(28 ޖޫން 2020 އާ ގުޅޭ)
"އަދި އެއްފަހަރު ބުނެބަލަ." ލައިތުގެ އަޑު މަޑެވެ. އޭނާގެ ނިތްކުރި ގެނެސް ކެންޒާގެ ނިތްކުރީގައި ޖައްސާލިއެވެ.
"އެހެންމީހަކު ދެކެ ދެން ދުވަހަކުވެސް ލޯތްބެއް ނުވެވޭނެ. އައި ލަވް ޔޫ... އައި ލަވް ޔޫ... ލައިތު!... އައި ޖަސްޓް ވޯންޓް ޓު ބީ ޔޯސް... މޭކް މީ... ޔޯސް ފޮރެވާ..." ކެންޒާގެ އަޑު ވެސް އައީ މަޑުންނެވެ.
ކެންޒާގެ ލަފުޒުތައް އަތުރާލީ ލައިތު ހިތް އެދޭނޭ ގޮތަށެވެ. އެފަދަ ހުވެފެނީ ގޮތަކަށް ކެންޒާ ލޯތްބަށް އިއުތިރާފުވީ ގަސްދުގައެވެ. އެކަމަކު އެފަދައިން ވާހަކަދައްކަންވުމުން އޭނާ ލަދުގަނެ ޖެހިލުންވާގޮތް ވެސް ވިއެވެ. އެ ހުރިހާ ޖަޒުބާތެއް އެއްފަރާތްކޮށްލައި ދުލުން ހިތުގެ ހާލު އިއްވާ ދެވުނު ހިނދުން، ބަޔާންކުރަން ނޭނގޭ ފަދަ އުފާވެރިކަމެއް ކެންޒާއަށް ލިބިއްޖެކަން ގައިމެވެ. ހަޤީޤަތުގައި އޭނާ ލައިތުގެ މައުޝޫޤާއަށް ވެވިއްޖެކަމުގެ އިޙްސާސްތަކަށް ޔަގީންކަމެއް ލިބުނީ އަދިކިރިޔާއެވެ. މަޑުމަޑުން، ލަސްލަހުން ވިޔަސް، ކެންޒާގެ ހިތުގައި ލައިތުގެ ނަން ލިޔެވި ނިމިއްޖެއެވެ.
އިންސްޓަގްރާމުންނާއި އެ ނޫން ވެސް ސޯޝަލް މީޑިއާގެ އެތަން މިތަނުން ބަލަމުން އައި ރީތި ފިރިހެނުންގެ ސޫރަތަށް ފަހަތަށް އޮބި ފުސްވެ ހިޔަނިތަކަށްވެ ނިމިއްޖެއެވެ. މިހާރު ކެންޒާއަށް ފެންނަ އަދި ބަލަން އެދޭ ހަމައެކަނި ސޫރައަކީ ލައިތެވެ. އެ ދިގު އިސްކޮޅާއި ކަސްރަތީ ހަށިގަނޑެވެ. އެ ވަރުގަދަ ބުމައިގެ ދަށުގައިވި ކަޅުކޮފީ ކުލައިގެ ދިހުން އަރާ ޖާދުވީ ލޮލާއި ހުދުދަތްތައް ފެންނަވަރަށް ހީނލާ ދެތުންފަތުގެ އަސަރުގައި ކެންޒާވަނީ ޖެހިފައެވެ. ލައިތުގެ ބީހުންތައް އިޙްސާސް ކުރެވޭ ކޮންމެ ހިނދަކު ކެންޒާގެ ހިތުގެ ހިނގުން އަވަސްވެއެވެ. އެ ވިންދު އަވަސްވުމާއި ނޭވާކުރުވުމާއި، ޖެހިލުންވުމަށް ކެންޒާ ގަޔާވެއްޖެއެވެ. އެހެންނޫންނަމަ އޭނާ އެފަދަ ގާތްކަމެއް ބޭއްވުމަށް، އެ ފުރުޞަތު އެއްވެސް ފިރިހެނަކަށް ކެންޒާ ނުދޭނެއެވެ.
