ހަބަރު

ސަފާރީ މައްސަލާގައި ހިމެނޭ ފުލުހުންގެ މައްސަލަ ބަލަނީ

Jun 30, 2020
4

ހުޅުމާޅެ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ތަހުގީގު ކުރާ ފުލުހުންގެ މައްސަލަ ބަލަމުންދާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އަންހެންމީހާ ޖިންސީ ގޯނާގެ މައްސަލަ ރިޕޯޓް ކޮށްފައިވަނީ ހުޅުމާލެ ޖެޓީއިންނެވެ. އޭރު އެމީހާއަށް ޖިންސީ ގޯނާކުރި މީހުން ވެސް ޑިންގީއެއްގައި ތިބި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ސަރަަހައްދުން އެ ތިން މީހުން ފުލުހަށް ގެންގޮސް ސުވާލުކޮށްފައިވެ އެވެ. ނަމަވެސް ތުހުމަތުވާ ދެ މީހުން ހައްޔަރު ކުރާނެ ތަނެއް ނެތް ކަމަށް ބުނެ ދޫކޮށްލި އެވެ. މިކަމާ ގުޅިގެން އެ ތަހުގީގާމެދު ދަނީ ސުވާލު އުފައްދަމުންނެވެ.

މައްސަލާގައި ތުހުމަތުވާ މީހުންނަކީ ސަރުކާރުގެ ނުފޫޒު އޮތް ބަޔަކަށްވާތީ، އެމީހުން ދޫކޮށްލަން ފުލުހުންނަށް ޖެހުނީ މަތިން އޯޑަރުތަކާ ގުޅިގެން ކަމަށް ވެސް އަޑު ވަނީ ފެތުރިފަ އެވެ. ނަމަވެސް އެކަން ފުލުހުން ދޮގު ކުރެ އެވެ. މި މައްސަލައަށް ވެސް އެއްވެސް ނުފޫޒެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.

ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަފާރީ މައްސަލާގައި ހިމެނޭ ފުލުހުންގެ އިހުމާލެއްވޭތޯ ޕޮލިސް ޕްރޮފެޝަނަލް ސްޓޭންޑާޓްސް ކޮމާންޓްއިންނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި އެޗްއާރްސީއެމްއިން ބަލަމުންދާ ކަމަށެވެ. އެ ތަހުގީގު ނަތީޖާއަށް އިންތިޒާރުގައި ހުންނެވި ކަމަށް ވިދާޅުވި އެވެ.

އަބަދުވެސް ގަބޫލު ކުރައްވާ ގޮތުގައި ކޮންމެ ފުލުސް އޮފިސަރަކަށް ވެސް މިނިވަންކަމާއެކު މަސައްކަތް ކުރެވެން ޖެހޭނެ ކަމަށް ހަމީދު ވިދާޅުވި އެވެ. ހަމީދު ވިދާޅުވީ ފުލުހުން އަމަލު ކުރަންވީ ގޮތް ގާނޫނުތަކާއި ގަވައިދުތަކުގައި ލިޔެވިފައިވާ ކަމަށެވެ.