސަޓަނިތަށިން ވެސް އެއްބައި ނެގިއެވެ.

"ނުކާންތަ ތިއިންނަނީ" ކެންޒާ ބަލަން އިނީމަ ލައިތު ބުނެލިއެވެ. އެހެން ބުނުން ލަސްވި ކަހަލައެވެ. ކެންޒާ ކާންފަށައިފިއެވެ. ލައިތުގެ ތުންފަތުން ކިރިޔާ ފާޅުވެލާވަރަށް އޭނާ ހިނިތުންވެލިއެވެ.

"މީގަ އެހެން ރަހައެއްދޭ ހެން ހީވޭ" ލައިތުގެ ތަށިން ނެގި ޑިނގާކޮޅެއް ކެންޒާއަށް އޭނާގެ އުލުން ދިއްކޮށްލިއެވެ. ކެންޒާ އުލުގައި ހިފަން އުޅުމުން ލައިތު އަތް ފަހަތަށް ދަމާލާފައި ކެންޒާ ގާތު އަނގުހުޅުވުމަށް ބުންޏެވެ. އަޖައިބުވެފައި އިން މީހަކު ފަދައިން ލަދުން އިނދެ ކެންޒާ އަނގަ ހުޅުވިއެވެ. އެ މޭޒުމަތީގައި ހުރި ދެމީހުންގެ ކޮއްތު ވެސް ކެންޒާއެކަންޏަށް ކާލެވޭނެއެވެ. އެހެންވިޔަސް އޭނާ އިނީ ލައިތުގެ ކުރިމަތީ ގޭގައި ކާހެން ކާން ނުކެރިފައެވެ.

"ތިވަރަށް އަނގަ ހުޅުވީމަ މި އޫވެސް ނުވެންނާނެ" ލާނެތް ހިންޏެއް އައިސްފައި އިނދެ ކެންޒާ އިންފަރާތަށް ލައިތު ޖެހިލީ އަތުގައި އޮތް އޫ ކެންޒާގެ އަނގަޔާ ކައިރިކޮށްލަމުންނެވެ.

"ޝަޓްއަޕް" ލައިތުއަށް ނިކަން އަވަހަށް ބުނެލުމާއެކު ލައިތުގެ އަތާއެކު އުލުގައި ހިފަހައްޓާލައި އޭގައިވި ޑިނގާކޮޅު ކެންޒާ ކާލިއެވެ.

"އެއްވެސް ތަފާތެއްނޫން. މީރު ހަމަ." ޑިނގާކޮޅު ހަފަމުން ކެންޒާ ބުންޏެވެ. ހިނިއައިސްފައި އިން ލައިތު ކެންޒާއާ ކައިރވެލަމުން އަނގަހުޅުވާލިއެވެ.

"ވަޓް؟..." ކެންޒާއަށް ލައިތުގެ ހަރަކާތްތައް ދޭހަވީ ނަމަވެސް ބުނެލިއެވެ.

"އަހަރެން ރަހަބަލަން ބޭނުން" ލައިތު ބުންޏެވެ. ނުކެރިފައި އިނދެ ކެންޒާ އުޅުނީ ލައިތުގެ އުލުން ޑިނގާކޮޅެއް ނަގައިދޭށެވެ. ނަމަވެސް ލައިތުއަށް އެކަން ވިސްނިގެން މަނާކުރިއެވެ. ކެންޒާ ކާން އިން އުލުން ލަވައިދޭން އޭނާ ސާފުބަހުން ބުންޏެވެ.

"އެވަރުކަމެކޭ" ކެންޒާގެ އުލުން ޑިނގާކޮޅު ކާލަމުން ލައިތު ބުނެލިއެވެ.

"ވަޓް އާ ޔޫ ޑުއިންގ." ކެންޒާ އިސްޖަހާލަމުން މަޑުމަޑުން ބުނެލިއެވެ.

