ލިވަޕޫލް

ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދައިފި

ޗެލްސީ ކައިރިން މެންޗެސްޓާ ސިޓީ މޮޅު ނުވެވުމުން، އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ލިވަޕޫލަށް ލިބިއްޖެ އެވެ.

މިއީ 1990 ވަނަ އަހަރު ތައާރަފް ކުރި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދި ފުރަތަމަ ފަހަރެވެ. އަދި 30 އަހަރު ތެރޭ އިނގިރޭސި އެންމެ މަތީ ލީގް ޗެމްޕިއަންކަން ލިވަޕޫލަށް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ޗެލްސީ އާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ސިޓީ ބަލިވީ 2-1 ންނެވެ. މެޗުގައި ފުރަތަމަ ލިޑް ނެގީ ވެސް ޗެލްސީންނެވެ. އެ ޓީމުގެ ލަނޑު 36 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކްރިސްޓިއަން ޕުލިސިޗް އެވެ. ދެ ވަނަ ހާފުގައި ސިޓީގެ ކެވިން ޑި ބްރައިނާ މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުން ޗެލްސީ މޮޅުކޮށްދިން ލަނޑު 78 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން ވިލިއަން އެވެ.

ސިޓީ ބަލިވެ، ލިވަޕޫލަށް ލީގް ލިބުމުން، އެ ޓީމުގެ ކޯޗް ޔާގަން ކްލޮޕް ވަނީ ދުނިޔެގޭ އެކިކަންކޮޅުތަކުގައި ތިބި ލިވަޕޫލްގެ ސަޕޯޓަރުންނަށް މަރުހަބާ ކިޔާފަ އެވެ. ކްލޮޕް ބުނީ މި ކާމިޔާބަކީ ލިވަޕޫލްގެ އެތައް ލެޖެންޑުންނެއް އުންމީދު ކުރި ކާމިޔާބެއް ކަމަށެވެ. ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ބުނީ އޭނާ ކުރެވޭ އުފާވެރި އިހްސާސް ބުނެދޭންވެސް ނޭންގޭ ކަމަށެވެ.

ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ކްލޮޕް ވާހަކަ ދެއްކީ އުފަލުން ރޮވިފައި ހުރެ އެވެ. "އަހަންނަކަށް ނޭންގެ މިކަން ސިފަ ކޮށްދޭނެ ގޮތެއްވެސް، މިކަން މި ހާސިލުވީ އަހަރެން އުންމީދުވެސް ނުކުރާ ކަހަލަ ގޮތަކަށް، އަހަންނަކަށް ނޭންގެ މިކަން ސިފަ ކޮށްދޭނެ ގޮތެއްވެސް، އެއީ އެހާވެސް ވަރުގަދަ އިހްސާސެއް، އަހަރެން ހީނުކުރަން މިހާ އުފާވެރި އިހްސާސެއް ކުރެވޭނެ ކަމަކަށްވެސް އަހަރެން ހިލާޔަލަށް ނާދޭ މިކަން ބުނެދޭނެ ގޮތެއް."" އިންޓަވިއުގައި މިހާހިސާބުން ކްލޮޕްއަށް އިތުރަށް ވާހަކަ ކުރިއަށް ނުގެންދެވި އިންޓަވިއު ނިންމާލި އެވެ.

ލިވަޕޫލަށް ލީގް ކަށަވަރު ވުމުން، އެ ކުލަބުގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ، އެ ކުލަބުގެ ހޯމް ސްޓޭޑިއަމް ކައިރިއަށް އެއްވެ އުފާފާޅު ކޮށްފަ އެވެ. އަދިވެސް ކޮވިޑް-19 ގެ ހާލަތު އިނގިރޭސި ވިލާތުގައި ތަހަންމަލު ކުރާތީ ސަޕޯޓަރުން ޕްރޮޓަކޯލް ހިފެހެއްޓުމަށް ލިވަޕޫލްގެ މެނޭޖްމެންޓުން އިލްތިމާސް ކުރި އެވެ.