ސަފާރީ ރޭޕް

ސަފާރީ ރޭޕް: އިންސާފު ނުލިބި އަޑިއަށް!

ހުޅުމާލޭ ފަޅުތެރޭގައި އޮންނަ ސަފާރީތަކުން، ބިޔަ ބޮޑު ރަށަށް ބަނގުރާލައި ބިޔަރު ބާލައިގެން ބޮއެ، އޭގެ ވިޔަފާރި ކުރާ ވާހަކަ އެއީ އާ ވާހަކައެއް ނޫނެވެ. އަދި އެއީ ނުފޫޒު ގަދަ ކޮންމެވެސް ބަޔަކު އޭގެ އަޑީގައި ތިބޭތީ އަޅާ ނުލައި "ދޫކޮށްލާފައި" އޮންނަ މަނާ އަދި ހަރާން ވިޔަފާރި އެކެވެ. އެހެންވިޔަސް ހުޅުމާލޭގެ ފަޅުގައި ދިޔަވަރު ބޮޑުވެ ދިޔަވަރު ހިކޭހެން އެކަން ހިނގަހިނގާ އޮވެ އެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ މިއުޅެނީ ހިސާބަކަށް ތަފާތެއް ވެގެނެވެ. އެ ރޭ ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު އޮބައި ބާއްވާ ރޭޕްކުރި މައްސަލައެއް މީޑިއާ ތެރެއަށް ފުންމާލީ އެވެ.

އިސްވެ އެ މައްސަލަ މީޑިއާއާ ފުރަތަމަ ހިއްސާކުރީ ފުލުހުންނެވެ. އެކަމަކު ފުލުހުން އެ މައްސަލައިގެ ސުރުހީއެއް ނޫސްވެރިންނަށް ދިނީ ޖެހިގެން އައި 26 ވަނަ ދުވަހު އެވެ؛

ނޫސްވެރިންނަށް މައުލޫމާތު ނުދިނުމާއި ނޫސްތަކަށް މައުލޫމާތު ދިނުން ހުއްޓާލުމާއި ޖެއްސުން ކުރުން ފަދަ އެތައް ހާދިސާއެއް ހިނގާތީ ޝަކުވާ ކޮށް ކޮށް މި ފަހުން "އިސްލާހު ކުރި" ފުލުސް މީޑިއާގެ ވަޓްސްއެޕް ގްރޫޕްގެ ތެރެއަށް ރޭޕްގެ މި މައްސަލަ އަތުވެއްޖެ އެވެ. އެއީ ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ފުލުހަށް ހުށަހަޅާފައި ވެއެވެ. އަދި "އެ މައްސަލައާއި ގުޅިގެން ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފީމެ" ވެ. ފުލުހުންގެ އިދާރާއިން މި ވަރަށް ބުނީމާ އެ އޮތީ ރޭޕް ކޭހެއް، އެހެންނާ، ހަށި ފޭރުމެއް ނުވަތަ އިތްފަތް ފޭރިގަތް ހާދިސާއެއް ހިނގާފައިކަން މާ ބޮޑަށް ސާފުވެ އެވެ.

ސަފާރީއެއްގެ ތެރޭގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ ބަޔަކު ބީދޭސީ އަންހެނަކު އޮބާ ބާއްވާ ރޭޕް ކުރި ހާދިސާއަކީ ހައިރާން ކުރުވި ހާދިސާއެކެވެ. އެކަމަކު އެއަށް ވުރެެ ބޮޑަށް އެންމެން ހައިރާންވީ ކުއްލި ގޮތަށް، ގިނަ ސުވާލުތަކެއް ވެސް އުފެދޭ ގޮތަށް އެ ދެ މީހުން ފުލުހުންގެ ބަންދުން ވީއްލުމުންނެވެ.

