މުހައްމަދު ހަމީދު

ފުލުހުންގެ އޮޕަރޭޝަންތަކަށް ވަނުމުގެ ބާރު ކޮމިޓީއަކަށް ދީގެން ނުވާނެ: ސީޕީ

ފުލުހުންގެ އިދާރާއަށް ލިބޭ މައުލޫމާތުތަކުގެ މައްޗަށް ހިންގާ މިނިވަން އޮޕަރޭޝަންތަކުގެ ތެރެއަށް ވަދެ އަމުރު ހިންގުމުގެ ބާރު އެއްވެސް މުއައްސަސާއަށް އޮންނަ ގޮތަށް ގާނޫނު ފަރުމާ ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ފުލުހުންގެ ހިދުމަތުގެ ބިލު އޮތް ގޮތުން މަޖިލީހުގެ 241 ކޮމިޓީއަށް އިތުރު ބާރުތަކެއް ލިބިދެ އެވެ. މި ގޮތުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ ބަދަލުތަކަށާއި، ފުލުހުންނަށް ލިބޭ އިނާޔަތްތަކާ ގުޅޭ ކަންކަމަށް ބަދަލު ގެނައުމަށާއި ތަހުގީގަށް ބަންދު ކުރާ މީހުންނާ މެދު އަމަލު ކުރާ އުސޫލުތައް ބަދަލު ކުރަން ހޯމް މިނިސްޓަރަށާއި ޕޮލިސް ކޮމިޝަނަރަށް އެންގުމުގެ ބާރު އެ ކޮމިޓީއަށް އޮވެ އެވެ.

ފުލުހުންގެ ބިލު ދިރާސާކުރަމުން ދަނީ ވެސް 241 ކޮމިޓީންނެވެ. އެ ބިލު ދިރާސާކުރުމުގެ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ މުއައްސަސާގެ ބައެއް އިސް އޮފިސަރުން ހާޒިރުވެވަޑައިގެންނެވި އެވެ.

މިއަދުގެ ކޮމިޓީގައި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ސަރުކާރުން ފޮނުވާފައިވާ ބިލުގައި 241 ކޮމިޓީގެ މަސްއޫލިއްޔަތުތައް އޮންނާނެ މިންގަނޑެއް ކަނޑައެޅިފައިވާ ކަމަށެވެ. ބިލުގައި މިހާރު ކޮމިޓީއަށް ދީފައިވާ މިންގަނޑާ މެދު ފުލުހުންގެ ތެރޭގައި ނުތަނަވަސް ކަމެއް އޮތްތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ހަމީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ހިނގާ މިނިވަން އޮޕަރޭޝަންތަކުގެ ތެރެއަށް ވަނުމުގެ ބާރު އެއްވެސް މުއައްސަސާއަކަށް އޮވެގެން ނުވާނެ ކަމަށެވެ. އޮޕަރޭޝަންތަކުގައި ވަކި ގޮތަކަށް އަމަލުކުރަން އެންގުމުގެ ބާރެއް ދެވިގެން ނުވާނެ ކަމަށެވެ. -- ނަމަވެސް ބިލު ފަރުމާކޮށްފައި އޮތީ އެ ގޮތަކަށް ކަމަށް ހަމީދު ވިދާޅެއް ނުވެ އެވެ. --

"އަޅުގަނޑުމެންގެ އިލްތިމާސްއަކީ، އެ އޮންނަ [ފުލުހުންގެ] އިންޑެޕެންޑެންޓް އޮޕަރޭޝަނަށް [މުއައްސަސާތަކުން] ނުވަނުން. އެއްވެސް މީހަކަށް ފުލުހުން ގާތަކު ނުބުނެވޭނެ، މިވެނި މީހެއްގެ މައްސަލަ ފުރަތަމަ ބަލަން ނުވަތަ މިވެނި މީހެއްގެ މައްސަލަ ބާއްވާކަށް. މި މައްސަލައަށޭ އިސްކަންދޭނީ. މި އަމުރެއް ނުކުރެވޭނެ." ހަމީދު ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތް ހިމެނޭ ގޮތަށް ސަލާމަތީ ހިދުމަތްތައް ޒިންމާދާރުކުރުމުގެ މަސްއޫލިއްޔަތެއް މަޖިލީހުގެ 241 ކޮމިޓީއަށް ގާނޫނު އަސާސީއިން މަތިކޮށްފައިވާ ކަން ހަމީދު ފާހަގަ ކުރެއްވި އެވެ. ގާނޫނު އަސާސީން މަތިކޮށްފައިވާ އިމުގެ ތެރެއިން 241 ކޮމިޓީއަށް މިހާރު ވެސް އެ މަސައްކަތް ކުރެވޭނެ ކަމަށް ހަމީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އެ އޮންނަ ޕްރޮސީޖާއަކީ ރަނގަޅު ޕްރޮސީޖާއެއްތޯ ބެލުމާއި، ފުލުހުން ގާނޫނާ ހިލާފަށް އެއްވެސް އަމަލެއްކޮށްފައިވޭތޯ ބެލުމާއި، އެ ކަން ދިރާސާކުރުމާއި އެ ކަމުގެ ރިޕޯޓިންތައް ހެދުމަކީ މިހާރު ވެސް ގާނޫނޫ އަސާސީއިން 241 ކޮމިޓީއަށް އޮންނަ ކަމެއް." ހަމީދު ވިދާޅުވި އެވެ.

241 ކޮމިޓީއަށް ބާރުތަކެއް ލިބޭ ގޮތަށް އޮތުމުން ބިލަށް ފާޑުކިއުންތަކެއް ވެސް އަމާޒުވެފައިވެ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެއީ ފުލުހުންގެ މުއައްސަސާގެ ތެރެއަށް މިހާރުގެ ސަރުކާރުންނާއި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުންގެ ސިޔާސީ ނުފޫޒު ވެއްދޭ ގޮތަށް ފަރުވާކޮށްފައިިވާ ބިލެކެވެ.