އެފްއޭއެމް

ކުލަބުތަކުގެ ނުރުހުން އާޒިމުގެ ގަރާރަށް

އެފްއޭއެމުން ރާއްޖޭގެ ގާނޫނާއި، އެ އެސޯސިއޭޝަންގެ ގަވާއިދާ ހިލާފަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ހުށަހަޅުއްވާފައިވާ ގަރާރަށް ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުން ނުރުހުން ފާޅު ކޮށްފި އެވެ.

އާޒިމު ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރުމަށް ފަހު މިހާރު ވަނީ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފަ އެވެ. އެ މައްސަލަ އާޒިމު މަޖިލީހަށް ހުށަހެޅުމުން މދިޔަ ސީޒަންގައި ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރި ނުވަ ޓީމުގެ ތެރެއިން ފަސް ކުލަބުން ވަނީ ވަކިވަކީން ބަޔާން ނެރެ ގަރާރު ކުށްވެރި ކޮށްފަ އެވެ.

މާޒިޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އާޒިމު ކުރިން ޗެއާމަންކަން ކުރެއްވި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން އޭނާ އަމިއްލަ މަސަލަހަތު އިސްކޮށް އެހެން ކުލަބުތަކާއި އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅައަށް ގެއްލުން ދިނުމުގެ މަގްސަދެއް އާޒިމު ގެންގުޅޭ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކުލަބު އީގަލްސްއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އާޒިމު ގަރާރު ހުށަހާޅާފައި ވަނީ އެފްއޭއެމްގެ ކުރީގެ ރައީސްއެއްގެ ހައިސިއްޔަތުން އެފްއޭއެމްގެ ގަވާއިދާއި ރާއްޖޭގެ ކުޅިވަރު ގާނުނުގެ ދަށުން އޮތް މަރުހަލާތަކަކީ ކޮބައިކަން ރަނގަޅަށް ބެލުމެއް ނެތި ކަމަށެވެ. އަދި އާޒިމުގެ ހަގީގީ ބޭނުމަކީ އެފްއޭއެމްގެ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށްވެސް އީގަލްސްއިން ތުހުމަތު ކޮށްފައި ވެއެވެ.

ޓީސީ ސްޕޯޓްސް ކުލަބުން ބުނީ އާޒިމު މަސައްކަތް ކުރައްވަމުން ގެންދަނީ ކުޅުންތެރިންނާމެދު ވިސްނާލުމެއް ނެތި ސިޔާސީ ނުފޫޒު ވައްދައިގެން ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑް ވާނެ ގޮތަށް ހޯދުމަށް ކަމަށެވެ.

ކުލަބު ގްރީން ސްޓްރީޓްގެ ބަޔާނުގައި އާޒިމުގެ ގަރާރު ސިފަކޮށްފައި ވަނީ ދިވެހި ފުޓްބޯޅަ ރަނގަޅު މިސްރާބަކަށް ގޮސްދާނެތީ އެކަންކަން ހުއްޓުވުމަށް ހުށަހަޅާފައިވާ ގަރާރެއްގެ ގޮތުގަ އެވެ. އަދި އާޒިމުގެ ބޭނުމަކީ ސަރުކާރާއި އެފްއޭއެމް އާ ދެމެދު މިހާރު އުފެދިފައިވާ ރަނގަޅު ގުޅުން ހީނަރު ކުރުވުން ކަމަށްވެސް ގްރީންގެ ގަރާރުގައި ވަނީ ތުހުމަތު ކޮށްފަ އެވެ.

ޔުނައިޓޭޑް ވިކްޓަރީން ބުނީ ބަޔާނުގައި ބުނެފައި ވަނީ އާޒިމުގެ މަގްސަދަކީ އޭނާގެ ސިޔާސީ ބާރު ބޭނުން ކޮށްގެން ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވެއްދުން ކަމަށެވެ.

އެފްއޭއެމް އަށް އެހެން ފަރާތަކުން ނުފޫޒު ވައްދާނަމަ ރާއްޖެއާ ދެކޮޅަށް ސަސްޕެންޝަންގެ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް އިއްޔާ ފީފާއިން ވަނީ އަންގާފަ އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރުކަންވެސް ކުރައްވާ އާޒމު މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދާ އެއް ގޮތަށް މަހަކު އެއް ފަހަރު ހިންގާ ކޮމިޓީގެ ބައްދަލުވުންތައް ބާއްވާފައި ނުވާ ކަމަށާއި ކޮމިޓީގައި ހުސްވެފައިވާ މަގާމުތަކުގެ އިންތިހާބު ބާއްވާފައި ނުވާ ކަމަށެވެ. ގަވާއިދުގައި ބުނާ އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތައް ވެސް އެފްއޭއެމް އިން އުފައްދާފައިވާ ނުވާ ކަމަށް ވެސް އާޒިމް ހުށަހެޅުއްވި އެވެ.

ރާއްޖޭގެ ކުޅިވަރު ގާނޫނުތަކާއި އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާއިރު ވެސް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ގާނޫނުގައި ބުނާ ގޮތަށް އެ އެސޯސިއޭޝަނާ މެދު ފިޔަވަޅު އަޅާފައި ނުވާ ކަމަށް ވެސް އާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެ އެވެ.

އާޒިމުގެ އެ ގަރާރު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ފެންނަކަމަށް ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. އެ މައްސަލަ މަޖިލީހުން ދިރާސާ ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.