ރިޕޯޓް

ޕޮލިސް ރިފޯމް: އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ނުފޫޒު!؟

ފުލުހުންގެ ހިދުމަތަކީ ދާހިލީ ރައްކާތެރި ކަމާއި މުޖުތަމައުގެ ސުލްހައަށް އެންމެ މުހިއްމު އަދި އެންމެ ބޮޑު ހިދުމަތެވެ. ފުލުހުން، މުޖުތަމައު ރައްކާތެރިކަމުގެ ބޮޑު ޒިންމާއެއް ފުލުހުން އުފުލަމުން ދާއިރު ބައެއް ފުލުހުންގެ އަމަލުތަކާ ހެދި މުޅި މުއައްސަސާއަށް ވެސް ބައެއް ފާޑުކިއުން އަމާޒުވަމުން ދެއެވެ. އެހެންވީމާ ފުލުހުން ވެސް އަދި މުއައްސަސާގައި ވެސް އިސްލާހު ކުރަން ޖެހޭ އެތައް ކަމެއް އަބަދުވެސް ހުންނާނެ އެވެ.

ޑިމޮކްރެޓިކް ވެއްޓެއްގައި ފުލުހުންގެ ހިދުމަތް ލިބިދޭނެ އުސޫލުތަކެއް ބޭނުންވާ ކަމަށް ބުނެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފުލުހުންގެ ހިދުމަތުގެ އާ އޮނިގަނޑެއް ވަނީ ފޮނުވާފަ އެވެ. މިހާރު އަމަލު ކުރާ ފުލުހުންގެ ގާނޫނަކީ މިހާރު އެކުލެވިފައިވާ ގާނޫނު އަސާސީގެ ވެސް ކުރިން އައިސްފައިވާ ގާނޫނެކެވެ. އެހެން ކަމުން ފުލުހުންގެ އާ ގާނޫނެއް ބޭނުންވެ އެވެ. އާ ގާނޫނެއް ވުޖޫދު ކުރާއިރު، އެންމެ އިސްކަން ދޭން ޖެހޭނީ ވެސް ފުލުހުންގެ މުއައްސަސާއަށް އިސްލާހުތައް ގެންނާށެވެ.

ފުލުހުންގެ ބިލު ދިރާސާ ކުރާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާއަށް ދިމާވެފައި އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުމެވެ. އަބަދުވެސް ވަކި މައްސަލައެއް ވަކި ގޮތަކަށް ބަލަން އަންގަމުންދާ ދިއުމެވެ. ވަކި މީހަކު ހައްޔަރު ކުރާށާއި، ވަކި މީހަކު ފްރޭމް ކުރަން އަންގާ އެންގުމެވެ.

ފުލުހުންގެ މުއައްސަސާއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ނުފޫޒު ފޯރުވުން، އެ ނުފޫޒާއެކު ފުލުހުން ލައްވައި ކަންކަން ކުރުން
މުހައްމަދު އަސްލަމް | 241 ކޮމިޓީގެ މުގައްރިރު

އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވާ ގޮތުގައި މިހާރު މި އޮތް އެ ޕާޓީގެ ސަރުކާރުންނާއި މަޖިލީހުގެ ތެރެއިން ފުލުހުންގެ މިނިވަންކަމުގެ ތެރެއަށް ނުވަންނާނެ އެވެ. އަދި ވަނަ ނުދޭން ވެސް މަސައްކަތް ކުރާނެ އެވެ.

އެކަމަކު ކުރިން ހިނގައިދިޔަ ކަންކަމަށް ބަލާއިރު އެމްޑީޕީގެ މެންބަރުން މިހެން ހަމައެކަނި ވިދާޅުވުމަކުން ނުފެދެ އެވެ. މިހާރު ވެސް ވާދަވެރި ސިޔާސީ ބޭފުޅުންގެ މައްސަލަތަކެއް ފުލުހުންގެ އިދާރާގައި އޮތްއިރު އާ އޮނިގަނޑު ހިމެނޭ ބިލުގައި އެފަދަ ކަމަކަށް ޖާގަ އޮވެގެނެއް ނުވާނެ އެވެ.

