ލިވަޕޫލް

ލިވަޕޫލް ޗެމްޕިއަންކަމާ ވަރަށް ކައިރިއަށް

ކްރިސްޓަލް ޕެލަސްގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެއް ވަނައިގައި އޮތް ލިވަޕޫލް ލީގް ޗެމްޕިއަންކަމާ ވަރަށް ކައިރިއަށް ޖެހިލައިފި އެވެ.

ރޭ ލިބުނު ތިން ޕޮއިންޓާއެކު ލީގް ކާމިޔާބު ކުރަން ލިވަޕޫލަށް ބޭނުން ވަނީ މިހާރު ބާކީ ދެ ޕޮއިންޓެވެ. އެއް މެޗުން މޮޅުވެގެން ޔާގަން ކްލޮޕްގެ ޓީމަށް ލީގް ހޯދޭނެ އެވެ. މެންޗެސްޓާ ސިޓީ މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން ބަލިވިޔަސް ލިވަޕޫލަށް ލީގް ލިބޭނެ އެވެ.

ރޭ ގެ މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މުހައްމަދު ސަލާހް ވަނީ ލިވަޕޫލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓްގައި ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ފައިބިއާނޯ އެވެ. ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ސެޑިއޯ މާނޭ އެވެ.

މިރޭ ސިޓީ ކުޅޭ މެޗަކީ ހާއްސަ މެޗެކެވެ. ކްލޮޕް ބުނީ މިރޭ ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅޭ މެޗު އޭނާ ވެސް ބަލާނެ ކަމަށެވެ. "އެއީ ކޮންމެހެން އެ މެޗު ބަލައިގެން އެ މެޗުން ވާ ގޮތަކުން އުުފާ ފާޅު ކުރާކަށް ނޫން،" ކްލޮޕް ބުންޏެވެ. "ސަބަބަކީ ލިވަޕޫލް ދެން ކުޅެން ޖެހޭ މެޗުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެންޖެހޭތީ އެ މެޗަށް ތައްޔާރު ވުމަށްޓަކައި."

ކްލޮޕް ބުނީ، ރޭ އޭނާގެ ޓީމު ދެއްކި ކުޅުމުން، ލީގް ހޯދަން އެ ޓީމު ބޭނުން ވެފައިވާ މިންވަރު ހާމަ ވެގެންދާ ކަމަށެވެ.