ކެންޒާ ކިޔާދިނުމުގެ މާކުރިން ވެސް އޭނާގެ ބައްޕަގެ ގޮތް ލައިތަށް އޮތީ އެނގިފައެވެ. ކެންޒާގެ މަންމަ ފެނިފައި ހުއްޓެއްކަމަކު ދުވަހަކު ވެސް އޭނާއާ ބައްދަލެއް ނުވެއެވެ. ހަމަ އެގޮތަށް ކެންޒާގެ ބޭބެކަން ނޭނގުނަސް ކެންޒާއާއެކު ފިރިހެން ކުއްޖަކު ވެސް އޭނާ ދުށްޓެވެ. ލައިތުއާ ގާތުން ބައްދަލުވެ ވާހަކަދެއްކީ ހަމައެކަނި ކެންޒާ އެކަންޏެވެ. އެކަމަކު އޭނާ އެ މާޒީ އަލުން ނިއުޅަން ބޭނުންވަނީ ފަހުންނެވެ.
"ލަވް... ޔޫ..." ކެންޒާގެ ކަންފަތް ދޮށުގައި ލައިތު ބުނެލިއެވެ. އެ ތުންފަތުގެ ބީހުން އިޙްސާސްވާނޭހާ ކައިރިވެލަމުންނެވެ. ސިއްރުސިއްރުންނެވެ. ދުރުވެލުމުގެ ކުރީން ލޯތްބާއެކު ކެންޒާގެ ކޯތާފަތުގައި ބޮސްދީފައި ކަނާއަތުން އެ ކޮލުގައި ލައިތު ފިރުމާލަދިނެވެ.
"އަހަރެންނަށްވުރެ ޕެންޑާދެކެ ލޯބިވާނޭ މީހަކު ނުހުންނާނެ" ލައިތު ޔަގީންކަމާއެކު ބުނެލިއެވެ. ކެންޒާއަށް ހީނލެވުނެވެ.
"ދުނިޔޭގައި ހުރެ މުސްކުޅިވެ، ގައިބާރު ދެރަވާ ދުވަހު، އަހަރެންގެ ގާތުގައި ދެގޮތެއްނުވެ ހުރި ބައިވެރިއަކީ ލައިތުނަމަ، ތިބުނި ބަހުގެ ޔަގީންކަން ސާބިތުކޮށްދެވިއްޖެކަން ޔަގީންކުރާނަން." ލުއި ހިނިތުންވުމާއެކު ކެންޒާގެ ކަނާއަތްތިލަ ހިއްލާލައި ލައިތުގެ މޫނުގައި ޖައްސާލިއެވެ. މަޑުމަޑުން ލައިތުގެ ތުނބުޅީގައި ކެންޒާގެ އިނގިލިތައް ހަރަކާތްކޮށްލިއެވެ. އެއަތަށް ބޮލުގެ ބަރު ދޫކޮށްލާ ފަދައަކުން ލައިތު ބޯއަރިކޮށްލިއެވެ. ކެންޒާގެ އަތްތިލަ މަތިން އޭނާގެ އަތްތިލަ ޖައްސާލިއެވެ.
"އެދުވަސް އިރާދަކުރެއްވިއްޔާ ފެންނާނެ." ލައިތު ބުނެލިއެވެ.
"ކެންގެ ބޯއިފްރެންޑް ކައިރީ ކީކޭ ބުނީ، އޭނާ ރިއެކްޓްކުރީ ކިހިނެއް؟. ރުޅި އައިތަ؟." ކެންޒާ ވާހަކައެއް ނުދައްކާ އިންނަން ފެށުމުން ލައިތު އަހާލިއެވެ. އެ ސުވާލުތަކުން ޚުދު އޭނާއަށް ހިރާއާ މެދު ކަންތައްކުރަންވީ ގޮތެއް އެނގިދާނޭކަމުގެ އުންމީދުގައެވެ.
"ކީއްކުރަން އެޔެއްބަލަނީ؟. އަހަރެންގެ ބުނުން ނުފުދޭތަ؟." ކެންޒާ ބުނެލިއެވެ. އޭނާ ވެސް ހަޤީޤަތް ސިއްރުކުރީއެވެ. ސަބަބެއް ނެތިއެއްނޫނެވެ.
