ވާހަކަ

ލޯބިން ބުނެލަން

(25 ޖޫން 2020 އާ ގުޅޭ)

"ކޯއްޗެއް ފެނުނީ" ކެންޒާ ނިކަން އަވަހަށް އަހާލިއެވެ. އިހުނަށްވުރެ ބާރު ހިނިގަނޑެއް މިންނާ ޖަހާލިއެވެ.

"ކެން މީހަކާ އިންނަން އުޅޭތީ." ހެމުންހެމުން މިންނާ ބުންޏެވެ. އެހިނދު ކެންޒާގެ މޫނު ރަތްވެ ވެރިވި ލަދުވެތިކަން އެތާހުރި މީހަކަށްވިއްޔާ ފެންނާނެއެވެ.

"އެއީ ހުވަފެނެއް. އަހަރެން... ހީވެތަ މަންމައަށް އަހަރެން ކައިވެނިކޮށްފާނެހެން." ކެންޒާ ނިކަން އަވަހަށް ޖަވާބުދިނެވެ. ކައިވެންޏަކާމެދު ކުރާ ފޮނި އުންމީދުތައް އޮތީ ކެންޒާގެ ހިތުގައި ފޮރުވާލެވިފައެވެ. ހަމައެއާއެކު ލައިތުއާއެކު ފަށަށް ގަސްދުކުރާ އާގުޅުމުގެ ވާހަކަ ވެސް ޢާއިލާއާ ޚިއްޞާކުރަން އަވަސްކަމުގައި ކެންޒާ ދުށްޓެވެ. އަވަސްއަރުވާލުމުގެ ބޭނުމެއް އޮތްކަމަކަށް އޭނާއަކަށް ނުފެނެއެވެ. ހަޔާތަށް ބޭނުންވަނީ ތެދުވެރި ވަފާތެރި، އޭނާދެކެ އަބަދަށް ލޯބިވާނޭ ބައިވެރިއެކެވެ. އެއީ ލައިތު ކަމަށް ނިންމަން އަދި މާ ބޮޑަށް ވެސް އަވަހެވެ. ކިތަންމެ ފުން ލޯތްބެއް ހިތުގައި އުފެދިފައި ވިޔަސް ލައިތުގެ ހަޤީޤީ ސިފައަކީ ކޮބައިކަމެއް ކެންޒާއަކަށް ނޭނގެއެވެ. އެހެންވިޔަސް ލައިތު ދަސްކުރަން އޭނާ އެދެއެވެ. ލައިތު ގަޔާވާ ކަންކަމާއި އޭނާ ނުރުހޭކަންކަން އެނގެން ބޭނުންވެޔެވެ. ދެހިތް ވަކިނުވާނޭކަމުގެ ޔަގީންކަން ލިބިއްޖެނަމަ އެ ދުވަހަކުން އެ ދެމެދުގައި އޮތް ގުޅުން ކެންޒާ ހާމަކުރާނެއެވެ. ލޯބިވާ މަންމައާއި ބޭބެއަށް އޭނާގެ ހަޔާތަށް ވެސް ބައިވެރިއަކު އަތުވެއްޖެކަން ބުނެދޭނެއެވެ. އެމީހުންނާ ބައްދަލު ވެސް ކޮށްދޭނެއެވެ. އެހާތަނުން ހަޔާތުގައި ސިއްރުކުރާނޭ އެއްވެސް ކަމެއް ނޯންނާނޭކަން ޚުދު ކެންޒާއަށް ވެސް އެނގެއެވެ.

މަންމައާ ވާހަކަދައްކާލެވުނީއްސުރެ ކެންޒާ ފެންނަނީ ކުރިއަށްވުރެ ވެސް ހިތްހަމަޖެހި އުފާވެލާފައި ހުރި މީހަކު ފަދައިންނެވެ. ބޭބެގެ ޠަބީޢަތަށް އައި ހެޔޮ ބަދަލަކީ ވެސް ކީމޯ ހުއްޓާލައި، ހާލު ރަނގަޅުވަމުން އައި ކަމުގެ ނިޝާނެއްކަން ކެންޒާއަށް މިހާރު އެނގިއްޖެއެވެ. އޭނާ މަންމަގެ ފޯނުކޯލު ނިންމާލައި ގޭޓާ ދިމާއަށް އަންނަމުން ކަސްތޫރީ ޚާއްޞަކޮށްފައިވާ ޑްރައިވަރުގެ ނަންބަރަށް ގުޅިއެވެ. ފޯނުކޯލު ނެގިގޮތަށް ނަސީމު ބުނީ އޭނާ ކޮލެޖަށް ކައިރިވަނީ ކަމުގައެވެ. ނުކުމެ ފެންނަ ހިސާބުގައި މަޑުކޮށްލަދޭން ކެންޒާ ގާތުން ނަސީމު ބުނެ ކޯލު ކަނޑާލިއެވެ.

