(2 ޖުލައި 2020 އާ ގުޅޭ)
ކޮޓަރިން ނުކުންނަން އުޅުނު ސެހްރާނަށް ފެނުނު މަންޒަރު ކޮޓަރިތެރެއަށް ދެމިގަނެވުނީ ނުހަނު އަވަހަށެވެ. ދެން އޭނާ ސިއްރުން ބޯއަރިކޮށް ބޭރު ބަލާލިއެވެ. ކެންޒާގެ އަތުގައި ހިފައިގެން ލައިތު އައިސް ވަންތަން ފެނުނީ ކޮޓަރިއަށެވެ. ނިކަން އަވަހަށް ދެލޮލުގައި ސެހްރާނަށް އަތްހާކާލެވުނެވެ. ދެން ބަލާލިއިރު ލައިތު ކޮޓަރީގެ ދޮރު ލައްޕަނީއެވެ.
"އެ ނުވާނެ ހަޤީޤަތަކަށް... އެކަމަކު އެއީ ހަމަ ކެން. ދެން ހުރީ ލައިތު. އެންޑް ހީ އިޒް ހާފް ނޭކެޑް." މޫނުގައި ދެއަތް ޖައްސާލި ސެހްރާނަށް ހުރެވުނީ އަޖައިބުވެ ދެން ހަދާނޭ ގޮތެއް ނޭނގިފައެވެ. އޭނާ ޒުބިން ބަލާދާން އެއްބަސްވީ ލައިތު ނިދާފައި އޮތުމުންނެވެ. މިއަދު ލައިތުގެ ޠަބީޢަތް ރަނގަޅުނޫންހެން އޭނާ އޮފީހުން ގެއަށް އައިވަގުތު ވެސް ސެހްރާނަށް ހީވިއެވެ. އެހެން ދުވަސްދުވަހަށްވުރެ އަވަހަށް އޭނާ އައިގޮތަށް ކޮޓަރިއަށް ވަން މީހާ އަދި އެ ނިކުތީއެވެ. ނުކުމެފައި ވެސް އޭނާ އެކުރީ ކީއްހެއްޔެވެ. އެސުވާލު ހިތަށް ވަނުމާއެކު ސެހްރާނަށް ދެ ލޯ ބޮޑުކޮށްލެވިއްޖެއެވެ.
"މީ ގޯހެއް ކަންނޭނގެ. ދެންމެ ޔާދު ނުކުތްނަމަޔޯ!. އޭނާއަށް ފެނިއްޖެއްޔާ ދުވަސްދިޔައީ. ޔާދުއަށް ޖެއްސުމަށްތަ ލައިތު މިއުޅެނީ." ސެހްރާނު މާޔޫސްވިއެވެ. ޔާދިންއަށް ޖެއްސުމަށް ލައިތު އުޅުނަސް އެދެމެދުގަ އޮތް ކޯޅުމުގެ ތެރެއަށް ކެންޒާ ވައްދައިގެން ނުވާނޭކަން ސެހްރާނު ޤަބޫލުކުރެއެވެ. ހަމައެއާއެކު ކެންޒާއާ މެދު ވެސް އޭނާ ސުވާލު އުފެދުނެވެ. ލައިތު އެދުނަސް އޭނާގެ ކޮޓަރިއަށް ވަންނަން ކެންޒާ އެއްބަސްވެގެން ނުވާނެއެވެ. ފެނުނު މަންޒަރުން ލައިތުގެ އެދުމަށް ކެންޒާ ދެކޮޅު ނުހަދާކަން ސެހްރާނު ދެނެގަތެވެ. އެކަމަކު އެއީ ކީއްވެހެއްޔެވެ؟. ލައިތުއަކީ ހަރުކަށި މީހެކެވެ. އޭނާ ކެންޒާއާމެދު ޢަމަލުތައް ބަހައްޓަމުން އައީ އެފަދައިންނެވެ. ވީއިރު ލައިތުދެކެ ކެންޒާ ފޫހިވުމަކީ ވުން އެންމެ ގާތް ކަންތަކެވެ. އެކަމަކު އެފަދަ ފޫހިކަމެއް، ރުޅިއައުމެއް ކެންޒާގެ ކިބައިން ނުފެނެއެވެ.
"ސެހެރް..." ދޮރުކައިރީ ހުރި ސެހްރާނަށް ގޮވާލީ އެ ދިމާއަށް އައި ފަރުޒީނެވެ.
"ކިހިނެއްވެފަ ތިހުންނަނީ؟. ޔާދިން ކޮބާ؟. އެއްވެސް ކުއްޖަކު ނުފައިބައިގެން މާމަ އެބައުޅޭ." ފަރުޒީނު މަޑުކޮށްލީ، ކޮޓަރިން ސެހްރާނު ނުކުމެގެން އަންނާތީއެވެ.
"ޔާދު ވެސް ކޮޓަރީގަ ކަންނޭނގެ. އެބަ ބަލާލަން." ސެހްރާނު ބުންޏެވެ. އޭނާ އައިސް ޔާދިންގެ ކޮޓަރީގައި ޓަކިދިނެވެ. ހުޅުވިގެން ދިޔަ ދޮރުން ޔާދިން ނުކުތެވެ. ދާންވީކަމުގައި އޭނާ ބުނެލުމުން އިތުރު ވާހަކައެއް ނުދައްކާ އެންމެން އެކުގައި އެލެވޭޓާއާ ދިމާއަށް އައެވެ.
"ލައިތު ނުހޭލާތަ؟" ފަރުޒީނު އަހާލީ ސެހްރާނު ގާތުއެވެ. ހާސްވެފައި ހުރެ ސެހްރާނު ނިކަން އަވަހަށް އާނއެކޭ ބުނެލިއެވެ.
