(23 ޖޫން 2020 އާ ގުޅޭ)
ޚާދިމުންގެ ކޮޓަރިތައް ހުރި ފަންގިފިލާއަށް ކެންޒާ އެރީ އަސަދުގެ ނިންމުމާމެދު ވިސްނަމުންނެވެ. މަޑު ހިނގުމުގައި އައިސް އޭނާއަށް ޚާއްޞަކުރެވިފައި ހުރި ކޮޓަރި ހުޅުވާލައި އެތެރެއަށް ވަދެވުމާއެކު ކެންޒާއަށް ހުއްޓެވުނެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމުގެ ކުރީން އޭނާގެ އަތުގައި ހިފައި އެތެރެއަށް ވެއްދުމާއެކު ދޮރުލައްޕައިފިއެވެ. ދޮރުފަތުގައި ބުރަކަށި ޖެހުމާއެކު އަރުތެރޭ ނޭވާ ތަށިވީހެން ކެންޒާއަށް ހީވިއެވެ. ނޭވާލާނޭ ފުރުޞަތު ލިބުނީ އިރުކޮޅެއް ފަހުންނެވެ. އޭނާއާ ދުރަށް ލައިތު ޖެހިލުމުންނެވެ.
"މީހަކަށް ފެނިދާނެ..." ކެންޒާއަށް ބުނެވުނެވެ.
"ފެނުނިއްޔާ ކީއްވާނީ" ލައިތު ބުންޏެވެ.
"އޭރުން އަހަރެންގެ ޖޮބޯ... ކިހިނެއް މިތަނަށްވަނީ. ތަޅުލާފަ ހުރީ" ކެންޒާ ވަނީ ތަޅު ހުޅުވައިގެންކަން ހަނދާން ހުއްޓެވެ.
"މިގޭގަ އަހަންނަށް ނުވަދެވޭނެ ތަނެއް ހުރެދާނެތަ؟... ދެން ޖޮބާ މެދު ނުވިސްނަބަލަ. އަހަރެންގެ ސެކްރެޓަރީއަށް ވާންވީނު. މިހާރު ލިބޭ މުސާރަ ދޭނަން. އިތުރު ބޯނަސް ވެސް ލިބޭނެ. އަހަރެންގެ ފަރާތުން..." ލާނެތް ގޮތަކަށް ލައިތު ހީނލިއެވެ. އަދި ކެންޒާގެ ކޯތާފަތުގައި ބޮސްދިނެވެ.
"އަހަރެން ކުރާހިތްވާ ކަންތައްތައް ދޫކޮށްލާފައި ލައިތު އެދޭ ގޮތް ޚިޔާރުކުރަންތަ ތިބުނަނީ؟" ކެންޒާ ބުންޏެވެ.
"ޕެންޑާ، ސީރިއަސްވީތަ؟. އަހަރެން މީންކުރީ އެހެނެއްނޫން. ޕެންޑާގެ ޑްރީމްސްތައް އެޗީވްކުރުމަށް ހުރަހަކަށް ވާކަށް އަހަރެން ނެތިން. ތިހެން ނުބުނައްޗޭ ދެން. އަހަންނަކީ ކޮންޓްރޯލް ފްރީކެއްނޫން." ކެންޒާގެ ދެއަތްތިލައިގަ ހިފާލައި ގެނެސް ލައިތުގެ ތުންފަތުގައި ޖައްސާލިއެވެ. ކެންޒާއަށް ވެސް ލައިތު ބުނީ ކޮންމާނައެއްގައިކަން އެނގެއެވެ. އެހެންވިޔަސް އޭނާ ވެސް ލައިތު ތަޅުވާލީއެވެ. އޭނާއަށް ވާގޮތް ދުށުމަށް ޝައުގުވެރިވީއެވެ.
"ފައިން. ދެން ބުނެބަލަ. ކީއްކުރަން މިތަނަށް އައީ؟" ކެންޒާ އޮޅުންފިލުވަން އެއްސެވެ.
"އަހަރެންނަށް އިތުރަށް ކެތެއްނުވާނެ. އަހަރެން ޖަވާބު ބޭނުން. ޕްލީޒް... އޭނާއާ އޮތް ގުޅުން ކަނޑާލާފައި އަހަރެންގެ ގާލްފްރެންޑެއްވާނަމޭ ބުނެބަލަ." ލައިތު ބުންޏެވެ. ކެންޒާއަށް ހީނލެވުނެވެ.
"އަހަރެންގެ ކެތްތެރިކަމެއްނެތަތީ މަލާމާތް ކުރަނީތަ؟" ލައިތު ނިކަން އަވަހަށް ބުންޏެވެ.