* * * * *

ބޯޑު މީޓިންތަކާއި، ފަށަން ހަމަޖެހިފައި އޮތް ޕްރޮޖެކްޓެއްގެ އިންވެސްޓަރުންނާއެކު އޮތް ބައްދަލުވުމުގެ އިތުރުން ކުންފުނީގެ އެތެރޭގައި އެކި ޑިޕާޓްމެންޓަކުގެ ވެރީންނާއެކު އޮތް ބައްދަލުވުން ނިމުނުއިރު ބާރަޖަހައިފިއެވެ. ގޮނޑީގައި އިށީނދެވެނު ގޮތަށް ހަށިގަނޑުގެ ބުރަ ގޮނޑިއަށް ލައިތު ދޫކޮށްލައި ފުންނޭވާއެއް ލިއެވެ. އޭނާގެ އިރުޝާދަކަށް މަޑުކޮށްލައިގެން މޭޒުގެ ވައަތްފަރާތުގައި އާރިކު ހުއްޓެވެ. އޮފީސް ތެރެއަށް ވެރިވެފައި އޮތް ހިމޭންކަން ލައިތަށް ފާހަގަވީ ދެނެވެ. ހެނދުނު އޮފީހަށް ވަންއިރު ވެސް ހިރާ ދުށް ހަނދާނެއް ލައިތު ނުވެއެވެ. މިހާރު ވެސް އެ މޭޒު ހުރީ ހުހަށެވެ. ދެ ދުވަސްކުރިން ފުނިޖެހި ކަރުދާސްތަކުން ފުރިފައި ހުރި ޓްރޭ އެ ހުރި ގޮތަށް ހުއްޓެވެ. ދެން ހުރި ދެ ޓްރޭގައި ވެސް ލިޔުންތަކެއް ފައިލްނުކޮށް ހުރީތީ ފެނުނެވެ. ލައިތުގެ ނަޒަރު ހިރާގެ މޭޒެއް ހުއްޓިފައިވީތީ ފެނި އާރިކު ވާހަކަ ދެއްކިއެވެ.

"ސަލާމުގައި ހުރީ. މެޑިކަލް މެއިލްކޮށްފަ އެބައޮތް. ބުނި މާދަމާ އައިސް އަސްލު ހުށަހަޅާނަމޭ. އަދި މެއިލް ސޯޓުއައުޓްކޮށް ލައިތަށް ފޮނުވާނޭ ވަގުތުނުވާތީ ނުފޮނުވިފަ އޮތީ." އާރިކު ބުންޏެވެ. ލައިތު ވިސްނަން އިނދެ ބޯޖަހާލިއެވެ.

"ދެން... އެބައޮތް ޗުއްޓީއަށް އެދިފަ" އާރިކު ބުނެލިއެވެ. މިފަހަރު ހިރާގެ މޭޒުން ލައިތުގެ ނަޒަރު ވަކިވެ އާރިކަށް ހުއްޓުނެވެ.

"އަނެއްކާ... ކީއްކުރަންތަ އޮފީހަށް އެ އަންނަނީ. އެއަށްވުރެ ގޭގަ ހުރިއްޔާ މާރަނގަޅެއްނު. މަހަކު ތިން ދުވަހު އޮފީހަށް ނުކުމެފަ، ދެން ހުރި ހުރިހާ ދުވަހަކު ޗުއްޓީގަ." ލައިތަށް ބުނެވުނެވެ. އާރިކު އަނގަޔަކުން ނުބުންޏެވެ. އެކަމާ އެއްޗެކޭ ބުނުމަކީ އޭނާގެ ޙައިސިއްޔަތު ނޫންވީމައެވެ. ހިރާއަކީ އަސަދުގެ ނިންމުމެއްކަން އެނގޭތީއެވެ. އެ ޢާއިލާއާ ގުޅުން ހުރި ކުއްޖެއްވީމައެވެ. ހަމައެއާއެކު ލައިތުއަށް ޚާއްޞަ އަންހެންކުއްޖެއްކަން ވެސް އެނގޭތީއެވެ.

"ކިތަށް ދުވަސް" ލައިތު ސުވާލުކުރިއެވެ.

"މަހެއް." އާރިކް ބުންޏެވެ.

"ޗުއްޓީއެއްނެތް ދޯ" ލައިތު އަހާލިއެވެ.

"ލައްބަ. އަންނަ އަހަރު އެޕްރީލްގަ އެންމެ އަވަހަށް ވެސް ޗުއްޓީ ލިބޭނީ. އެމަޖެންސީއެއް ވެސް ނެތް." އާރިކު އޮޅުންފިލުވާ ދިނެވެ.

"ކީއްކުރަންތޯ ޗުއްޓީ ބޭނުންވަނީ އަހާ. ތިހުރިހާ ތަފްޞީލެއް އޭނާއަށް ކިޔާދީ." ލައިތު ބުންޏެވެ. އާރިކު ލައްބައޭ ބުނުމުން ލައިތު އަތުން އިޝާރާތްކޮށްލީ އެތަނުން އާރިކު ދިއުމަށް އެދޭ ފަދައިންނެވެ. އޭނާއަށް އެކަން އެނގި ބޯޖަހާލާފައި އޮފީހުން ނުކުމެއްޖެއެވެ.