"ގޮވާލަންވީ ކަންނޭނގެ" އެލެވޭޓާ ކައިރިން ހުއްޓެމުން ފަރުޒީނު ބުނެލިއެވެ. އެއާއެކު މަންމަގެ އަތުގައި ސެހްރާނަށް ހިފާލެވުނެވެ. ހުޅުވުނު އެލެވޭޓާގެ ތެރެއަށް ސެހްރާނު ވަނީ މަންމަ ގޮވައިގެންނެވެ.
"މިއަދު މާބުރަ ދުވަހަކީ ކަންނޭނގެ. އޭނާ ނިދާލަން ބާއްވާ. ކާގަޑިއަށް ތެދުވާނެހެން ހީވަނީ. މާމަ ނުރުހިދާނޭތީ ވެސް އެގަޑިއަށް ތެދުވެގެން އަންނާނެ." ސެހްރާނުގެ ގަސްދަކަށްވީ ލައިތުގެ ކޮޓަރިއާ ވީހާ ވެސް ދުރަކަށް މަންމަ ގެންދިއުމެވެ. ކޮޓަރީގައި ކެންޒާ ގޮވައިގެން ލައިތު ހުރިކަން އެނގިއްޖެއްޔާ ވާނޭ ގޮތް ހިތަށް އަރުވާލަން ވެސް ސެހްރާނު ބޭނުމެއްނޫނެވެ. އެންމެ ފުރަތަމަ ލައިތުގެ މި ޢަމަލު ތަހުގީގުކުރާނީ ސެހްރާނުކަމުގައި އޭނާ އަމިއްލައަށް ނިންމިއެވެ. މީހަކަށް އެނގުމުގެ ކުރީން އޭނާ ލައިތު ސަލާމަތްކުރަން ބޭނުންވަނީއެވެ.
"އާ ޔޫ އޯކޭ..." ޔާދިންގެ އަޑަށް ސެހްރާނު ބަލާލިއެވެ. އޭނާ ހާސްވެފައި ހުރިވަރު މޫނުން ވެސް ފާޅުވާކަން ވިސްނާލެވުނީ ދެނެވެ. މޮޔައެއް ފަދައިން ފާޑަކަށް ސެހްރާނު ހީނލީއެވެ. ނަމަވެސް މަންމަ ހުރީ އޭނާއަށް ފަރުވާތެރިކަމާއެކު ބަލާށެވެ. އެ ދެލޮލުން ސެހްރާނު ކަމެއް ސިއްރުކުރާކަން ދެނެގެންފާނެތީ އިތުރަށް އޭނާ ކަންބޮޑުވިއެވެ.
* * * * *
"ކީއްކުރަން ތަޅުލަނީ؟" ލައިތު ދޮރު ތަޅުލުމާއެކު ކެންޒާއަށް އަހާލެވުނެވެ.
"މީހަކަށް ނުވަދެވޭނެއެއްނު" ލައިތު ބުނެލިއެވެ.
"ދެން ކީއްކުރަން މިތަނަށް ގެނައީ" ކެންޒާ އަދިވެސް ހުރީ ޖެހިލުންވެފައެވެ.
"ކާމްޑައުން..." ލައިތު އައިސް ކެންޒާގެ ކޮނޑުގެ ދެފަރާތުން ހިފަހައްޓާލިއެވެ.
ކެންޒާ ގޮވައިގެން ގެނެސް އެނދުގައި ބޭންދިއެވެ. އޭނާ ވެސް އެއްފައި އެނދަށް އަރުވާލައިގެން ކެންޒާއާ ކުރިމަތިވާނޭހެން އިށީނެވެ. ޔާދިންއާ ދިމާވިތޯ ލައިތު ސުވާލުކުރިއެވެ. ބައްދަލެއް ނުވެޔޭ ބުނުމަށް ކެންޒާ ދެފަރާތަށް ބޯހޫރާލީއެވެ. ލައިތު އިތުރު ވާހަކައެއް ނުދެއްކުމުން ކޮޓަރިއަށް ހިމޭންކަން ވެރިވިއެވެ. ވަގުތުކޮޅަކަށްފަހު ކެންޒާގެ ކޮނޑުގައި ލައިތު ނިތްކުރި ޖައްސާލިއެވެ. ވަރަށް ބޮލުގަ ރިއްސާ ވާހަކަ ބުންޏެވެ.
"މާ ބިޒީވީތަ؟" ކެންޒާ އަހާލިއެވެ. ލައިތު އިންގޮތަށް އިނދެ ދެފަރާތަށް ބޯހޫރާލިއެވެ. ލައިތުގެ ބޮލުގައި ކެންޒާ އަތްތިލަ ޖައްސާލީ ޖެހިލުންވެ އިނދެއެވެ. އިސްތަށިގަނޑުގައި މަޑުމަޑުން ކެންޒާ ފިރުމާލަދިނެވެ. އެއާއެކު އިހުނަށްވުރެ ކެންޒާއާ ގާތަށް ލައިތު ޖެހިލިއެވެ.
"އަހަންނަށް ޓްރަސްޓް ކުރަންތަ؟" ލައިތު އަހާލިއެވެ. ކެންޒާ މަޑުމަޑު ހޫންއެއް ލައްވާލިއެވެ. ކެންޒާގެ އަތުގައި ދެއަތް ވަށާލައި ލައިތުގެ ގައިގާ ބޮނޑިކޮށްލިއެވެ.
"ގުޑް... ގުޑް..." ތަކުރާރުކޮށް މަޑުމަޑުން ލައިތު ބުނެލިއެވެ.