"އަހަރެންގެ ޑޭޓާއެކު ޑިނާ އިންޖޮއިކޮށްލަނީ" ލައިތުގެ އަޑު އިވި ކެންޒާއަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ. އިވުނީ އިވިދާނެކަމަށް ކެންޒާ އުންމީދުނުކުރާ ބަސްތަކަކެވެ. އެކަމަކު ލައިތުގެ އެ ބުނުން ދޮގުކުރެވޭކަށް ވެސް ނެތެވެ. އެ މޭޒުދޮށުގައި ލައިތުއާއެކު ކާން އިށީނީއްސުރެ ޚުދު ކެންޒާއަށް ވެސް އިޙްސާސް ކުރެވެމުން ލައިތު އެ ބުނާފަދަ ގޮތަކަށެވެ. މިރެވަނީ އެ ދެމީހުންނަށް ޚާއްޞަވެފައި ހެންނެވެ.

"ޔޫ ކޯލް ދިސް އަ ޑޭޓް" ކެންޒާ ބުނެލިއެވެ. ލައިތު ހޫންއެއް ލައްވާލިއެވެ.

"އެކަމަކު އަހަރެން ކައިރީ ނާހަމެންނު، މީ ލައިތުގެ އޮފީސް" ކެންޒާ ބުންޏެވެ.

"މިތަން ކަމަކު ނުދޭތަ؟. ހޮޓެލް ރޫމެއް އޯކޭތަ؟... ކެރޭނެތަ އަހަންނާއެކު ހުންނަން." ލައިތު ހީނލި ގޮތުން ވެސް އޭނާއަށް ކެންޒާގެ ޖަވާބު އަންނާނޭ ގޮތް އެނގޭ ކަހަލައެވެ.

"އެހެންނެއް ނުބުނަން." ކެންޒާ ކެއުން ނިންމާލިއެވެ. އޭނާ ތެދުވެ މޭޒުމަތީ ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގައިން އައިސް ލައިތުގެ ފުރަގަހުން ކުޑަދޮރުގެ ކައިރީ މަޑުކޮށްލިއެވެ. ތުންފަތް ފުހެމުން އޭނާގެ ނަޒަރު ހަނދަށް ހުއްޓުނެވެ. ދުލުން ހާމަނުކުރިޔަސް ކެންޒާގެ ސިކުނޑީގައިވީ ލައިތު ދެންމެ އެބުނި ވާހަކައެވެ. ލައިތުއާއެކު ކޮޓަރިއެއްގެ ތެރޭ އެކަހެރިވާން ކެންޒާއާށް ކެރިދާނެތޯ އޭނާ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ.

"ހާދަކުޑަކޮށް ތިކެއީ" ކެންޒާގެ ފުރަގަހުގައި މަޑުކޮށްލި ލައިތު ބުނެލިއެވެ. ފަސްއެނބުރިލަން ހިތަށް އަރާފައި ކެންޒާ ހަރަކާތެއްނުކުރީ ލައިތު ހުރީ ނުހަނު ގާތުގައިކަން އެނގޭތީއެވެ.

"ކެވިއްޖެ" ކެންޒާ ބުންޏެވެ. އެހިނދު އޭނާގެ ފުރަގަހުން ލައިތު ގާތްވެލިކަމުގެ އިޙްސާސް ކުރެވުނެވެ. އެހަށިގަނޑުގެ އިޙްސާސްވުމުން ކެންޒާގެ ކަނދުރާމަތިންނާއި ދެއަތުގެ ލޯލިތައް ސަމާލުކަމަށް އައީ ވަގުތުންނެވެ. އެއްފަރާތަށް ޖެހިލަން ކެންޒާ އުޅުމުން އޭނާގެ އަތުގައި ލައިތު ހިފެހެއްޓިއެވެ.

"އަހަރެން ކުރަން މިއުޅޭ ސުވާލަށް ވަރަށް ވިސްނާފައި ޖަވާބުދެއްޗޭ." ލައިތު ވާހަކަދެއްކީ ކެންޒާގެ ވައަތްފަރާތު ކޮނޑުގައި ދަތްދޮޅި ޖައްސާލަމުންނެވެ. ކެންޒާ މަޑުމަޑުން ބޯޖަހާލީއެވެ.

"އަހަރެން ކަމުދޭތަ؟..." ލައިތުގެ އަޑު އިހުނަށްވުރެ މަޑުވިއެވެ.

"ލައިތުގެ ނެތް އެއްވެސް އުނިކަމެއް" ކެންޒާ ޖަވާބުދިނެވެ.