ނިތްކުރީގައި ފިރުމާލާފައި އަތްތިރިކޮށްލަމުން ލައިތުގެ ނަޒަރު އަނެއްކާ ވެސް ހުއްޓުނީ ހިރާގެ މޭޒަށެވެ. ހިރާއަކީ ބޮޑުބޭބެ އަޒްހަރުގެ ހުރި އެންމެ ހަގު ދަރިފުޅުކަން ލައިތަށް އެނގެއެވެ. އޭނާއާއި ހިރާއާ ދެމެދު ގުޅުމެއް އޮންނަކަން އެނގިއްޖެނަމަ، ބައްޕައާއި ޢާއިލާގެ އެހެން މެންބަރުން ވެސް ސަމާލުކަމަށް އަންނާނޭކަން ލައިތަށް އެނގެއެވެ. ގާތްކަމެއްނެތް އެ މިނިވަންގުޅުން މުސީބާތަކަށް ވެދާނޭތީ ލައިތު ކަންބޮޑުވަނީއެވެ. އޭނާ ދެކޭގޮތް ތަފާތުވިޔަސް ހިރާގެ ހިތުގައިވަނީ ކީކޭކަން ލައިތަށް މިފަހަކަށް އައިސް އައީ ފަހުމްވަމުންނެވެ. ކުރިއަށްވުރެ ވެސް ދެމެދުގައި އޮތް ގުޅުން ދުރުކޮށްލީ އެހެންވެއެވެ. ހިރާއާއެކު ތަންތަނަށް ދިއުމާއި އޭނާގެ ރަޙުމަތްތެރިންނާ ބައްދަލުކުރުމަކީ އެ ދެމެދުގައި އޮތް ގުޅުމުގެ ސީރިއަސްކަން ދައްކުވައިދޭ ސަބަބަކަށް ވެދާނޭތީ ލައިތު ސަމާލުވެއެވެ. އެފަދަ އެއްވެސް ފުރުޞަތުތައް ހިރާއަށް ލައިތު ނުދެނީ އެހެންވެއެވެ. ބާއްވާ ގާތްކަމެއްވިއްޔާ ބޭއްވީ ހަތަރުފާރުގެ އެތެރޭގައެވެ. އެކުގައި އެންމެ ގިނަ ވެގެން ވެސް ހޭދަވަނީ ދެގަޑިއިރު ވަރަކަށެވެ. ލައިތު އެހާ ބަލައިގެން އުޅޭއިރު ވެސް ހިރާއަށް ބަދަލުތަކެއް އަންނަމުންދިޔަކަން އޭނާ ދެނަހުއްޓެވެ.

"ހިރާގެ ހިތްހަލާކުނުވާނޭހެން އޭނާއާ ގުޅުން ކަނޑާލެވިދާނެތަ؟. އޮފީހަށް ނާންނަނީ އަހަންނާ ހެދި ކަންނޭނގެ. އެކަމަކު އަހަރެން ގަޔާވާ އެއްވެސް ގޮތެއް ހިރާގެ ނެތްއިރު، މިގުޅުން ކުރިއަކަށް ނުދާނެ. ހިރާ ނުރުހިފައި ހުއްޓާ ވާހަކަދެއްކުމަށްވުރެ އޭނާ ރުއްސައިގެން ވާހަކަދެއްކުން ކަންނޭނގެ އެންމެ ރަނގަޅުވާނީ، އޭރުން ފަހަރެއްގައި ޤަބޫލުކޮށްފާނެ. ގުޅުން ކަނޑާލަނީ ކީއްވެތޯ ހިރާ އަހާނެ. ހަމަ ޔަގީން. ކުއްޖަކުދެކެ ލޯބިވެވި ސީރިއަސް ރިލޭޝަންޝިޕެއް ފަށަންށޭ ބުނިއްޔާ.... ނޫން! އޭރުން ކަމަކު ނުދާނެ، ކެންގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން. ހިރާއަށް ހުރިހާކަމެއް އެނގުން މުހިންމެއްނޫން. އެހާ ސީރިއަސް ގުޅުމެއްނޫންއިރު ހިރާއަށް ސަބަބުތަކާއި ތަފްސީލު ދޭކަށް ނުޖެހޭނެ." ލައިތު އެކި ގޮތްގޮތަށް ވިސްނިއެވެ. މައްސަލައަކަށް ނުވާނޭ ގޮތަށް ހިރާއާ އޮތް ގުޅުން ކަނޑާލަން ލައިތު ބޭނުމެވެ. އޭނާ އެކަމާ ކިތަންމެ ވިސްނިޔަސް އެކަމަށް ޢަމަލެއް ނުކުރެވެއެވެ. ހިރާއާ ކުރިމަތިލާން ވެސް ބޮޑުކަމަކަށް އޭނާއަށް ވަނީއެވެ. އެއްޗެކޭ ބުނަން ނުޖެހި، ކުރިމަތިލުމަކާނުލައި ދެމެދުގައި އޮތް ގުޅުން ނިމުމަކަށް އަތުވެއްޖެކަން ހިރާއަށް އެނގެން ލައިތު ބޭނުންވެއެވެ. އެކަމަކު އެހެން އެކަން ވާނީ ކިހިނެއް ހެއްޔެވެ. ހިތްތަކުގައިވާ އެއްޗެއް އަނެކާއަށް ދެނެގަތުމުގެ ބާރެއް ލިބިފައެއްނުވެއެވެ. ހާމަނުކުރާހާ ހިނދަކު އޭނާ އެދޭކަންތައް އަނެކާއަކަށް ނޭނގޭނެއެވެ.

އަތުކުރީ އޮތް ގަނޑިއަށް ބާލާލާފައި ލައިތު ފޯނު ނެގިއެވެ. "މައި ޕެންޑާ"ގެ ނަމުގައި ސޭވްކުރެވިފައިވާ ނަންބަރަށް ލައިތު މެސެޖު ކުރިއެވެ. ލޯތްބާއި ލާނެތްކަން އެކުލެވޭ ސަމާސާ ބަސްތަކުން އެ ހިތުގެ ހާލު ބަޔާންކޮށްފައެވެ. އޭނާގެ މެސެޖުތައް ކިޔާއިރު ކެންޒާއަށް ވާނޭ ގޮތް ލައިތު ސިފަކުރިއެވެ. އެ ޚިޔާލުތައް އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.