241 ކޮމިޓީއަށް ބާރުތައް، ސިޔާސީ ނުފޫޒަށް ޖާގަ

މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލުގެ 14 ވަނަ މާއްދާ ހާއްސަ ކޮށްފައި ވަނީ 241 ކޮމިޓީގެ މެންޑޭޓަށެވެ. ފުލުހުންގެ ހިދުމަތާ ގުޅޭ ގިނަ އުސޫލުތަކަށް ބަދަލު ގެންނަން ހޯމް މިނިސްޓަރަށާއި ޕޮލިސް ކޮމިޝަނަރަށާއި ޕްރޮސެކިއުޓާ ޖެނެރަލްއަށް އެންގުމުގެ ބާރު ބިލުން އެ ކޮމިޓީއަށް ލިބެ އެވެ. އެ އެންގުންތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ.

ބިލު ގޮތުން 241 ކޮމިޓީގެ މެންޑޭޓްތަކުގެ ބާބެއް އެ ބިލުގައި ހިމެނީ ގާނޫނު އަސާސީގައި ބަޔާން ކުރާ އެ ކޮމިޓީގެ މެންޑޭޓްތައް އިތުރަށް ސާފު ކޮށްދޭށެވެ. މަޖިލީހުގެ 241 ކޮމިޓީއަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާއިން މަޖިލީހުގައި އޮންނަން ލާޒިމު ކުރާ ކޮމިޓީއެކެވެ. ގާނޫނު އަސާސީގައި ބުނަނީ ސަލާމަތީ ހިދުމަތްތަކަށް މަޖިލީހުގެ ބާރު ހިންގޭނެ އެވެ. އެ ހިދުމަތްތައް ޖަވާބުދާރީ ކުރުވުން އޮންނަނީ މަޖިލީހަށެވެ. މަޖިލީހުގެ އެ ކޮމިޓީއަކީ އެ މަސައްކަތަށް މަޖިލީހުގައި އޮންނަން ޖެހޭ ކޮމިޓީއެކެވެ.

އެހެން ނަމަވެސް މަޖިލީހުގައި ތިއްބަވަނީ ސިޔާސީ ބޭފުޅުންނެވެ. ފުލުހުންގެ ހިދުމަތުގެ ގިނަ އުސޫލުތަކަށް ބަދަލު ގެންނަން އެންގުމުގެ ބާރު އެ މަޖިލީހުގެ ކޮމިޓީއަކަށް ދިނުމުން ސިޔާސީ ނުފޫޒު ފޯރަން ޖާގައެއް ނުލިބޭނެ ހެއްޔެވެ؟ އެއީ ފުލުހުންގެ މުއައްސަސާ ޖަވާބުދާރީ ކުރުމަށް ވާނެ ހެއްޔެވެ؟ ގާނޫނު އަސާސީގައި އެ ބަޔާން ކުރާ މަގްސަދާ ދިމާވޭ ހެއްޔެވެ؟

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް، މިހާރު ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވި ގޮތުގައި ބިލު މިހާރު އޮތް ގޮތުން ފުލުހުންގެ މިނިވަން ކަމަށް ހުރަސް އަޅަން އިތުރު ފުރުސަތުތަކެއް ލިބެ އެވެ. ފުލުހުންނަށް ސިޔާސީ ނުފޫޒާއި އެހެނިހެން ނުފޫޒުތައް މިހާރަށް ވުރެ ބޮޑަށް ފޯރުވުމުގެ ފުރުސަތު އެބަ އޮތެވެ. މަޖިލީހުގެ 241 ކޮމިޓީން ނިންމާ ނިންމުންތަކަށް ފުލުހުން އަމަލު ކުރުން ލާޒިމު ކުރުމުން، ވެރިކަން ހިންގުމުގެ ބާރުގެ ތެރެއަށް ވެސް ވަދެވެނީ އެވެ.