"ކެންއަށް އަހަރެން ކަމުދޭތަ؟... ލޯބީގެ ގޮތުން ގުޅެން..." ލައިތު ވާހަކަދެއްކިއެވެ. ކެންޒާ އެއްޗެކޭ ނުބުނެ ހިމޭންވީއެވެ. ހިތުގައި އޮތް އެއްޗެއް ހާމަކުރުމުގެ ކުރީން ލައިތުގެ ވިސްނުން ހުރި ގޮތް އެނގެން ކެންޒާ ބޭނުމެވެ.

"ލައިތު...، އަހަރެން..." ކެންޒާ އަހަން އުޅުނެއްކަމަކު އޭނާއަށް އެ ފުރުޞަތު ނުލިބުނީ ފޯނުރިންގުވާން ފެށި އަޑުން މުޅި މާޙައުލު ގުގުމާލީމައެވެ. ހަލުވިކޮށް ލައިތުގެ ގާތުން ދުރަށް ޖެހިލި ކެންޒާ އައިސް މޭޒުމަތީ ބޭއްވިފައި އޮތް ފޯނުނެގިއެވެ. އިސްކުރީނު ފެނުމާއެކު ވަގުތުން ލައިތަށް އޭނާ ބަލާލިއެވެ. އެމޫނުގައިވި އަސަރުތައް ދެނެގަންނަން މަސައްކަތްކުރާ މީހަކު ފަދައިން ލައިތު ހުއްޓެވެ.

"އައި ހޭވް ޓު ޓޭކް ދިސް" ފޯނަށް އިޝާރާތްކުރާ ފަދައިން ކެންޒާ ބުނެލީ ލައިތަށް ބަލަން ހުރެއެވެ. އޭނާ އަނގައިން ނުބުންޏެވެ. ކެންޒާ ކޯލު ނަގައި ފޯނު ކަންފަތުގައި ޖަހާލިއެވެ.

"ހޭ ޑޯލް..." ކެންޒާގެ ކަންފަތުގައި ޖެހުނީ ކައިފްގެ އަޑެވެ.

"ހޭ..." ކެންޒާއަށް ބުނެވުނީ ޤަބޫލުނުކުރެވިގެންނެވެ. މަންމައާ ވާހަކަދެއްކިޔަސް ކައިފްއާ ކެންޒާއަށް ވާހަކަދެއްކެނީ މަދުފަހަރަކުއެވެ. އެވާހަކަދައްކާ ފަހަރަކު ވެސް މާގިނަ ވާހަކަތަކެއް ކައިފް ނުދައްކައެވެ. ބޭބެ ކުރާނެހެން ހީވާ ހުރިހާ ސުވާލަކަށް ޖަވާބުދޭން ކެންޒާ އަވަސްވެލަނީ އެހެންވެއެވެ. އެކަމަކު މިރޭ ކައިފްގެ އަޑުގައި ތަފާތު ދިރުމެއް ހުރިކަން ފޯނުން ވެސް ދެނެގަންނަން ކެންޒާއަށް އެނގެއެވެ.

"އައި މިސްޑް ޔޫ" ކައިފް ބުނެލިއެވެ. ކެންޒާ ލައިތަށް ބަލާލުމާއެކު އަތުން އަންގާލީ އެ ކޯލުގައި ވަގުތުކޮޅެއް ވާނެކަމެވެ. އަދި އޭނާ ހިނގައިގަތީ އެތަނުން ނުކުމެ އެކަނިހުރެ ކައިފްއާ ވާހަކަދައްކާލާށެވެ.

"އައި މިސްޑް ޔޫ ޓޫ... ދެން އަވަހަށް އާދެބަލަ" ދޮރުން ނުކުންނަމުން ކެންޒާ ބުނެލިއެވެ. އެ އަޑު ކުޑަދޮރުކައިރީ ހުރި ލައިތަށް އިވި މޫނުމަތި ބަނަވެގެން އައެވެ. ދެބުމަކައިރިވެލާ ނިތަށް ރޫގިނަވެލިއެވެ.