"އަހަރެން ފިޔަވާ، އެކަކަށް ވެސް ޓްރަސްޓް ނުކުރާތި، ޚާއްޞަކޮށް މިގޭ އެކަކަށް ވެސް ނުކުރާތި. މީހަކު ބުނާހާ އެއްޗެއް ޤަބޫލުނުކުރައްޗޭ. ވާހަކައެއް އަޑުއިވިގެން އަމިއްލައަށް ގޮތެއް ނުނިންމާތި. އެކަން އެނގެން ބޭނުންވާނަމަ އަހަރެންނާ ސުވާލުކުރޭ. ޕެންޑާގެ ކޮންމެ ސުވާލަކަށް އަހަރެން ޖަވާބުދޭނަން. އަހަންނަށް އެނގޭކަމެއްވިއްޔާ ތެދުތެދަށް ކިޔާދޭނަން. ގޯޑް ޕްރޮމިސް..." ލައިތު ބުންޏެވެ. ލައިތުގެ ތަބީޢަތަށް ބަދަލުތަކެއް އައިސްފައިވާހެން ކެންޒާއަށް ހީވީ ދެނެވެ.
"ކިހިނެއްވީ؟، ކަމެއް ދިމާވީތަ؟"ކެންޒާ އަހާލުމުން ވެސް ލައިތު އެ ސުވާލަށް ޖަވާބުދޭން ބޭނުމެއްނުވިއެވެ.
ކެންޒާގެ އަތުގައި ހިފަހައްޓާލައިގެން އިނދެ އެނދުގައި އޮށޯންނަން އުޅުނެވެ. ކެންޒާ ގޮވާލި ނަމަވެސް އެ އަޑަށް ސަމާލުކަމެއް ނުދިނެވެ. ކެންޒާގެ އަވަސްވެފައިވި ހިތުގެ އަޑު އިވޭހާ ގާތުގައި ލައިތު އޮށޯތެވެ. ކެންޒާ އަނެއްކާ ވެސް ގޮވާލިއެވެ.
"ވަގުތުކޮޅަކަށް އަހަރެން އޮތަދީބާ. ޕްލީޒް." ލައިތު ބުންޏެވެ. ކިތަންމެ ހާސްވީ ނަމަވެސް ކެންޒާއަށް ދެކޮޅެއް ނުހެދުނެވެ.
ދެ ލޯ މަރާލައިގެން ހިމޭންވެފައި ލައިތު އޮތެވެ. އޭނާ ބޭނުންވަނީ ހަމައެކަނި ކެންޒާގެ ގާތުގައި އެގޮތުގައި އޮވެލުންކަން ޤަބޫލުކުރެވި، ފުންނޭވާއެއް ކެންޒާއަށް ދޫކޮށްލެވުނެވެ. އޭނާގެ ނަޒަރު ސީދާކޮށްލި ހިނދު ލޮލުގައި އަޅައިގަތީ މަތީގައިވި "ސެންޓާ ޕީސް"ގައި އެލުވާފައި ހުރި ބިއްލޫރީބައްތިއެވެ. ހިމަދިގުކޮށްހުރި އެތައް ބިއްލޫރިކޮޅުތަކުގެ ތެރެއިން އެކޮޓަރިއަށް އެޅިފައި ހުރީ ނުހަނު ފަނޑު އައްޔެކެވެ. ކެންޒާގެ ނަޒަރު އެކޮޓަރިއަށް ހިންގާލެވުނެވެ. މައިގަނޑު ކުލައަކީ ކަޅުކުލައާއި އަޅިކުލައެވެ. ހުރިހާ ފަރުނީޗަރެއްހެން ހުރީ ކަޅުކުލައިގައެވެ. ބަލާލި ކޮންމެ ދިމާއަކުން ފާޅުވަނީ މުއްސަނދިކަމެވެ. ހުނަރުވެރި ފަރުމާކުރުން ތެރިއެއްގެ ކުޅަދާނަކަން އެ ކޮޓަރިން ހާމަވެއެވެ. އަގުބޮޑު ދިރިއުޅުމުގެ ވައްޓަފާޅި އެކޮޓަރިން ސިފަވެއެވެ. "މަސްކު"ގެ ވާހާއި ގަސްވަހާއެކުވެފައިވާ ފަދަ ފިރިހެންވަންތަ ލުއި މީރު ވަހެއް އެކޮޓަރިތެރެއިން ދުވާކަން، އެ ކޮޓަރިއަށް ވަންވަގުތު ވެސް ކެންޒާއަށް ފާހަގަވިއެވެ. ހަށިހިމޭން ކުރުވާފަދަ ޖާދުވީ ގޮތެއް އެ ކޮޓަރީގައި ވެއެވެ.
"ލައިތު..." ކެންޒާ ގޮވާލިއެވެ. ޖަވާބުގައި ލައިތު ހޫންއެއް ލައްވާލިއެވެ.
"އަހަރެން ގެއަށް ދާން ޖެހޭނެ." އަވަހަކަށް ތެދުވާން ލައިތު ޚިޔާލު ނުކުރާކަން ވިސްނި ކެންޒާ ވާހަކަދެއްކިއެވެ.
"ފިއު މޯ މިނެޓްސް... ޕްލީޒް..." އާދޭހުގެ ގޮތަކަށް ލައިތު ބުނެލިއެވެ.
"ޔޫ ނޯ އައި ކާންޓް ސްޓޭ، މިގޭ މީހަކަށް ފެނިއްޖެއްޔާ ރަނގަޅެއް ވެސް ނުވާނެ. އެމީހުން ހީކުރާނީ ކީކޭ." ކެންޒާއަށް ބުނެލެވުނެވެ.
"އަހަރެންގެ ގާލްފްރެންޑް ގެންނާނީ އަހަރެން އުޅޭތާކަށް" ލައިތު ބުންޏެވެ. އޭނާ ލޯ ހުޅުވާލައި ބޯހިއްލާލިއެވެ. ފަރުވާތެރިކަމާއެކު ކެންޒާއަށް ބަލާލިއެވެ.