"ނުފުދޭތީއެއްނޫން. މައްސަލަގަނޑެއް އުފެދި އޭނާ ޕެންޑާއަށް ނަފުރަތުކުރާނޭ ހިތަށް އަރާތީ" ލައިތު ހާމަކުރީ އޭނާގެ ހާލަތާމެދު ވިސްނާ ހިތަށް އަރާ ގޮތެވެ.
"ގުޅުމެއްގައި ހުރެފައި އެހެންމީހަކު ޚިޔާރުކޮށް، އޭނާގެ މީހަކަށްވާން ނިންމާ ހިސާބުން ދެން އިތުރު ގުޅުމެއް އޮވެގެން ނުވާނެ ދޯ. އޭނާ ރުޅިއަޔަސް، ނަފުރަތުކުރިޔަސް... ތެދަށް ބުނުން ދޯ އޮތީ. ކީއްކުރަން އޮޅުވާލުމެއްގައި ބަހައްޓައިގެން އިތުރު ދުވަސްތަކެއް ނަގާލަންވީ. ނުބުނެ ހުއްޓާ ފަޅާއަރައިފިނަމަ އެގޮތް އަދި މާ ހުތުރުކަން ބޮޑު. ނޫންތަ؟" ކެންޒާގެ ވާހަކައަށް ލައިތު އެއްބަސްވޭތޯ އަހާލެވުނެވެ. ފާޑަކަށް އިނދެ ލައިތު ހޫންއެއް ލައްވާލިއެވެ.
"ޕެންޑާއަށް އަހަންނަށްވުރެ ރަނގަޅު މީހަކުވެއްޖެއްޔާ މިގުޅުން އެމީހަކަށް ޓަކައި ކަނޑާލާނަންތަ؟" އިރުކޮޅަކު ވިސްނަން އިނދެފައި ލައިތު ސުވާލު ކޮށްލިއެވެ.
"އައި ޑޯންޓް ތިންކް ސޯ. ލައިތު އަހަންނަށް ބޭވަފާތެރިވެދާނަންތަ؟. ރީތި އަންހެންކުދީންގެ ފުރުޞަތުތައް ލައިތުއަށް ލިބޭނެކަން އެނގޭ. އަހަންނަކީ ލައިތުގެ ފުރަތަމައެއް ވެސް ނޫން." ކެންޒާ ބުންޏެވެ. އެހިނދު ކެންޒާއާ ގާތަށް އަނެއްކާ ވެސް ލައިތު ޖެހިލައިފިއެވެ.
"ދެޓް ޑަޒަންޓް މެޓާ. ތީ އަހަރެންގެ އެންމެ ފަސް. ދެން އެއްވެސް އަންހެނެއް ނާންނާނެ އަހަރެންގެ ލައިފަށް. އެންޑް އައި ޕްރޮމިސް. އައި ވޯންޓް... އެވާ... ޗީޓް އޮން ޔޫ. ޓްރަސްޓް މީ. އަހަރެން މިގުޅުމާމެދު ވަރަށް ބޮޑަށް ސީރިއަސް. މިހާ ޔަގީންނުވޭ ދުވަހަކުވެސް. އެއްވެސް އަންހެންކުއްޖަކާމެދު. އަހަރެން ކެންއަށް ހާޓްއެއްނުކުރާނަން." ލައިތު ބުންޏެވެ.
"މަންމަމެން ވަރަށް އަވަހަށް އެބާދެ މާލެ. މިވަގުތު ތިބީ އިންޑިއާގަ. އަހަރެންގެ މަންމައާއި ބޭބެއަށް އަހަރެން ހިތްހަމަޖެހޭ ކޮންމެ ގޮތެއް ކަމުދާނެ. އެމީހުން އަހަރެން ޚިޔާރުކުރާ މީހަކަށް ފާޑެއްނުކިޔާނެ. މިގުޅުމަށް ހުރަހެއްނެތް. އެކަމަކު... ތި ޢާއިލާ..." ކެންޒާގެ ވާހަކަ ނުނިމެނީސް ލައިތު ވާހަކަދެއްކިއެވެ.
