ހަބަރު

ސްކޫލްތައް ހުޅުވަން ބަޖެޓު ހަމަޖެހިއްޖެ: އެޑިއުކޭޝަން

ސްކޫލްތައް ހުޅުވުމަށް ބޭނުންވާ ބަޖެޓު ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ޔުނިސެފްގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ތައުލީމީ ދާއިރާގެ އިމަޖެންސީ ރެސްޕޮންސް ޕްލޭން ތަންފީޒުކުރަން 22.91 މިލިއަން ޑޮލަރު (352 މިލިއަން ރުފިޔާ) ހަރަދު ވެ އެވެ. ތިން އަހަރު ދުވަހަށް ހަދާފައިވާ މި ޕްލޭންއަަކީ، ސްކޫލްތައް ހުޅުވަން ވާންޖެހޭ ތައްޔާރީތަކާއި، ހުޅުވޭ މަރުހަލާގައި ކުރަންޖެހޭ ކަންތައްތަކާއި ސްކޫލްތައް ހުޅުވުމަށްފަހު ކުރަންޖެހޭ ކަންތައް ތަފްސީލުކޮށް ލިޔެފައިވާ ޕްލޭނެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހާމަކުރި މައުލޫމާތު ކަރުދާހުގައި ބުނީ، ސްކޫލްތައް ހުޅުވުމަށް ބޭނުންވާ ބަޖެޓު ހަމަޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް، އެއީ ކިހާ އަދަދެއް ކަމާއި އޭގެ ތެރެއިން ސަރުކާރުން ހަމަޖައްސާފައިވަނީ ކިހާ އަދަދެއް ކަމެއް ނުބުނެ އެވެ.

"ސްކޫލުތައް ހުޅުވަން ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާ ފައިސާ ހަމަޖައްސާފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި ޔުނިސެފް އާއި ޑަބްލިއުއެއްޗްއޯގެ އެހީގައި" މިނިސްޓްރީގެ ކަރުދާހުގައި ވެ އެވެ.

ސްކޫލްތައް ހުޅުވުމަށް ބޭނުންވާ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ކުދިންގެ ރައްކާތެރި ކަމަށް އެކި ކަހަލަ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން، ސްކޫލްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާ ތަކެތި (ސެނިޓައިޒާ، ޑިސްއިންފެކްޓް ކުރާ ސާމާނު، ސައިބޯނި) ވަނީ ގިނަ ސްކޫލްތަކަށް ފޮނުވާފަ އެވެ. އަދި ސްކޫލްތަކުގައި ބަހައްޓާ ހޭންޑް ވޮޝިން ސްޓޭޝަންތައް ހަދަމުން ދާ ކަމަށާއި، ހުޅުވާއިރު ހުރިހާ ސްކޫލެއްގައި މި ސްޓޭޝަންތައް ގާއިމްކޮށްފައި ހުންނާނެ ކަމަށެވެ.

މީީގެ އިތުރުން، ބަލިމަޑުކަމެއްގައި ތިބުމަށްފަހު ދަރިވަރުން އެނބުރި ސްކޫލްތަކަށް އަންނައިރު ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭން ޓީޗަރުން ތައްޔާރުކުރުމަށްޓަކައި 11،000 ޓީޗަރުންނަށް ސައިކޯސޯޝަލް ތަމްރީނު ދޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެޑިއުކޭޝަނުން އަންނަނީ ސްކޫލުތައް ހުޅުވުމަށް ތައްޔާރުވަމުންނެވެ. އަންނަ މަހު އެކެއްގައި ކޮވިޑް ބަަލި ނެތް ރަށްރަގުގައި ކިޔަވައިދޭން ފަށާނެ އެވެ. ފުރަތަމަ ކިޔަވައި ދެނީ ގްރޭޑް އެކަކުން މަތީގެ ދަރިވަރުންނަށެވެ.