އައިޖީއެމްއެޗް އިން 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ހެލްތު އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ އައިސީޔޫގައި ފަރުވާދިން ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން ކޮންޓެކްޓް ޓްރޭސްކޮށް ޓެސްޓުތައް ވެސް ހަދަމުން ގެންދާ ކަމަށެވެ. އަދި މިހާރު 11 މީހަކު މިހާރު ޕޮޒިޓިވްވެފައި ކަމަށެވެ.
އެއީ ރޭ މަރުވި މީހާ އާއެކު ފަސް ޕޭޝަންޓުންނާއި އެމީހުންގެ ދެ ރިލޭޓިވުން އަދި ހޮސްޕިޓަލުގެ ހަތަރު މުވައްޒަފެކެވެ. މި ކޭސްތަކާ ގުޅިގެން މިހާތަނަށް 27 މީހަކު ހޯމް ކަރަންޓީނު ކޮށްފައި ވެއެވެ.
އައިޖީއެމްއެޗުގައި ކޮވިޑް-19 ފެތުރުނުކަން އެނގުނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔަ އިންޑޮނޭޝިއާގެ ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެހެން ބައެއް މީހުންގެ ޓެސްޓުތައް ހެދުމުންނެވެ. މިހާރު ވަނީ އައިސީޔޫ ބަންދުކޮށް ދެމުން އައި ހިދުމަތް އެހެން ތަނެއްގައި ދޭން ފަށާފަ އެވެ.
މި ކޭސްތަކާ ގުޅިގެން ހޮސްޕިޓަލުގެ އުސޫލުތައް ވެސް ވަނީ ހަރުކަށި ކޮށްފަ އެވެ. ލޮކްޑައުންގައި ލުއި ދިނުމުގެ ތިން ވަނަ މަރުހަލާގެ ބައެއް ބަދަލުތައް މަޑުޖައްސާލާފައި ވާއިރު ވަކި ގޮތެއް އަންގަންދެން އަމަލު ކުރާނީ ކުރިން އަމަލު ކުރި ގޮތަށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އެގޮތުން، ވޯޑުގައި ތިބޭ ބަލި މީހުންނަށް ޒިޔާރަތް ކުރުން މަނާކޮށް ދުރާލާ ރޭވިގެން ކުރިއަށް ގެންދާ ރޫޓީން އޮޕަރޭޝަންތައް ހުއްޓާލުން ހިމެނެ އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރި 2410 ޕޮޒިޓިވް ކޭސް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން، 1976 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު 11 މީހަކު ވަނީ މަރުވެފަ އެެވެ.