"އެމީހުންގެ ނުފޫޒެއް ނުފޯރާނެ. އަހަރެން އެ މުއްސަނދިކަމާއި، އެ ޢާއިލާގެ ނަމެއްނެތި. އަމިއްލަ ނަފްސައިގެން ކެންޒާގެ ގާތަށް އަތުވެއްޖެނަމަ މިރޭ ތި އިއުތިރާފުވީހެން އަހަރެންދެކެ ލޯބިވާނަންތަ؟. އެނިކަމެތި ކަމުގައި އަހަރެން ބަލައިގަނެދާނަންތަ؟" ލައިތުގެ ނަޒަރުގައި އޭނާ އެބުނީ ވަރަށް ބޮޑު އެއްޗެކެވެ. އެތައް ސިއްރެއް އެކުލެވިފައިވި ވާހަކައެކެވެ.
"ލައިތުގެ ޝަރަފާއި، ޢާއިލީ ލަގަބާއި، މުއްސަނދިކަން ދެކެ ލޯބިވާ ވާހަކައެއްނޫން ބުނީ... އަހަރެން ލޯބިވަނީ ލައިތުދެކެ. ތި ނަފްސުދެކެ. އެއްވެސް އެއްޗެއް ނެތް ހާލުގައި ލައިތު ވީ ނަމަވެސް އަހަރެންގެ ހިތް ބަދަލެއްނުވާނެ. އަހަންނަށް މަސައްކަތްކުރަން އެނގޭ. ދިރިއުޅުން މިދެއަތުން އާރާސްތުކުރަން މަސައްކަތް ކުރާނަން. އަހަންނާއެކު ލައިތު، ތި ނަފްސު ހުރިހާ ދުވަހަކު، ހިތްވަރެއް ދޫކޮށެއްނުލާނަން. އެކަމަކު އެފަދަ ދިރިއުޅުމެއްގައި ލައިތުއަށް ކެތްކުރެވިދާނެތަ؟." ކެންޒާ ބުންޏެވެ. ލައިތުގެ ދެ ލޮލުން ވިދުވަރެއްގެ އަސަރު ފާޅުވެލި ކަހަލައެވެ. އަވަސް ހަރަކާތުގައި އޭނާ ކެންޒާގެ މޫނުގައި ދެއަތުން ހިފާލުމާއެކު ގާތްކޮށްލައިފިއެވެ. ފުންލޯބީގެ އަސަރުގައި ޖެހި ލައިތަށް ދުރުގައި އިނުން އުނދަގޫވީއެވެ. މިރޭ އޭނާގެ ކުރިމަތީ އެ އިނީ މުޅި ދުނިޔޭން ވެސް އޭނާ އެންމެ ހިތްއެދޭ ގަޔާވާ، އެންމެ ރީތި އަންހެންކުއްޖާ ފަދައެވެ. އެ ދެލޮލަށް ކެންޒާގެ ފުރިހަމަކަން ނޫން ދެވަނަ އަދާއެއް ނުފެނެއެވެ. ލޯބިން ގޮސް ހިތް ހުއްޓުނިއްޔާ މިރޭ ލައިތުގެ ހިތުގެ ހިނގުން އަވަސްވީވީނުން ހުއްޓޭނެކަން ޔަގީނެވެ.
"ލަ..އި..ތު..." ލަދުވެތި ގޮތަކަށް ކެންޒާ ގޮވާލިއެވެ. ތުންފަތުގައިވި ތެތްކަން މާނޫން ގޮތަކަށް އަތުގެ ނުފުށުން ކެންޒާ ފުހެލީ ނިކަން ބޮޑަށް އިސްއޮބާލަމުންނެވެ. ކެންޒާގެ ކަންފަތްދޮށުން ލައިތު ހީނލިއަޑު އިވުނެވެ.
"އައި ކާންޓް ހެލްޕް އިޓް. އައި އޭމް ޓްރައިން ހާޑް، ނޮޓް ޓު ބީ އަ ކްރޭޒީ ޕާވާޓް." ހީނލުމުގެ އަސަރާއެކު ލައިތު ބުނެލިއެވެ.
"ޓްރައި ހާޑާ... އެންޑް ސްޓޮޕް ކިސިން މީ" ކެންޒާ މަޑުމަޑުން ބުނެލިއެވެ.