"އެހެންވިޔަސް ކޮޓަރިއަށް ވަނުން ރަނގަޅެއްނުވާނެ." ކެންޒާ ޚިޔާރުކުރަން ބޭނުންވީ ރަނގަޅުގޮތެވެ. ޟަމީރު ދެމުން ދިޔަ އިންޒާރުތައް ބޭކާރުވާން ޚުދު އޭނާ ވެސް ނޭދެއެވެ.
"ލައިތު، މަންމަ ހުންނާނީ ނުކައި އަހަރެން ގެއަށް އަންނަންދެން. މަންމަ މަޑުކޮށްގެން ހުރިއްޔާ ދޮންބެ ވެސް ނުކާނެ. އަހަރެން ގެއަށް ދާންޖެހޭނެ. މަންމަމެން އައީމަ މިގޮތަށް އެހާގިނައިރު ވަގުތު ހޭދަކުރެވޭކަށް ނޯންނާނެ." ލައިތުގެ މޫނަށް ބަލަން އޮވެ ކެންޒާ ބުންޏެވެ. އަނގައިން ނުބުނެ އޮވެފައި، ލައިތު އުއްޑުން ޖެހިލައި މައްޗަށް ނަޒަރު ހުއްޓާލައިގެން އޮތެވެ.
"ޑިސެޕޮއިންޓްވީތަ؟... ސޮރީ..." ކެންޒާއަށް އަހާލެވުނެވެ.
"އަހަންނަށް ވިސްނޭ ތިބުނާ އެއްޗެއް. ނުވޭ ޑިސެޕޮއިންޓެއް... ކިހިނެއް ޕެންޑާދެކެ ޑިސޮޕޮއިންޓްވާނީ... ދޯ..." ލައިތު ތެދުވިއެވެ. ލުއި ހިނިތުންވުމެއް ކެންޒާއާ ބަދަލުކޮށްލިއެވެ. އޭނާ އެނދުން ފައިބާ ކެންޒާއަށް އަތްދިއްކޮށްލިއެވެ. އެއަތުގައި ހިފާލުމާއެކު ކެންޒާ އެނދުން ތެދުވިއެވެ.
"އަހަރެން ދާނަން ގެއަށްލައިދޭން. ފެންވަރައިގެން ނުކުންނަންދެން މިކޮޓަރިން ޕެންޑާ ނުކުމެގެން ނުވާނެ." ލައިތު ބުންޏެވެ. އަދި އޭނާ ގޮސް ފާރުގައި ހުރި ސުވިޗަކަށް އޮބާލުމާއެކު ދޮރެއް ކެހިގެން ދިޔައެވެ. އެތަނަށް އޭނާ ވަދެގެން ގޮސް ގެއްލުނީއެވެ. އެނދުގެ އަރިމަތީ އިށީނދެލައިގެން އިން ކެންޒާއަށް ތެދުވާކަށް ނުކެރުނެވެ. ލައިތުގެ ހަށިގަނޑު އެހާ ހާމަކޮށް ފެނުމުން ވެސް ހިތްފުރެންދެން އޭނާއަށް ބަލާލާކަށް ކެންޒާއަކަށް ނުކެރުނެވެ.
"އޯ މައި ގޯޑް..." ކެންޒާއަށް ހިތާހިތުން ކިޔާލެވުނެވެ. އޭނާގެ އިޙްސާސްތަކާއި ސިކުނޑިއަށް އަރާފައިބަމުންދިޔަ ޚިޔާލުތަކަށް ނިމުމެއްނެތް ކަހަލައެވެ. އެ ކޮޓަރިއަށް ވަނީއްސުރެން ކެންޒާގެ ހިތުގެ ހިނގުންވަނީ އަވަސްވެފައެވެ. ހަށިގަނޑުގެ ވިންދު އަވަސްވެފައެވެ. ވީއިރު ލައިތު އެހާ ހަމަޖެހިފައި ހުންނަނީ ކިހިނެއްބާއޭ ކެންޒާ ހިތަށް އެރިއެވެ. އޭނާއަށް އިޙްސާސް ކުރެވޭ ގޮތާއި ލައިތަށް އިޙްސާސް ކުރެވޭ ގޮތް ތަފާތީބާއޭ ވެސް އޭނާގެ ހިތަށް އެރިއެވެ. ޖަޒުބާތާއި ހިތުގެ ފުން އިޙްސާސްތަކުގައި ޖެހި އަމިއްލަ ނަފްސުގެ ހިފެއްޓުން ގެއްލިދާނޭތީވެ ކެންޒާ ހުރީ ބިރުންނެވެ. ލައިތު އިސްނަގައިފިކަމެއް ހުއްޓުވުމުގެ ބާރެއް އޭނާއަށް ވެސް ލިބިފައިނުވާކަން އެނގޭތީއެވެ.
އޮހެމުންދިޔަ ފެންތިކިތަކުން ލައިތުގެ ހަށިގަނޑު ތެމެމުންދިޔައިރު އޭނާއަށް ހުރެވުނީ ލޯމަރާލައިގެންނެވެ. ކޮޓަރިއަށް އޭނާއާއެކު ކެންޒާ ވަންއިރު އެ މޫނުން ކަންބޮޑުވުމާއި ޖެހިލުންވުން ފާޅުނުވިނަމަ، ލައިތަށް އޭނާގެ ނަފްސު ނުހިފެއްޓުނީހެވެ. އޭނާގެ ހިތުގެ އެދުން ސިކުނޑީގައި ކުރެހެމުންދާއިރު އެ ހަށިގަނޑުގެ ހިފެހެއްޓުން ގެއްލި ކެންޒާގެ ކުރިމަތީ ބޭޒާރުވެދާނޭތީ ވެސް ލައިތު ހުރީ ހާސްވެފައެވެ. ކެންޒާ ބުނިހެން ކޮޓަރީގައި ބައްދަލުވާން ވެއްޖެނަމަ ލައިތަށް އޭނާގެ ޢަމަލުތައް ހުއްޓުވިދާނޭކަމާއި މެދު ޝައްކުވެއެވެ. އެވަރު ހިރާސްއެއް ކެންޒާއާ މެދު ނަގާކަށް ލައިތު ތައްޔާރެއްނޫނެވެ. ދެމެދުގައި އޮތް ގުޅުމަށް ލޮޅުމެއް އަތުވެދާނޭ ފިޔަވަޅެއް ލައިތު ދުވަހަކުވެސް ނުނަގާނެއެވެ.
