އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ފުރައްސާރައިން އެމީހުން ރައްކާތެރިކޮށް ހިމާޔަތް ކުރުމުގައި ދައުލަތުގެ ނިޒާމު ފެއިލްވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ރިފޯމް ކުރަންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްދަމު ދީދީ ވިދާޅުވެެއްޖެ އެވެ.
މި ފަހުން ސަފާރީއެއްގައި އަންހެނެއް ރޭޕް ކުރި މައްސަލަ އާ ގުޅިގެން މާލެ ސިޓީގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. ސަފާރީ ރޭޕް ކޭސް އަށްފަހު ޖިންސީ ގޯނާ އާއި ފުރައްސާރައިގެ އެތައް ކޭސްތަކެއް ދަނީ ފެންމަތިވެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެދި ދަނީ ގޮވަމުންނެވެ.
އެކަންކަމާ ގުޅިގެން މިނިސްޓަރު މިއަދު ވިދާޅުވީ، މި މުޒާހަރާތަކުގެ ބައިވެރިންގެ އަޑު އިވޭ ކަމަށާއި މިނިސްޓަރު ހުންނެވީ އެމީހުންނާ އެކު ކަމަށް މިއަދު ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސް އެއްގައި ވިދާޅުވި އެވެ.
"ކަންބޮޑުވުންތައް ހިއްސާ ކުރަން، އަޅުގަނޑު މިހުރީ ތިޔަ ބޭފުޅުންނާ އެކުގަ" ދާދި ފަހުން ޖެންޑާ މިނިސްޓަރުކަމަށް ވަޑައިގެން މިނިސްޓަރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ، ރިފޯމް ގެންނަން ޖެހޭ ކަމަށާއި އެކަން އަވަސް ކުރުންވެސް މުހިއްމު ކަމަށެވެ. އިޖުތިމާއީ ގޮތުންނާއި ތަހުގީގުގެ މަރުހަލާ އާއި ދައުވާ ކުރުމަށް ކޮންމެ ފިޔަވަޅެއްގައިވެސް އެކަން ކުރަން ޖެހޭކަން ވަނީ ފާހަގަކޮށްފަ އެވެ.
ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ހިނގި މި ހާދިސާގައި ތުހުމަތު ކުރެވޭ ދެ މީހަކު ދޫވީ ސިޔާސީ ނުފޫޒުން ކަމަށް ވަނީ އަޑުފެތުރިފަ އެވެ. މި ކަންކަމާ ދެކޮޅަށް ފުރަތަމަ މުޒާހަރާ ކުރީ މިދިޔަ ހަފްތާ ހޯމައިގަ އެވެ. އެއަށްފަހު މިއަދުވެސް މުޒާހަރާ ކުރި އެވެ.
ވޮއިސް އޮފް ޗިލްޑްރަން، އެންޖީއޯ އަކުން އިސްނަގައިން ކުރާ މުޒާހަރާތަކުގައި އަޑު އުފުލަނީ ރޭޕް ކުރުން އަދި ޖިންސީ ގޯނާ ކުރުން އެއީ ބޮޑު ކުށަކަށް ހެދުމަށް ކަމަށާއި، ރޭޕް ކަހަލަ ކުށްތައް އަވަސް ނިޔާގައި ކޯޓު މަރުހަލާއިން ނިންމުމަށެވެ. އަދި، އިންސާފު ގާއިމްކޮށް އިންސާފަށް ހުރަަސް އަޅާ މީހުންނަށް ފިޔަވަޅު އެޅުމަށެވެ.