"އަހަރެންގެ ޕެންޑާއާއެކު ކެތްނުކުރެވޭނެ އެއްވެސް ހާލަތެއް އިރާދަކުރެއްވިއްޔާ ކުރިމައްޗަށްނުވާނެ." ކެންޒާގެ ދަތްދޮޅީގައި ހިފާ އުފުލާލައި ނަޒަރު ސީދާކުރުވަމުން ލައިތު ބުނެލިއެވެ.
"ދެން ހިނގާ ދާން" ކެންޒާއަށް ބުނެވުނެވެ. ދެމެދުގައި ހިނގަން ނޭދޭ ފަދަ ކަމަކަށް އިޚްތިޔާރުން ބޭރުގައި ދަޢުވަތު ދެވިދާނޭކަމުގެ ބިރު ކެންޒާގެވިއެވެ. ލައިތު އޭނާ ގޮވައިގެން އައީ ވެސް އެފަދަ އެކަހެރި މާޙައުލަކަށެވެ. ފަނޑުއަލިކަމުގައި ފަހަތުގައިވި ބޯގަސްތަކުގެ ހިޔަނިތަކުގައި ފޮރުވިގެންނެވެ. ނޭވާގެ ހޫނުކަން އިޙްސާސްވާހާ ގާތުގައި ލައިތު އިނުންވީ އެފަދަ ކަމަކަށް މަގުފަހިވެދާނެކަމުގެ އަލާމާތަކަށެވެ.
"އިހަށް މަޑުކޮށްބަލަ. އަހަރެން ހިތްފުރޭވަރަށް އަދި ބަލާ ވެސް ނުލެވޭ. ހެނދުނު ފެނިލި ގޮތަށް މިއަދު އެއްކޮށް މިދިޔައީ ނުފެނި. ފޮޓޯއެއް ފޮނުވަން ބުނީމާ ވެސް ނުފޮނުވި." ލައިތު ނިކަން އަވަހަށް ބުނެލިއެވެ.
"އެހެންވީރު ތަންކޮޅެއް ދުރުގައި އިނދެބަލަ" ކެންޒާ ބުނެލިއެވެ. މަޢުނަވީ ހިނިތުންވުމަކާއެކު ލައިތު ބަލާލިއެވެ.
"މިތާކު ނެތެއްނު ބަލާނެ މީހަކު." ކެންޒާ މާނަކުރި ގޮތާއި ލައިތު ދިން ޖަވާބާ ގުޅުމެއްނެތެވެ.
"އެހެންވިޔަސް... މިހާ ކައިރީގަ ތިބޭކަށްނުވާނެ." ކެންޒާ ބުންޏެވެ. އަދި ދުރަށް ޖެހިލަން އުޅުނެވެ.
"އަހަރެން ކަމެއްނުކުރާނަމޭ." ކެންޒާގެ މުލައްދަނޑީގައި ހިފެހެއްޓުމާއެކު ލައިތު ބުނެލިއެވެ. ކެންޒާގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. ލައިތުގެ ޖިންސުގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީ އެވަގުތެވެ. ފޯނު ނެގުމާއެކު ރިންގު އޯފްކޮށްލިއެވެ. އަދި ވަގުތުން ކޯލު ކަނޑާލިއެވެ.
"ލައިތުގެ ޕީއޭ ގުޅީމަ ވެސް ތިކަނޑާލީތަ؟. މުހިންމު ކަމަކުކަމަށް ވެދާނެއެއްނު." ކެންޒާ ބުނީ ލައިތުގެ ފޯނު ފެނިގެންނެވެ. އެހެންނަމަވެސް ލައިތު ފޯނުކޯލު ކަނޑާލައި ފޯނު ވެސް ނިއްވާލީއެވެ. އެ ގުޅަނީ ހިރާކަން އެނގޭތީއެވެ. އެ ގުޅަނީ، ފަހަރެއްގައި މިއަދު ހިރާ އޮފީހަށް ނައީމާ ވެސް އޭނާގެ ޚަބަރެއް ލައިތު ނުބެލީމަ ކަމަށް ވެދާނޭ ލައިތު ހިތަށް އެރިއެވެ.
"މިގަޑީގައި އެއްވެސް ކަމެއް މުހިންމެއްނުވާނެ." ލައިތު ބުންޏެވެ. ލިބުނު ނުތަނަވަސްކަން ލައިތު ފޮރުވާލީއެވެ.
