ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގައި އަމަލު ކުރުމަށް ނިންމާފައިވާ ގޮތްތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިކަން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަދި މާލެ ސިޓީ ލޮކްޑައުންކޮށް ބޭރަށް ނިކުމެ އުޅުން މަނާކުރިއެވެ.
ގިނަ ދުވަސްތަކަކަށްފަހު ލޮކްޑައުންއަށް ލުއި ދީފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ ފަތުރުވެރިކަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ރައީސް އޮފީހުން ބުނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގައި އަމަލު ކުރުމަށް ނިންމާފައިވާ ގޮތްތަކާ ގުޅޭގޮތުން ވަޒީރުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަން ޖުލައި 15 ވަނަ ދުވަހު ހުޅުވާލުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުންނާއި، ކުރިއަށް އަޅަންހުރި އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ދެ މަސް ވަންދެން ބަންދު ކޮށްފައި އޮތް، ރާއްޖޭގެ ބޯޑަރު އަންނަ މަހު 15 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވާފައިވަނީ އިއްޔެއެވެ. ގައުމާ މުހާތަބު ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެ ދުވަހު ރާއްޖެ ހުޅުވާލުމާއެކު ރާއްޖޭގެ ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ވެސް ދެއްވާނެ ކަަމަށެވެ.
"އަންނަ އޮގަސްޓް މަހު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ލިބޭނެ. ބޯޑަރު ހުޅުވާލާއިރު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ރާއްޖެއަކީ ދަތުރުކުރުމަށް ރައްޔާތެރި ގައުމެއްކަން ދުބާއީ އާދި ޖަރުމަނުން ކަނޑައެޅުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެ ހުޅުވާލަން އަންނަ އިތުރު ލުއިތަކެއް ދޭއިރު، ކޮވިޑް ބައްޔަށް ޓެސްޓް ކުރެވޭނެ ވަސީލަތާއި އެހެނިހެން ފަރުވާ ދެވޭނެ ވަސީލަތް ގާއިމް ކުރެވިފައިވާ ކަމަށެވެ