"މަޖިލީހުގެ 241 ކޮމިޓީން ނިންމާ ކަންކަމަށް ފުލުހުން އަމަލު ކުރުން ލާޒިމް ވުމުން ފަދަ ކަންކަން ބިލުގައިވޭ، މަޖިލީހުގެ 241 ކޮމިޓީގެ، މިސާލަކަށް ހަތް މީހަކު ނިންމާ ނިންމުމެއް މި ޖެހެނީ ފުލުހުން ތަންފީޒު ކުރަން، ވެރިކަން ހިިންގާ ފަރާތުގައި ހުންނަ ބައެއް އެގްޒެކެޓިވް ބާރުތަކެއް މި ދަނީ މަޖިލީހަށް،" ރިޔާޒު ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު، މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވި ގޮތުގައި ފުލުހުންގެ ބިލު ބައްޓަން ކޮށްފައި ވަނީ ވަރަށް ބޮޑަށް ބަރުލަމާނީ ނިޒާމެއްގައި ހިންގާ ގޮތުގެ އުސޫލުތަކަކަށެވެ. އަދި 241 ކޮމިޓީއަށް އެހާ ބޮޑެތި ބާރުތަކެއް ދީފައި ވަނީ މިހާރުގެ ސަރުކާރާއި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް އިސް ބޭފުޅުންގެ ނުފޫޒު ފުލުހުންގެ ތެރެއަށް ވެއްދުމުގެ ބޭނުމުގަ އެވެ. އެހެންވެ އެއީ ރިފޯމެއް ނޫނެވެ.

"ފުލުހުން ބިލު ފަރުމާކޮށްފައި ވަނީ މަޖިލީހުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވޭނެ ގޮތަށް، ބަރުލަމާނީ ނިޒާމަކަށް އަމާޒުކޮށްގެން، 241 ކޮމިޓީއަށް 20 ޒިންމާއެއްގެ ނަމުގައި ބޮޑެތި ބާރުތަކެއް، ހުރިހާ ކަމެއް މަޖިލީހަށް،، މިއީ ރިފޯމެއް ނޫން،" ޝަރީފު ވިދާޅުވި އެވެ.

އެކަމަކު އެ ވާހަކަތައް އަސްލަމް ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބިލުގައި 241 ކޮމިޓީއަށް ކަނޑައަޅާފައިވާ ބާރުތަކަކީ މިހާރު ވެސް ގާނޫނު އަސާސީން މަޖިލީހަށާއި އެ ކޮމިޓީއަށް މަތިކޮށްފައިވާ ކަންކަމެވެ. ފުލުހުން ޖަވާބުދާރީ ކުރުމަށް އޮންނަ އޮނިގަނޑުގެ ތެރެއިން އަމަލު ކުރުމަކީ ސިޔާސީ ނުފޫޒު ފޯރުވުމެއް ނޫނެވެ.

"ފުލުހުންގެ ހިދުމަތް ޖަވާބުދާރީ ކުރުމަކީ ސިޔާސީ ނުފޫޒު ފޯރުވުމެއް ނޫން. ފުލުހުންނާ ގުޅޭ މައްސަލައެއް ކޮމިޓީއަށް ހުށަހެޅިގެން އެ ކަމެއް ބަލައި ދިރާސާކޮށް، ކޮމިޓީގެ މެޖޯރިޓީން ރެކޮމެންޑޭޝަނެއް ފާސް ކުރުމަކީ ނުފޫޒު ފޯރުވުމެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާގެ އިސް ބޭފުޅުންނާއެކު 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ 241 ކޮމިޓީގެ ދައުރެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފުލުހުންގެ މިނިވަން އޮޕަރޭޝަންތަކަށް ވަނުމުގެ ބާރު މަޖިލިސް ހިމެނޭ ގޮތަށް އެއްވެސް މުއައްސަސާއަކަށް އޮވެގެން ނުވާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

އަޅުގަނޑުމެންގެ އިލްތިމާސަކީ ޕޮލިސް އިންޑެޕެންޑެންޓް އޮޕަރޭޝަންތަކުގެ ތެރެއަށް ނުވަނުން
މުހައްމަދު ހަމީދު | ކޮމިޝަނާ އޮފް ޕޮލިސް

ހަމީދުގެ އެ ވާހަކަ އައީ މިހާރު ފުލުހުންގެ ބިލު އޮތް ގޮތުން 241 ކޮމިޓީގެ ދައުރަށް ކަނޑައެޅިފައިވާ މިންގަނޑާ ގުޅޭ ގޮތުން ފުލުހުންގެ މުއައްސަސާގެ މިހާރު ލީޑާޝިޕްގައި ކަންބޮޑުވުމެއް އޮތްތޯ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ކޮމެޓީގައި ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.