އެކިއެކި ވާހަކައިގައި ދެ ޒުވާނުން ތިބިއިރު ދެމީހުން ވެސް ހަޔާތުގެ ހުރިހާ ކަމެއް ޚިއްޞާއެއް ނުކުރެއެވެ. ލައިތަށްވުރެ ދިރިއުޅުމުގެ ކަންކަން ކެންޒާ ހާމަކުރިލެއް ގިނައެވެ. ދިހައެއް ޖަހާ ދިޔަފަހުން، ކެތްނުވެގެން ކެންޒާ ބަނޑުހައިވާކަން ބުންޏެވެ. އޭރު ލައިތު ވެސް ހުރީ މެންދުރު ކޭ ގޮތަށެވެ. ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމުގެ ބަދަލުގައި އޭނާ ކެންޒާ ގޮވައިގެން އަވަހަށް ގެއިން ނުކުތީއެވެ. ހީނލާފައި ކާންދާން ލައިތު ބުނެލިއެވެ. އޭނާ ތެދުވިގޮތަށް ދެއަތް ކެންޒާއަށް ދިއްކޮށްލިއެވެ. އެ ދެއަތުގައި ކެންޒާ ހިފުމާއެކު އުނދަގުލަކާ ނުލައި ލައިތު އޭނާ ކޮޅަށް ނަގައިފިއެވެ. އެކަމަކު ދެއަތުގެ މަސްތަކަށް ވާންވެލިއިރު އޭނާ ކެންޒާ ނެގީ ބާރުލާފައިކަން ހާމަވެއެވެ. ކެންޒާގެ ބުޑުމަތީ ހޭކިފައި ހުރި ވެލިތައް ލައިތު ފޮޅާދޭން ފެށިއެވެ. ވަގުތުން ލައިތުގެ އަތުގައި ކެންޒާ ހިފެހެއްޓިއެވެ. އަމިއްލައަށް ފޮޅާލާނީކަން އޭނާ ހާމަކުރިއެވެ. ކެންޒާގެ އަތްތިލައިގަ ބާރަށް ހިފާލައިގެން ހުރެ ލައިތު ހިނގައިގަތީ އެނބުރި ދިއުމަށެވެ.
* * * * *
ދެ ދުވަސް ފަހެވެ. މަންމައާއި ބޭބެ ބަލާ އެއާޕޯޓަށް ދާން ކެންޒާ ބޭނުމެވެ. ނަމަވެސް ދެވޭގޮތް ނުވީ ކުލާހުގެ ވަގުތާއި ކަސްތޫރީމެންގެއަށް މެންދުރުގެ ކެއުން ތައްޔާރުކުރަން ޖެހޭ ވަގުތާ ދިމާވާތީއެވެ. ކުރީބައިގަ ކެންޒާ އެކަން މަންމައަށް އެންގިއެވެ. އެވަތަށް ނުދެވުނަސް ކެންޒާ ހުރީ މެންދުރުގެ މަސައްކަތް ނިންމާފައި އެނބުރި ކޮލެޖަށްނުދާށެވެ. އެއަށްވުރެ މަންމަމެން ދުށުމަށް ކެތްމަދުވެފައެވެ.
އަތްމަތި އަވަސްކޮށްލައި މެންދުރަށް ހުރި ބާވަތްތައް ތައްޔާރުކޮށް ނިމުނުހާއިރުން ކެންޒާ ގެއަށްދާން އަވަސްވެލިއެވެ. ބަދިގެއިން ނުނިކުމެވިގެން އުޅެނިކޮށް އެތަނަށް ޔާދިން އައިސް ވަދެއްޖެއެވެ.
"ދަނީތަ؟" ކެންޒާ އަވަސްއަރުވާލާފައި އުޅުނު ގޮތް ފެނި ޔާދިން އަހާލިއެވެ.
"ނިމުނީ..." ކެންޒާ ބުންޏެވެ.
"ކޮލެޖަށް ދޯ... ހިނގާ އަހަރެން ގެންގޮސްދީފާނަން" ޔާދިން ބުންޏެވެ. ކެންޒާއަށް ހިނދުކޮޅަކަށް ޔާދިންއަށް ބަލަހައްޓައިގެން ހުރެވުނެވެ. ދެންމެ ވާހަކަދެއްކީ ހަމަ ޔާދިންކަމެއް ޔަގީންނުވެފައެވެ. ކެންޒާއަށް ވީގޮތް ޔާދިންއަށް ނަގައިގަނެވުނު ކަހަލައެވެ.
