ދުނިޔެ

ދެކުނު ކޮރެއާއަށް ފިޔަވަޅު ނާޅަން ކިމް ނިންމަވައިފި

Jun 24, 2020

ޕިޔޮންޔޭންގް (ޖޫން 24) - ދެ ކޮރެއާގެ މެދުގައި ނުތަނަވަސްކަން އިތުރުވެ، އަނެއްކާވެސް ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވަނިކޮށް، ދެކުނު ކޮރެއާ އާ ދެކޮޅަށް "އަސްކަރީ ފިޔަވަޅު" ނާޅަން އުތުރު ކޮރެއާ އިން ނިންމާފައިވާކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނެފި އެވެ.

އުތުރު ކޮރެއާގެ ވެރިންނަށް ފާޑުކީ މައްސަލަ ހޫނުވެ، އަނެއްކާ ވެސް ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި، ދެ ކޮރެއާ މެދުގައި މަޝްވަރާ ކުރަން ގާއިމު ކޮށްފައިވާ ލިއޭޒަން އޮފީސް، އުތުރު ކޮރެއާ އިން ވަނީ ގޮއްވާލައިފަ އެވެ.

ދެ ކޮރެއާ ގުޅޭ ބޯޑަރުގައި، އުތުރު ކޮރެއާގެ ސަރަހައްދުގައި 2018 ވަނަ އަހަރުން ފެށިގެން ގާއިމު ކޮށްފައިވާ އޮފީސް ގޮވައްލާފައި މިވަނީ، ދެކުނު ކޮރެއާ އާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ދިން ތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގަ އެވެ.

މިފަހަރު ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދުނީ، އުތުރު ކޮރެއާގެ ސަރުކާރަށް ފާޑު ކިޔާފައިވާ ލީފްލެޓްތަކެއް، ގައުމު ދޫކޮށް ދެކުނުގައި ދިރިއުޅެމުން ދާ މީހުން ފޮނުވި މައްސަލައިގަ އެވެ.

އެކަން ކުރަމުން ދަނީ، ދެކުނު ކޮރެއާއިން ހިތްވަރު ދީގެން، އުތުރު ކޮރެއާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، ހަމަޖެހުން ނަގާލަން ހިތްވަރު ދިނުމަށް ކަމަށް އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ނަމަވެސް، އުތުރު ކޮރެއާގެ އިސް އޮފިޝަލުންނާއެކު، އެ ގައުމުގެ ލީޑަރު ކިމް ޖޮންގް-އުން ބޭއްވި ބައްދަލުވުމެއްގައި ދެކުނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު ނާޅަން ނިންމާފައިވާކަމަށް ސަރުކާރު ކޮންޓްރޯލްކުރާ ދައުލަތުގެ މީޑިއާ އިން ބުނެފައިވެ އެވެ.

އެ ގޮތަށް ނިންމާފައިވަނީ، މިހާރު އޮތް ހާލަތަށް ރިއާއަތްކޮށްކަމަށް ވެސް އިތުރަށް ބުންޏެވެ.

އުތުރު ކޮރެއާގެ ނިއުކުލިއާ ހަތިޔާރު ނައްތާލުމަށް އެމެރިކާއިން އިސްވެ ކުރަމުންދާ މަސައްކަތްތައް މިހާރުވެސް ހުއްޓިފައިވާއިރު، މި މައްސަލައިގެ ތެރެއިން އެ މަސައްކަތަށް ވެސް ވަނީ އިތުރަށް ހިޔަނި އެޅިފަ އެވެ.