ދުނިޔެ

ހަމަލާގެ ފަހަތުގައި އޮތީ އިންޑިއާކަން ޝައްކެއްނެތް: ހާން

Jul 1, 2020

ކަރާޗީ (ޖުލައި 1) - ޕާކިސްތާނުގެ ދެކުނުގައި އޮންނަ ސިޓީއެއްކަމަށްވާ ކަރާޗީގައި ހުންނަ ސްޓޮކް އެކްސްޗޭންޖަށް ބަޑިހިފައިގެން ބައަކު ވަދެ ހޯމަ ދުވަހު ދިން ހަމަލާގެ ފަހަތުގައި އޮތީ އިންޑިއާކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ތުހުމަތު ކުރައްވައިފި އެވެ.

އެ ހަމަލާގައި އެ ތަނުގެ ދެ ގާޑުންނާއި ފުލުހަކު ވަނީ މަރުވެފަ އެވެ.

އަދި ސްޓޮކް އެކްސްޗޭންޖު ހުންނަ އިމާރާތުގެ މައި ގޭޓަށް ގްރެނޭޑު ހަމަލާއެއް ދިނުމަށްފަހު ބަޑިހިފައިގެން ވަދެ ހަމަލާދިން ހަތަރު މީހުން، ފުލުހުންނާއެކު ހިނގި ކުރިމަތިލުމުގެ ތެރެއިން ވަނީ މަރާލެވިފަ އެވެ.

"ހަމަލާގެ ފަހަތުގައި އޮތީ އިންޑިއާކަމާމެދު އެއްވެސް ޝައްކެއްނެތް،" ޕާލިމަންޓުގައި ވާހަކަ ދައްކަވަމުން ހާން ވިދާޅުވި އެވެ.

އެ ތުހުމަތުތަކަށް ބާރުލިބޭ ހެއްކެއްގެ ވާހަކަ ވިދާޅުނުވި ނަމަވެސް، ހާން ވަނީ ޕާކިސްތާނުގައި ހަމަލާއެއް ދޭން އުޅޭކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބުނު ކަމަށާއި، އެ ކަންބޮޑުވުން ކެބިނެޓާއެކު ހިއްސާ ކުރެއްވިކަމަށްވެސް ވިދާޅުވެފަ އެވެ.

ހާން ވިދާޅުވީ، ސްޓޮކް އެކްސޭންޖަށް ވަނީ 2008 ވަނަ އަހަރު އިންޑިއާގެ މުމްބާއީ ހަމަލާތަކާ އެއްގޮތަށް ގިނަ ބަޔަކު ރަހީނުކޮށްގެން މަރާލަންކަމަށާއި، ނަމަވެސް އެކަން ކާމިޔާބުނުވީ ސަލާމަތީ ބާރުތަކުގެ ކުޅަދާނަކަމުން ކަމަށެވެ.

ސްޓޮކް އެސްޗޭންޖަށް ދިން ހަމަލާގެ ޒިންމާ ނަގާފައިވަނީ އިންޑިއާ ސަރުކާރުން ވާގިދޭކަމަށް ޕާކިސްތާނުން ތުހުމަތުކުރާ ބަލޮކް ލިބަރޭޝަން އާމީ (ބީއެލްއޭ) އިންނެވެ.

ޕާކިސްތާނުގެ ހުޅަނގު ދެކުނު ޕްރޮވިންސެއްކަމަށްވާ ބަލޮކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތް ވަނީ 2006 ވަނަ އަހަރުން ފެށިގެން ބޭން ކޮށްފަ އެވެ. އަދި އެމެރިކާ އިން ވެސް މިދިއަ ޖުލައި މަހު ވަނީ ބީއެލްއޭ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.