"މީހަކާ އޮތް ގުޅުން ކަނޑާލަން ބުނާއިރު ތިބުނެވެނީ ކީކޭކަން އެނގޭތަ؟" ފަސޭހައިން ޖަވާބުދޭން ކެންޒާ ގަސްދެއްނުކުރެއެވެ. އޭނާގެ ސުވާލަށް ޖަވާބު ދިނުމަށް ލައިތު ބޯޖަހާލިއެވެ.
"އޭނާދެކެ ހަޤީޤީ ލޯބިވާނަމަ، އަހަންނަށް ކުޑަވެސް ފުރުޞަތެއް ނޯންނާނެ. އެކަމަކު އަހަރެން ދުށީން. ތި ދެލޮލާއި، ތު ތުންފަތާއި... މި ހަށިގަނޑު ވެސް..." ލައިތު ކުރިއަށް ޖެހިލިއެވެ. ކެންޒާގެ އުނަގަނޑުގައި ހިފާލިއެވެ. މާނަވީ ބެލުމަކުން ކެންޒާގެ ދެ ލޮލަށް ބަލަންފެށިއެވެ. މަޑުމަޑުން ކެންޒާގެ ބުޑުގައި ހިފައި ލައިތުގެ ހަށިގަނޑާ ގާތްކޮށްލިއެވެ. އޭނާގެ ކޮންމެ ބީހުމަކަށް ކެންޒާގެ ހަށިގަނޑު ސިހެއެވެ. ވަނާތަކުގައިވި ހީލިކެރުވުންތަކުން ކެންޒާގެ ނޭވާ ކުރުވާގޮތްވެއްޖެއެވެ. ތަޖުރިބާކުރެވިފައި ނެތަނަސް މިވަނީ ކިހިނެއްކަން ކެންޒާއަށް އެނގުނެވެ. ދެފަހަރަކު ލައިތުއަށް ގޮވާލި ނަމަވެސް އޭނާ ޖަވާބެއް ނުދިނެވެ. އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް ނުގެނައެވެ. ލައިގެން ހުރި ގަމީހުގެ މަތީ ދެގޮށް ނެއްޓުނީ ކިހިނެއް ކޮންއިރަކު ކަމެއް ވެސް ކެންޒާއަށް ނޭނގުނެވެ. ކަރުގޮށް ކައިރީ އިން ބުރޫޗު ވެސް ނެތްކަން އެނގުނެވެ. ކެންޒާގެ ސިކުނޑީގެ ވިސްނުމުގެ ބާރު މަޑުމަޑުން ކެނޑި މަސްތުކަމުގެ އަސަރު ކުރަން ފަށައިފިކަން ގައިމެވެ. މަޑު އާހެއް ކެންޒާގެ ތުންފަތް ފޫއަޅުވާލިއެވެ. އޭނާ ވަކިން ބޮޑަށް ސިހުނީ ލައިތުގެ ތުންފަތުގެ ބީހުން މޭމަތިން އިޙްސާސްވީމައެވެ. ލިބުނު ސިހުމުގައި ނިދަމުންދިޔަ ސިކުނޑި ހޭލައްވާލި ކަހަލައެވެ. މަސްތީ އާލަމެއްގައި އަރާމުގެ ހިމޭންކަމަށްވުރެ ބޮޑަށް ކެންޒާގެ ސިކުނޑި ކަންބޮޑުވެ ހާސްވާންފެށިއެވެ. އޭނާގެ އަނގައިން އެފަދަ އަޑެއް ނުކުމެދާނޭ ހިޔެއްނުކުރެއެވެ. އެކަމަކު އެކަން އެވީ ގަސްދަކާނުލައެވެ. އިޚްތިޔާރުން ބޭރުގައެވެ. ލައިތުގެ ޓީޝާޓުގައި ހިފައިގަނެގެން ހުރެވުނުކަން އެނގުނީ ވެސް އެހިނދުއެވެ. އިނގިލިތަކަށް ދޫދެވުމާއެކު ދެއަތްތިލައިގެ ތެރެއިން ބޮނޑިވެފައިވާ ޓީޝާޓުގެ ބައި ނެއްޓި މިވަންވެއްޖެއެވެ.
"ސްޓޮޕް... ޕްލީޒް ސްޓޮޕް..." އަވަސްގޮތަކަށް ކެންޒާއަށް ބުނެވުނެވެ. ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭ ކެންޒާގެ ހަށިގަނޑުގެ ކިއްސަރު ހިދުދަސްވާ ވަރަށް ލައިތުގެ ދެއަތް ހަރަކާތްތެރިވަމުންދިޔައެވެ. ނަމަވެސް ކެންޒާގެ ގޮވާލުން އިވި ލައިތުގެ ހަރަކާތްތައް ވަގުތުން ހުއްޓުމަކަށް އަތުވެއްޖެއެވެ.