"ޕެންޑާ... ޔޫ ހޭވް ނޯ އައިޑިއާ، ހައު ޔޫ މޭކްސް މީ ފީލް. މައި ބޮޑީ ވޯންޓްސް ޔޫ... އައި ވޯންޓް ޔޫ... ބޭޑްލީ..." ފާރުގައި އެއް އަތް ވިއްދާލުމާއެކު ލައިތު އިސްޖަހާލިއެވެ. އަނެއްއަތުން އޭނާގެ އަވަސްވެފައިވާ ހިތްވީ މޭގައި ޖައްސާލިއެވެ. އެހާމެ އަވަހަށް އެ އަތް ގެނެސް ބޮލުގައި ޖައްސާލިއެވެ. ސިކުނޑީގައިވީ ޚިޔާލުތައް އޮއްބާލަން އޭނާ މަސައްކަތްކުރިއެވެ.
އަތުގެ އިނގިލިތަކާ ކުޅެލަކުޅެލާ އިން ކެންޒާއަށް ލައިތު ނުކުތްތަން ފެނުނެވެ. ހައިރާންކަން ލިބުނީ ފުރިހަމައަށް ތައްޔާރުވެގެން ލައިތު ހުރީމައެވެ. ކުޑަކޮށް ހިނިއައީ ސިކުނޑީގައި އުންމީދުގެ ގަލަމުން ކުރެހި އެއްވެސް މަންޒަރެއް ނުފެނި، އެކަމަށް ކޮންމެވެސް ވަރަކަށް ކެންޒާއަށް އެދެވުނުކަން އެނގޭތީއެވެ. ތުވާލިކޮޅުގައި ތެތްއިސްތަށިގަނޑާއެކު ލައިތު ހުންނާނޭ ގޮތް ބަލާލުމަށް އެހިތް ނުހަނު ޝައުގުވެރިވެފައިވިއެވެ. ނަމަވެސް އެ ޚިޔާލުގައި ހަޤީޤީ ކުލައެއް ނުޖެހުނެވެ. ކެންޒާގެ ކުރިމަތީ ޓީޝާޓަކާއި ޖީންސުގައި ލައިތު ހުރިއިރު އޭނާގެ އިސްތަށިގަނޑު ވެސް ހުރީ ސްޓައިލްކުރެވިފައެވެ.
"ހިނގާ ދާން..." ލައިތު އޭނާގެ ވޮލެޓު ނަގަމުން ބުންޏެވެ. ކެންޒާ ތެދުވެގެން ހިނގައިގަތީ ލައިތުގެ ފަހަތުންނެވެ. ދޮރާ ހަމައަށް އައިސް ދޮރުގެ ތަޅުގައި ހިފާލަމުން ލައިތު މަޑުކޮށްލިއެވެ. އޭނާ ކެންޒާއަށް ބަލާލިއެވެ. އަނެއްއަތުން ކެންޒާގެ ކޯތާފަތުގައި ހިފާލިއެވެ.
"މޭ އައި..." މޫނާއި މޫނު ޖެހޭހާ ގާތްކޮށްލުމާއެކު ލައިތު ބުނެލީ ހުއްދަ ހޯދާ ފަދައިންނެވެ. ކެންޒާ މަޑުމަޑުން ބޯޖަހާލިއެވެ. ލައިތު ގާތްވެލި ހިނދު ދުވި ސެންޓުގެ ވަހުން އޭނާގެ ނޭފަތުގެ ހިނދުރީގައި މަޑު ދިލައެއް އުފެދުނެވެ. ނަމަވެސް ލައިތު ބީހިލުމުން ހުރިހާކަމެއްގެ މަތިން ކެންޒާ ހަނދާންނެތުނު ފަދައެވެ.
ކެންޒާ ގޮވައިގެން ލައިތު ނުކުންނަން އައިއިރު ބޮޑުކޮޓަރީގައި ބަޔަކު އުޅޭކަން އެނގި އޭނާގެ މިސްރާބު ބަދަލުކޮށްލީ ބިއްދޮށްފަރާތު ދޮރަށެވެ. އެދިމާއަށް މީހަކު އަންނަކަން އެނގި ލައިތުގެ ފިޔަވަޅު މަޑުޖެހިލިއެވެ. ކެންޒާއާއި ދެމީހުން އެކުގައި އެންމެންނަށް އަދި ފެންނާކަށް ލައިތު ނޭދެއެވެ. ދާދި އަވަހަށް އިވުނު ސެހްރާނުގެ އަޑާއެކު އެމީހަކު އެނބުރިލައިފިއެވެ. ލިބުނު ފުރުސަތުގައި ކާކުކަން ނުފެންނަނީސް ކެންޒާގެ އަތުގައި ހިފައިގެން ލައިތު ހަލުވިކޮށް ނުކުންނަން އައެވެ. އެހެންވިޔަސް ކެންޒާގެ ނޭފަތާ ހަމައަށް އެމީހާ ޖަހާފައި ހުރި ވަންމިލިއަންގެ ވަސް ފޯރިއެވެ. އަހަރުތަކަކަށްފަހު ވެސް އޭނާއަށް އެވަސް ދެނެގަންނަން އެނގިއްޖެއެވެ.