"އަހަރެން ކެންއާ ވާހަކަދައްކާލަން ބޭނުންވެފަ މިހުންނަނީ. އެކަމަކު އެ ފުރުޞަތެއް ދުވަހަކު ނުލިބުނު. މީހަކު ނުހުންނަ ވަގުތެއް ނުދޭ.... ކާރުގައި ކޮލެޖަށްދާ މަގުމަތީ އެޓްލީސްޓް ވާހަކަދައްކާލަން ކަމަށް." ޔާދިން ބުންޏެވެ.
"ސޮރީ ޔާދިން. އެހެން ދުވަހަކުން ދޯ... އަހަރެން ވަރަށް އަވަހަށް ދާން މިދަނީ." ކެންޒާ ބުންޏެވެ. ޔާދިންއަށް ހީވީ ކެންޒާ ގަސްދުގައި އޭނާގެ ހުށަހެޅުން ބޮލާލާ ޖެހީހެންނެވެ. އޭނާ އަނގައިން ނުބުނެވިފައި ހުއްޓާ ކައިރިން އަޅާފައި ކެންޒާ ނުކުމެގެން ހިނގައްޖެއެވެ.
ޔާދިން ހޯދަން ބޭނުންވާ ފުރުސަތު ހޯދުން އޭނާ ހީކުރިހާ ފަސޭހައެއް ނުވިއެވެ. ހެނދުނާއި ރޭގަނޑު ކެންޒާ އެގެއަށް އަންނައިރު ލައިތު ހުންނާނީ އެ އަންހެންކުއްޖާ އައުމުގެ ކުރީން ފާރަށެވެ. ކެންޒާ އެނބުރި ދަންދެން ލައިތުއެކޭ މަލެއްގެ ކައިރިން ދުރަށް ނުދެވިގެން އުޅޭ މާބުރެކޭ އެއްވަރެވެ. އެދެމެދުގައި އޮތް ގުޅުން ދުވަހަކަށްވުރެ ދުވަހެއް ގާތްވަމުންކަން އަންނަކަން ޔާދިންއަށް ފާހަގަވެއެވެ. އެ ގުޅުން ބަދަހިވާކަށް އޭނާ އެއްގޮތަކަށް ވެސް ނޭދެއެވެ. ލައިތު ހިމާޔަތްކުރަން އެދޭ، ކެންޒާގެ ހިތުގައި ކޫރެއް އަޅުވާލެވިއްޖެނަމަ ޔާދިން އެދޭކަންތައް ހާސިލުކުރަން ނުހަނު ފަސޭހަވާނޭކަން އޭނާއަށް އެނގެއެވެ.
* * * * *
ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތަކީ ލައިތުމެންގެ ކުންފުނި ޚިއްޞާ ވާގޮތަށް ހަދަމުން އަންނަ ތަނަކަށްވާތީ އެތަނަށް އޭނާ އައީ އަންނަން ޖެހިގެންނެވެ. އިމާރާތްކުރުމަށް ހަވާލު ކުރެވިފައި އޮތް ކުންފުނީގެ އިސްވެރިންނާއެކުއެވެ. ކުރަން އައި މަސައްކަތް ނިމި، އިމާރާތުން އެންމެންނުކުތުމުން އާރިކު ހިނގައިގަތީ ކާރު ނެގުމަށެވެ. ރަތްދަކާ އަވީގައި ނުހުންނަން ވެގެން އިމާރާތުން އެޅިފައި އޮތް ކުޑަ ހިޔާކޮޅުގައި ލައިތު މަޑުކޮށްލައިގެން ހުއްޓެވެ. ދެންތިބި މީހުން ވާހަކައިގައި ތިބެ އެމީހުން އައި ކާރާ ދިމާއަށް ދިޔައެވެ. މަގުގެ އަނެއްފަރާތުގައި ހުރި އަންހެންކުއްޖަކު ބަލާކަން ލައިތަށް ފާހަގަވީ ދެނެވެ. ލޯބޮޑު ކަޅު އަވިއައިނަކުން