"ބޭބީ އައި ނޯ ޔޫ. ދި ފީލިންގް އިޒް މިއުޗުއަލް. ޔޫ ވޯންޓް މީ އޭސް ބޭޑްލީ އޭސް އައި ވޯންޓް ޔޫ. ސްޓޮޕް މޭކިން އެކްސިއުޒަސް. ޖަސްޓް ސޭ ޔޫ ވިލް ބީ މައިން." ލައިތުގެ ނޭވާ ކުރުވެ އަޑުބަރުވެފައި ވިއެވެ. ހަމައެކަނި ބަދަލުތަކެއް އައީ ކެންޒާގެ ހަށިގަނޑަކަށްނޫނެވެ. އެކަން ސާފުކޮށް ބުނެދޭން ލައިތުގެ ދެ ލޯ މަސައްކަތްކުރިއެވެ.
"މިރޭ.... މިރޭ ވާހަކަދައްކަމާ." ނަޒަރު ވަކިކޮށްލުމާއެކު ކެންޒާ ބުންޏެވެ.
"މިހާރު ބުނިއްޔާ ކީއްވާނީ." ލައިތު އެދުނެވެ.
"ހުރިހާ ވާހަކައެއް ދައްކާނޭ ވަގުތެއްނެތް. ކުލާހަށް ދާން ރެޑީވާން ޖެހޭ." ކެންޒާ ބުންޏެވެ. އޭނާ ހަޤީޤަތުގައި އެހުރީ ލަދުންނެވެ. ލައިތު ބުނީ ތެދުކަން އޭނާގެ ޟަމީރު ވެސް އެއްބަސްވެއެވެ. އެހެންވިޔަސް ދެމެދުގައިވި ގާތްކަން ހުއްޓުމަކަށް ނުގެނައިނަމަ ދެންވާނޭ ގޮތް ވެސް ކެންޒާއަށް އެނގެނީއެވެ. އޭނާ އެފަދަ ގާތްކަމަކަށް އަދި ތައްޔާރެއްނޫނެވެ. އެހަށިގަނޑު ލައިތުގެ ކުރީ ހާމަކުރަން ޖެހިލުންވަނީއެވެ.
"ކެން ޕްލީޒް. ސްޓޮޕް ޓޯޗަރިން މީ" ލައިތު އާދޭސްކޮށްލިއެވެ.
"އަހަރެން ޖަވާބު ދޭނަމޭ. މިހެންނެއްނޫން. މިވަގުތަކުނޫން... ޕްލީޒް ލިސެން ޓު މީ. މިރޭ... އަހަރެން ގުޅާނަން" ކެންޒާ އިސްއުފުލާލައި ލައިތުގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އެ މޫނުގެ ދެފަރާތުން ތުނިތުނިކޮށް ހުރި ތުނބުޅީގައި ކެންޒާއަށް ފިރުމާލެވުނެވެ. ފުންނޭވާއެއް ހަށިފުރާ ލައިތު ދޫކޮށްލިއެވެ.
"އޯކޭ... އެކަމަކު ފޯނުންނެއްނޫން. އައި ވޯންޓް ޓު ސީ ޔޫ. މިރޭ ޑިނާ ނިމޭހާއިރަށް އަހަރެން އަންނާނަން." ލައިތު ބުންޏެވެ. އެގޮތާ ކެންޒާ އެއްބަސްވިއެވެ. އޭނާ ލައިތުގެ ކައިރިން އަޅައި އަލަމާރީ ހުރި ދިމާއަށް އައެވެ.
"ފެންވަރަންތަ ތިއުޅެނީ." ލައިތު އެހެން އަހާލިއިރު އެތުންފަތުގައިވީ ލާނެތް ހިނިތުންވުމެކެވެ.
"ދެން ނުކުންނަންވީނު މިކޮޓަރިން" ކެންޒާ ބުނެލިއެވެ.
"ބުރަކަށި އުނގުޅައިދީފާނަމޭ. އަހަރެން ނުބަލާނަމޭ." ހިނިއައިސްފައި ހުރެ ލައިތު ބުންޏެވެ.
"ކިންގު!... ގެޓް އައުޓް!...ނައު." ދޮރާ ދިމާއަށް ކެންޒާގެ ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ.
"ޔެސް ޕެންޑާ... މައި ފްލަފީ ފްލަފީ ކިއުޓް ޕެންޑާ..." ލައިތު އެއްލޯ މަރާލިއެވެ. ކެންޒާ ދެބުމަގޮށްޖަހާލިއެވެ. ލުއި ހީނލުމަކާއެކު ލައިތު އެ ކޮޓަރިން ނުކުންނަން އައެވެ.
"އަވަހަށް ދޮރުތަޅުލާ. މީހަކު ވަދެދާނެ..." ދޮރުފަތުގައި ހިފަހައްޓާލައިގެން ކެންޒާއަށް ބަލާލައި ލައިތު ބުންޏެވެ.