ކެންޒާއަށް އައި ފޯނުކޯލަކީ ކާކުގެ ކޯލެއްކަން ލައިތު ނިންމީ ކެންޒާ ބުނި ބަސްތަކުންނެވެ. ރާއްޖޭން ބޭރުގައި ހުންނަ ކެންޒާ ރައްޓެހިވެގެން އުޅޭ ކުއްޖާކަން އެގުޅީ އެނގުމުން ޒާތެއްގެ ރުޅިއެއް ލައިތު އައެވެ. މަޑުމަޑުން އޭނާ ކެންޒާ ހޯދަމުން ނުކުތެވެ. ސިނގިރޭޓު ބޯ މުވައްޒަފުން ނުކުމެ ތިބޭ ބެލްކަނީގެ ބިއްލޫރި ދޮރުން ހިޔަންޏެއް ފެނި އެދިމާއަށް ލައިތުއައެވެ. ފޯނުގައި ހިނިތުންވެލައިގެން ހުރެ ރެއިލިންގައި އަތްއަޅުވާލި ކެންޒާގެ ކޮންމެ ހަރަކާތަކަށް ލައިތުގެ ނަޒަރު ހުއްޓިފައި ވިއެވެ. މަޑުމަޑުން ދޮރު ހުޅުވާލައި އޭނާ ބެލްކަންޏަށް ނުކުތެވެ.

"މިހާރު ކޮންދުވަހެއް، މިފަހަރު ޓްރީޓް ދޭނީ އަހަރެން. ދެން އަވަހަށް އާދެބަލަ. އަސްލުވެސްތަ!... ދެޓްސް ގްރޭޓް!... އަވަހަށް ދުވަސްތައް ދާނެނަމަ، އޭރުން ހުންނާނީ މާލެގައެއްނު... އައި ކާންޓް ވެއިޓް..." ކެންޒާގެ ވާހަކަތަކުން ލައިތުގެ ހިތުގައި އުފެދުނު ރިހުން އައީ ގަދަވަމުންނެވެ. ޚިޔާލުތައް ސިކުނޑީގައި އެނބުރެމުންދިޔައީ ނަގޫރޯޅިއެއްގެ ސިފައިގައެވެ.

"ޑޯންޓްވޮރީ، ޔެސް... އައި ލަވް ޔޫ ޓޫ... ޕްލީޒް ބީ ކެއަފުލް..." ކެންޒާ ބުނަން ބޭނުންވި ބަސްތައް ހުއްޓުމަކަށް އައީ ކަންފަތުގައި ޖައްސާލެވިފައިވާ ފޯނު ލައިތު ދަމައިގަތުމުންނެވެ. ސިހިފައި ލައިތަށް ބަލާލެވުނު ގޮތަށް ކެންޒާއަށް ހުރެވުނީއެވެ. އެ މޫނުގައިވި ރުޅިވެރިކަން ފެނިފައެވެ.

"މިގަޑީގަތަ އޭނާ ގުޅަނީ؟" ލައިތު ސުވާލުކުރިއެވެ. ކެންޒާއަށް ދޭނޭ ޖަވާބެއް ނޭނގުނެވެ. ލައިތުއަށް އައިސްފައި ހުރި ބަދަލުގެ އަސްލު އޭނާއަށް ނޭނގޭތީއެވެ.

"އިޓްސް އެން އިމްޕޯޓެންޓް ކޯލް" ކެންޒާ ބުންޏެވެ.

"ނޫން..." ދަތްކުނޑިވިކާލައިގެން ހުރެ ލައިތު ބުނެލިއެވެ. ކެންޒާއަށް މުހިންމުވާންވާނީ ލައިތޭ ބުނަން އޭނާ ބުނަން ބޭނުންވާ ކަހަލައެވެ. ކެންޒާގެ ދެ ލޮލުން ހައިރާންކަން ފާޅުވާތީ އެކަމާ ވެސް ލައިތަށް އުނދަގޫވިއެވެ.

"ވައި ޑޯންޓް ޔޫ އަންޑަސްޓޭންޑް... މިހާރު ތިހުރީ އަހަރެންގެ ގާތުގަ" ލައިތު ބުނެލިއެވެ.

"މައި ފޯން" ކެންޒާ އަތްދިއްކޮށްލުމާއެކު ބުނެލިއެވެ.

"ނުދޭނަން." ލައިތު ބުނެލިއެވެ. ކޯލުކަނޑާލުމާއެކު ލައިތު އެ ފޯނު ވެސް ނިއްވާލިއެވެ. ކެންޒާ ކުރިއަށް ޖެހިލުމުން ލައިތު ޖެހިލީ ފަހަތަށެވެ. ކެންޒާ އޭނާއަށް ގޮވާލިއެވެ. ބެލްކަނީގެ ދޮރުހުޅުވާލި ގޮތަށް ލައިތު އެތެރެއަށް ވަނީއެވެ. އޭނާގެ ފަހަތުން ހަލުވިކޮށް ކެންޒާއެވެ.

