ރެއާލް ސޮސިއެޑާޑްގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި މެޗުގައި ބާސެލޯނާ އަށް 768 މެޗު ކުޅެދީ، އެ ކުލަބަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް ކެޕްޓަން ލިއޮނެލް މެސީ ހަދައިފި އެވެ.
ރޭ ގެ މެޗުގައި، މެސީ ވަނީ ދެ ލަނޑު ކާމިޔާބުކޮށް އިތުރު ލަނޑެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ. ބާސާގެ ޑިފެންޑަރު ސާޖިނޯ ޑެސްޓް އެ ކުލަބަށް ޖަހައިދިން ފުރތަމަ ލަނޑު ކާމިޔާބު ކުރީ މެސީ ތަނަވަސް ކޯށްދިން ފުރުސަތަކުންނެވެ. އޭނާ ވަނީ އޭގެ ފަހުންވެސް ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. ބާސާގެ އަނެއް ތިން ލަނޑު ކާމިޔާބު ކުރީ، އެންޓްއާން ގްރީޒްމަން އަދި އުސްމާން ޑެމްބެލޭ އެވެ.
ސޮސިއެޑާޑްގެ ލަނޑު ކާމިޔާބު ކުރީ ބަރަނަޗޭ އާ އެވެ. ބާސާ މެޗުން މޮޅުވެ އަލަުން ދެ ވަނައަށް ޖެހިލައި އެތުލެޓިކޯ މެޑްރިޑާ ހަތަރު ޕޮއިންޓްގައި ވަނީ ދަމަހައްޓާފަ އެވެ. އަދި ބާސާ އޮތީ ވާދަވެރި ރެއާލް މެޑްރިޑާ ދެ ޕޮއިންޓް ކުރީގަ އެވެ.
ޑިޕޯޓިވޯ އަލަވޭޒް އާ ދެކޮޅަށް ކުޅުނު މެޗު އެތުލެޓިކޯ ކާމިޔާބު ކުރީ 1-0 ންނެވެ. އެތުލެޓިކޯގެ ލަނޑު ކާމިޔާބު ކޮށް ސުއަރޭޒް ވަނީ އޭނާގެ ކެރިއާގައި 500 ވަނަ ލަނޑު ޖަހާފަ އެވެ.
ސުއަރޭޒްގެ 500 ގޯލްގެ ތެރެއިން އެންމެ ގިނަ ގޯލް ޖެހީ ކުރިން އޭނާ ކުޅުނު ބާސެލޯނާ ޓީމުގަ އެވެ. ބާސާ އަށް 198 ލަނޑު އޭނާ ޖެހި އެވެ. އަޔެކްސް އށް 111 ލަނޑު، ލިވަޕޫލަށް 82 ލަނޑު، އެތުލެޓިކޯ އަށް 19 ހޮލެންޑްހެ ގްރޮނިންގެން އަށް 15 އަދި އުރުގުއޭގެ ކުލަބު ނެސެނިއޯލްއަށް 12 ލަނޑެވެ. އަދި އުރުގުއޭގެ ގައުމީ ޓީމަށް 63 ލަނޑު ޖަހައި ދިނެވެ.