ކުޅިވަރު

ބިލްބާއޯ ކައިރިން ރަކިޓިޗް ބާސާ ސަލާމަތް ކޮށްފި

އެތުލެޓިކް ކުލަބު ބިލްބާއޯ އާ ދެކޮޅަށް ނަތީޖާ ބަދަލު ކޮށްލަން އެފްސީ ބާސެލޯނާއަށް އުނދަގޫ ކުރިމަތި ވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް މިޑްފީލްޑާ އީވާން ރަކިޓިޗް މެޗުން ބާސާ މޮޅު ކޮށްދީފި އެވެ.

އަމިއްލަ ދަނޑުގައި ބިލްބާއޯ ދެކޮޅަށް ނަތީޖާ ނެރުމަށް ބާސާއަށް އުނދަގޫ ކުރިމަތި ވި އެވެ. މެޗުގެ ހަމައެކަނި ލަނޑު ރަކިޓިޗް ކާމިޔާބު ކުރީ އޭނާ ކުޅެން ނުކުތްތާ ހަތް މިނެޓް ފަހުންނެވެ. އެ ލަނޑާއެކު ބާސާ ވަނީ އަލުން ތާވަލުގެ އެއް ވަނައަށް ޖެހިލާފަ އެވެ. މެޗުގެ 71 ވަނަ މިނެޓްގައި ރަކިޓިޗްއަށް ގޯލް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ މެސި އެވެ.

މިރޭ ރެއާލް މެޑްރިޑުން، ރެއާލް މަޔޯކާ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އަލުން އަނެއްކާވެސް ތާވަލުގެ އެއްވަނަ އަށް ޖެހިލެވޭނެ އެވެ. މި ސީޒަންގައި މެޑްރިޑުން މަޔޯކާ އާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ.

ލެވަންޓޭ އާ ދެކޮޅަށް ކުޅުނު މެޗު އެތުލެޓިކޯ މެޑްރިޑްވެސް ކާމިޔާބު ކުރީ 1-0 ންނެވެ. ލެވންޓޭގެ ދަނޑުގައި ކުޅުނު މެޗު ގައި ލެވަންޓޭ ކޮޅަށް ވަން ލަނޑަކީ އެ ޓީމުގެ ޑިފެންޑަރު ބުރުނޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެތުލެޓިކޯވަނީ ތިން ވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނާގަފަ އެވެ. އެ ޓީމަށް މެޗުން މޮޅުވެ ތިން ޕޮއިންޓްގެ ލީޑެއް ނެގުނީ، ކުރިން ތިން ވަނައިގައި އޮތް ސެވިއްޔާއިން ހޯމަ ދުވަހުގެ ރޭ ވިޔަރެއާލް އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެފައި ވުމުންނެވެ.