"މިގޭގަ ތިނޫނީ ނޫޅޭ ޕާވާޓްއެއް" ކެންޒާ ވަގުތުން ބުނެލިއެވެ.
"ތެންކިއު" ނިކަން ފުޅާ ހިނިތުންވުމަކާއެކު ލައިތު ބުނެލިއެވެ. އަދި ދޮރުލައްޕާލައިފިއެވެ.
"ގޯޑް!... އައި ލަވް ހިމް... ލަވް ހިމް ސޯ މަޗް." ލައިތު ދޮރުފަތްލައްޕާލި ހިނދު ކެންޒާއަށް ބުނެލެވުނެވެ. އެ މޫނު އުޖާލާވެ ތުންފަތަށް ވެރިވި ހިނިތުންވުން ފުޅާވެއްޖެއެވެ.
* * * * *
"ކެން..." ކާކޮޓަރިއަށް ވަދެގެން އައި ކެންޒާ ފެނި ލައިރާ ގޮވާލިއެވެ. އެހިނދު މޭޒުދޮށުގައި އިން އަސަދުގެ ނިންމުން ކުދީންނަށް އިއްވާލިއެވެ. ހެނދުނުގެ ނާސްތާގައި ކެންޒާ ބައިވެރިވާނޭކަން އޭނާ އިޢުލާން ކުރީއެވެ. ލައިރާ ތެދުވިގޮތަށް އޭނާގެ ކައިރީ ހުރީ ގޮނޑި ކެންޒާ އިށީނުމަށް ދަމާލިއެވެ. އެވަގުތު އެތަނަށް އައި ލައިތަށް އަސަދު ބަލާލީ ފަރުވާތެރިކަމާއެކުއެވެ. ކެންޒާއަށް އެ މޭޒުދޮށުން އަސަދު ދަޢުވަތު ދިނީ ލައިތުއަށް ޓަކައެވެ. މަޑުޖެހިލުމެއް ފިޔަވަޅުތަކަށް އައި ނަމަވެސް އެ ދަރިފުޅު މާކުޅަދާނައޭ އަސަދުގެ ހިތަށް އެރިއެވެ. މޫނުން އަސަރެއް ފާޅުވެލިޔަ ލައިތު ނުދިނީތީ އަސަދު އިނީ އަޖައިބުވެފައެވެ. ނަމަވެސް އޭނާގެ މިސްރާބު ހުރީ ކެންޒާއާ ޖެހިގެން ހުރި ގޮނޑިއަށްކަން އަސަދު ދެނެގަތެވެ. އިތުރު ހައިރާންކަމެއް ލިބުނީ ހަލުވިފިޔަވަޅުގައި ލައިތުގެ ކައިރިން އަޅާފައި އައި ޔާދިން އެ ގޮނޑީގައި އިށީނުމުންނެވެ. ދެ ފިރިހެން ދަރީންގެ ވާދަވެރިކަން އެ އަންހެންކުއްޖާ މެދު ވެސް އޮތީއޭ އަސަދަށް ހީވިއެވެ. އެހެންވިޔަސް އޭނާއަށް ހީނލެވުނީ ކިއްވެކަމެއް ނޭނގެއެވެ. އެހެންވިޔަސް އެ މަންޒަރަކީ ޒުވާން ދަރީންގެ ފުށުން ފެނިދާނޭ ކަމަށް އަސަދަށް ކުރިން ހީވެފައި އޮތް ކަމަކަށް ވެދާނެއެވެ. ރުޅިވެރިކަމުގެ ހިޔަނި ލައިތުގެ މޫނަށް އެޅުތަން އަސަދަށް ފެނުނެވެ.
ކުޅިބަލަން އިން މީހަކުހެން ބަހެއް ވެސް ނުބުނެ ކަސްތޫރީގެ ވައަތްފަރާތުގައި ފަރުޒީނު އިނެވެ. ދަރީންގެ މެދުގައި، އޭނާގެ ކޮއްކޮ މިކުޅޭ ކުޅިވަރެއް ނޭނގުނަސް ކޮންމެވެސް ކަމެއް އެ ސިކުނޑީގައި އެބަ ހިނގާކަން ފަރުޒީނު ދެނެގަތެވެ. އެއާއެކު ޚާއްޞަ ސަމާލުކަމެއް ލައިތަށް ދެވިފައިވީތީ ވެސް ފާހަގަކުރެވުނެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް ސުފުރާމަތީގެ މާޙައުލު ބަދަލުވެއްޖެހެން ވެސް ފަރުޒީނަށް ހީވިއެވެ. އެ ލޮލުގައި ވެސް ވީ ޝައުގުވެރިކަމެވެ.
"ލައިތް... މިގޮނޑިއަށް އާދެބަލަ." އަސަދުގެ ކައިރީ ހުސްކޮށް ހުރި ސަރަފީނާ އިންނަ ގޮނޑި ދައްކާލަމުން ބުންޏެވެ.