އެ ދެ ލޯ ފޮރުވާލާފައި ހުއްޓެވެ. އިސްތަށިގަނޑު މައްޗަށް ހަރުކޮށްލާފައި ހުރި ގޮތުން ދޮން ކަނދުރާ އޮތީ ހާމައަށެވެ. އެއްކޮނޑު ވެއްޓިފައި އޮތް ކުރު ޓީޝާޓުގެ އެތެރެއިން ލާފައި ހުރި އެއްޗެއްގެ ވާކޮޅު އޮތީ ކަރުގައި އައްސާލެވިފައެވެ. ވީދިފައި އޮތް ކަހަލަ ޖީންސު ސޯޓުބުރީގައި އެ ދިގު ދެފައިގެ ބައްޓަމުގެ ނަލަކަން ފަލަމަސްގަނޑުގެ ބޮޑުބަޔާއެކު އޮތީ ހާމައަށެވެ. ނުބަލަން ވެގެން ލައިތުގެ ގަމީސް ޖީބަށް ޖަހާލާފައި އިން އަވިއައިނު ނަގާ އޭނާގެ ލޮލަށް ހެޔޮވަރު ކޮށްލިއެވެ. އަދި ފެންނަ ކަމަކަށް ނުހަދާ މޫނު އަނބުރާލައިގެން ހުއްޓެވެ. އެ އަންހެންކުއްޖާ ކިތަންމެ ބޭނުންވިޔަސް ލައިތުގެ ސަމާލުކަމެއް ނުހޯދޭނޭކަމުގެ ޔަގީންކަން ޚުދު ލައިތުގެ އަމިއްލަ ނަފްސަށް އޮތެވެ.
"ލައިތު... ލައިތުތަތީ..." މަގު ހުރަސްކޮށްލުމާއެކު ލައިތުގެ ކުރިމައްޗަށް އައިސް ހުއްޓެމުން އެއްކަހަލަ އަންހެންކުއްޖާ އެއްސެވެ. ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލައިގެން އޮފީސް ހެދުމުގައި ހުރި ލައިތުގެ ބޮލުން ފެށިގެން ތިރިއަށް އެ އަންހެންކުއްޖާ ނަޒަރު ހިންގާލުމާއެކު ތުންފަތުގައިވި ހިނިތުންވުން ފުޅާ ވެލިއެވެ.
"ނޭނގުނީތަ، ނޫނީ ނޭނގޭކަމަށް ހެދުނީތަ؟" އެ އަންހެންކުއްޖާ ހިނިއައިސްފައި ހުރެ ބުނެލިއެވެ. ލައިތު ދުރަށް ޖެހިލުމަށް ހިނގައިގަތެވެ. އެވަގުތު އާރިކު ވެސް ކާރުގައި އައިސް ކައިރިކޮށްލައިފިއެވެ.
"އަދިވެސް އިންޓްރެސްޓެއް ނެތްތަ؟... އޭރުގެ ޓިނޭޖް ބޯއީ ބޮޑުވެއްޖެ... މިހާރު އޭރަށްވުރެ މާބޮޑަށް ވެސް ހެންޑްސަމް ވެއްޖެ" އެ އަންހެންކުއްޖާ ބުނި އެއްޗެއް އިވި ކާރަށް އަރަން ދިޔަ ލައިތުގެ ފައިތިލަ ވަގުތުން ހުއްޓުނެވެ. އޭނާގެ ޠަބީޢަތަށް ނުބައި ގޮތްތަކެއް ވެގެން ހިނގައްޖެއެވެ. ނިކަން އަވަހަށް އޭނާ ފަސްއެނބުރި ބަލާލިއެވެ. އެހިނދު އެ އަންހެންކުއްޖާގެ ލޮލުން ތިރިއަށް އަވިއައިނު ޖައްސާލުމާއެކު ލައިތަށް އެއްލޯ މަރާލައިފިއެވެ. ލައިތުގެ މޫނުން އަސަރެއް ފާޅުނުވިޔަސް އޭނާގެ އަތްތިލަ މުއްކެވުނުތަން އެ އަންހެންކުއްޖާ ދުށްޓެވެ.
(ނުނިމޭ)