* * * * *

ހިނިތުންވެލައިގެން ހުރެ ޔާދިން ގޮނޑިން ތެދުވެގެން އައިސް އޮފީހުގެ އެއްބިތް އެކީގައިހެން ހުރި ބިއްލޫރިގަނޑު ކުރިމަތީ ހުއްޓުނެވެ. އަތުގައި އޮތް ފޮތް ގެނެސް އޭނާގެ މޭގައި ޖައްސާލެވިފައި ވިއެވެ. ވައަތްތިލަ ފަޓުލޫނުގެ އަރިމަތީ ޖީބަށް ކޮށްޕާލައިގެން އޭނާ ބޭރު ބަލަން ހުރީ ޚިޔާލަކަށް ގެއްލިފައި ހުރި މީހަކު ހެންނެވެ.

"ފްރޮގް ޕްރިންސް... ހެ ހެ ހެ... ރިއަލީ... ފިރިހެނަކަށްވެ ހުރެ އޭނާ ހާދަ ފެއަރީޓޭލްއޭ. ޓީނޭޖް އިރު ވެސް، ކެންޒާގެ ކުރިމަތީ މާ ރޮމޭންޓިކް މީހަކަށްވާން ކަންނޭނގެ މަސައްކަތްކުރީ. އެކަމަކު އެއީ ހަމަ އޭނާއަށް ވެދާނެތަ؟." އަޑުވީއްލާ ޔާދިންއަށް ހީނލެވުނެވެ. ހީވީ މަލާމާތެއް ކޮށްލީ ހެންނެވެ. އޭނާއަށް ވިސްނާލެވުނެވެ.

"ވީނުވީއެއްނޭނގި ކުއްލިއަކަށް ގެއްލުނު އިންސާނާ ކުރިމައްޗަށް އެރުމުން، ދެން ކިހިނެއް ހަދާނީ. ހިތް އެދޭ މީހާ ދޫކޮށްލާފައި އަންނާނަންތަ؟" ޔާދިން އަހާލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަތުގައި އޮތް ފޮތަށެވެ. އޭގެ ތެރޭގައި ހިކިފައި އޮތް ބޯގަންވިލާ މަލެއް އޮތެވެ. އެ އޮތީ ހިކިގެން ގޮސް ގަނޑުގައި ތަތްވެފައެވެ. އެފޮތުގައި ގިނައީ ލަވައިގެ ކަޑިތަކާއި، ލޯބީގެ ބުނުންތަކެވެ. ހަޔާތާ ގުޅުން ހުރި ވާހަކަތައް ވަރަށް ވެސް މަދެވެ. އެކަމަކު ހަޔާތުގެ ވާހަކަތައް ލިޔެފައި ހުރީ ތާރީޚު ޖަހައިފައެވެ. އަދި އެވާހަކަތަކަކީ ހަޔާތުގެ އެންމެ ޚާއްޞަވެފައިވި، ފޮހެލަން ބޭނުންނުވާ ހަނދާންތައްކަން ޔާދިންއަށް ވެސް ބުނަން އެނގެއެވެ. ލިޔެފައި ހުރީ އިނގިރޭސި ބަހުންނެވެ. ލަފުޒުތައް ސާދާވެފައި އަސަރުކުރުވާފަދަ ފަށުވިކަމެއް ވިއެވެ. ކިޔާލުމުން އެއްވެސް އިޚްތިޔާރެއްނެތި އިޙްސާސްތައް ސިފަކުރެވޭ ގޮތް ވެއެވެ. ކުރެހުންތަކާއި، ފެވުންތަކާއި، ހަރުކޮށްފައި ހުރި ސްޓިކާތަކުންނާއި، ފޮޓޯތަކުން އެފޮތަށް އިތުރު ދިރުމަކާއި ޝައުގުވެރިކުރުވާގޮތް ލިބިފައި ވިއެވެ. ވަރަށް ކުރީއްސުރެ އެ ފޮތުގެ ވެރިޔާ މުސްތަޤުބަލާމެދު ފޮނި ހުވަފެންތަކެއް ބަލަމުން އަންނަކަމުގެ ހެކި ހުއްޓެވެ. ހަމައެއާއެކު އަމިއްލަ ނަފްސަށް ހިތްވަރުލިބޭނޭ ފަދަ ބަސްތައް ބޮޑު އަކުރުން ލިޔެފައި ހުއްޓެވެ.

"ކެން..." އިރުކޮޅަކު ހިމޭނުން ހުރެފައި ޔާދިން ކިޔާލިއެވެ. މާނަވީ ހިނިތުންވުމަކުން އެ ތުންފަތް ދެމިލިއެވެ.

"ޔޫ ވެއިޓް އެންޑް ސީ." ފޮތް ލައްޕާލަމުން ޔާދިން މިހެން ބުނިއިރު އޭނާގެ ސިކުނޑީގައިވީ ލައިތާއި ކެންޒާގެ ސޫރައެވެ.

އެނބުރި އައިސް މޭޒު ދޮށުގައި ޔާދިން އިށީނދެ، އަތުގައި އޮތް ފޮތް ވަތްގަނޑަށް ލައިފިއެވެ. މޭޒުމަތީ ހުރި އިންޓަކޮމް އިން އޭނާ ދެން ގޮވާލީ ސިޔާދަށެވެ. ފާރުގައި ހުރި ގަޑިއަށް އަވަސް ނަޒަރެއް ޔާދިން ދިނެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭ ސިޔާދު ވަދެގެން އައުމުން އޭނާ ގާތު ޔާދިން ބުނީ ގެއަށް ދަނީ ކަމުގައެވެ. ދޭއްޖަހާއިރު އެނބުރި އަންނާނޭ ކަމެވެ. އަދި މަސައްކަތްތަކާމެދު އޭނާ ސިޔާދަށް އިރުޝާދު ދިނެވެ. މެންދުރު ކާން އޭނާ ވެސް ފޮނުވާލީއެވެ. އެހެން ދުވަސްދުވަހަކަށް ވުރެ އަވަހަށް ޔާދިން ގެއަށްދާން ނިންމިއެވެ.

