ވިޔަފާރި

ބީއެމްއެލް އިން ހަތަރު ރަށެއްގައި އޭޓީއެމް ބަހައްޓަނީ

Jun 22, 2020
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރު ހަތަރު ރަށެއްގައި އޭޓީއެމް ބަހައްޓައި، ވިއުގަ ފުޅާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ބީއެމްއެލް އިން އަތޮޅުތެރޭގައި ކުރަމުންދާ އިންްވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމަ އަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން އަލަށް އޭޓީއެމް ބަހައްޓަން މަސައްކަތް ކުރަމުން ދަނީ، ނ. ކެނދިކުޅުދޫ އާއި ކ. ގުރައިދޫ އަދި އއ. ތޮއްޑޫގެ އިތުރުން ތ. ތިމަރަފުށީގަ އެވެ.

މިއީ ބޭންކިން ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެދަށުން ބެހެއްޓޭ އޭޓީއެމް ތަކެވެ. ބޭންކިން ވިއުގަ ފުޅާކުރުމަށް ރޭވިފައިވާ މަސައްކަތް ތަކަށް ބަލާއިރު ކުރިއަތް އޮތް މަސް ތަކުގެތެރޭގައި އިތުރު ސެލްފް ސާވިސް އޭޓީއެމް ގާއިމްކުރުމާއި ބޭންކިން ހިދުމަތްތައް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ބޭންކް އިން އަލަށް އޭޓީއެމް ބަހައްޓާ ރަަށް ތަކަކީ އިގްތިސާދީ ގޮތުން ހަރަކާތްތެރި ރަަށް ތަކެކެވެ.

މި އޭޓީއެމް ތަކުން އަމިއްލަ ފަރުދުންނާއި ވިޔަފާރި ތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ. އަދި މި އޭޓީއެމްތަަކަކީ އެންމެ ފަހުގެ ސެކިއުރިޓީ އެކުލެވިގެން ރައްކާތެރިކަމާއެކު ބޭންކިން ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމް ތަކެކެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން އެންމެ ޒަމާނީ ބޭންކިން ހިދުމަތްތައް ފޯރުކޮށްދޭން އެކި ކަންކޮޅުތަކުގައި އިންވެސްޓްމަންޓްތައް ކުރަމުންދާ ކަމަށެވެ.

"ކޮވިޑް އާ ގުޅިގެން ދަތުރުފަތުރުތަކަށް އަސަރުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ވެސް އޭގެ ދަތިތަކާ ކުރިމަތިލާން ޖެހުނު. އެހެން ނަމަވެސް މިހާރުމިވަނީ އޭޓީއެމްތައް އަޅުނގަޑުމެންނާ ހަމަޔަށް ލިބިފަ. އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިދަނީ މި ރަށް ތަކަށް އޭޓީއެމް ގެންދިޔުމުގެ މަސައްކަތް. އަޅުގަނޑުގެ އުއްމީދަކީ ކުރި އަށް އޮތް ހަފްތާތަކެއްގެ ތެރޭގައި މަސައްކަތްތައް ނިމިގެންދާނެ ކަމަށް،" ޓިމް ވިދާޅުވި އެވެ

ބީއެމްއެލް އިން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފް ސާވިސް ބޭންކިން ސެންޓަރު 116 އޭޓީއެމް ބަހައްޓާފައިވެ އެވެ. އަދި 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.