ޖިންސީ އެފަދަ ކުށުގެ މައްސަލަތަކުގައި ފުލުހުން މިހާތަނަށް ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުވުމުން ގިނަ ބަޔަކަށް ކަމަކު ނުދިޔަ އެވެ. އަދި އުފެދުނު ސުވާލުތައް ކުރާން ފެށި އެވެ. މީގެ ކުރިން މިފަދަ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ތަހުގީގަށް ބަންދުގައި ބައިތިއްބަން ކޯޓްގައި ވަކާލާތު ކުރަނީ ފުލުހުންނެވެ. އަދި ބަންދުގައި ބަހައްޓަން ވެސް އަދި ނުބަހައްޓަން ވެސް ކަނޑައަޅަނީ ކްރިމިނަލް ކޯޓްގެ ގާޒީ އެކެވެ. މި ފަހަރު ކޯޓާ ހަމައަށް ދިއުމުގެ ކުރިން ފުލުހުން އެ މީހުން ދޫކޮށްލީ އެވެ. އަދި ދޫކޮށްލި މައްސަލަ ރޯވެ އަނދައިގަތުމުން ބުނީ މާ ހެއްވާ ވާހާކައެކެވެ. އެއީ "އެ ދެ މީހުން ދޫކޮށްލީ ތަހުގީގަށް ބަންދު ކޮށްފައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން" ނެވެ.

ފުލުހުންގެ އިދާރާއިން އެހެން ބުނާތީ ނޫސްވެރިން ހުއްޓާ ނުލައި ސުވާލުތައް ކުރުމުން ވެސް ތަކުރާރުކޮށް ދިނީ އެ ޖަވާބެވެ. ނަމަވެސް އެ ދެ މީހުން ބަންދުގައި ބައިތިއްބުމަށް ފުލުހަށް އޮތް ހުރަސް ސޯޝަލް މީޑިއާގައި އޭރު ހާމަވެ ރީއްޗަށް ބޭޒާރު ވެއްޖެ އެވެ. އެއީ ހަމަ ހަގީގުގައި ވެސް ނުފޫޒުގަދަ "ރޯޔަލް" ބައެއްކަން ސާފުވެއްޖެ އެވެ. އެއީ ސަރުކާރުގެ އިސްވެރިންނާއި ގުޅުން އޮތް ބައެކެވެ. ކިތަންމެ ވަރަކަށް އަނބުރާ ހޭރިޔާކޮށް މިސްރާބު ބަދަލު ކުރިޔަސް މި ހަގީގަތަކަށް ފަހެއް ނުލެވޭނެ އެވެ.

ހަގީގަތް އެހެން އޮއްވާ ވެސް ފުލުހުން ގެންދިޔައީ އެ މައްސަލާގައި ވާހަކަދައްކަން ދެކޮޅު ހަދަމުންނެވެ. އަނެއްކޮޅުން ފުލުފުުލުގައި އެ ހާދިސާއާ ގުޅޭ ތަފާތު ވާހަކަތައް ވެސް ދިޔައީ ނުކުންނަމުންނެވެ. އެކި ފަހަރު އެކި ގޮތަށް އެކި ވާހަކަ އެވެ.

މައްސަލަ ހިމެނޭ ބާރުގަދަ ދެ މީހެއްގެ ވަށައި އެމީހުން ދިފާއުގައި ކުއްލިއަކަށް "މުއުޖިޒާތަކުން" އައި ބާރަކާ ހުރެ ގަންނާކުރެއްވި ބިރުން "މިހާތަނަށް ދޭންޖެހޭ މައުލޫމާތުދީ ނިމިފައިވާ" ކަަމަށް ބުނުން ފިޔަވައި އެހެން ވާހަކައެއް ދައްކާކަށް ފުލުހަކަށް ނުކެރުނެވެ.

ރާއްޖެއިން ބޭރުގެ މިޑިއާގައި ވެސް ކަވަރު ކުރި މި ހާދިސާއަށް އެހެން ވެގެން ދިޔައީ އެންމެ ފުރަތަމައިނުން ވެސް ފުލުހަށް ހެދުނު ވަރަށް ބޮޑު ގޯހެއްގެ ކަމަށް ވެސް ވެދާނެ އެވެ. އަދި ހާދިސާ ފެންމަތިވުމާއެކު އެއީ "ރޯޔަލް ބޭފުޅުންކޮޅެއް" ކަން އެނގި އެ ފަރާތްތަކުން ފުލުހުންގެ މައްޗަށް ބިލްޑްކުރުވި ޕްރެޝަރުގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ.