"ނޯ ތޭންކްސް" ލައިތު ބުނެލީ ނިކަން އަވަހަށެވެ. އެހިނދު ކަސްތޫރީ ގޮވާލިއެވެ. ލައިތުގެ މިސްރާބު ބަދަލުކޮށްލައި އަސަދުގެ ގާތުގައި ލައިތު އައިސް އިށީންއިރު ހީވީ އަމިއްލަ އިޚްތިޔާރެއްނެތް ރޮބޮޓެއްހެންނެވެ. ކެންޒާއަށް ހީނލެވުނެވެ. އެ ހުނުމުގައި ލައިރާ ބައިވެރިލިއިރު އަސަދު ވެސް ބަލާލީ ނިކަން ހިނިއައިސްފައެވެ. ނަމަވެސް ވެސް ލައިތު ތޫނު ނަޒަރު ކެންޒާއަށް އަމާޒުވެލި ގޮތުން އޭނާ ވަގުތުން އިސްޖަހައިފިއެވެ.
"ގުޑް ބޯއި..." ޔާދިން ބުނެލި އަޑު އިވުނެވެ. އޭނާގެ ބަސް އެއްލީ ލައިތައްކަން އެންމެންނަށް ވެސް އެނގެއެވެ. އެހެންވިޔަސް ޔާދިންގެ ނަޒަރު ހުއްޓާލެވިފައިވަނީ، ކާކޮޓަރީގެ އެއްފަރާތުގައި ކާތަށި ކައިރީ އޮތް އިސްކަންދަރަށެވެ.
"ޔާދިން..." ކަސްތޫރީ ގޮވާލީ ބާރަށެވެ. އެ މޭޒުދޮށުން ލައިތުއާއި ޔާދިންގެ ކޯޅުން ފެށުމުގެ ކުރީން އޭނާ މައިތިރިބެހެއްޓީއެވެ.
"ހޭއި..." ޔާދިން ގޮވާލީ ކެންޒާއަށެވެ. ލައިރާ އިނީ އެ ދެމެދުގައި ހިނގާފާނެ ކަމަކަށް ފާރަވެރިވެއެވެ. ދައްކާ ވާހަކަތަކަށް ކަންފަތް ބޮޑަށް ހުޅުވައި ދިއްކޮށްގެންނެވެ. ސެހްރާނުގެ ނަޒަރު ވެސް ވަނީ އެ ދެމީހުންނަށް ހުއްޓިފައެވެ. އެކަމާ މޭނުބައިކޮށްފައި އިން މީހަކު ފަދައިން މޭޒުދޮށުގައި އިނީ ލައިތެވެ. އަސަދުގެ މޫނުން މިއިން ދުވަހަކު ފާޅުނުވާ އުފާވެރި ހިނިތުންވުމެއް ވިއެވެ. ކެންޒާ އެ މޭޒުދޮށުގައި ބައިވެރި ކުރީތީ ފުރަތަމަ ފަހަރަށް އޭނާގެ ކައިރީ ލައިތު ބޭންދިއްޖެއެވެ. ބަޔާންކުރަން އުނދަގޫ އުންމީދެއްގެ ހުޅުކޮޅު އަސަދުގެ ހިތުގައި ރޯވެއްޖެއެވެ.
އެންމެންނަށްވުރެ ކުރީން ނަސްތާމޭޒުދޮށުން ތެދުވުމުގެ ހުއްދައަށް ކެންޒާ އެދުނެވެ. ރަނގަޅަށް ނާސްތާ ކުރުމަށް އަސަދު ބުންޏެވެ. ކެންޒާއަށް މަޑުކުރެވެންނެތީކަން އޭނާ ހާމަކުރީ ދެނެވެ. ކުލާހަށް ދާ ގަޑި ޖެހިދާނޭކަން އޭނާ ބުންޏެވެ.
"ނަސީމު އައިސް މިހާރު ހުންނާނީ. ގަޑިޖެހިންނުވާނެ އެއްގޮތަކަށް ވެސް... އަވަހަށް ދޭ." ކަސްތޫރީ ބުންޏެވެ. އޭނާގެ ވާހަކައަށް އަސަދު ވެސް ބޯޖަހާލި ދަން ކެންޒާ ދުށްޓެވެ.
"ހޭވް އަ ގުޑް ޑޭ. ސީ ޔޫ" ޔާދިން ބުންޏެވެ. ލައިރާއާއި ސެހްރާނު ސިއްރު ގޮތަކަށް އެކަކުއަނެކަކަށް ބަލާލައި ހިނިތުންވެލިއެވެ.
