ކުޅިވަރު

ލިވަޕޫލް އެއްވަރު، ޗެލްސީ މަގާމު ދިފާއުކޮށްފި

މާސީ ސައިޑް ޑާބީގައި ލިވަޕޫލާއި އެވެޓަން ކުޅުނު މެޗު އެއްވަރުވެ، ލީގް ހޯދަން ލިވަޕޫލްގެ އިންތިޒާރު ދިގު ވެއްޖެ އެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ޗެލްސީ ވަނީ އެސްޓަން ވިލާ އާ ދެކޮޅަށް 2-1 ން މޮޅުވެ ގަދަ ހަތަރެއްގައި ހަމަޖެހިލާފަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ އެސްޓަން ވިލާއިންނެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ކޯޓްނީ ހައުޒާ އެވެ.

ޗެލްސީން ނަތީޖާ ހަމަހަމަ ކޮށް ލީޑް ނެގީ ގާތްގަނޑަކަށް ދެ މިނެޓް ތެރޭގަަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމިޔާބު ކުރީ ކްރިސްޓިއަން ޕްލިސިޗް އެވެ. ލީޑް ފުޅާ ކޮށްދިނީ އޮލިވާ ޖިރޫޑް އެވެ.

ޗެލްސީ ހަތަރު ވަނައިގައި ހަމަޖެހިލީ ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވުރެ އިތުރަށް ފަސް ޕޮއިންޓް ހޯދައިގެންނެވެ. އަދި ޗެލްސީ އޮތީ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީއާ ތިން ޕޮއިންޓް ކައިރީގަ އެވެ.

ލިވަޕޫލާއި އެވަޓަންގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ، އޭނާގެ ޓީމުގެ ހަމަލާތައް ވަރުގަދަ ނޫން ކަމަށާއި މެޗުން މޮޅު ނުވެވުނީ އެހެންވެ ކަމަށެވެ. އޭނާ ބުނީ އެހާ ގިނަ ދުވަސް ވަންދެން ނުކުޅެ ތިބުމަށް ފަހު ކުޅުނު މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތް ހަމަ ޖެހޭ ކަމަށެވެ.

މެޗުގެ ފަހު ކޮޅުގައި އެވަޓަންއަށް މޮޅުވާން ތަނަވަސް ފުރުސަތެއް ލިބިގެން ދިޔަ އެވެ. އެ ޓީމުގެ ކޯޗް ކާލޯ އަންޗެލޯޓީ ބުނީ މެޗުން މޮޅުވާ އެވަޓަން އަށް ހައްގު ކަމަށާއި މޮޅު ނުވެވުނީ ނަސީބު ނެތުމުން ކަމަށެވެ.