މި ދެ ގޮތުން ކުރެ ފަހު ގޮތަށް ބާރު ލިބޭ ކަމެއް ވެސް ދިމާވި އެވެ. އެ ކަމަކީ މި ހާދިސާ ފެންމަތިވެ މީޑީއާތަކަށް އައިތާ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި މައްސަލަ ނުބަލަން ހުޅުމާލޭ ފުލުހުންގެ ވެރިޔާއަށް ފުލުސް ކޮމިޝަނާ މުހައްމަދު ހަމީދު އެންގެވި ކަމަށް ބުނާ ވާހަކަތަކައް ސޯޝަލް މީޑިއާގައި އޮތެވެ. އެތަން ފެނި ނޫސްވެރިން އެ ސުވާލު ވެސް ތަކުރާރުކޮށް ކުރި އެވެ. -- އެ ވާހަކައަށް ފުލުހުން ޖަވާބެއް ނުދިނުމަކީ އަދި އެ ވާހަކަ ސޯޝަލް މީޑީއާގައި ދައުރުވުމަކީ އެހެން އެކަނމް ވެފައި އޮތުމަށް ލާޒިމުކުރާ ސަބަބެއް ނޫނެވެ. އެކަމަކު އެއީ އެކަން އެގޮތަށް ނުހިނގުމެއް ވެސް ނޫނެވެ. ކަމެއް އެނގެނީ ތަހުހީގެއް ކޮށްގެނެވެ. މި މައްސަލާގައި އެކަމެއް ނުހިނގި އެވެ.

ސަފާރީ ރޭޕާ ގުޅިގެން ފުލުފުލުގައި އާންމު ވަމުންދިޔަ އެކި ވާހަކަތަކާއެކު ފުލުހުން ވަނީ ހާދިސާއާ ގުޅޭގޮތުން ކުރިން ހާމަ ނުކުރާ ބައެއް ވާހަކަތައް ހިމެނޭ ބަޔާނެއް ނެރެފަ އެވެ. އެއީ މިފަދަ ކަންކަން ހިނގާ ކޮންމެ ފަހަރަކު ފުލުހުން ކަން ކުރާ ގޮތެވެ. އެއްވެސް އިދާރާއަކުން އަދި އެއްވެސް މުއައްސަސާއަކުން ވިޔަސް ނެރޭ ބަޔާނަކީ އެ ފަރާތެއްގެ މަސްލަހަތެވެ. އަދި އެ ފަރާތަކުން ހާމަ ކުރަން ބޭނުންވާ މިންވަރެކެވެ. ވީމާ މި މައްސަލާގައި ކިތަންމެ ވާހަކައެއް އުފަންވިޔަސް އަދި ފުލުހުންގެ ފަރާތުން "ކުށުގެ ވެށި ދެމެމުންދާ ގޮތަށް" ބަޔާނެއް. ނެރުނަސް ނުފޫޒެއް ނެތް ތަހުގީގެއް ނުކޮށް މައްސަލައިގެ އަސްލު ތިލަ ކުރާނީ ކިނެއް ހެއްޔެވެ؟ ފަޅުތެރޭގައި ރޯވެ އަނދައިގެންދާ ސަފާރީއެއް އަޑިއަށް ދާނެ ފަދައިން "ސަފާރީ ރޭޕް" ގެ އަޑިއަށް ދިޔައީ އެހެންވެ އެވެ.

ފުލުހުންްގެ އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 27 އަހަރުގެ އަންހެނަކަށް ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުގެ ސަމާލު ކަމަށް އައީ އެ ރޭ ފަތިހު 5:00 ޖަހާ އެހާކަންހާއިރު ހުޅުމާލެ، ލަކުޑި ޖެޓީ ސަރަހައްދުގައި އަންހެން މީހާ އާއި އިތުރު ދެ ފިރިހެނުން ތިއްބާ ފުލުހުން ގޮސް މައުލޫމާތު އޮޅުންފިލުވި ހިސާބުންނެވެ.