* * * * *

އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވެރިވެއްޖެއެވެ. ކެންޒާ ބަދިގޭގައި ހަރަކާތްތެރިވަމުންދިޔައެވެ. ހާސްވެފައި އިން ލައިރާ ކުރިމަތީގައި ހުރި އައިސްކުރީމް ތަށިން ސަމްސަލަކަށްފަހު ސަމްސަލެއް އަނގައަށް ލައެވެ. ކެންޒާ ގޮވާލާއިރަށް އާހެއް ފަދައިން ފުންނޭވާއެއް ލައިރާ ދޫކޮށްލައެވެ. އަނގަޔަކުން ނުބުނެއެވެ. އޭނާ ކަމަކާ ވަރަށް ބޮޑަށް މާޔޫސްވެފައިކަން އެ އިނީ ކެންޒާއަށް އެނގެއެވެ. މެންދުރަށް ތަށިތައް ތައްޔާރުކުރުމުގައި އުޅެމުން ކެންޒާގެ ނަޒަރު ދޭތެރެއަކުން ލައިރާއަށް ހުއްޓާލާއެވެ.

"ފްލީޒް ދެން ބުނެބަލަ." ކެންޒާ ބުންޏެވެ.

"ހީ އިޒް ކަމިން. މަންމައާއި ބައްޕައާ ވާހަކަދައްކަން އަހަރެން ކައިރީ ބުނެފަ އޮތީ. އަދިވެސް އެމީހުން ކައިރީ އެއްވެސް އެއްޗެކޭ އަހަރެން ނުބުނަން. ޑިވޯސްގެ ވާހަކަ ނުކެރޭނެ ދައްކާކަށް. އިތުރު ގޮތެއްނެތް. އަހަރެން ނުބުނާކަން އެނގިއްޖެއްޔާ، އޭނާ އައިސް މަންމަމެން ކައިރީ އެވާހަކަދައްކާނެ. ޑިވޯސް ފައިލްކުރާނެ." ލައިރާ ބުނެލިއެވެ.

"ފައިޓް ފޯ ހިމް. މިހާ ދުވަހު އެކުގައި އުޅުން އިރު އޭނާގެ ކަންކަން ލައިއަށް އެނގޭނެއެއްނު. މޭކް ހިމް ފޯލް ފޯ ޔޫ." ކެންޒާ ކުރިން ވެސް ދީފައި އޮތް ޚިޔާލެއް އަލުން ހާމަކޮށްލިއެވެ.

"ހީ އިޒް ޑިފަރެންޓް. ހައްލާލަން ފަސޭހައެއްނުވާނެ. ހަމަހޭގައި ހުރެގެން އޭނާ އަހަރެން ޤަބޫލެއްނުކުރާނެ" މާޒީގައި ކަންތައްވެފައި އޮތް ގޮތް ހަނދާންކުރަމުން ލައިރާ ބުންޏެވެ.

"މެރިއޭޖް ރޫޅާލަން އޭނާ އެއުޅެނީ ކޮން އަންހެންކުއްޖަކާ ހެދިކަން އެނގިއްޖެތަ؟. ކީއްވެ ލައި މަޑުން ތިހުންނަނީ. ލޯބިވާއިރު މަޑުން ހުރެގެން ކިހިނެއް ލޯބި ލިބޭނީ. ހުރިހާ ގޮތަކުން ބެލިޔަސް އަހަންނަށް އެނގެނީ އެ އަންހެންކުއްޖާއަށްވުރެ ލައި ފުރިހަމަވާނެކަން. އޭނާއާ އަޅާ ވެސް ނުކިޔޭނެ. މިފިރިހެނުން ވެސް އުޅޭ ފާޑެއް ދޯ." އަތުގައި އޮތް އުނދުޅިއާއެކު ކެންޒާ އެނބުރި ލައިރާއަށް ބަލާލިއެވެ.

"އިޓްސް ނޮޓް ހިސް ފޯލްޓް" ލައިރާ މަޑުމަޑުން ބުނެލިއެވެ.

"ކޮންއިރަކުން ހަޒް އަންނަނީ؟. ތިހެން މަޑުން ނުހުރެ، ކޮންމެވެސް ކަމެއް ކޮށްބަލަ." ކެންޒާ ބުންޏެވެ.

"ތާސްޑޭ ނައިޓްގަ." ލައިރާ ބުންޏެވެ.

"އަހަރެން ކީއްކޮށްދޭންވީ." ކެންޒާ ބުންޏެވެ. އޭނާއަށް ބަލަން އިން ލައިރާ ހިނިތުންވެލިއެވެ.

