ހަބަރު

މޫސުން ގޯސްވެއްޖެ، އުދައަރާނެ ކަމަށް ބެލެވޭ

ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމަޔަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ.

ވ އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.

ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެތީ ދަތުރުކުރާ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. ދެކުނުގެ ރަށްތަކުގައި ރާޅުގެ އުސްމިނުގައި ފަސް ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު އުތުރާއި މެދުއަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ފަސް ފޫޓު ހުންނާނެ ކަމަށް އެއިދާރާއިން ބުންޏެވެ.

ރާއްޖޭގެ ބައެއް ރަށްތަކަށް މިއަދު މެންދުރުފަހުން ވަނީ އުދަ އަރައި ގެއްލުންތަކެއް ވެފަ އެވެ.