އެ ބަަޔާން ބުނާ ގޮތުން ލަކުޑި ޖެޓީ ކައިރިން އަންހެން މީހާ ފުލުހަށް މައުލޫމާތުތަކެއް ދިނެވެ. އެތާނގައި އޭނާ ބުނި ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، ތުހުމަތުވާ ދެ މީހުނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި އެވެ. އަދި "އެމީހުން އެ ސަފާރީ ތެރޭ އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާ ކުރި" އެވެ. މި ވާހަކަ ނޫން އިތުރު ވާހަކައަކަށް ތިން ސޮފްހާގެ އެ ބަޔާނުގައި އޮތީ އެ ވެއްޓަކީ ދިގު ދެމިގެން ދިޔަ ކުށުގެ ވެއްޓެއް ކަމަށެވެ. އެއީ އަދި މުޅީން ސާފު ނުވެއްޓެކެވެ. ސަބަބަކީ ގާނޫނީ މާނާގައި ކުށުގެ ވެށި މާނަ ކުރާ ގޮތާއި މި ގޮތާ ހިލާފެއް ހުންނާތީ އެވެ. އެހެން ކަމުން މިއީ ހާދިސާ "ގުދުކޮށްލުމަށް" ގެނައި އިބާރާތެކެވެ.

މި ވާހަކަތައް އައިރު އެއީ އޭގެ ކުރިން ވަރަށް ގިނަ ނޫސްތަކުގައި ލިޔެފައިވާ ވެސް ވާހަކަތަކެވެ. އާ ވާހަކައެއް ނެތެވެ. ރަނގަޅަށް ވިސްނާލައިފިނަމަ ވީ ކަމަކީ "އެމީހުން އެ ސަފާރީ ތެރޭ އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާ ކުރި" މި އިބާރާތް ފުލުހުން ގެނައުމުގެ ސަބަބުން ކުރިން ދެކެެވުނު ވާހަކަތަކަށް ގާނޫނީ ބާރުވެރި ކަމެއް ލިބި މުޅި ކޭހުގައި ފަހަރަކު ދޮގެއް، ފަހަރަކު ދޮގެއް ހަދަމުން ދިޔަކަން މާ ސާފުވީ އެވެ.

މައްސަލައާ ގުޅޭ ތަފާތު ވާހަކަތަކެއް

ސަފާރީ ރޭޕްގެ މައްސަލަ ބޮޑުވުމުން އެ މައްސަލަ ބަލަން ރެސްޓޯރެންޓާއި ވިޔަފާރިގެ އާއި ޖިމްވެސް ހުންނަ އަދި ފަހުން "މަސްކައްކާތަނެއް ވެސް ހަދައިފާނެ" ރައްޔިތުންގެ މަޖިލީހުން ނިންމި އެވެ. އެއީ ހައިރާންވާވީ ވެސް ކަމެއް ނޫނެވެ. ސަބަބަކީ "މަޖިލިސް 19" ތަފާތު ކަމުން ރާއްޖޭގައި ކައިވެންޏެއް ރުޖޫއަ ކުރިޔަސް ބަޔަކު "ފަށްކެނޑިއަސް" ފީފާގެ އިންތިހާބެއް ބޭއްވިޔަސް އެ ހުރިހާ ކަމެއް ބަލައި ތަހުގީގު ކުރާ ތަނަކީ ރައްޔިތުންގެ މަޖިލީހަށްވެފައި ވާތީ އެވެ.

އެކަމަކު ޕްރިލިމިނަރީ މަރުހަލާއެއްގައި އޮތް އެ މައްސަލައިގެ ތެރެއަށް ކުއްލި ގޮތަކަށް ވަދެ، މަޖިލީހުން އެ މައްސަލަ ބަލަން ފެށުން އެއީ ވެސް ގިނަ ބައެއްގެ ނަޒަރުގައި ސަފާރީ ރޭޕް މައްސަލަ އިތުރަށް ގޯސްވެ އޮޅުން ބޮޅުގަނޑެއްގެ ތެރެއަށް ދިޔަ ސަބަބެކެވެ. އޭގެ ސަބަބުން ރައްޔިތުންނަށް އެ މައްސަލައިގެ ހަގީގަތް ހާމަވާން ހުރަސްތައް އެޅުނެވެ.

މަޖިލީހުގެ ތަހުގީގުން މިހާތަނަށް ގިނަ ވާހަކަތަކެއް ވަނީ ނުކުމެފަ އެވެ. ކޮމެޓީއަށް ފުލުހުންގެ އިސްވެރިން ވެސް ހާޒިރު ކުރި އެވެ. އެ ބޭފުޅުންގެ ވާހަަކަތަކުން ގިނަ ކަންތައްތަކެއް ސާފުވުމާއެކު ސުވާލުތައްވެސް ވީ އިތުރެވެ.