"ތޭންކްސް" ކެންޒާ ބުންޏެވެ. ގޮނޑިކައިރީ ބަހައްޓާފައި ހުރި ބެކްޕެކް ނަގައި އެއްކޮނޑުގައި އަޅުވާލަމުން ކެންޒާ ހިނގައިގަތެވެ. އޭނާ މޭޒު ފަސްދީ ދިއުމުގެ ކުރީން ފަސްއެނބުރި ބަލާލިއެވެ. އެ ނަޒަރު ލައިތުއަށްކަން ހުއްޓުނީ ގައިމެވެ. ކެންޒާއިން ނެއްޓި ކައިރީގައި އިން ދަރިފުޅަށް އަސަދު ވެސް ބަލާލިއެވެ. އެހެންނަމަވެސް ލައިތު އިންގޮތަށް އިނީއެވެ. އޭނާ އެއްފަހަރު ވެސް، ނުސީދާކޮށް ވިޔަސް، ކެންޒާއަށް ބަލައެއްނުލިއެވެ. އެކަމުން އުނދަގޫވީ އަސަދަށެވެ.
"އޭނަ މި މޭޒުދޮށުގައި ބައިވެރިކުރީ ކީއްވެ؟" ލައިތުގެ ސުވާލު އަމާޒުވީ އަސަދަށެވެ. ކަސްތޫރީއަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ. ކެންޒާއާމެދު މީހަކު އިޚްތިރާމްކުޑަކުރާކަށް ލައިތު ނޭދެއެވެ. އަސަދުގެ ގަސްދާމެދު ލައިތު ސުވާލު އުފެދެނީއެވެ. އެ މޭޒުދޮށަކީ ގޭގެ ޚާދިމުން ނާސްތާކުރަން ހުރި ތަނެއްނޫނެވެ. އެމޭޒު ޚާއްޞަވަނީ އެ ޢާއިލާގެ މެންބަރުންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށެވެ. އެމީހުންނަކީ ކެންޒާ ފަދަ ސާދާ ދިރިއުޅުމަކުން އައިސްފައި ތިބި ބައެއްނޫންކަން ލައިތަށް އެނގެއެވެ. އޭނާގެ ހިތުގެ އިޚްސާސްތައް ކެންޒާ ބަލައިގެންފައި ވިޔަސް ހަޤީޤަތް ބަދަލެއްނުވާނެއެވެ. ކެންޒާއަކީ އެގޭގެ ކައްކާއެވެ. އެމީހުންނަށް މަސައްކަތްކޮށްދޭ އަންހެންކުއްޖެކެވެ. އަސަދާއި ކަސްތޫރީގެ ބާރަކީ ކޮބާކަން ލައިތަށް އެނގެއެވެ. އޭނާގެ އުމުރުން ހަގު ނަމަވެސް ފުރާވަރުގެ އެ ހާދިސާ އޭނާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. މީހަކު ގެއްލުވާލުމަކީ އެމީހުންނަށް އެއްވެސް ކަމެއްނޫންކަން ލައިތު ޤަބޫލުކުރެއެވެ. ފައިސާއިން ނުކުރެވޭނެކަމެއް ނޯންނާނެއެވެ. ކެންޒާއަށް އެފަދަ ގޮތެއްވެއްޖެނަމަ އޭނާ އުޅޭނީ ކިހިނެއް ހެއްޔެވެ. އެހިތުގެ ފުންމިނުން ބަދަލުނުވާނޭ ފަދަ ލޯތްބެއް އޭނާގެ ހަޔާތުގައި ވެވުނީ ދެ މީހުންދެކެއެވެ. އެތަނުން އެކަކީ ކެންޒާއެވެ. އެ އަންހެންކުއްޖަކާއެކު ދިރިއުޅުން ބައްޓަންކުރި އަންހެންކުއްޖަކީ ކެންޒާއެވެ. އެއީ އޭނާގެ އުމުރުން ފަނަރައަހަރުގައި ލައިތުއާ ބައްދަލުވި އެންމެ ތަފާތު އެހެނަސް އެ ހިތް ޚާއްޞައޭ ބުނި ހަމައެކަނި އަންހެންކުއްޖާއެވެ. ތަޤުދީރުގެ ރޭވުމުގެ ތެރެއިން އޭނާގެ ކުރިމައްޗަށް އެ އަންހެންކުއްޖާ ގެނެސްފިއެވެ. މިހާރު އޭނާގެ އަތްފައިގަ ބާރު އެބަހުއްޓެވެ. ކެންޒާ ރައްކާތެރިކުރާނޭ ހިތްވަރު އެބަހުއްޓެވެ. ވީއިރު އެ އަންހެންކުއްޖާގެ ދިރިއުޅުމަށް މީހެއްގެ ހިޔަނި އެޅުނަކަށް އޭނާ ނުދޭނެއެވެ.