ބިލު ދިރާސާ ކުރުން ބޮޑު ޕްރޮސެސްއަކަށް

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުން ގަބޫލު ކުރައްވާ ގޮތުގައި ފުލުހުންގެ ހިދުމަތަށް ބޮޑު ބަދަލުތަކެއް ގެންނަ ގޮތަށް ބިލެއް ފާސް ކުރުމުގެ ކުރިން ފުޅާ ދާއިރާއެއްގައި އެ ބިލު ދިރާސާ ކުރުމުގެ ޕްރޮސެސް ހިންގަން ޖެހެ އެވެ. ފުޅާ ދާއިރާއެއްގައި ބިލަށް ބަހުސްކޮށް ފަންނީ ލަފާތައް ހޯދަން ޖެހެ އެވެ.

އެ ގޮތުން ބިލު ދިރާސާކުރާ ކޮމިޓީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފި އެވެ. މީގެ ކުރިން އެއްވެސް ބިލަކާ ގުޅޭ ގޮތުން ނޫސްވެރިންގެ ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް މި ގޮތަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ. އިތުރު ބައްދަލުވުންތައް ވެސް ނޫސްވެރިންނާއެކު ބާއްވާނެ ކަމަށް ކޮމިޓީން ބުނެ އެވެ.

މީގެ އިތުރުން ވެސް ގިނަ މުއައްސަސާތަކުގެ މަޝްވަރާ ހޯދަން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ފުލުހުންނާއި، ހޯމް މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީއާއި ޕްރޮސެކިއުޓާ ޖެނެރަލާއި އެޓާނީ ޖެނެރަލާއި އެމްޑީއެންއެފައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓާއި އެޗްއާރުސީއެމާއި އޭސީސީއާއި ރިޔާސީ ކޮމިޝަންތަކާއި ބާ ކައުންސިލާއި ސިޔާސީ ޕާޓީތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި އެލްޖީއޭއާއި ސިޓީ ކައުންސިލްތައް ހިމެނެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ފުލުހުންގެ ބިލު ދިރާސާ ކުރުމުގައި ކަމާބެހޭ މާހިރުންގެ މަޝްވަރާއާއި ލަފާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހެ އެވެ. މި ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކަމާ ބެހޭ ދާއިރާތަކުގެ މާހިރުން ތަގުރީރު ދެއްވާ ގޮތަށް މަޖިލީހުގެ އިދާރާގައި ބައްދަލުވުންތަކެއް ހިންގާނެ އެވެ. އެ ބައްދަލުވުންތައް ރައްޖޭގެ ރައްޔިތުންނަށް ބެލޭނެ ގޮތަކަށް ހަމަޖައްސާނެ އެވެ.

ފުލުހުންގެ ހިދުމަތާ ގުޅޭ މި ބިލަށް ހާއްސަ އިސްކަމެއް ދެވިގެން މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ނިންމުން ރަނގަޅެވެ. އެކަމަކު ހަމައެކަނި ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔައަކަސް ނުވާނެ އެވެ. އާންމުންގެ ފަރާތުން އަންނަ ކަންބޮޑުވުންތަކަށް ރިއާޔަތްކުރަން ވެސް ޖެހޭނެ އެވެ. ބިލުގައި ހުރި މައްސަލަތައް ރަނގަޅު ކުރަން ޖެހޭނެ އެވެ. ފުލުހުންގެ ހިދުމަތުގެ ގާނޫނެއް އަލުން ވުޖޫދު ކުރާއިރު ފުލުހުންގެ މުއައްސަސާއަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުންތަކަށް ހައްލު ބޭނުންވާނެ އެވެ. އަދި ސިޔާސީ ނުފޫޒަށް ޖާގަ އޮވެގެން ނުވާނެ އެވެ.