"ޔޫ އާ މައި ބެސްޓްފްރެންޑް... ތެންކިޔު ގާލް. އައި ލަވް ޔޫ... އެކަމަކު މިކަމުގައި ކެންއަށް ވެސް ކޮށްދެވޭނެކަމެއްނެތް. އަހަރެން ބުނީމެންނު މީ ކުއްލިއަކަށް ވީގޮތެއްނޫނޭ." ލައިރާ ދެ ލޯފުހެލީ ފެންކަޅިވާކަން ނުދެއްކުމަށެވެ. ހަޤީޤަތުގައި ވެސް ޒުބިންނާ ވަކިވުމަކީ އޭނާއާ ތަޙައްމުލުކުރުން ދަތި ވޭނަކަށް ނޫނީ ނުވާނެއެވެ. ހަޔާތުގައި މިހާތަނަށް އެވަރުގެ ބޮޑު އިމްތިހާނަކާ އޭނާއާ ކުރިމަތިވެފައެއް ނެތެވެ. ދިރިއުޅުމުގައި މިހާތަނަށް ލައިރާ ކުރިމަތިލައި ކާމިޔާބު ނުވިކަމަކީ އެއީއެވެ. ޒުބިންގެ ހިތް މިލްކު ކުރުމެވެ. އަނތްބެއްގެ ގޮތުގައި ޒުބުން އޭނާ ބަލައިގަތުމަށް އެދި ލައިރާ ވަނީ ކެތްތެރިކަން ކުޑަވެފައެވެ. އެކަމަކު އެއީ ފުރިހަމަނުވާނޭ ދިގު އިންތިޒާރެކެވެ.

ލައިތު ބަދިގެއަށް ވަނުމުން ކެންޒާގެ ސަމާލުކަން އޭނާއަށް ދެވުނެވެ. މާނަވީ ލުއި ހިނިތުންވުމެއް ކެންޒާގެ ތުންފަތަށް ވެރިވިއެވެ. މަޑުނޫކުލައިގެ ވީނެކް ޓީޝާޓާއި ޑެނިމް ޖީންސުގައި ލައިތު ހުރިއިރު ނުހަނު ފިރިހެންވަންތައެވެ. އޭނާގެ އިސްތަށިގަނޑުން ސްޓައިލް ކުރީ ދެންމެ ކަހަލައެވެ. ތެތްކަމުގެ އަސަރު ހުރިހެން ހީވެއެވެ. ކެންޒާގެ ނަޒަރު ހުއްޓިފައި ހުރިކަން ފާހަގަވެ ލައިރާ ބަލާލިއެވެ. ލައިތު ފެނުމުން ލައިރާގެ މިޒާޖަށް ބަދަލު އައެވެ. ކެންޒާއާ ޚިއްޞާކުރި އެއްވެސް ކަމެއް ލައިތަށް އެނގޭކަށް އޭނާ ނޭދޭކަހަލައެވެ. ލައިރާ ފެނުމުން ލައިތުގެ ވެސް ހުރީ އަބުއި ގޮތެކެވެ. އޭނާ ފެންފޮދަކަށް އެދުމުން ކެންޒާ އައިސްއަލަމާރިން ފެންފުޅިއެއް ނަގައި ލައިތުއަށް ފެންތަށްޓެއް އަޅައިދިނެވެ. ފެންތަށި ބޯލި ގޮތަކަށް ލައިތު ބަދިގެއިން ނުކުތީއެވެ.

"މިރޭ މަޑުކޮށްލަންވީނު. އަދިތު ފޮނުވާނަން ފަހުން ކެން ގެއަށް ލާން" ލައިރާ އެދުނެވެ. އޭރު ކެންޒާ ބަދިގެއިން ނުކުންނަން ތައްޔާރުވަނީއެވެ.

"މިރޭ... އެބައޮތް ކަމެއް." ލައިރާގެ އެދުން ޤަބޫލުކުރެވެން ނެތީމަ ކެންޒާ ދެރަވިއެވެ. އެހެންނަމަވެސް މިރެއަކީ އޭނާއަށް ވަރަށް މުހިންމު ރެއެކެވެ.

"އިޓްސް އޯކޭ... ގުޑްނައިޓް..." ލައިރާ ބުނެލިއެވެ. އޭނާ ބަދިގެއިން ނުކުންނަން ގަސްދެއްނުކުރިއެވެ.

"ތިހެން އެކަނި އިންނާނީތަ؟" ދާން އުޅެފައި ވެސް ކެންޒާ ހުއްޓުނެވެ.

"ޑޯންޓް ވޮރީ. އިރުކޮޅަކު ކާން ރެޑީ ކުރާނެ... ސެހެރް ވެސް އަންނާނެ..." ލައިރާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެހެންނަމަވެސް އެ ހިނިތުންވުމުގައި އުފާވެރިކަމެއް ނުވާކަން ކެންޒާއަށް އެނގެއެވެ. ކުރެވޭނެ އިތުރުކަމެއް ވެސް ނެތެވެ. އެހެންވެ ބަދިގެއިން ކެންޒާ ނިކުންނަން އައެވެ.

މަގުމަތީގައި ލައިތު މަޑުކޮށްލައިގެން ހުއްޓެވެ. ކެންޒާ ނުކުތުމާއެކު ކާރާ ދިމާއަށް ލައިތު އިޝާރާތްކޮށްލިއެވެ.

"އަހަރެން ގެއަށް ގޮސް ފްރެޝްވެލައިގެން ގުޅާނަން، ވަރަށް ހޫނުވެފަ މިހުރީ." ކެންޒާ ބުންޏެވެ.

"ކަމް ވިތް މީ" ލައިތު ބުނެލިއެވެ. އޭނާއަށް ބަލަން މަޑުކޮށްލާފައި ކެންޒާ ހިނގައިގަތެވެ. އޭނާ ގެއަށްދާން ލައިތު ބޭނުންނުވަނީކަން ކެންޒާ ދެނެގަތީއެވެ. ދެކޮޅު ހަދާފައި ކެންޒާ ދާން އުޅެފިނަމަ ލައިތު ދެން އަޅާ ފިޔަވަޅު ގޯސްވާނޭކަން ކެންޒާގެ ޟަމީރު ވެސް ދެނެގެންފިއެވެ.