ކޮމެޓީގައި ފުލުހުން ބުނަނީ ހައްޔަރުކުރި މީހުން ދޫކޮށްލީ މައްސަލަ ސާބިތު ކުރަން، އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށްވާތީ އެވެ. އަދި ކޮންމެ މައްސަލައެއްގައި ވެސް ފުލުހުން ބޭނުން ވަނީ ތުހުމަތުވާ މީހުން ބަންދުން ދޫކުރި ނަމަވެސް އަވަހަށް ތަހުގީގު ނިންމާ މައްސަލައަށް އިންސާފު ހޯދާށެވެ. އެކަމަކު މިގޮތަށް ފުލުހުން އަމަލު ކުރި ދެވަނަ އެހެން މައްސަލައެއް މިހާތަނަށް ފެންނާކަށް ނެތެވެ. މުޅިންވެސް މަސައްކަތް ކުރަނީ ކޯޓް މެދުވެރިކޮށް ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބަހައްޓާށެވެ. އެހެންވީމާ ސަފާރީ ރޭޕް ކޭހާ ގުޅިގެން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވެ ފުލުހުން މިދެއްކީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟

ހައްޔަރުކުރި "ރޯޔަލް ދެ ބޭފުޅުން" ބަނގުރަލަށް ޓެސްޓް ކޮށްފައިވޭތޯ ވެސް އެ ކޮމެޓީގައި ސުވާލު ކުރި އެވެ. ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް، އަބްދުލްމަންނާނު ޔޫސުފް ވިދާޅުވި ގޮތުގައި "އެ މީހުން ތިބީ މަސްތު ވެގެން ކަން ސީންއަށް އެޓެންޑްވި ފުލުހުންނަށް ޝައްކު ކުރެވިފައެއް ނުވެ" އެވެ. އެހެން ކަމުން އެ މީހުން ބަނގުރަލަށް ޓެސްޓެއްވެސް ނުކުރެ އެވެ.

"އެ ވަގުތު ޑިއުޓީތަކުގައި ތިބި ފުލުހުންނަށް އެ މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވިގެން ރެކޯޑު ކުރެވިފައެއް ނެތް. އެކަމާ ގުޅިގެން އެ ނަޒަރުން ކަމެއް ކުރެވިފައެއް ނެތް!" އެ ކޮމެޓީގައި މަންނާން ވިދާޅުވި އެވެ.

މިއީއަކީ ވެސް މިފަދަ މައްސަލަތަކުގައި މީ ކުރިން ފުލުހުން އަމަލު ކުރަމުން އައި ގޮތެއް ނޫނެވެ. ޖިންސީ ގޯނާގެ މިފަދަ މައްސަލަތަކާއި ބަނގުރަލާ އޮންނަ ގުޅުން އަބަދު ވެސް ފާހަގަކުރަނީ ފުލުހުންނެވެ. އެހެންވީމަ މިފަހަރުގެ ރޭޕް ކޭހުގައި މި ނަޒަރުން އެއްވެސް ކަމެއް ކުރެވިފައި ނެތީ ކީއްވެގެން ކަމެއް ފުލުހަށް ސާފުކޮށްދެެއް ނުދެވުނެވެ. އެކަން ސާފުކޮށް ނުދެވުނު ނުދެވުމަކީ މައްސަލައިގައި ތުހުމަތުތައް އޮތް ގޮތަށް ހިނގައިދިއުމުން "ދެބޭފުޅުން" ސަލާމަތް ކުރަން އަދި އޭގެ ސަބަނުން ސަރުކާރަށް ލިބިދާނެ ޑެމޭޖް ކޮންޓްރޯލް ކުރުމަށް ސިޔާސީ ނުފޫޒެއް ވަދެގެން އަޑިއަށް ދުއްވާލަން ބޭނުންވި ކަމަށް މާނަ ކުރެވޭނެ ކަމެކެވެ.

