ކުޅިވަރު

ލައިޕްޒިގް ޔުނިވަސިޓީގެ ކޯޗިން އެމްބަސެޑާއަކަށް ޝާކިއްޓޭ

ޖަރުމަންގެ ލައިޕްޒިގް ޔުނިވަސިޓީގެ އިންޓަނޭޝަނަލް ކޯޗިން ކޯހުގެ އެމްބަސެޑަރަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) ހަމަޖައްސައިފި އެވެ.

އޮލިމްޕިކް ކޮމިޓީގެ ސްކޮލާޝިޕެއްގެ ދަށުން، ކުލަބު އީގަލްސްގެ ޔޫތު ޓީމުގެ ކުރީގެ ހެޑް ކޯޗް ޝާކިއްޓޭ ވަނީ ފުޓްބޯޅަ ޑިޕްލޮމާ ހަދާފަ އެވެ. އެ ކޯހުގެ ބައެއްގެ ގޮތުގައި ޝާކިއްޓޭ ވަނީ ޖަރުމަންގެ ފުޓްބޯލް އެސޯސިއޭޝަން (ޑީއެފްބީ) އޭ ލައިސެންސް ކެޓަގަރީގެ ކޯޗިން ކޯސް ފުރިހަމަ ކޮށްފަ އެވެ.

އަވަސް އާ ވާހަކަ ދައްކަމުން ޝާކިއްޓޭ ބުނީ، ލައިޕްޒިގް ޔުނިވަސިޓީގެ އިންޓަނޭޝަނަލް ކޯޗިން ކޯހުގެ އެމްބަސެޑަރަކަށް ވުމަށް ޔުނިވަސިޓީގެ ފަރާތުން އޭނާ ހުށަހަޅާފައިވާ ކަމަށެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ލައިޕްޒިގް ޔުނިވަސިޓީގެ އެމްބަސެޑަރަކަށް ވުމަށް ހުށަހަޅާފައިވާ ފުރުސަތު އޭނާ ގަބޫލު ކޮށްފައިވާ ކަމަށެވެ.

"ލައިޕްޒިގް ޔުނިވަސިޓީގެ ފުޓްބޯލް ޑިޕްލޮމާ ކޯސް ޕްރަމޯތް ކުރުމަށް އެ ކޯސް ފުރިހަމަ ކުރި ޔުނިވަސިޓީގެ ދަރިވަރުންނަށް ޔުނިވަސިޓީން ފުރުސަތު ދޭ އެމްބަސެޑަރުންނަށް ވުމަށް އެގޮތުން ކުރިއަށް އަހަރަށް އަހަންނަށް އެ ފުރުސަތު ދިނީ، އަހަރެން ވަނީ އެފުރުސަތު އެޓްސެޕްޓް ކޮށްފަ،" ޝާކިއްޓޭ ވާހަކަ ދެއްކި އެވެ. "އިތުރު ދިވެހިން ލައިޕްޒިގް ޔުނިވަސިޓީގެ އެ ޕްރޮގްރާމްގެ ފުރުސަތު ހޯދުމަކީ އަހަރެން ދެކެން ބޭނުންވާ ކަމެއް."

ލައިޕްޒިގް ޔުނިވަސިޓީގެ އެމްބަސެޑަރަކަށް ޝާކިއްޓޭ ހަމަޖެއްސިކަން އިއުލާން ކުރީ އޮލިމްޕިކް ކޮމިޓީންނެވެ. އޮލިމްޕިކް ކޮމިޓީން ބުނީ، ޝާކިއްތޭ އެ ޔުނިވަސިތީގެ އެމްބަސެޑަރެއްގެ ގޮތުގައި ހަމަޖެއްސުމުން ރާއްޖެ އާއި އެ ޔުނިވަސިޓީ އާދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި އިތުރު ދިވެހިން އެ ޔުނިވަސިޓީގެ ފުރުސަތު ލިބުމުގައި އެމްބަސެޑަރެއްގެ ހައިސިއްޔަތުން ޝާކީޓޭގެ ދައުރު ފެނިގެންދާނެ ކަމަށްވެސް އޮލިމްޕިކް ކޮމިޓީން ބުންޏެވެ.

ކުރިން ޒުވާން ގައުމީ ޓީމުތަކުގެ ހެޑް ކޯޗުކަން ކޮށްފައިވާ ޝާކިއްޓޭ އަކީ ޔޫތު ފުޓްބޯޅަ މުބާރާތް މިލްކު ކުރި ހަމައެކަނި ކޯޗެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓްގަ އެވެ.