ހަބަރު

ސްކޫލްތައް ހުޅުވަން ޓީޗަރުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ދެނީ

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ނުވަތަ ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މި ޕްރޮގްރާމަކީ ކޮވިޑް19އާއި ގުޅިގެން އެކިގޮތްގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކަށް ވީހާވެސް އަވަހަށް އަދި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ފެށި ޕްރޮގްރާމެއް ކަމަށެވެ.

އެޑިއުކޭޝަނާއި ޔުނިސެފް އަދި ދިވެހި ރެޑްކްރެސެންޓް ގުޅިގެން ކުރިއަށްދާ މި ޕްރޮގްރާމްގައި މިހާތަނަށް 407 ޓީޗަރުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީން ވަނީ ދީފަ އެވެ.

"ސްކޫތައް އަލުން ހުޅުވުމުން ދަރިވަރުން އެންމެ ފުރަތަމަ ބައްދަލުވެ ވާހަކަ ދައްކާނޭ ބަޔަކަށް ވެގެންދާނީ ޓީޗަރުންނަށް ވެފައި، ޓީޗަރުންނަކީ ދަރިވަރުންނަށް މިކަމާ ގުޅިގެން ދިމާވާ ހާސްކަމަށް ވީހާވެސް އަވަހަކަށް އެހީތެރިކަން ފޯރުކޮށްދެވޭނޭ ފަދަ ގާބިލް ބަޔަކަށް ހެދުންވެސް މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ"

އެގޮތުން ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަ ކުރުމާއި، އެފަދަ ދަރިވަރުންނާމެދު އަޅާލުމުގައި އަމަލުކުރަންވީ ގޮތާއި، އެ ދަރިވަރުންނަށް އެހީތެރި ވެވޭނެ ގޮތްތަކާއި މީގެ އިތުރުން ފަސްޓް އެއިޑް ދިނުމުގައި ތިމާ އަމިއްލައަށް ވިސްނަންޖެހޭ ކަންކަން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިތުރަށް ބުނީ ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި ޓީޗަރުން ތަމްރީން ކުރުމަށްފަހު، ސްކޫލްތަކުގައި މަސައްކަތް ކުރާ ކައުންސެލަރުންނަށްވެސް އިތުރު ތަމްރީން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، ކައުންސިލަރުން އިތުރަށް ތަމްރީން ކުރަނީ ސައިކޮލޮޖިކަލް ފަސްޓް އެއިޑް ދިނުމަށްފަހު އިތުރަށް އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަކޮށް އެދަރިވަރުންނަށް އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ދިވެހި ރެޑްކްރެސެންޓްގެ ތަމްރީންދެއްވާ ބޭފުޅުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދަނީ ސްކޫލްތައް ހުޅުވުމަށް ތައްޔާރީތައް ވަމުންނެވެ. އަންނަ މަހު ބަލި ނެތް ރަށްރަށުގައި ސްކޫލްތައް ހުޅުވާއިރު މާލެ ސިޓީ އިން ހުޅުވަނީ ގްރޭޑް 9 އިން މައްޗަށެވެ.