އެފްއޭއެމް އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިހާރު ދިރާސާ ކުރަމުންދާ މައްސަލައާ ގުޅިގެން ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވާން ތައްޔާރު ކަމަށް ދެވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސް ކަމަށް މިއަދު އިންތިހާބު ވެވަޑައިގެންނެވި ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުން ވަނީ ކޮމިޓިން މައްސަލަ ބަލައި ނިމެންދެން އިންތިހާބު ފަސް ކުރުމަށް އެފްއޭއެމް އަށް އެންގުމަށް ޔޫތު މިނިސްޓްރީއަށް އަންގާފަ އެވެ. ޔޫތު ސްޕޯޓްސް މިނިސްޓްރީން ފަސް ކުރަން އެންގި ކޮންގްރެސްގައި އާ ދައުރަކަށް ރައީސް ކަމަށް އިންތިހާބުވުމަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައްސާމް ވިދާޅުވީ އެފްއޭއެމްގެ މައްސަލަ މަޖިލީހުން ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ރާއްޖޭގެ ގާނޫނުގެ ތެރެއިން އެ ބާރު ލިބިގެން ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް ކަމަށެވެ. އެހެންނަމަވެސް މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީން ވާން އަންގައިފިނަމަ ޖާވާބުދާރީ ވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފީފާ އާއި އޭއެފްސީގެ ލީގަލް ޓީމުގެ މަޝްވަރާ ހޯދިން އަޅުގަނޑު ގަބޫލެއް ނުކުރަން މަޖިލީހަށް ބެލޭނެ ކަމަކަށް،" ބައްސާމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ފަރާތުން ހޯދަން ޖެހޭ މައުލޫމާތެއް އޮތިއްޔާ އެ ދާންޖެހޭ ތާކަށް ގޮސްގެން އަޅުގަނޑުމެންގެ ފަރާތުން ސާފު ކޮށްދޭން ޖެހޭ ކަމެއް ސާފް ކޮށްދޭން ތައްޔާރު."
"ހަގީގަތަކީ އަޅުގަނޑުމެން މަޖިލީހަށް ހާޒިރުވާން މަޖުބޫރެއް ނޫން، އެހެންނަމަވެސް އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެން މީ މާ ގަދަ ބައެއް ކަމަށް ދެކި ގަދަ ބަސް ބުނެފަ ނުދާކަށް އަޅުގަނޑުމެން ބޭނުންވަނީ އެބޭފުޅުން ސާފު ކުރަންވަން ބޭނުންވާ ކަމެއް އޮތިއްޔާ އެ މައުލޫމާތެއް އަރުވާ އެންމެންނަށް އެއްބާރުލުން ދީގެން ކުރިއަށް ގެންދަން."
ސަރުކާރުން އިންތިހާބު ނުބާއްވަން އަންގަވާފައިވަނިކޮށްވެސް އިންތިހާބު ބޭއްވީ، ސަރުކާރުން އަންގައިގެން އިންތިހާބު ނުބާއްވައިފިނަމަ ފީފާ އޭއެފްސީގެ ޝަސްޕެންޝަނެއް އަންނާނެ ކަމުގެ އިންޒާރު އައިސްފައިވުމުން އެ ސަސްޕެންޝަނުން ސަލާމަތް ކުރުމަށް ކަމަށެވެ.
ބައްސާމް ވިދާޅުވީ މިއަދު މެންދުރު ޔޫތު ސްޕޯޓްސް މިނިސްޓްރީން ސިޓީވެސް ފޮނުވި ކަމަށާއި އަދި ފަހުން މިނިސްޓަރު އަހްމަދު މަހްލޫފް ގުޅުއްވައި އިންތިހާބު މަޑުޖައްސާލަން ދެންނެވި ކަމަށެވެ. "މިނިސްޓަރު ވިދާޅުވި މަޖިލީހުން މިގޮތަށް އައިސްފައި އޮތީމަ ތިމަންނަގެ ވަރަށް ބޮޑު ރިކުއެސްޓެކޭ މަޑުޖައްސާލަން އޮވެއްޖެއްޔާ މަޑު ޖައްސާލުން."
"އަޅުގަނޑުމެން ބޭނުމެއް ނޫން މިހާރުގެ ރައީސްގެ ދައުރުގައި ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑް ވާކަށް،" ބައްސާމް ވިދާޅުވި އެވެ. "އަޅުގަނޑު މިނިސްޓަރަށް ދެންނެވިން ފީފާ އާއި އޭއެފްސީ އެންގުމާ އެއްގޮތަށް އިންތިހާބު ކުރިއަށް ދާނެ ވާހަކަ."
"ފީފާ އާއި އޭއެފްސީން އެންގިނަމަ މިއަދުވެސް އިންތިހާބު ފަސް ކުރީމުސް." ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ ތިން ވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއެމްއަށް ވަނަ ނުދީ މިނިވަން ކަމާއެކު ހިންގުމުގެ ފުރުސަތު ލިބެދޭން ޖެހޭނީ ފީފާގެ މެންބަރުކަން ހޯދުމުގެ މަރުހާލާގައިވާ މުއާހަދާގެ ދަށުން ފުޓްބޯޅަ އިދާރާ މިނިވަން ކަމާއެކު ހިންގުމުގެ ފުރުސަތު ދޭން ރާއްޖެއިން ސޮއި ކޮށްފައި ވުމުން ކަމަށެވެ.
އެފްއޭއެމްގެ ރައީސްކަން ކުރިން ކުރެއްވި މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދާ އެއް ގޮތަށް އެ އެސޯސިއޭޝަން ހިންގަމުން ނުދާ ކަމަށެވެ. އާޒިމުގެ އެ ގަރާރު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ފެންނަކަމަށް ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. އެ މައްސަލަ މަޖިލީހުން ދިރާސާ ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.