ލައިތުގެ ކާރުގައި އައިސް ކެންޒާގެ ގޭ ދޮރުމައްޗަށް ވާހެން މަޑުކޮށްލިއެވެ. ފަހުން ގުޅާނަން ކަމުގައި ލައިތު ބުންޏެވެ. ކެންޒާ ފޮނުވާލަން ބޭނުންނުވާކަން ވެސް އޭނާ ހާމަކުރިއެވެ. އެހެންވިޔަސް ދިއުމުގެ ހުއްދަ ދިނީ ކެންޒާގެ މަންމައަށް ޓަކައިކަން ލައިތު ބުނެލީ ހީނލަމުންނެވެ. ހަފްތާގެ ދުވަސްތަކުން ކޮންމެވެސް ދުވަހެއް އޭނާއަށް ވަގުތުދޭން ނިންމަންވާނޭކަން ލައިތު ބުންޏެވެ.
* * * * *
ޒުބިންއާއި ލައިރާއާ ދެމެދު ބަދަލުކޮށްލި ހިނިތުންވުން އަސަދަށް ފާހަގަވިއެވެ. އެ ދެކުދީންގެ ދެމެދު ކަމެއް ހިނގައިފިހެން އިތުރަށް އޭނާ ޔަގީންކުރިއެވެ. ދެމަފިރިންނަށްވުރެ ބޮޑަށް ރައްޓެއްސަކު ގެއަށް އައިސްގެން އުޅޭފަދައެވެ. ޒުބިންއާއި ލައިރާ އުޅެނީ އެހާ ދުރުދުރުންނެވެ. އެހެންވިޔަސް އެއިން ކަމެއް އެނގުނު ކަމަކަށް އަސަދު ނުހަދައެވެ.
"ކޮބާ ލައިތު؟" ޒުބިން އަހާލީ ސެހްރާނު ގާތުއެވެ.
"ގުޅައިފިން. މިއަންނަނީއޭ ބުނި." ސެހްރާނު ބުނެލިއެވެ.
ކާމޭޒުދޮށުގައި ލައިތު ބައިވެރިވީ އެންމެންނަށްވުރެ ފަހުންނެވެ. ޒުބިންއާއި ލައިތު އެކަކު އަނެކަކަށް ނިތްއެއްލިއެވެ. ކިހިނެއްތޯ އަހާލުން ފިޔަވައި އިތުރު ވާހަކައެއް ލައިތު ނުދައްކައެވެ. އެހެންނަމަވެސް އޭނާގެ ނަޒަރު ވެސް އެ މޭޒުދޮށުގައި ބަސްމަދުވެފައި އިން ލައިރާއަށް ހުއްޓުނެވެ. ޒުބިން އައުމުން ލައިރާގެ މޫނުން ފާޅުވާން ޖެހޭ އުފާވެރިކަން ނުފެންނަކަން އޭނާއަށް ވެސް ފާހަގަވެއްޖެއެވެ.
ލައިރާގެ ބަޔަށް ޒުބިންއާ ދެމީހުން ވަނީ އެކީގައެވެ. އިލިޔާނާ ނިދީތޯ ޒުބިން އަހާލީ ދޮރުކައިރީ ހުރެ ބޫޓު ބާލަމުންނެވެ. އޭރު އޭނާގެ ހުރިހާ ފޮށިތަކެއް ހުރީ އެ އެޕާޓްމެންޓަށް ގެނެސްފައެވެ. ސޯފާގައި އިށީން ލައިރާ ހޫންއެއް ލައްވާލިއެވެ. ޒުބިން ވެސް އައިސް އިށީނީ ލައިރާގެ ގާތުގައެވެ.
"ލައި ބަލީތަ؟" އިރުކޮޅަކު ހިމޭނުން އިނދެފައި ޒުބިން އަހާލިއެވެ. ލައިރާއަށް އަނގައިން ނުބުނެވުނެވެ. ކުރެވުނުހާ ވެސް ކަމަކީ ދެފަރާތަށް ބޯހޫރާލުމެވެ.
"ދިގު ދަތުރެއްވީމަ. ވަރަށް ވަރުބަލި. ފެންވަރާލައިގެން ޖައްސާލަން ބޭނުންވެފަ މިހުރީ..." ޒުބިން ހާމަކުރިއެވެ. ލައިރާ ތެދުވެ ބޮލުން އިޝާރާތްކޮށްލީ އައުމަށެވެ. އޭނާ ޒުބިން ގޮވައިގެން އައީ އޭނާގެ ކޮޓަރިއަށެވެ.
"މީ ލައި ނިދާތަން... މިހާރު ތިއެނދުގަ އަހަރެން އޮތުން ރަނގަޅެއްނުވާނެ." ޒުބުން ބުންޏެވެ. އެހިނދު އޭނާގެ މުލައްދަނޑީގައި ލައިރާ ހިފާލިއެވެ. އެ ދެއަތުން ޒުބިންގެ އަތަށް ބާރުކޮށްލިއިރު އެ ދެލޮލުގައިވާ އާދޭސް ޒުބިންއަށް ފެނެއެވެ.