"ކެންޒާ އެހާ ހެނދުނާ މިގެއަށް އާދޭ. އޭނާ އެ އަންނަނީ ރަނގަޅަށް ސައިބޮއެގެން ހެން ހިޔެއްނުވޭ. މަސައްކަތްތައް ނިމޭ ގޮތަށް އޭނާ އެ ދަނީ ކިޔަވަން. އޭނާގެ މުސްތަޤުބަލް އަދި އޮތީ ކުރިއަށް. އަހަރެމެންނަކީ އެހާ ހަރުކަށިބައެއްނޫން. އެ އަންހެންކުއްޖާގެ ހުވަފެނަކީ މޮޅު ޝެފަކަށްވުން. އެ ހުވަފެން އޭނާއަށް ހާސިލުވާން އަހަރެން ވެސް އެދެން. މިގެއަށް އައުމަށް އެންމެ ބޮޑަށް ބާރު އެޅީ ވެސް އަހަރެން. އޭނާ އައީތީ މިގެއަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ. ބުރަވެގެން އޭނާ އަހަރެމެންނާ ވަކިވެގެން ދާކަށް އަހަރެން ނޭދެން. ނާސްތާގެ ވަގުތު، މި މޭޒުދޮށުގައި އަހަންނަށް ކެންޒާއެކޭ ތިކުދީންނެކޭ ވަކި ތަފާތެއްނެތް." އަސަދުގެ ބަދަލުގައި ލައިތުގެ ސުވާލަށް ޖަވާބު ދިނީ ކަސްތޫރީއެވެ.
"މާމަގެ ތިނިންމުން އަޅުގަނޑަށް ވަރަށް ކަމުދޭ. ކެންއަކީ ހާޑްވޯކިން ގާލްއެއް. އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންވޭ. ސްޓްރޯންގް އިންޑިޕެންޑެންޓް ޕާސަނަލިޓީއެއް. އައި ލައިކް ހާ އަބައުޓް ދެޓް. ކިތަންމެ ބުރަވިޔަސް ކެން ހުރެދާނެ ނުބުނެ. ޝީ އިޒް ސްޓިލް ޔަންގް." ލައިރާ ބުންޏެވެ. ލައިތަށް ހައިރާންކަން ލިބުނެވެ. ލައިރާ އެބުނާފަދަ ހިތްވަރާއި މިނިވަން އަންހެނެއްގެ ގޮތުގައި އޭނާއަށް ކެންޒާ ސިފަނުވެއެވެ. ބުރަމަސައްކަތުން އަމިއްލަ ދިރިއުޅުން ފަހިކުރަން މަސައްކަތް ކުރާ އަންހެންކުއްޖެއްކަން ޔަގީނެވެ. އެކަމަކު ކެންޒާއަށް މިނިވަންކަން އެބައޮތް ބާއެވެ. ހިތްވަރުކުރުން ނޫން ގޮތެއް އެބައޮތްބާއެވެ. އެ އަންހެންކުއްޖާ ރޮއެ ގިސްޖެހިފައިވީ އަޑު އެ ކަންފަތުން އެއްސެވެ. އަނިޔާ ލިބެމުންދިޔަ މަންޒަރު އެ ދެ ލޮލުން ދުށްޓެވެ. އެތަނުން އެކަކަށް ވެސް ލައިތަށް އެނގޭވަރަށް ކެންޒާ ނޭނގޭނެއެވެ. ހިމޭންވެފައި އިން ލައިތުގެ ހިތުގައި ހިނގަމުންއައީ އެފަދަ ޝުޢޫރުތަކެކެވެ.
"މިތަނުގައި އެބައިންތަ ކެންޒާ މި މޭޒުދޮށުގައި ބައިވެރިވާން ނޭދޭ މީހަކު" ކަސްތޫރީ އެންމެންނަށް ބަލާލިއެވެ. އެކަކު އެކައްޗެކޭ ވެސް ނުބުންޏެވެ. ލައިރާއާއި ސެހްރާނުގެ ތުންފަތުގައިވީ ހިތްހަމަޖެހިފައި ތިބިކަމުގެ ހިނިތުންވުމެކެވެ. މާމަގެ ނިންމުމާ ދެކޮޅު ހެދުމަކީ ޔާދިން ވެސް ކުރާނޭ ކަމެއްނޫނެވެ. ކަސްތޫރީ ބޯޖަހާލުމުން އިތުރަށް އެ މައުޟޫޢުއާ މެދު އެއްޗެއް ބުނާނޭ ފުރުޞަތު ނެތި ބަންދުވީކަން އެންމެން ވެސް ދެނެގަތެވެ.
"ކޮބާތަ ޖިނާނު؟" ކަސްތޫރީ އަހާލީ އެންމެންގެ ގާތުން ކަހަލައެވެ.
"ފަތިހު ދުވަން ނުކުތް މީހާ އަދި ނާދޭ" ޔާދިން ބުނެލިއެވެ.