އެ އަންހެން މީހާ ރާއްޖޭގެ ނޫހެއް ކަމަށްވާ "މެންދުރު" ނޫހާއި "މިހާރު" ނޫހަށް ދިން އިންޓަވިއުގައި ވެސް އަދި ބޭރުގެ ބައެއް ނޫސްތަކުގައި އޭނާއާ ހަވާލާދީފައި ހުރި ވާހަކަތަކުގައި ވެސް ބަނގުރާ ބޭނުންކޮށް މަސްތުވެގެން ތިބި ކަމަށް ކަމަށް ވަނީ ބުނެފަ އެވެ. އަދި އޭނާއާއެކު ތިބި އެންމެން ވެސް ބަނގުރާ ބުއި ކަމަށް ބުނެފައި ވެއެވެ. އަދި އޭނާގެ ޖިންސީ ގުނަވަންތަކުގައި އަތްލި ކަމަށް ބުނެފައި ވެ އެވެ. އެެހެންވީއިރު ފުލުހަށް އެ މައުލޫމާތު ނުހޯދުނީ އެވެ. އަދި ހޯދިފައި އޮތް ނަމަވެސް މި މައްސަލައިގައި ބާރުގަދަ އެހެން ފަރާތަތްތަކެއްގެ ވާން ކުރުމާ ހުރެ ފޮރުވީ އެވެ. އެހެން ނޫނީ ތަހުގީގު އިހުމާލު ވީއެވެ.

އެހެން މީހާ ބުނާ އެއް ބަހަކީ ގާނޫނީ ގޮތުން އެންމެ ބާރު ގަދަ އެންމެ ފެންހިފޭ ވާހަކަ އެވެ. ވީމާ އޭނާގެ ނުރުހުމުގައި ޖިންސީ ގުނަވަންތަކުގައި އަތްލި އަތްލުން އެއީބ ރޭޕަށް ނުވާނެ ގޮތެއް ނެތެވެ. ރޭޕަށް ވާކަށް ކޮންމެހެން ވައްޓާލާ ބާއްވައިގެން ހިތްފުރާ ކަށެއެް ނުޖެހެ އެވެ. ނިޔތާއި އަމަލު އެއޮތީ ސާފުކޮށް ފެންނާށެވެ. އަނެއްކޮޅުން އެ ވެއްޓަކީ ބަނގުރާބޮއި މަސްތުވެގެން ތިބި ވެއްޓެކެވެ. މިއީ ކްރިމިނަލް އޮފެންސަކަށް ނުވާނެ ގޮތެއް ނެތެވެ.

މުޅި މި މައްސަލާގައި ފުލުހުން މީގެ ކުރިން މިފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތާ މުޅިން ތަފާތުކޮށް އަމަލުތައް ކޮށްފައިވާތަން މާ ރީއްޗަށް ވެސް ފެނެ އެވެ.

ފުލުހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި އެ މީހުން ހުޅުމާލެ ޖެޓީ ސަރަހައްދު ފެނުމުން ސުވާލުކޮށް އަންހެން މީހާ ޑޮކްޓަރަށް ދައްކާ ހެދިއިރު ވެސް ސަފާރީއަށް ފުލުހުން އަރާފައެއް ނުވެ އެވެ. ސަފާރީއަށް ފުލުހުން ފުރަތަމަ ގޮސްފައި ވަނީ ހާދިސާގެ މައުލޫމާތު ލިބުނުތާ އެތައް ގަޑިއިރެއްގެ ފަހުންނެވެ. މިއީވެސް އެމީހުން ތިބި ހާލަތާއި މައްސަލައަށް ފޯކަސް ދީފައި ނެތް މިންވަރު ހާމަވި ކަންކަމެވެ. ފަހަރެއްގައި އެކަން ވެސް އޮޅުވާލީ އެވެ.

އަންހެން މީހާ މޫދަށް ފުންމާލުން

މިއީ މުޅި މައްސަލާގައި އުފެދޭ އެންމެ ބޮޑު ސުވާލެވެ. އެންމެ ހެއްވާ ކަމަކީ މި މައްސަލަ އަނބުރާލި ފުލުހުން ވެސް އެއީ ވަރަށް ބޮޑު ސުވާލެއް ކަމަށް ބުނާތީ އެވެ. އަންހެނަކު ރޭގަނޑު ދަންވަރު އެއްވެސް ބިރެއް، ޖެހިލުމެއް ނެތި ހަމަ ހުރެފައި އަންހެނަކު ކަނޑު ތެރެއަށް ފުންމައެއް ނުލާނެ އެވެ. ވަރަށް ބޮޑު ކަމެއް ދިމާވެގެން ނޫނީ އެ ހާލަތަށް ފިރިހެނަކު ވިޔަސް ނުދާނެ އެވެ.

މަންނާން މަޖިލީހުގެ ކޮމެޓީގައި ވިދާޅުވި ގޮތުގައި އެއީ މިހާތަނަށް ޖަވާބެއް ހޯދިފައިނެތް ސުވާލެކެވެ. އެފަދަ ކަމެއް މީހަކު ކުރާނީ އަދި ހާއްސަކޮށް އަންހެނަކު ކުރާނީ ބޮޑު ކަމެއް ދިމާވެެގެން ކަމަށް މަންނާންވެސް މަންނާނު ގަބޫލު ކުރައްވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ތަހުގީގުގައި އެހާ ހިސާބަށް އަދި ދެވޭނެ އެވެ. އަދި އެ ސުވާލުގެ ޖަވާބު ހޯދާ އިންސާފާ ހަމައަށްވެސް ދެވޭނެ އެވެ.

"އަދި މިވަގުތު އަޅުގަނޑުމެންނަށް ސުވާލެއް އެރުވެން ނެތް ޖަވާބެއް ތިއީ. ނަމަވެސް އަޅުގަނޑުމެންގެ ވެސް ކަންބޮޑުވުން އޮތް ކަމެއް، އަންހެނަކު ރޭގަނޑު އަނދިރީގައި މޫދަށް ފުންމާލާނެ ބާއޭ ކަމަކާ ނުލާ. ކޮންމެވެސް ކަމެއް އޭގައި ވާނޭ!" އޭނާ ވިދާޅުވި އެވެ.

ކޮންމެ ކަމެއް ދިމާވެެގެން ނަމަވެސް އެ އަންހެން މީހާ މޫދަށް ފުންމާލި އެވެ. އެއް ނޫހަކަށް ދިން އިންޓަވިއުގައި އެ އަންހެން މީހާ ވަނީ މޫދަށް ފުންމާލުން ފޯނު ގެއްލިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ފުލުުހުން ބުނާ ގޮތުން އޭނާއާއެކު ތިބި ދެ މީހުން އޭނާގެ ފޯން ފޮރުވީ އެވެ. މި ވާހަކަވެސް ދިމައެއް ނުވެއެވެ. ފަހުން މަންޒަރު ބަދަލު ކުރުމަށް އިން އިންޓަވިއުގައި ދެއްކި ވާހަކަތަކާއި ފުލުހުންނަށް ދިން ބަޔާނުގައިވާ ވާހަކަތަކާ ވެސް ހާސްބައި ތަފާތުވީ އެވެ.

އަދި މިވަގުތު އަޅުގަނޑުމެންނަށް ސުވާލެއް އެރުވެން ނެތް ޖަވާބެއް ތިއީ. ނަމަވެސް އަޅުގަނޑުމެންގެ ވެސް ކަންބޮޑުވުން އޮތް ކަމެއް، އަންހެނަކު ރޭގަނޑު އަނދިރީގަ މޫދަށް ފުންމާލާނެ ބާއޭ ކަމަކާ ނުލާ. ކޮންމެވެސް ކަމެއް އޭގައި ވާނޭ،
އަބްދުލްމަންނާނު ޔޫސުފް | ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް

އަންހެން މީހާ ޑޮކްޓަރަށް ދައްކަން އުޅުމުން އެކަމަށް ވެސް އަންހެން މީހާ ދެކޮޅު ހަދާފައިވެ އެވެ. އޭނާ ބުނާ ގޮތުން ޑޮކްޓަރަށް ދައްކައިގެން ފެންނާނެ ކަމެއް ނޯންނެ ކަމަށް، ފުލުހުން ކޮމެޓީގައި ފާހަގަކުރި އެވެ. ނަމަވެސް އަންހެން މީހާ ޑޮކްޓަރަށް ދެއްކި އެވެ. ނަމަވެސް އޭނާގެ މެޑިކޯ ލީގަލް ރިޕޯޓް އަދި ހާމައެއް ނުވެއެވެ.

މަންނާން ވިދާޅުވި ގޮތުގައިު މައްސަލައިގެ ތަހުގީގުގައި އެއްވެސް ނުފޫޒެއް ނެތެވެ. އަދި މުޅި މައްސަލަ ސާފުވެ، އިންސާފު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ އަދި މި މައްސަލަ ރިޕޯޓް ކުރެވިފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގަ އެވެ. މިއީ ރޭޕްގެ މައްސަލައެއް ނޫން ކަމަށް އަންހެން މީހާ ބުނާ ކަމަށް މަންނާން ވިދާޅުވިއެވެ.

މި މައްސަލާގައި ގޮތެއް ނިންމަން ޖެހެނީ އަންހެން މީހާތޯ ރާއްޖޭގެ ގާނޫނި ހެއްޔެވެ؟

"އެހެން ނަމަވެސް ރޭޕެއް ނުހިނގާ ކަމަކަށް ރޫލް އައުޓް ކުރަނީކީ ވެސް ނޫން،"

މި މައްސަލައިގެ ތެރެއަށް ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް ވެސް ވަންވާފައި ވެއެވެ. ޕީޖީ ވިދާޅުވި ގޮތުގައި ޖިންސީ ކުށުގެ ބައެއް މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރާ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. އޭގެ ތެރޭގައި މިފަހުން ހިނގި އެފަދަ ހަތަރު މައްސަލައެެއް ހިމެނެ އެވެ.

އެހެން ކަމުން ގާނޫނު އަސާސީގެ ދަށުން، ފުލުހުންގެ ތަހުގީގުތައް ކުރަމުންދާ ގޮތް ބެލުމުގެ ޒިންމާ ޕީޖީގެ މައްޗަށް މަތިކޮށްފައި ވާތީ ޖިންސީ ކުށުގެ ބައެއް މައްސަލަތަކުގެ ފައިލް ޕީޖީއަށް ފޮނުވަން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނީ އެވެ.

"ފުލުހުންނަށް އަޅުގަނޑު މިހާރު އަމުރެއް މި ފޮނުވަނީ އެ މައްސަލަތަކުގެ [ޖިންސީ ގޯނާގެ] ލިޔުންތައް އަޅުގަނޑާ ހަމައަށް ގެނެސް ދިނުމަށް. މި ތަހުގީގުތައް ހިނގާދިޔަ ގޮތް އަޅުގަނޑު ބަލާނަން. ބަލާފައި އެކަމުގައި ގޯހެއް އުޅޭކަމުގައި ވަންޏާ އަދި އެއްވެސް ކަހަލަ ނުފޫޒެއް އުޅޭކަމަށް ވަންޏާ އެކަން ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން އަޅުގަނޑު ކުރާނަން،" ޖެންޑަ މިނިސްޓަރާއެކު ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވި އެވެ.

މި މައްސަލައިގެ ތެރެއަށް އެޗްއާރްސީއެމާއި އިންޓެގްރިޓީ ކޮމިޝަން ވެސް އޮތީ ވަދެ އެވެ. އެ ސަބަބާއެކު މައްސަލައާ ގުޅޭގޮތުން މިދިޔަ ދުވަސްތަކުގައި ވަރަށް ގިނަ ވާހަކަތައް ފެންމަތިވެއްޖެވެ. އަދި ފަހަރަކު މުއައްސާސައެއް މައްސަލަ ތަހުގީގު ކުރުމުގެ ނަމުގައި މައްސަލައިގެ ތެރެއަށް ދަނީ ވަންނަމުންނެވެ. ނަމަވެސް މިހާތަނަށް މައްސަލައިގެ އަސްލެއް ސާފެއް ނުވެ އެވެ. ވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ވެސް ނެތެވެ. ތުހުމަތުތަކަށް އެކަށީގެންވާ ޖަވާބެއް ވެސް ލިބިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ސުވާލުތައް ވީ އިތުރެވެ. ކަންކަން ފޮރުވަން އިދާރާތަކުން މަސައްކަތް ކުރާ ކަމަށް ކުރެވުނު ހީތަކާއި ތުހުމަތު ވެސް އިތުރުވީއެވެ. މުއައްސަސާތަކުގެ ތަހުގީގު ފުޅާވީ ކަމަށް މަންޒަރުން ދެެއްކި ނަމަވެސް ހަގީގަތަކީ ސަފާރީ ރޭޕްގެ މައްސަަލަ ފަޅުތެރެއަށް ފައްތާލީ އެވެ.