މިހާރުވެސް އެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްއަށް ރައީސްކަމަށް އަނެއްކާވެސް އިންތިހާބު ކޮށްފި އެވެ.
މިހާރު ކުރިއަށްދާ ކޮންގްރެސްގައި ބައްސާމްގެ އެކްސްކޯ އިންތިހާބު ކުރުމަށް ކުލަބުތަކުން ވަނީ ވޯޓް ދީފަ އެވެ. އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އިންތިހާބަށް ކުރިމަތިލެއްވީ ބައްސާމް އެކަންޏެވެ.
އޭނާ އިންތިހާބަށް ކުރިމަތި ލެއްވީ ނުވަ ކުލަބުގެ އެންޑޯޒްމެންޓާއެކު އެވެ. ފުރަތަމަ ޑިވިޝަނުން އޭނާ އަށް އެންޑޯޒްމެންޓް ދިނީ މާޒިޔާ، އީގަލްސް، ޓީސީ، ކުލަބު ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ، ޔުނައިޓެޑް ވިކްޓަރީ އެވެ. މިދިޔަ ސީޒަންގައި ދެ ވަނަ ޑިވިޝަންގައި ވާދަ ކުރި ނަމަވެސް މިހާރު ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދާފައިވާ ދެ ޓީމު ކަމަށްވާ ކުލަބު ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބު އަދި ކުލަބު ޕީކޭ ވެސް ވަނީ ބައްސާމަށް އެންޑޯޒްމެންޓް ދީފަ އެވެ.
ބައްސާމްގެ އެގެޒެކެޓިވް ކޮމިޓީގައި ނައިބު ރައީސުންނަކީ، އެފްއޭއެގެ ޑެޕިއުޓީ ޖެނަރަލް ސެކެޓްރީގެ މަގާމުގައި އެންމެ ފަހުން ހުންނެވި ކުރީގެ ފޯވަޑް އަލީ އުމަރާއި ބައްސާމްގެ ކުރީގެ އެކްސްކޯގައިވެސް ހިމެނިވަޑައިގަންނަވާ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ. އެކްސްކޯ މެންބަރުންގެ ތެރޭގައި ހިމެނެނީ، ބައްސާމްގެ ކުރީގެ ނައިބު ރައީސް އަހްމަދު ޝަކީބު، ނިމިދިޔަ ދައުރުގެ އެކްސްކޯ މެންބަރުގެ ގޮތުގައި ހުންނެވި މުހައްމަދު ޝިފާއު، އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ)، ކުރީގެ ސްޕޯޓްސް ކޮމިޝަނާ އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ރައީސް އަހްމަދު ނަޝީދު (ޑޭވް)، ކުލަބު ގްރީން ސްޓްރީޓްގެ ރައީސް މުއާވިޔަތު ހަލީލް އެވެ. އެކްސްކޯގެ އަންހެން މެންބަރެއްގެ ގޮތުގައި ހިމެނި ވަޑައިގަންނަވަނީ މިހާރުވެސް އެފްއޭއެމްގެ އިސް މަގާމެއް ފުރަމުން އަންނަ އާމިނަތު ޝާނީޒް (ޝާނީ) އެވެ.
އެފްއޭއެމްގެ އިންތިހާބު ކުރިއަށް ގެންގޮސްފައި ވަނީ އިންތިހާބު ފަސް ކުރުމަށް ސަރުކާރުން އަންގާފައި ވަނިކޮށެވެ. ޔޫތު ސްޕޯޓްސް މިނިސްޓްރީން، އިންތިހާބު ފަސް ކުރަން އެންގީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިހާރު ދިރާސާ ކުރަމުންދާ އެފްއޭއެމްގެ މައްސަލަ ނިމެންދެން އިންތިހާބު ފަސް ކުރުމަށް އެފްއޭއެމްއަށް އަންގަން މިނިސްޓްރީއަށް ރައްޔިތުންގެ މަޖިލީހުން އެންގުމުންނެވެ.
ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކޮށް ޔޫތު މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ވަނީ އިޖުތިމާއީ ކޮމިޓީން ދިރާސާ ކުރަމުންދާ މައްސަލަ ނިމެންދެން އެފްއޭއެމްގެ އިންތިހާބު ފަސް ކުރުމަށް އެފްއޭއެމް އަންގެމަށެވެ. މިނިސްޓްރީގެ ތަރުޖަމާން މިއަދު ހަތަރެއް ޖެހިއިރު މިޑިއާގެ ވައިބާ ގުރޫޕަށް މެސެޖު ކުރައްވައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުން އެދުނު ގޮތަށް އެފްއޭއެމްގެ އިންތިހާބު ފަސް ކުރުމަށް އެފްއޭއެމްގެ ކިބައިން އެދިފައިވާނެ ކަމަށެވެ.
އެހެންނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ އިންތިހާބު ކުރިއަށް ގެންދިއުމަށް އެފްއޭއެމްއަށް އަންގާފަ އެވެ.