"ކުރިން ވެސް އެއް އެނދުގައި އަހަރެމެން ނިދީ. ކަމެއް ނުހިނގައެއްނު..." އުނދަގުލުން ނަމަވެސް ލައިރާ ވާހަކަދެއްކިއެވެ. ލައިރާގެ ދެ ލޮލަށް ބަލަން ހުރި ޒުބިންއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ޚާއްޞަކޮށް ދެމެދުގައި އޮތް ގުޅުން ކެނޑޭނެކަން ޔަގީންވެފައި އޮތްއިރު ލައިރާ އެދޭ ފަދައިން އިލިޔާނާއާއި ލައިރާއަށް އޭނާއަށް ދެވެން އޮތް ހުރިހާ ވަގުތެއް ދޭނެއެވެ. އެ އެކުވެރިޔާއާއި އޭނާގެ ދަރިފުޅު އަބަދުވެސް ޒުބިންއަށް ޚާއްޞަވާނެއެވެ. ހިތުލޯބި ނެތަސް ލައިރާއަށް ކުރާ ޤަދަރު ނުހަނު ބޮޑެވެ. އެ އަންހެންކުއްޖާ ހިތުގައި ޖެހޭވަރުކަމެއް ކުރާކަށް ޒުބިން ބޭނުމެއްނޫނެވެ. އަމިއްލަ ހިތުގައި ފޮރުވިފައި އޮތް ލޯބީގެ ވާހަކަ ލައިރާއާ ޚިއްޞާކުރީ ވެސް އޮޅުވާލުމެއްގައި ލައިރާ ބަހައްޓަން ނޭދޭތީއެވެ. ޒުބިންގެ ފަރާތުން ހަޤީޤީ ލޯތްބަކަށް އެދި އެ އިންތިޒާރުގައި ލައިރާ ހުންނާކަށް އޭނާ ނޭދެއެވެ. އޭނާއަށް ލައިރާދެކެ ލޯބިނުވެވުނަސް، އެ އަންހެންކުއްޖާދެކެ އިންތިހާއަށް ލޯބިވާނޭ އެތައް ފިރިހެނުންނެއް ވާނޭކަން އެނގެއެވެ. އޭނާ ވެސް ބޭނުންވަނީ ލައިރާއަށް އުފާވެރި ދިރިއުޅުމެއް ލިބޭށެވެ. ލައިރާއަކީ އުޅުންހުރި ރީތި އަންހެންކުއްޖެކެވެ. ހަމައެކަނި އެ ދެމެދުގައި އޮތް މައްސަލައަކީ ޒުބިންއަށް ލައިރާދެކެ ލޯބިނުވެވުމެވެ. އެކުވެރީންގެ ގޮތުގައި ދެމީހުން ނުހަނު ގުޅެއެވެ. ކަންކަން މަޝްވަރާކޮށް ރަނގަޅު ގޮތް ނިންމުމުގައި އެކަކުއަނެކަކުގެ އެހީތެރިކަން ނުހަނު ބޮޑެވެ. އެއަތުގެ ހިމާޔަތް ލައިރާއާއި އިލިޔާނާއަށް އަބަދުމެ ޒުބިން އައީ ދެމުންނެވެ.
ލައިރާގެ ކޯތާފަތުގައި ޒުބިން ހިފާލިއެވެ. އެއީ އޯގާތެރިކަންވީ ލުއިލުއި ބީހިލުމެކެވެ. މަޢުނަވީ ލުއި ހިނިތުންވުމެއް އޭނާ ލައިރާއާ ބަދަލުކޮށްލިއެވެ. ދެން އެނބުރި ގޮސް ފޮށި ހިފައިގެން އައިސް އެކޮޓަރިއަށް ވަނެވެ. ލިބިފައިވާ ހިތްނުތަވަސްކަމުގެ ތެރެއިން ފަނޑު ހިނިތުންވުމެއް ލައިރާގެ ތުންފަތަށް ވެރިވެއެވެ. ޒުބިންގެ ފަހަތުން ވަދެ އޭނާ ކޮޓަރީގެ ދޮރު ލައްޕާލިއެވެ.
* * * * * *
ނިދަން އޮވެ ފޯނު ހުޅުވާލިއިރު ނުކިޔި އޮތް މެސެޖު ކެންޒާއަށް ފެނުނެވެ. އޭނާ އެ މެސެޖު ކިޔާލިއިރު އެމީހަކު ބުނެފައި އޮތީ ޚަބަރެއްނުވެ ދިގު އިންތިޒާރެއް ކުރުވަން ޖެއްސުނީތީ މަޢާފުކުރުމަށެވެ. ވަރަށް އަވަހަށް ދެމީހުން ބައްދަލުވާނޭކަން ބުނެފައި އޮތެވެ. ބައްދަލުވުމުން ކެންޒާގެ ހުރިހާ ސުވާލަކަށް އޭނާ ޖަވާބުދޭނަމޭ ވެސް ބުނެފައި އޮތެވެ.
"މިފްރާހު..." ފޫހިކަމާއެކު ކެންޒާއަށް ކިޔާލެވުނެވެ. ވަގުތުން މެސެޖުތައް ފޯނުން ޑިލީޓްކޮށްލިއެވެ. ފޯނުގައި ނެތް ނަންބަރަކުން ފޯނުކޯލެއް އައީ ހަމައެވަގުތެވެ. ނުނަގަން ވެގެން ކެންޒާ ކޯލު ކެނޑެންދެން މަޑުކުރިއެވެ. އެވަރުން ސަލާމަތެއް ނުވިއެވެ. ކޯލު ކެނޑޭއިރަށް އަލުން ގުޅައެވެ. އެހެންވެ ކެންޒާ އެ ކޯލަށް ޖަވާބުދިނެވެ.
"ހާދަވަރަކަށް ގުޅީމައޭ ފޯނު ތިނެގީ." ކެންޒާއަށް އިވުނީ ފިރިހެން އަޑެކެވެ. ދަންނަގޮތެއް ހުއްޓެއްކަމަކު ޔަގީނެއް ނުވިއެވެ.
"ކާކު ހޯދަނީ؟" ކެންޒާ ބުންޏެވެ. އެއާއެކު އިވުނީ ލުއި ހީނލުމެއްގެ އަޑެވެ.