ކާރުގެ ދޮރުފަތް ލައިތު ހުޅުވާލިއެވެ. ކެންޒާ އަރަން އުޅެންފެށުމުން އޭނާއާ ފުރަގަހުން ލައިތު ގާތްވެލިއެވެ. ކެންޒާގެ ހަރަކާތްތައް ހުއްޓި މަޑުޖެހެވުނެވެ. އިސްތަށިގަނޑުން ފެށިގެން އައިސް ކެންޒާގެ ކަރުދޮށުން ލައިތު ވަސްބެލުމުން ކެންޒާ ދުރަށް ޖެހިލެވުނެވެ. އެހެންނަމަވެސް ދުރަށް ޖެހޭނެ ޖާގައެއް ނެތެވެ.

"ނުބައިވަހެއްނުދުވާ" ލައިތު ބުނެލިއެވެ. އެހިނދު އޭނާގެ މޭގައި ކެންޒާ އަތްއަޅައި ދުރަށް ކޮށްޕާލިއެވެ. އަދި އޭނާއަށް އެރޭ އެންމެ ހަލުވިކޮށް ކާރަށް އަރާ އިށީނެވެ. ލައިތު އެފަދައިން އޭނާގެ ގައިން ވަސްބަލާފާނޭ ކެންޒާ ހިޔެއްނުކުރެއެވެ. އޭނާ ގަސްދުކޮށްގެން ހުރީ ފެންވަރާ ތާޒާވެލައިގެން ހުރެ ލައިތުއާ ބައްދަލުކުރާށެވެ. އެކަމަކު އެ ފުރުޞަތު ނުލިބިދާނޭކަމުގެ ވަހުމް ހިތުގައި މާކުރިން ވެސް އޮތެވެ. ލައިތު ހުންނާނީ ކެންޒާގެ މަސައްކަތް ނުނިމިގެންނޭ އޮތީ ހީވެފައެވެ.

އާދައިގެ ދުވެއްޔެއްގައި ދުއްވަމުން އައި ކާރު މަޑުވީ ހުޅުވާލެއަށެވެ. ކާރުން ފައިބައިގެން އަތިރި މައްޗަށް ލައިތުއާއެކު ކެންޒާ ފޭބިއެވެ. ލައިތުއާ އެއްވަރަށް ހިނގަން ކެންޒާއަށް އުނދަގޫވިއެވެ. އެކަން ލައިތަށް ވިސްނުނީ ކަންނޭނގެއެވެ. ހިނގުން މަޑުކޮށްލައި ކެންޒާގެ އަތުގައި އޭނާ ހިފާލިއެވެ. ކުއްލިއަކަށް ކެންޒާއަށް އަތްދަމައިގަނެވުނެވެ. އެއްގަމާ ދިމާއަށް އޭނާއަށް ބަލާލެވުނެވެ. މީހުން ބަލާނޭ އޭނާއަށް ހީވަނީ ކަންނޭނގެއެވެ. ލައިތުއާއެކު އޭނާ ހުންނައިރު އެ މަންޒަރުވާނީ ބަލާލަން ހުތުރު މަންޒަރަކަށޭ ކެންޒާއަށް ހީކުރެވެނީއެވެ. އެ ދެމީހުން ފެނުމުން ފާޑުފާޑުގެ ވާހަކަ ދައްކާނޭ ހީވަނީއެވެ. ލަދުގަންނަން ޖެހޭ ފަދަ އަޑެއް އިވިދާނޭތީ ކެންޒާއަށް ވިސްނެނީއެވެ. ލައިތުއާއެކު ހުއްޓާ އެފަދަ އަޑެއް އިވިއްޖެނަމަ އޭނާ މާބޮޑަށް ލަދުގަންނާނެއެވެ. ހިތަށް އުނދަގޫވެ ދެރަވާނެއެވެ.

"ޕެންޑާ..." ހާސްވެފައި ހުރި ކެންޒާއަށް ލައިތު ގޮވާލިއެވެ. އަލުން އެ އަތުގައި އޭނާ ހިފާލިއެވެ. ވަކިކޮށްނުލެވޭނޭ ވަރަށް ލައިތުގެ އަތް ބާރުކޮށްލިއެވެ.

އާދެވުނީ ވަރަށް ދުރަށްކަން ކެންޒާއަށް އެނގުނީ ލައިތުގެ ފިޔަވަޅު މަޑުޖެހުމުންނެވެ. އޭރު އެތަނުގައި އެ ދެޒުވާނުން ފިޔަވާ އިތުރު މީހަކު ނެތެވެ. ދުރަށް ހިނގުމުގެ ސަބަބުން ކެންޒާގެ ނޭވާ ހުރީ ކުރުވާގޮތްވެފައެވެ. އެއްގަމާ ދިމާ ފޮރުވިފައިވީ ބޯގަސްތަކުންނެވެ. ހިމޭން ފަޒާގައި އިވެމުންދިޔައީ ރާޅުފަށުގައި ލޮނުގަނޑުގެ ބޮސްދިނުންތަކުން އުފެދޭ މިއުޒުކުގެ އަޑެވެ. އެއްގަމާ ވީފަރާތުން ފަސްގަނޑު އުސްކޮށް އޮތްދިމާއަށް ލައިތު އިޝާރާތްކޮށް އެތަނުގައި އިށީނުމަށް ބުންޏެވެ. އެފަދަ ތިރި ތަންތަނުގައި އިށީނުމަކީ ކެންޒާއަށް ފަސޭހަކަމެއްނޫނެވެ. އިށީނދެފައި ތެދުވަން އުނދަގޫވާތީއެވެ.

