ދުނިޔެ

ޓްރަމްޕްގެ ވެރިކަމެއްގައި ސީރިއާގެ ރެފިއުޖީންނަށް އެމެރިކާ އަށް އެތެރެނުވެވޭނެ ކަމަށް ވިދާޅުވެއްޖެ

Oct 1, 2015

"އަހަރެންނަށް ރިއާސީ ރޭހުގައި ކާމިޔާބު ލިބިއްޖެ ނަމަ އެމީހުން ފޮނުވާލާނީ އައިތަނަކަށް،" ރައީސްކަން ލިބިވަޑައިގެންފި ނަމަ ސީރިއާގެ ރެފިއުޖީން އެމެރިކާ އިން ފައްސާލައްވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

 ނިއު ހެމްޝިއާގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް މީގެ ގާތްގަނޑަކަށް މަސް ދުވަސް ކުރިން ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ ސީރިއާގެ ރެފިއުޖީންނަށް އެމެރިކާ އިން އެހީތެރިވުމަށް ގޮވާލައްވައިފަ އެވެ. ސީރިއާގެ ގިނަ އަދަދެއްގެ ރެފިއުޖީންނަށް އެމެރިކާ އިން ބޯހިޔާވަހިކަން ހޯދައިދޭން ޖެހޭ ކަމަށް ވެސް އޭރު ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް އެ ބޭފުޅާގެ ވާހަކަ ވަނީ މިހާރު މުޅިން ބަދަލުވެފަ އެވެ.

"އަޅުގަނޑު އަޑުއަހައިފިން ސީރިއާގެ ދެ ލައްކައެއްހާ ރެފިއުޖީންނަށް އެމެރިކާ އިން ބޯހިޔާވަހިކަން ދޭން އުޅޭ ވާހަކަ. އަޑުއަހާ! އެމީހުން ވެދާނެ އިސްލާމިކް ސްޓޭޓްގެ މެމްބަރުންނަށް ވެސް،" ޓްރަމްޕް ވިދާޅުވީ މިހެންނެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ސީރިއާގެ ރެފިއުޖީންނަށް އޭނާގެ ވެރިކަމެއްގައި އެމެރިކާގެ ދޮރު ބަންދުކުރައްވާނެ ކަމުގެ ޔަގީންކަން އަރުއްވާ ކަމަށެވެ.

އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިއާސީ ޕްރައިމަރީގެ ކެމްޕޭން ކުރިއަށްދާއިރު އިމިގްރޭޝަންގެ މައްސަލަ ވެފައި އޮތީ ބޮޑު ބަހުސަކަށެވެ.