"މައި ލޯންގް ލޮސްޓް ޕްރިންސެސް" އެމީހަކު ބުންޏެވެ. ކެންޒާ ވަގުތުން ފޯނުކޯލު ކަނޑާލީއެވެ. މީހަކު ނުބައި ސަމާސާއެއް ކުރަނީއޭ ހީކުރެވިފައެވެ. އަނެއްކޮޅުން ލައިތު ގުޅާއިރު ފޯނު ބިޒީވެފައި ހުންނަން ނޭދޭތީއެވެ. ދެން ވެސް އަނެއްކާ އެމީހަކު ގުޅައިފިއެވެ. ކެންޒާ ފޯނު ނުނެގުމުން މެސެޖެއް ފޮނުވިއެވެ.
"އަހަރެންވީ ކޮންތާކުތޯ ނުވެސް ބަލަމެންނު. ހަނދާން ހުރި ހެނެއް ވެސް ހިޔެއްނުވޭ. ފްރޮގް ޕްރިންސް..." މެސެޖު ކިޔާލައި ނިންމާލިއިރު ވަކިން ޖަހާފައި އިން ނަމުގެ އިނީޝިއަލް ފެނި ކެންޒާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ޤަބޫލުކުރަންވީކަމެއް ނޭނގިފައި އޮއްވާ އަނެއްކާ ވެސް އެމީހަކު ގުޅައިފިއެވެ. ކެންޒާ ފޯނުކޯލު ނެގިއެވެ.
"ސަޕްރައިޒްވެއްޖެ ދޯ." އެމީހަކު އަހާލިއެވެ.
"ޑޫ ޔޫ ވޯންޓް ޓު ބީ ހިއުމަން" ކެންޒާ ބުނެލީ ކަމެއް ޔަގީންކުރާށެވެ.
"އޮންލީ އިފް ޔޫ ބިކަމް މައި ގާލް، ދެޓް ޑޭ ޔޫ ވިލް ބީ މައި ފްރިންސެސް، އޮން ވަން ކޮންޑިޝަން. ޔޫ ހޭވް ޓު ކިސް މީ" އެ ޒުވާނާ ބުންޏެވެ. ކެންޒާއަށް ޖަވާބުދެވުނި ވަގުތުންނެވެ.
"ނޯ އައި ވޯންޓް. ހެ ހެ ހެ ހެ.... އިޓްސް ރިއަލީ ޔޫ..." ތަފާތު ހިނިތުންވުމެއް ކެންޒާގެ ތުންފަތަށް ވެރިވިއެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ހީނލެވުނެވެ.
"ހުރިހާކަމެއް ރަނގަޅުތަ؟ ކުއްލިއަކަށް ގެއްލުނީ ކީއްވެ؟.... އަހަރެން ކައިރީ އަންނާނަމޭ ބުނެ އިންތިޒާރުކުރަން ބުނެފަ، ކީއްވެ ޚަބަރެއްނުވީ... މިހާރު ނުވެސް އެނގޭނެ ފެނުނަސް. އަހަރެން ވެސް ނޭނގޭނެ ވަކިކުރާކަށް... ތިއެއްނޫނޭ... ކިހިނެއް މި ނަންބަރު ހޯދީ. އަހަރެންގެ ނަންބަރުކަން އެނގުނީ ކިހިނެއް..." އެއްފަހަރާ އެތައްކަމެއް އެނގެން ބޭނުންވެފައި ކެންޒާ ހުރި ކަހަލައެވެ.
"މޯނިންގަ އަންނާނަން. އޭރުން ހުރިހާކަމެއް ސާފުވެދާނެ... އަހަރެން ވެސް ހިޔެއްނުކުރަން އަހަންނަށް އަލުން ފެންނާނޭކަމަކަށް، އަހަރެމެން ބައްދަލުވެދާނޭ ކަމަކަށް." އޭނާ ބުންޏެވެ. އެ ދެމެދުގައި ވާހަކަދައްކަން ކެންޒާ ބޭނުންވިޔަސް ލައިތު ގުޅީ އެވަގުތެވެ. ބޭނުންނޫނަސް ފޯނުކޯލު ނިންމާލީ އޭނާ ވެސް ހެނދުނުން ބައްދަލުވާނޭ ކަމަށް އުންމީދުކުރާކަން ބުނެފައެވެ.
"ކާކު މިގަޑީގަ ގުޅީ... ކޮންކަމަކާ މާ އެކްސައިޓްވެފަ...." ކެންޒާގެ އަޑުން ލައިތު ދެނެގަތެވެ. ލުއި ހީނލުމަކާއެކު ކެންޒާ ކަމެއްނުވެޔޭ ބުނެލިއެވެ. އެހެންވިޔަސް ތަފާތު އުފާވެރިކަމެއް އޭނާއަށް ލިބިފައިވެއެވެ. ފުރަތަމަ ފަހަރަށް ލައިތުގެ އަޑަށް ސަމާލުކަން ކުޑަވިއެވެ. ފޯނުކުރި މީހާއާމެދު ވިސްނެން ފެށުނެވެ. މިހުރިހާ ދުވަހު އެމީހަކު ހޯދަން ކެންޒާ ބޭނުންވި މީހަކީ މިފްރާހަށް ވެދާނޭބާއޭ ކުއްލިއަކަށް ކެންޒާ ސުވާލު އުފެދުނެވެ. ފޯނުން މިފްރާހާ ވާހަކަދައްކާފައި ނުވާއިރު އެ އަޑު އަންނާނޭ ގޮތެއް ދެނެގަންނާކަށް ނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް ފޯނުން އިވުނު އަޑުގައި ދަން ގޮތެއް ހުއްޓެވެ. އިވިފައި ހުރި އަޑެއް ކަހަލައެވެ. ގުޅީ ރާއްޖޭގެ ނަންބަރަކުންނެވެ. މިފްރާހު މާލެ އައީބާއޭ ވެސް ކެންޒާ ހިތަށް އެރިއެވެ.
(ނުނިމޭ)