"ޖިނާނަށް ގުޅާބަލަ. ނާސްތާ ގަޑީގައި ބައިވެރިވާން ބުނާއިރު ވެސް އެކުއްޖާ ހިތަށް އެރުން އޮންނާނީ" ކަސްތޫރީއަށް ބުނެވުނެވެ. ޔާދިން ފަޓުލޫނު ޖީބުން ނެގި ފޯނުން ޖިނާނަށް ޑައިލްކުރިއެވެ.
* * * * *
މެންދުރަށް ކުލާސްތައް މެދުކަނޑާލުމުން ކެންޒާ ފޮތްތައް ދަބަހަށް އެޅިއެވެ. ކުލާހުން ނުކުންނަމުން ސައިލެންޓް ކުރެވިފައި އޮތް ފޯނު އޭނާ ހުޅުވާލިއެވެ. މިސްކޯލެއް ލިބިފައި އޮތެވެ. ގުޅާފައި އޮތީ މަންމައެވެ. އައިސްފަ އޮތް މެސެޖު ވެސް ކިޔާލުމަށް ހުޅުވާލިއެވެ. މަންމަ މެސެޖުކޮށްފައި އޮތީ ކުލާހުގައި ކެންޒާ އިންނާނޭކަން އެނގިގެންނޭ އޭނާގެ ހިތަށް އެރިއެވެ. ކޮލެޖުގެ ގޯތިތެރެއަށް ނުކުމެ މަޑުކޮށްލައިގެން ހުރެ ފޯނުގައި އޮތް މެސެޖު ކެންޒާ ކިޔާލިއެވެ. އުފާވެރިކަން ކެންޒާއަށް ލިބުނުއިރު އެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވެލައިފިއެވެ. ހިނިތުންވުމަކަށް އެ ތުންފަތް ދެމިލައިފިއެވެ. ތިންފަހަރަށް ތަކުރާރުކޮށް މެސެޖު ކިޔާލެވުނެވެ. ވަގުތުން މަންމަގެ ނަންބަރަށް އޭނާ ގުޅައިފިއެވެ.
"ހަލޯ..." މިންނާގެ އަޑު ކެންޒާގެ ކަންފަތުގައި ޖެހުނެވެ.
"ކައިފްބުނި ދަރިފުޅަށް މެސެޖު ކުރީމޭ" ކެންޒާ ހެލޯއޭ ބުނެލި އަޑާއެކު މިންނާ ވާހަކަދެއްކިއެވެ.
"އަސްލުވެސް މަންމަމެން އަންނަނީތަ؟" ކެންޒާގެ އަޑުގައި ބަދަލުވެފައިވި ޖަޒުބާތުގެ ސަބަބުންނެވެ. މަންމައާއި ބޭބެއާ ދުރުގައި އޭނާ އެކަނި ވަރަށް ދުވަހު އުޅެވިއްޖެއެވެ.
"ކީމޯގެ ފަހު ސެޝަން ނިމުނުތާ ހަފްތާއަކަށްވުރެ ދުވަސްވެއްޖެ. ކައިފްގެ ހާލު ވަރަށް ބޮޑުތަން ރަނގަޅު. ފުރަން ޑަކްޓަރު ވެސް ހުއްދަ ދީފި. އެންމެ ފަހުގެ ޗެކަޕް މިއަދު ހެދުނު ނިމިއްޖެ. ހޮސްޕިޓަލުން ދޫކޮށްލީމަ މިހާރު މިތިބެނީ ހޮޓެލަށްގަ. ފުރަންވެފަ މިތިބީ. އެކަމަކު ޓިކެޓު ލިބުނީ ދެދުވަސްފަހަށް" މިންނާ އޮޅުން ފިލުވައިދިނެވެ.
"އަވަހަށް އާދޭ މަންމާ." ކެންޒާއަށް ބުނެލެވުނެވެ.
"އަވަހަށް ދާހިތުން މިހުންނަނީ. އެހެންވެ ކަންނޭނގެ، ރޭގަ މަންމައަށް ކެން ހުވަފެނުން ވެސް ފެނުނު." މިންނާ ހީނލިއަޑު އިވުނެވެ.
"ކޯއްޗެއް ފެނުނީ" ކެންޒާ ނިކަން އަވަހަށް އަހާލިއެވެ. އިހުނަށްވުރެ ބާރު ހިނިގަނޑެއް މިންނާ ޖަހާލިއެވެ.
"ކެން މީހަކާ އިންނަން އުޅޭތީ." ހެމުންހެމުން މިންނާ ބުންޏެވެ. އެހިނދު ކެންޒާގެ މޫނު ރަތްވެ ވެރިވި ލަދުވެތިކަން އެތާހުރި މީހަކަށްވިއްޔާ ފެންނާނެއެވެ.
(ނުނިމޭ)