ކާންތިބި ބަޔަށް ލައިތު ވަނުމުން އޭނާގެ ފަހަތުން ކެންޒާ ވެސް ވަނެވެ. ކެންޒާ ވަނުމާއެކު ލައިތު އެތަނުގެ ދޮރުލެއްޕިއެވެ. ކެންޒާއަށް ހާސްވެފައި ގޮވާލެވުނެވެ. ލައިތު އައިގޮތަށް އައިސް ކެންޒާގެ ދެއަތް ގުޑުވާނުލެވޭނޭހެން އޭނާގެ ގައިގާ ބައްދާލައި ބާރަށް ހިފަހައްޓާލިއެވެ.

"ޕްލީޒް ކެން. އޭނައާ ގުޅުން ކަނޑާލާ" ކެންޒާގެ ކޯތާފަތުގައި ލައިތުގެ ތުންފަތް ޖައްސާލައިގެން ހުރެ އޭނާ ވާހަކަދެއްކިއެވެ.

"އައި ކާންޓް" ކެންޒާ ވަގުތުން ބުންޏެވެ.

"ކީއްވެ؟. ހަމައެހާ ލޯބިވޭތަ؟" ލައިތު އެއްސެވެ.

"ލޯބިވާނެއެއްނު... ހީ އިޒް..." ކެންޒާ ބުނާކަށް ލައިތު ފުރުޞަތެއް ނުދިނެވެ. އޭނާ ކެންޒާގެ ތުންފަތް ޤައިދުކުރިއެވެ. އެ ޢަމަލުގައި ކެންޒާ ބައިވެރިވުމުން އިހުނަށްވުރެ އޭނާއާ ލައިތު ގާތްވެލިއެވެ. ކެންޒާގެ މޫނަށް ލައިތު ބަލާލިއެވެ.

"ކީއްވެ އަހަރެންދެކެ ލޯބިނުވާންވީ" ނޭވާޔާ ގުޅި ލައިތުގެ އަޑު ނުކުތެވެ.

"ލައިތު..." ކެންޒާއަށް ގޮވާލެވުނީ މަޑުންނެވެ.

"އައި ލައިކް ޔޫ... އައި ލައިކް ޔޫ އަލޮޓް، އައި ރިއަލީ ލައިކް އެވްރިތިންގް އަބައުޓް ޔޫ. ސޯ ޕްލީޒް، ސްޓޭ އަވޭ ފްރޮމް އެނީ މެން" ކެންޒާގެ ނިތްކުރީގައި ނިތްޖައްސާލައިގެން ހުރެ ލައިތު ބުންޏެވެ. ދުވަހަކުވެސް މީހެއްގެ ލޮލުން އެފަދަ ބޭނުންވުމެއްގެ އަސަރު ކެންޒާ ނުދެކެއެވެ. ލައިތުގެ މުޅި ނަފްސު އެ އަޑުގައި ޝާމިލުވާ ކަހަލައެވެ.

"ޔޫ އާ މައި ޕެންޑާ... މައި ކިއުޓް ޕެންޑާ... ޔޫ ވިލް އޯލްވޭޒް ބީ..." ކެންޒާގެ ތުންފަތުގައި އަވަސްބީހީލުމާއެކު ލައިތު ބުނެލިއެވެ.

"އައި ލައިކް ޔޫ މޯ ދެން ޕީޒާ... މޯ ދެން ޗޮކުލެޓް" ކެންޒާ ސިއްރެއް ބުނެލާފަދައިން ބުނެލިއެވެ. ލައިތުގެ ލުއި ހީނލުމުގެ އަޑު ގުގުމާލިއެވެ.

"އިޓް ސައުންޑް ވިއާޑް" ކެންޒާ ބުނެލިއެވެ.

"ލެޓްސް ބީ ވިއާޑް ޑުގެދާ." ކެންޒާގެ ނިތުގައި ބޮސްދެމުން ލައިތު ބުނެލިއެވެ.

(ނުނިމޭ)