ހަބަރު

ވިޝާމް މަގާމުން ވަކިކޮށްފި

Sep 30, 2015

ޑްރަގާ އެކު ހައްޔަރު ކުރި އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއިލް ވިޝާމް އޭނާގެ މަގާމުން ވަކިކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ވިޝާމް ދިރިއުޅުއްވާ، މ. ހަނީ ޑިއު، ފާސްކުރި އިރު އެ ގޭގެ ތެރެއިން ބަނގުރަލާއި ހޭޝް އޮއިލް ފެނުނު މައްސަލައިގައި އޭނާގެ އަނބިކަނބަލުން ޕީޖީގެ ސީނިއާ ޕްރޮސިކިއުޓާ ހަނާ ވަހީދު ވެސް ހަމަ އެ ގެއިން ހައްޔަރު ކުރި އެވެ.

އޭޖީ އޮފީހުން ބުނީ ވިޝާމްގެ އެ މައްސަލައާ ގުޅިގެން މިހާރު އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ވިޝާމް އެ މަގާމަށް ހަމަޖެއްސީ ޖެނުއަރީ މަހު އެވެ. އދ ގެ އާބިޓްރަރީ ޑިޓެންޝަންގައި ހިނގަމުން އަންނަ ނަޝީދުގެ މައްސަލައިގައި ސަރުކާރު ދިފާއު ކުރެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ވިޝާމް އެވެ.

ހަނާއާ ދޭތެރޭ ފިޔަވަޅެއް އެޅިކަމެއް އަދި ނޭނގެ އެވެ. އެ ދެ މީހުން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އެ މީހުން ފަސް ދުވަހަށް ގޭ ބަންދަށް ބަދަލު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ވިޝާމް އަކީ މަޝްހޫރު ވަރަށް ގިނަ ކޭސްތަކުގައި ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ.