(30 ޖޫން 2020 އާ ގުޅޭ)
"ނޭނގުނީތަ، ނޫނީ ނޭނގޭކަމަށް ހެދުނީތަ؟" އެ އަންހެންކުއްޖާ ހިނިއައިސްފައި ހުރެ ބުނެލިއެވެ. ލައިތު ދުރަށް ޖެހިލުމަށް ހިނގައިގަތެވެ. އެވަގުތު އާރިކު ވެސް ކާރުގައި އައިސް ކައިރިކޮށްލައިފިއެވެ.
"އަދިވެސް އިންޓްރެސްޓެއް ނެތްތަ؟... އޭރުގެ ޓިނޭޖް ބޯއީ ބޮޑުވެއްޖެ... މިހާރު އޭރަށްވުރެ މާބޮޑަށް ވެސް ހެންޑްސަމް ވެއްޖެ" އެ އަންހެންކުއްޖާ ބުނި އެއްޗެއް އިވި ކާރަށް އަރަން ދިޔަ ލައިތުގެ ފައިތިލަ ވަގުތުން ހުއްޓުނެވެ. އޭނާގެ ޠަބީޢަތަށް ނުބައި ގޮތްތަކެއް ވެގެން ހިނގައްޖެއެވެ. ނިކަން އަވަހަށް އޭނާ ފަސްއެނބުރި ބަލާލިއެވެ. އެހިނދު އެ އަންހެންކުއްޖާގެ ލޮލުން ތިރިއަށް އަވިއައިނު ޖައްސާލުމާއެކު ލައިތަށް އެއްލޯ މަރާލައިފިއެވެ. ލައިތުގެ މޫނުން އަސަރެއް ފާޅުނުވިޔަސް އޭނާގެ އަތްތިލަ މުއްކެވުނުތަން އެ އަންހެންކުއްޖާ ދުށްޓެވެ.
"ފިޒާއޭ މީ، އެނގޭ އަހަންނާ ބައްދަލުވާން ދުވަހަކުވެސް ލައިތު ނޭދޭނެކަން، އެކަމަކު ކީއްކުރާނީ ދޯ. ބްލޭމް ދި ސްމޯލް ވޯލްޑް." އެ އަންހެންކުއްޖާގެ ތުންފަތުގައިވި ހިނިތުންވުމުގައި ހުރި ވިހަކަން ލައިތު ދެނެގަތެވެ. އެ ހަށިގަނޑުގެ ރީތިކަމަކީ، ބުއްދިވެރިއަކު އޭނާގެ އަމިއްލަ ލޯ ކަނުވާން އެދޭފަދަ ރީތި ކަމެކެވެ. އަޅާފައި ހުރި ހެދުމުން ވެސް އެ ރީތި ހަށިގަނޑު މަގުމަތިން ދާހާ ބަޔަކަށް ނީލަން ކިޔަން ބޭނުންވާ ފަދައެވެ.
"ވޯތްލެސް ބިޗް..." ހިތަށް އައިހާ އައުގުރާނައެއް ލައިތު ގޮވާ ނިންމާލީ އަމިއްލަ ހިތުގެ ތެރޭގައެވެ. އެއިން އެންމެ ލަފުޒެއް ވެސް އެ ދުލުން ބޭރެއްނުވެއެވެ. އެތެރެހަށި ހޫނުވަމުން އައީ ގަދަ ރުޅީގައި ސިކުނޑި ކެކިއަރަމުންދާތީއެވެ. އެހެންވިޔަސް އޭނާގެ މޫނުން އެކަމެއް ނޭނގެއެވެ. އަންހެންކުއްޖާ އެއްޗެކޭ ކީހެން ވެސް ހީނުވާ ފަދައަކުން ލައިތު އެނބުރި ކާރަށް އަރައިފިއެވެ.
"ވާއު، އައި ސްޓިލް ވޯންޓް ހިމް..." އަވިއައިނުގެ ކޮޅު އަނގަޔަށް ލައިގެން ހުރެ ޒާތެއްގެ ހިންޏެއް އައިސް، ލައިތުގެ ކާރާ ދިމާއަށް ބަލަން އެ އަންހެންކުއްޖާ މަޑުކޮށްލިއެވެ.
ކާރަށް އަރައިފަ ވެސް ލައިތުގެ ލޮލުގައިވި އަވިއައިނު އޭނާ ނުނެގިއެވެ. ދޮރުފަތުގެ ބިއްލޫރިގަނޑުން ކާރުގެ އަރިމަތީ ލޯގަނޑުކޮޅަށް އޭނާގެ ނަޒަރު ހުއްޓިފައި ވިއެވެ. އެ އަންހެންކުއްޖާ އެނބުރި ހިނގައިގަތްތަން ލައިތަށް ފެނުނެވެ. ފުންނޭވާއެއް އޭނާ ލީ އެތެރެ ހަށީގައި އަނދަމުން އައި ރުޅީގެ ހުޅުގަނޑު ފިނިކުރެވޭތޯއެވެ. ނޭފަތާއި ނިތްކުރިއާ ވީހިސާބުގައި ލައިތުގެ ވައަތުގެ ދެ އިނގިލިން ހިފަހައްޓާލައިގެން އޭނާ އިނެވެ. ނުތަނަވަސްކަމެއް ލައިތަށް ލިބިއްޖެހެން އާރިކަށް ވެސް ހީވާންފަށައިފިއެވެ. އޭނާއަށް ވެސް ލައިތުއާ ވާހަކަދެއްކި އަންހެންކުއްޖާ ފެނުނެވެ. ނަމަވެސް ވެރިޔާއާ ސުވާލެއްކުރަން ބޭނުންނުވީއެވެ.
އެނބުރި އޮފީހަށް ލައިތު ވަދެގެން އައެވެ. ރުޅި މުޅިން ފިލައިގެން ނުދިޔައިރު، އޭނާގެ ބޮލުގައި މަޑު ރިހުމެއް ވެސް އުފެދިއްޖެއެވެ. އޭނާގެ ކެބިންގައި އިން ހިރާ ފެނުމުން ލައިތުގެ ފިޔަވަޅު ދޮރާ ހަމައިން މަޑުޖެހިލިއެވެ. އެތެރެއަށް ވަން ލައިތުގެ ފަހަތުގައި ހުރި އާރިކަށް ބަލާލިއެވެ. އޭނާ އެތަނުން ނުކުތީ ލައިތު ބޭނުންވަނީ ކޮންކަމެއްކަން ދޭހަވެގެންނެވެ. ލައިތުގެ މޭޒު ކުރިމަތީ ހުރި ގޮނޑީގައި އިނދެފައި ހިރާ ތެދުވިއެވެ. ލައިތުއާ ގާތްވެލުމުގެ ނިޔަތުގައި އޭނާއާ ގާތަށް ފިޔަވަޅެއް އަޅާލިއެވެ. އެހެންނަމަވެސް ލައިތު އޭނާގެ ގާތުގައި މަޑުކުރުމުގެ ގަސްދުނެތްކަން އެނގުނީ، ހިރާގެ ގާތުން އަޅާފައި އައިސް މޭޒު ދޮށުގައި އަވަހަށް އިށީނުމުންނެވެ.
"އާރިކު ޗުއްޓީ ހަމަޖައްސާދީފައެއްނު އޮތީ. ދެން ކީއްކުރަން ތިއައީ؟" ލައިތުގެ އަޑުގައިވީ ހަރުކަށިކަމެވެ.
"އަމިއްލައަށް މަތިންބައިން އަހަރެން އައީމާ ވެސް ކަމުނުދިޔައީތަ؟" ހިރާ ސުވާލު ކުރިއެވެ.
"ހުރިހާކަމެއް ހަމަޖެހުނީމަ ދެން އަންނަން ޖެހޭ ސަބަބެއް އެބައޮތްތަ؟" ލައިތު ބުންޏެވެ.
"ހާދަ ބޮޑު ބަދަލެކޭ ތިއައީ... ކުޑަދުވަސްކޮޅެއްގެ ތެރޭ... އަހަންނަށް ފާހަގަނުވާނޭ ކަމަށްތަ ހީކުރީ؟. ލައިތު ފޫހިވީ ދޯ އަހަރެންދެކެ. ދެމެދުގައި އިތުރަށް ކުރާނޭކަމެއްނެތުނީމާ، އެކްސައިޓްމެންޓް ގެއްލުނީތަ؟. އެހެންވެ އާ އަންހެންކުއްޖަކު ހޯދީ ދޯ." ޝަކުވާތަކެއްގެ ސިފައިގަ ހިރާއަށް ދުލުން ބޭރުކޮށްލެވުނެވެ.
"ރުޅިއައުމުގެ ބޭނުމެއް އޮތްކަމަކަށް އަހަންނަކަށް ނުފެނޭ. ރައްޓެހިވާން ބޭނުންނަމަ އަހަރެން އަހާނަން. ރިލޭޝަންޝިޕެއް ބޭނުންވާނަމަ އެކަން ވެސް އަހަރެން ބުނާނަން. ލޯބިވާނަމަ، އަދި އަމުދުން އެވާހަކަ ނުބުނެއެއް އަހަރެން ނުހުންނާނަން. މިދެއްކުނީ ވަރަށް ވާހަކަ. ވިސްނައިފިނަމަ އަހަރެން ބުނަން އުޅޭ އެއްޗެއް ހިރާއަށް އެނގޭނެ." ލައިތުގެ ނަޒަރު ހުރީ ހިރާއަށް އަމާޒުކުރެވިފައެވެ.
"ވިސްނާކަށް ބޭނުމެއްނޫން. މި ޓުއާއަށް އަހަރެން ފުރައިގެން މިދަނީ ލައިތުއަށް ވަގުތު ދީފަ." ހިރާ ބުނެލިއެވެ. ހަޤީޤަތަކީ ޚުދު އޭނާއަށް ވެސް ލައިތު އެބުނާ އެއްޗެއް ވިސްނޭކަމެވެ. އޭނާއާ ގުޅުން ބާއްވަން ލައިތު މިހާރު ބޭނުންނުވަނީކަން ހިރާއަށް ސާފުކޮށް އެނގެއެވެ. އެހެންވިޔަސް އަމިއްލަ އެދުން ހިރާއަށް މުހިންމުވީއެވެ. ލައިތުވާން ޖެހޭނީ އޭނާގެ ބައިވެރިޔަކަށޭ ހިތުގެ އަޑިން ޤަބޫލުކުރެވެނީއެވެ.
"ކޮން ވަގުތެއް؟... ކޮންކަމަކަށް؟" ލައިތު ވަގުތުން އެއްސެވެ.
"އަބައުޓް އަސް. ފެމެލީއަށް އަހަރެމެންގެ ދެމެދުގައި ގުޅުމެއް އޮތްކަން އެނގުނީމަ އެންމެން ވެސް ރުހޭނެކަން އަހަންނަށް ޔަގީން. އައި ހެޑް އިނަފް... ސިއްރުން އުޅޭކަށް ދެން ބޭނުމެއްނޫން. އަހަރެމެންގެ ރިލޭޝަންޝިޕް ގޮސްފައި އޮތް ހިސާބު، ބޯއްތައާއި ބައްޕައަށް ކިޔާދޭނަން. ކައިވެންޏަކާ ހަމައަށްދާން ބޭނުންވާކަން އަހަރެން ބުނާނަން." ހިރާ ބުންޏެވެ. ލައިތަށް ހީވީ އޭނާއާ ދިމާއަށް އަތުބޮމެއް ހިރާ ހޫރައިލީހެންނެވެ. ގޮނޑީގައި ހަމަޖެހިގެން އިނުން އޭނާއާށް އުނދަގޫވިއެވެ.
"ލެޓް މީ ކްލިއާ އިޓް ފޯ ޔޫ... އިޓް ވޯޒް ސެކްސް. އޮންލީ ސެކްސް... ނަތިން މޯ... ޔޫ ވޯންޓް އިޓް، އެންޑް އައި ގޭވް ޔޫ ވަޓް ޔޫ ވޯންޓެޑް... ވީ ބޯތް އާ އެޑަލްޓްސް، ވީ ބޯތް ވާ ސެޓިސްފައިޑް... ދެޓް އިޒް އިޓް... ނަތިން މޯ." ކޮންމެ އަކުރަކަށް، ލަފުޒަކަށް ބާރުލައި ލަސްލަހުން ލައިތު ބަސްތައް އަތުރާލިއިރު އޭނާއަށް ހުރެވުނީ ކޮޅަށެވެ.
"އަހަރެން ޤަބޫލެއްނުކުރާނަން..." ހިރާއަށް ރޮވެން އުޅުނު ކަހަލައެވެ. އޭނާ ފަހަތަށް ދެތިންފިޔަވަޅު އަޅާލިއެވެ.
"އެއީ ކާކުގެ މައްސަލައެއް." ހިރާ ޤަބޫލުނުކުރިޔަސް ހެވޭ ބުނާ ފަދައަކުން ލައިތު ބުނެލިއެވެ.
"ދެން ތިބުނަނީ އަހަރެމެން ދެމެދުގައި ހިނގި ހުރިހާ ކަމަކީ މާނައެއްނެތް ކަންތައްތަކޭތަ؟." ހިރާ އެއްސެވެ. ލައިތު ފުންނޭވާއެއް ލިއެވެ. ރުޅިވެރިކަމާއެކު ހިރާއާ ވާހަކަދައްކަން އޭނާ ބޭނުންނުވާ ކަހަލައެވެ. އޭރުގެ ބޮލުގައި އުފެދިފައި ހުރި ރިހުން ހައްތަހާވަނީ ގަދައެވެ.
"އިށީނދެބަލަ ހިރާ..." ލައިތު ބުންޏެވެ.
"ކީއްކުރަން؟" ނިކަން އަވަހަށް ހިރާ ބުންޏެވެ.
"އަހަރެން މިބުނާ އެއްޗެއް އަޑުއަހަން." ލައިތު ބުންޏެވެ.
"ރިލޭޝަންޝިޕްގެ ބައެއް ސެކްސްއަކީ ވެސް... އަހަރެމެން އުޅުނީ ރައްޓެހިވެގެން އުޅޭ ދެ މީހުންހާ ގާތްކޮށް. އަހަންނަށް ލައިތު ގަނެދޭ ހަދިޔާތަކޯ. ސީރިއަސްކަމެއްނެތްނަމަ އެހާ އަގުބޮޑެތި ޚަރުދުތަކެއް ލައިތު ނުކުރާނެ." ހިރާ ބުންޏެވެ.
"އަހަރެން ކަހަލަ މީހަކަށް އަގުބޮޑު ހަދިޔާއެއް ގަތުން ބޮޑުކަމަކަށްވެދާނޭ ހިރާއަށް ހީވޭތަ. އެހެންނޫނަސް މިކަން އިތުރަށް ދިގުދެމިގެން ދާކަށް އަހަރެން ބޭނުމެއްނޫން. އިޓްސް އޯވާ ހިރާ. އައި ޑޯންޓް ވޯންޓް ދިސް. ފަހަރެއްގައި މިޗުއްޓީއިން ހިރާއަށް ފައިދާކޮށްފާނެ. ޓޭކް ޔޯ ޓައިމް. އެނބުރި އަންނައިރު ސިކުނޑި ތާޒާވެދާނެ. އަހަރެން ބޭނުމެއްނޫން ހިރާއަށް ހާޓްކުރާކަށް. އަހަންނަށް އެނގެނީ ހިރާ ތި ބޭނުންވާ ގޮތް ނުވާނޭކަން. ހިރާ ސީރިއަސްވާކަން އެނގެންފެށި ހިސާބުން އަހަރެން ދުރަށްދާން ނިންމައިގެން ހުރީ." ލައިތު އަލުން ގޮނޑީގައި އިށީނެވެ.
"އަހަރެން ހިރާއަށް ނަފުރަތުކުރާކަށް ބޭނުމެއްނޫން. އަހަރެމެންނަކީ ތަންދޮރުއޮޅުންފިލާފައި ތިބި ދެމީހުން. ހިނގިކަމެއްވިއްޔާ ހިނގީ ދެމީހުންނަށް ވެސް ކުރެވޭކަންތައް އެނގި ތިބެ. ޢާއިލާއަށް މިއިން އެއްވެސް ކަމެއް އެނގުން މުހިންމުތަ؟. އަހަރެން ހިރާ ބަދުނާމުވާކަހަލަ ކަމެއް ނުކުރާނަން. ހިރާ ގަސްދުކުރަނީ ޢާއިލާގެ ނުފޫޒުގައި އަހަންނާ ގުޅެންތަ؟. އެކަމަކު އެމީހުންގެ ނުފޫޒެއް އަހަންނަކަށް ނުފޯރާނެ އިނގޭ. އަހަރެން ބޭނުންނުވާކަމެއް އެމީހުންނަކަށް ވެސް އަހަރެން ލައްވާ ނުކުރުވޭނެ. ހުރިހާ މުދަލަކާއި ފައިސާއެއް ދޫކޮށްލާފައި ދާން އަހަރެން ފަހެއް ނުޖެހޭނަން. އެ ޢާއިލާއިން ބޭރުކޮށްލުމަކުން އަހަރެންގެ ހިތަކަށް ނާރާނެ އެކައްޗެއް ވެސް. އެހެން ހިރާ ކަންތައްކުރި ނަމަވެސް ހިރާއަށް އަހަރެން ހާސިލެއްނުވާނެ. އެ ހަމަ ޔަގީންކަމެއް." ލައިތުގެ އަޑުގައި ހުރީ ތަފާތު ހިމޭންކަމެކެވެ. ހިރާ އިށީންނަން ބޭނުންނުވެ ލައިތަށް ބަލަން ހުއްޓެވެ.
"ބުނެލަން ފަސޭހަވާނެ. އެކަމަކު ފައިސާއާ ނުލާ އެކަކަށް ވެސް ނޫޅެވޭނެ." ހިރާ ބުންޏެވެ.
"އަހަރެންނާ ބެހޭ ގޮތުން ހިރާއަށް އެނގެނީ ކޯއްޗެއް؟." ލައިތުގެ މަޢުނަވީ ބެލުމުގައިވާ އެއްޗެއް ހިރާއަށް ދެނެގަންނާކަށް ނޭނގުނެވެ. ޤަބޫލުކުރަން ބޭނުންނުވިޔަސް ލައިތު އެބުނީ ތެދެއްކަން ހިރާގެ ޟަމީރު އެއްބަސްވެއެވެ. އެހެންވިޔަސް އެކަން ދައްކާކަށް ހިރާ ބޭނުމެއްނޫނެވެ. އޭނާ ހިތަށް ވިސްނައިދިނީ އޭނާއާ އޮތް ގުޅުން ކަނޑާލަން ބޭނުންވާތީ ލައިތު ބަހަނާ ދައްކަނީ ކަމުގައެވެ.
"އައި ވޯންޓް ގިވް އަޕް..." ހިރާ ބުނެލިއެވެ. އަދި ހަލުވިކޮށް އެ އޮފީހުން ނުކުންނަން ހިނގައިގަތެވެ. ލައިތު އޭނާއަށް ގޮވާލީމާ ވެސް ނުހުއްޓުނެވެ.
ހިމޭންކަން އޮފީސްތެރެއަށް ވެރިވިއެވެ. އިރުކޮޅަކު މޭޒުގައި ދެއުޅަންބޮށިކޮޅު ޖައްސާލައިގެން ދެއަތްތިލައިގެ ތެރޭ މޫނު ފޮރުވާލައިގެން ލައިތު އިނެވެ. އޭނާ އާރިކަށް ގުޅައި އޮފީހަށް ގެނުވިއެވެ. ބޮލުގައި ރިހޭތީވެ، ބޭސްގުޅައަކާއި ކޮފީތަށްޓެއް ގެނެސްދިނުމަށް ލައިތު އެދުނެވެ. ހިރާއާ ވާހަކަދެއްކުނީ ލައިތު އުންމީދުކުރި ގޮތަކަށް ނޫނެވެ. އަނެއްކޮޅުން މިއަދު އޭނާއާ ދިމާވި އަންހެންކުއްޖަކީ މުޅި ދުވަސް ހަރާބުވުމުގެ އަސްލެވެ. އޭނާއަށް އެއީކާކުކަން ނަންބުނުމުގެ ކުރިން އެނގިއްޖެއެވެ.
މޭޒުދޮށުން ތެދުވެގެން އައިސް އޮފީސް ތެރޭގައި ހުރި ސޯފާސެޓުން ދިގު ސޯފާ ގޮނޑީގައި ލައިތު އިށީނެވެ. އާރިކު ވަނީ އޭނާ އެތަނުގައި އިންދައެވެ. ސޯފާތަކުގެ މެދުގައި ހުރި ތިރި މޭޒުމަތީ ކޮފީ ޖޯޑު ބަހައްޓައި ބޭސްގުޅަ ލައިތަށް ދިއްކޮށްލިއެވެ. އަދި އެ މޭޒުމަތީ ހުރި ތަބަކުގައި ހުރި ފެންޖަގުން ފެންތަށްޓެއް އަޅައިދީފިއެވެ. އާރިކު ނުކުމެގެން ދިއުމުން ސޯފާގެ ދިގަށް ލައިތު ހަށިގަނޑު ދަމާލިއެވެ. ކަރުގައި އޮތް ޓައީ ދޫކޮށްލައި ކަރުގޮށް ނައްޓާލިއެވެ.
"ފިޒާނާ..." ލައިތުއަށް އެ އަންހެންކުއްޖާގެ ނަން ކިޔާލެވުނެވެ. ނިތްކުރީގައި ކަނާއަތް ބާއްވާލައިގެން އޭނާ އޮތީ ދެ ލޯ މަރާލައިގެންނެވެ. ކުރެވެނީ ބޭކާރު ޚިޔާލުތަކެއްކަން އެނގި ހުރެ ވެސް ލައިތުއަށް އެ އަންހެންކުއްޖާއާ މެދު ފިކުރު ކުރެވެނީއެވެ.
"އިޓްސް އަ ބޭޑް އޯމެން، ޝީ އިޒް އަ ވިޗް... އޭނާ ޕްލޭންކޮށްގެން އަހަރެންގެ ކުރިމައްޗަށް އައީނޫންކަމެއް ވެސް ނޭނގެ. މިހާ ދުވަހު ކޮންތާކުބާ އުޅުނީ. މާލޭގަތަ. ޔާދިންއަށް އެނގޭބާ!." ތަފާތު އެކި ސުވާލުތައް އަމިއްލަ ނަފްސާ ލައިތު ކުރިއެވެ. ފިޒާނާއަކީ އާދައިގެ އަންހެންކުއްޖެއްނޫނެވެ. އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަކަށް މީހަކަށް އިންތިހާއަށް ނަފުރަތުކުރި މީހަކީ އެއީއެވެ. ފިޒާނާ ބުނީ ތެދެކެވެ. ދުވަހަކު ވެސް އެ އަންހެންކުއްޖާ ދުށުމަށް ލައިތު ނޭދެއެވެ. އެހާވެސް އޭނާދެކެ ލައިތު ފޫހިވެއެވެ.
* * * * *
ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަންތަން ފެނުނީ ކެންޒާއެވެ. ދަރިފުޅު ފެނުމުން ނުހަނު ބޮޑު ހައިރާންކަމެއް އޭނާއަށް ލިބުނެވެ. ދަރިފުޅު ދުށުމަށް އެ މަންމަގެ ހިތް ކެތްތެރިކަން ކުޑަވެފައިވާއިރު ވެސް ކޮލެޖަށް ނުދަނީތޯ މިންނާ ވަގުތުން އަހާލިއެވެ.
"ގޮސް އިނދެ އެއްކަމެއް ވެސް ނުކުރެވޭނެ. މަންމަ މިފެނުނީ ކިހާ ދުވަހެއްފަހުން." ކެންޒާ ބުނެލިއެވެ. ދަބަސް އެއްފަރާތު ތަޅުންމަތީ ބެހެއްޓުމާއެކު ކެންޒާ އައިސް މަންމަގެ ގައިގާ ބައްދާލައިފިއެވެ. ބޭބެ ފެންނަން ނެތުމުން އެކަމާ ސުވާލުކޮށްލިއެވެ.
"ފާޚާނާގައި. ފެންވަރާލަން ބޭނުމޭ ކިޔާފަ އެދިޔައީ" މިންނާ ބުންޏެވެ.
"މަންމަ ހާދަ ހިކިއްޖޭ. ރަނގަޅަށް ނުވެސް ކަން ދޯ." މިންނާ އަނަރޫފަވެފައި ހުރި ވަރު ކެންޒާއަށް ފާހަގަވިއެވެ.
"މަންމަ ހިކުނުތަންކޮޅު ކެން ތިހުރީ ހިފާލައިގެންނު." މިންނާ ހީނލިއެވެ. މަންމަ ކަމެއް ސިއްރުކުރާހެން ކެންޒާއަށް ހީވިއެވެ.
"ދޮންބެ ސީރިއަސްކޮށް ރަނގަޅުތަ؟" ކެންޒާއަށް އަހާލެވުނެވެ.
"އަލްޙަމްދުﷲ!، މިވަގުތަށް ރަނގަޅޭ ބުނީ. ދެން އެހުރިގޮތަށް ހުރެއްޖެއްޔާ އެއްކޮށް ރަނގަޅުވީ ކަމުގަ ބަލަންވީ." މިންނާ ބުންޏެވެ. ބަޔާންކުރަން ދަތި އުފާވެރިކަމެއް ކެންޒާގެ ނަފްސަށް ވެރިވިއެވެ. މަންމައަށް ލިބިފައިވާ ހާސްކަމުގެ އެއްބަޔަކީ ކައިފްގެ ބަލިކަން ކެންޒާއަށް އެނގެއެވެ. އަމިއްލަ ސިއްޙަތަށް ބަލަމޭ މަންމަ ބުންޏަސް އެކަން އެހެންނުވާކަން މިންނާ ފެނުމުން ކެންޒާއަށް ޔަގީންވިއެވެ.
"ކޯއްޗެއް މަންމައަށް ހަދާދައިދޭންވީ. ދޮންބެއަށް ކަމުދާނީ ކޮންކަހަލަ އެއްޗެއް؟. އެކޮޅުން ބުނިތަ ވަކި އެއްޗެއް ނުކާން. ހެނދުނު ސައިބޮއެގެން ތިއްބަސް މިހާރު މެންދުރުވީ، އަދި މިރޭ ވެސް ކައިގެން ދޯ ތިބެވޭނީ. އެއްވެސް އެއްޗެއް މިވަގުތު ނުހުންނާނެ." ކެންޒާ ވާހަކަދެއްކިއެވެ. ދަރިފުޅުގެ އަތުން ކާއެއްޗެއް ކެއުމަށް މިންނާ ވެސް ހުރީ ބޭނުންވެފައެވެ. އޭނާ ކެންޒާގެ ޚިޔާލަށް އިތުބާރުކުރިއެވެ. ދަރިފުޅަށް ކަމުދާ އެއްޗެއް ތައްޔާރުކުރަން ބުންޏެވެ.
މަންމައަށް ކެންޒާ ބަލާލީ ފަރުވާތެރިކަމާއެކުއެވެ. އެ ރީތި މޫނުގައި އައިބެއްނެތެވެ. އެކަމަކު ދިރުމެއް ވެސް ނެތް ކަހަލައެވެ. ބޭރަށް ފާޅުވާން ނެތަނަސް މަންމައަށް ފެންނަނީ އެއްލޮލުންކަން ކެންޒާއަށް އެނގެއެވެ. ކަނާތު ލޮލުގެ ފެނުން ދިޔައީ ކިހިނެއްކަން ކެންޒާ ހަނދާނެއްނުނެތޭނެއެވެ. އެއީ އަނިޔާވެރިއެއްގެ ކިބައިން ކެންޒާ ސަލާމަތްކުރަން އުޅުމުން މަންމައަށް އެކަމުގެ ބަދަލު ލިބުނު ގޮތެވެ. އޭނާއަށް ޓަކައި އެ މަންމަ އަށްޑަނައަކަށްވީ ކިތައް ފަހަރުކަމެއް ވެސް ކެންޒާއަށް ނޭނގެއެވެ. އަދަދުނުކުރެވޭހާ ގިނައީއެވެ. އެ ދެބެންނަށް ޓަކައި އެ މަންމަ ވަރަށް ގިނަ ޤުރުބާނީތައް ވެއްޖެކަން ކެންޒާއަށް އެނގެއެވެ. އެކަމަކު ދުވަހަކުވެސް އެއްވެސް ކަމަކާ މަންމަ ޝަކުވާކުރާ އަޑެއް ކެންޒާ ނާހައެވެ. ކެތްނުކުރެވިގެން ގެއިން ނުކުމެގެންދާކަށް ވެސް ދުވަހަކުވެސް ނޫޅެއެވެ.
"ހަމީމް ވީތަނެއް އެނގޭތަ؟" ހިމޭންވެފައި އިން ކެންޒާގެ ގާތުން މިންނާ އަހާލިއެވެ.
"ނޭނގެ. އަހަރެން ހޭލާ ހުއްޓާ ގެއަކަށް ނުވަދޭ. މި ދެމަސް ނިމިގެން މިދިޔައީ ވަރަށް ބޮލަށް ފަސޭހަކޮށް. ދިމާނުވާތީ ލާރި ދޭކަށް ވެސް ނުކިޔޭނެއެއްނު." ކެންޒާ ބުންޏެވެ.
"ފިހާރައަށް ދާން ޖެހޭތަ؟ އެއްވެސް އެއްޗެއް ގަންނަން ވެފަތަ ހުރީ." އެނދުގައި އިށީނދެ އިން މިންނާ ތެދުވިއެވެ. އޭނާއާއެކު ކެންޒާ ވެސް ތެދުވިއެވެ. ކައިފް އެ ކޮޓަރިއަށް އައިސް ވަނީ އެވަގުތެވެ. ސިފަގެއްލިފައި ހުރި ބޭބެ ފެނުމުން ކެންޒާއަށް ހުއްޓެވުނެވެ. ކެންސަރާ ހަނގުރާމަ ކުރުމަށްފަހު މިއަދު އެބޭބެއަށް ކުރި ލިބިފައިވީއިރު ޒުވާންކަމުގެ ރީތި ސިފައަށް އެވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. އެހެންނަމަވެސް ކައިފްގެ ފުޅާ ހިނިތުންވުމަށް ބަދަލެއް ނާންނަކަން ކެންޒާ ދެނެގަތެވެ. ލޯތްބާއެކު ކައިފް އައިސް ކެންޒާގެ ކޮނޑުގައި ހިފާ ގާތްކޮށްލައިފިއެވެ.
"މިސްޑް ޔޫ ސޯ މަޗް" ކައިފް ބުނެލިއެވެ.
"އައި ލަވް ޔޫ ބްރޯ..." ހީނލަމުން ކެންޒާ ބުނެލިއެވެ. އެ ހުނުމުގައި ކައިފް ބައިވެރިވިއެވެ.
މަންމައާއި ބޭބެ ފުރީއްސުރެ އެ ގޭގައި ތަފާތު ބާވަތްތަކުގެ ކާއެއްޗެހި ތައްޔާރުކުރުން ހުއްޓުނެވެ. އެމީހުންނާއެކު އަލުން އެގެއަށް ދިރުން އަތުވެއްޖެއެވެ. މަންމައާއި ބޭބެ ގާތު އޭނާ ވިޔަފާރިކޮށްގެން އަންނަންދެން މަޑުކުރުމަށް ބުންޏެވެ. ނަމަވެސް އެގޮތާ މިންނާ ޤަބޫލެއްނުވިއެވެ. ކައިފްގެ ހަށިގަނޑަށް އަރާމުބޭނުންވާއިރު އޭނާ ބޭރަށް ނުކުތުމަށް މިންނާއާއި ކެންޒާ ވެސް އެއްބަހެއްނުވިއެވެ. އެންމެފަހުން ކެންޒާއާއެކު މިންނާ ދާގޮތަށް ހަމަޖެހި ދެމައިން ގެއިން ނުކުތެވެ.
ހަވީރުގެ ހިޔާ އޮބި އިރުއޮއްސި އަނދިރިކަން ވެރިވަމުން އައިވަގުތެވެ. ބަދިގެ ފަރާތުގައި ފަހުން ހަދާފައި ހުރި ކޮޓަރިތެރެ ކެންޒާ ސާފުކޮށް ނިމި، ހުރިހާ އެއްޗެއް ތަރުތީބުކޮށް ނިންމައިފިއެވެ. އެ ކޮޓަރީގައި މިންނާއާއި ކައިފް ނިދާގޮތަށް ހަމަޖެހުނެވެ. ދުވަސްކޮޅަކަށެވެ. ކައިފްގެ ހާލު މިހާރަށްވުރެ ރަނގަޅުވެލުމުން ކެންޒާ ނިދާކޮޓަރިއަށް މިންނާ ބަދަލުވާގޮތަށެވެ. ކައިފްގެ ހާލަށް އެކަނި ދޫކޮށްލަން އަދި މިންނާއަށް އަވަހީއެވެ.
މިންނާ އައިސް އޭނާއާއި ހަމީމްއާ ދެމަފިރިންގެ ގޮތުގައި ތިބިއިރު ދިރިއުޅުނު ކޮޓަރިއަށް ވަނެވެ. އެކޮޓަރިތެރެ އޮތީ ސާފުކޮށްފައެވެ. ޓައިލްސްތަކުގައި މޮޕުއަޅާފައި އޮތުމުން، މަޑުމަޑު ލުނބޯ ވަހެއް ކޮޓަރީގައި ހިފާފައި ހުއްޓެވެ. އޭނާ އަންނަކަން އެނގޭތީ ކެންޒާކަން އެއޮތީ އެކޮޓަރި ވެސް ސާފުކޮށްދީފައިކަން މިންނާއަށް އެނގުނެވެ. މަޑުމަޑުން ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ. ގެއަށް ވަން ވަގުތު ވެސް އޭނާގެ ލޮލުގައި ސިޓިންރޫމުކޮޅުގައި ހުރި ސޯފާ އަޅައިގަތެވެ. އާ އެއްޗެއްކަން އެނގޭތީ، ކެންޒާ ގަނެފައިކަން ހީކޮށްލައި އެކަމާ މިންނާ ސުވާލެއްނުކުރީއެވެ. މިހާރު ދަރިފުޅަށް އެފަދަ ޚަރަދެއް ކުރެވޭހާ ފައިސާ ލިބޭކަން އެނގޭތީއެވެ.
"އެގޭ މީހުން ކިހިނެއް؟. ކޮންބައެއް އުޅެނީ... ފޮނިތަ؟" އެނދުގައި އޮތް ކައިފް ވާހަކަދެއްކިއެވެ. އޭނާގެ އެނދަށް ދެފައި އަރުވައިގެން ގޮނޑީގައި ކެންޒާ އިނެވެ. އަތުގައި އޮތް ޗީޒްބޯލް ދަޅު ދޭތެރެއަކުން ކައިފްއަށް ދިއްކޮށްލައެވެ. ކަސްތޫރީގެ ހުށަހެޅުން އައި ގޮތާއި އެ ގޭތެރޭގެ ކަންކަން ހުންނަ ގޮތް ބޭބެއަށް ކެންޒާ ކިޔާދިނެވެ. ފާހަގަކުރެވޭ ޚާއްޞަ ކަންކަން ނިކަން ތަފްސީލުކޮށްދެއެވެ. އެހެންވިޔަސް ލައިތުއާ ދެމެދު އޮތް ގުޅުމުގެ ވާހަކައެއް ކެންޒާ ކިޔައެއް ނުދެއެވެ. ފޯނުކޯލު ކުރި ރޭ ކަންތައްވީގޮތާމެދު ކައިފް ސުވާލުކުރި ނަމަވެސް އެރޭ ލައިތު ފޯނު އަތުލައި ކޯލު ކަނޑާލީކަމެއް ވެސް ކެންޒާ ނުބުންޏެވެ. އޭގެ ބަދަލުގައި އޭނާ ވާހަކައެއް ހަދާލިއެވެ.
* * * * *
ހ.މަހަލްއަށް ކެންޒާ ވަދެގެން އައި ވަގުތު ފޯނަށް މެސެޖެއް އައެވެ. ވަގުތުން ފޯނު ބަލާލިއެވެ. އެ މެސެޖު ބެލުމުގެ ޝައުގުވެރިކަން ގެއްލުނީ ލައިތުގެ މެސެޖަކަށް ނުވާތީއެވެ. ހެޑްސެޓް ރަނގަޅުކޮށްލަމުން އަލުން ކެންޒާގެ ފޯނު ޖީންސުގެ ފަހަތު ޖީބަށް ކޮށްޕާލިއެވެ. އޭނާ އައިސް ބަދިގެއަށް ވަންއިރު އެކަކުވެސް ފެންނާކަށް ނެތެވެ. ލައިތު ވެސް އޭނާގެ އިންތިޒާރުގައި ނެތުމުން މާޔޫސްވިއެވެ.
މަސައްކަތްތައް ފަށައި ނުނިމިގެން އުޅެނިކޮށް ކަސްތޫރީ ބަދިގެއަށް އައެވެ. ވަގުތު ކުޑަތަންވެފައި ހުއްޓާ އިތުރު ވައްތަރެއް ތައްޔާރުކުރަން ކެންޒާ ގާތު ބުނަންވުމުން ކަސްތޫރީ މަޢާފަށް އެދުނެވެ. މީހަކު އިތުރުވީތޯ ކެންޒާއަށް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. ކަސްތޫރީގެ ވާހަކަދެއްކުމުގައި ހުންނަ ގާތްކަމެއްގެ ސަބަބުންނެވެ. ލައިރާގެ ފިރިމީހާކަން އަންނަނީ ކަސްތޫރީ ބުނެލީ ވަރަށް ހިތްހަމަޖެހިފައި ހުރެއެވެ. މިރޭ އަންނާނޭކަން ޔަގީންވީ ދާދި ދެންމެއަކުކަމުގައި ކަސްތޫރީ ބުންޏެވެ. އޭނާ އައި ބޭނުން ފުދުމުން އެނބުރި ބަދިގެއިން ނުކުންނަން އައިސްފައި މަޑުކުރިއެވެ. ފަސްއެނބުރި ކެންޒާއަށް އޭނާ ބަލާލިއެވެ.
"މަންމަމެން އަންނަވާހަކަ ބުނީމެންނު. މިހާރު އައީތަ؟. ކިހިނެއް އެންމެން؟." ކަސްތޫރީ އަހާލިއެވެ. ކެންޒާގެ މޫނުން ފުޅާ ހިނިތުންވުމެއް ފާޅުވެލިއެވެ. އެކަން ކަސްތޫރީއަށް ފާހަގަވިއެވެ. މަންމައާއި ބޭބެގެ ހާލު ވެސް ރަނގަޅުކަން ކެންޒާ ބުންޏެވެ. މަސައްކަތް ނިންމާލާފައި އޭނާ ވެސް އަވަހަށް ގެއަށް ދާންބޭނުންވާކަން ބުންޏެވެ. ކަސްތޫރީ ހިތްހެޔޮ ހިނިތުންވުމެއް ބަދަލުކޮށްލާފައި ދިޔައީއެވެ.
އިތުރު ވައްތަރެއް ތައްޔާރުކުރަން ޖެހުމުން ކެންޒާ އުންމީދުކުރި ވަގުތަކަށް ނުނިމުނެވެ. އޭނާގެ ފޯނު ރިންގުވާން ފެށީ މަސައްކަތުގައި އުޅެނިކޮށެވެ. ބަދިގެ މެދުގައި ހުރި އައިލެންޑްމަތީ ބޭއްވި ފޯނު ނަގައި ހެޑްސެޓް ކަންފަތަށް ޖަހާލައި ކޯލަށް ކެންޒާ ޖަވާބުދިނެވެ.
"ދިޔައީތަ؟" އިވުނީ ލައިތުގެ އަޑެވެ. އާދަޔާ ޚިލާފަށް އެ އަޑު ބަރުކަން ކެންޒާއަށް އެނގުނެވެ.
"ނޫން. ބަދިގޭގަ މިއުޅެނީ... އަދި ނުނިމޭ..." ކެންޒާ ބުންޏެވެ. އެއާއެކު އަދި ވަރަށް ގިނައިރު ވާނެތޯ ލައިތު އެއްސެވެ. ކެންޒާ ނޫނެކޭ ބުނުމުން ލައިތު އެދުނީ އަށްވަނަ ފަންގިފިލާއަށް އައުމަށެވެ. ނުކެރޭނެއޭ ކެންޒާ ބުނީމާ ވެސް ލައިތު ޤަބޫލެއްނުކުރިއެވެ. ކީއްކުރަންތޯ އެހުމުން ވެސް ލައިތު ނުބުންޏެވެ. އެގޭގެ ހުރިހާ ފަންގިފިލާއެއްގައި ހިނގާ ކަންކަމެއް ކެންޒާއަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. އޭނާ ދުށީ ހަމައެކަނި ލައިރާ އުޅޭބަޔާއި ގޭގެ ޚާދިމުން އުޅޭ ބައެވެ. ދެން އިލިޔާނާއަށް ޓަކައި ބޭއްވި ޚަފުލާއަށް ތައްޔާރުކުރެވުނު ފަންގިފިލާއެވެ. ލައިތު އިތުރު ވާހަކައެއް ނުދައްކާ ފޯނު ބޭއްވީ އަވަހަށް އައުމަށް ބުނެފައެވެ.
ކިތަންމެ ޖެހިލުންވިޔަސް އެ ޖެހިލުންވުމުގެ މައްޗަށް ކެންޒާއަށްވުރެ ބޮޑަށް ލައިތުގެ ބާރު ހިނގައެވެ. އެލެވޭޓާގެ ދޮރު ހުޅުވުނު އަޑަށް ހިސާބަކަށް ކެންޒާ ސިހުނެވެ. އޭނާ އެލެވޭޓާއިން ނުކުމެ ދެކޮޅު ބަލާލިއެވެ. އެލެވޭޓާގެ ދެ ފަރާތުގައި ހުރި ބޮޑު މުށިގަނޑުގައި ބޮޑެތި ފަތްތަކެއްލާފައި ހުރި ގަހެއް ހުއްޓެވެ.
"ހޭ..." ލައިތު ގޮވާލިއެވެ. ސޯފާތަކާ ދިމާއަށް ކެންޒާގެ ނަޒަރު ހުއްޓުނެވެ. ސޯފާއިން ތެދުވި ލައިތު ފެނި ކެންޒާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ކުރު ސޯޓުބުރިއެއްގައި އޭނާ ހުރިއިރު އެ ހަށިގަނޑުގައިވި ނިވާކަމަކީ އެއީއެވެ. އިސްތަށިގަނޑުގެ ތަރުތީބު ގެއްލި ހޭވިފައި ހުރިއިރު އެމޫނުން ހީވަނީ ނިދާ ހޭލީ ދެންމެ ހެނެވެ.
"ޕެންޑާ..." ހުއްޓުން އަރާފައި ނޭވާލާން ވެސް ނޭނގި ކެންޒާ ހުއްޓާ ލައިތު ގޮވާލިއެވެ. މަޑުމަޑުން ކުރިއަށް އައި ކެންޒާގެ އަތުގައި އޭނާގެ ގާތަށް އައި ލައިތު ހިފިއެވެ.
ކޮޓަރިން ނުކުންނަން އުޅުނު ސެހްރާނަށް ފެނުނު މަންޒަރު ކޮޓަރިތެރެއަށް ދެމިގަނެވުނީ ނުހަނު އަވަހަށެވެ. ދެން އޭނާ ސިއްރުން ބޯއަރިކޮށް ބޭރު ބަލާލިއެވެ. ކެންޒާގެ އަތުގައި ހިފައިގެން ލައިތު އައިސް ވަންތަން ފެނުނީ ކޮޓަރިއަށެވެ. ނިކަން އަވަހަށް ދެލޮލުގައި ސެހްރާނަށް އަތްހާކާލެވުނެވެ. ދެން ބަލާލިއިރު ލައިތު ކޮޓަރީގެ ދޮރު ލައްޕަނީއެވެ.
(ނުނިމޭ)