"ބައިންދަންވީތަ؟" ކެންޒާ ވިސްނަން ހުރިހެން ހީވެ ލައިތު ބުނެލިއެވެ. ކެންޒާ ދެފަރާތަށް ބޯހޫރާލިއެވެ.

"ހިފާ.... ދެން އިށީނދޭ" ލައިތު އަތްދިއްކޮށްލައި، އެ އަތުގައި ކެންޒާ ހިފުމުން އޭނާ އިށީންނަން ބުނެ އެހީތެރިވިއެވެ. ކެންޒާ އިށީނުމުން އޭނާގެ ދާދި ގާތުގައި ލައިތު އިށީނދެއްޖެއެވެ. ބަނޑުގެ މަސްގަނޑު ފިތުނަ ނުދޭން ކެންޒާ ކުރިއަށް ދެފައި ދަމާލިއެވެ.

"އައި މިސްޑް ޔޫ" އިރުކޮޅަކު އިނދެފައި ލައިތު ބުންޏެވެ. ލައިތުއަށް ބަލާލައި ކެންޒާ ލުއި ހިނިތުންވުމެއް ދިނެވެ.

"ޓެލް މީ... އަހަރެން މީނީ އަޑުއަހަން" ލައިތު ބުނެލިއެވެ.

"އަހަންނަށް އަދިވެސް ޤަބޫލެއްނުކުރެވޭ." ކެންޒާ ބުންޏެވެ.

"ކޮންކަމެއް؟" ލައިތު އަހާލީ އެނގިހުރެއެވެ.

"ލައިތުއަށް އަހަރެން ކަމުދާންވީ ސަބަބެއް؟... އަހަރެމެން ދެމީހުންނަނީ ވަރަށް ތަފާތު ދެމީހުން." ކެންޒާ ބުންޏެވެ.

"އަހަންނަށް ޕެންޑާ ކަމުދޭ. އެކަން ޕްރޫވްކޮށްދޭންވީ ކިހިނެއް؟. ޕެންޑާ ލައިކެއް ނުވޭތަ؟. އަހަންނަކަށް ތިބުނާ ތަފާތުތަކެއް ފާހަގައެއްނުވޭ." ލައިތު ކުޑަކޮށް އެނބުރިލިއެވެ. ކެންޒާގެ ވައަތްތިލަ ނަގައި އޭނާގެ ކަނާއަތްތިލަ މަތީ ބާއްވާލިއެވެ.

"އަހަރެންގެ އަމިއްލަ ނަފްސު ފިޔަވާ މީހަކަށް ދޭނޭ އެއްޗެއްނެތް." ކެންޒާ ބުންޏެވެ.

"އެވަރުން ފުދޭނެ." ލައިތު ވަގުތުން ބުނެލިއެވެ.

"އަހަރެންގެ ބައްޕައަކީ ހުއްޓެއްކަމަކު ނެތް މީހެއް. މަސްތުވާތަކެތީގައި ހަލާކުވެފައި ހުރި މީހެއް. މަންމައާއި ބޭބެއަކީ ވެސް މިއަދު އަހަރެންގެ ޒިންމާއެއް. އެމީހުންގެ މަސްއޫލިއްޔަތު އުފުލައި، ޢާއިލާގެ ޚަރަދު ބަލަހައްޓާ މީހަކީ އަހަރެން. ހުރިހާކަމަކަށްވުރެ އެންމެ އިސްކަމެއް އަހަރެން ދެނީ އެމީހުންނަށް. ދުވަހަކުވެސް އެމީހުންނާ ވަކިވެވޭކަށް ނޯންނާނެ." ކެންޒާ އިސްޖަހާލިއެވެ. އެގޮތް ލައިތަށް ކަމަކުނުދިޔައެވެ. އޭނާ ކެންޒާގެ ކޯތާފަތުގައި ހިފާލައި އެ މޫނު އޭނާއާ ދިމާއަށް އުފުލާލިއެވެ.

"ކެން ޢާއިލާކަމުގައި ދުށް ކޮންމެ މީހަކީ އަހަރެންގެ ވެސް ޢާއިލާކަމުގައި ދެކޭނަން." ލައިތު ހާމަކުރިއެވެ.

"އަހަރެން ހިޔެއްނުކުރަން މީހަކުދެކެ މިހާ ލޯބިވެވިދާނެކަމަށް. މިހާރު އަބަދު ވިސްނެނީ ލައިތުއާމެދު. އައި އޭމް އިން ލަވް ވިތް ޔޫ. ދެން ކިހިނެއް އިތުރު މީހެއްގެ ހައްޤަކަށްވާނީ." ކެންޒާގެ ނަޒަރުވީ ލައިތުގެ ލޮލާ އަމާޒުކޮށްލެވިފައެވެ. އޭނާގެ ކޯތާފަތުގެ ދެފަރާތުން ލައިތު ހިފާލިއެވެ.

"އަދި އެއްފަހަރު ބުނެބަލަ." ލައިތުގެ އަޑު މަޑެވެ. އޭނާގެ ނިތްކުރި ގެނެސް ކެންޒާގެ ނިތްކުރީގައި ޖައްސާލިއެވެ.

"އެހެންމީހަކު ދެކެ ދެން ދުވަހަކުވެސް ލޯތްބެއް ނުވެވޭނެ. އައި ލަވް ޔޫ... އައި ލަވް ޔޫ... ލައިތު!... އައި ޖަސްޓް ވޯންޓް ޓު ބީ ޔޯސް... މޭކް މީ... ޔޯސް ފޮރެވާ..." ކެންޒާގެ އަޑު ވެސް އައީ މަޑުންނެވެ.

(ނުނިމޭ)