ކުޅިވަރު

ޗެމްޕިއަން ލިވަޕޫލްގެ ފުރަތަމަ މޮޅު، ސިޓީ ވީ ބަލި

އެސްޓަން ވިލާގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަނެއްގެ ގޮތުގައި ލިވަޕޫލުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ލިވަޕޫލް ލީގް ޗެމްޕިއަންކަން ހޯދި ފަހުން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ޓީމު ބަލި ކުރި ވާދަވެރި މެންޗެސްޓާ ސިޓީ, ރޭ ސައުތުހެމްޓަން އަތުން ބަލިވީ 1-0 ންނެވެ.

އަމިއްލަ ދަނޑު އެންފީލްޑްގައި ލިވަޕޫލުން ވަނީ ޕްރިމިއާ ލީގްގައި ދަމހައްޓަމުން އަންނަ މޮޅުވުމުގެ 100 ޕަސަންޓް ރެކޯޑް ދަމަހައްޓާފަ އެވެ. އަދި އެ ޓީމު މޮޅުވެ ވަނީ 89 ޕޮއިންޓް ހޯދާފަ އެވެ.

ލިވަޕޫލްގެ ލަނޑުތައް ކާމިޔާބު ކުރީ ސެޑިއޯ މާނޭ އާއި ކާޓިސް ޖޯންސް އެވެ. ރެލިގޭޝަން ޒޯންގައި އޮތް ޑީން ސްމިތުގެ ޓީމަށް މެޗުގެ 70 ވަނަ މިނެޓާ ހަމައަށް ލިވަޕޫލް ހިފަހައްޓާ ލެވުނެވެ. އެ ޓީމުން މަސައްކަތް ކުރީ ޑިފެންޑް ކޮށް ކައުންޓަ އެޓޭކް ފުރުސަތުގައި ހަމަލާ އުފެއްދުމަށެވެ. އެހެންނަމަވެސް ލިވަޕޫލްގެ ފުރަތަމަ ލަނޑު މާނޭ ކާމިޔާބު ކުރީ 71 ވަނަ މިނެޓްގަ އެވެ. މާނޭ ކާމިޔާބު ކުރި ލަނޑާއެކު އޭނާ ވަނީ ލިވަޕޫލްގެ ޖޯޒީގައި ޖެހިޖެހިގެން ތިން ސީޒަންގައި 20 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ހޮނިހިރު ދުވަހު ލިވަޕޫލާއެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރި ކާޓިސް ޖޯންސް ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ލިވަޕޫލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ލިވަޕޫލްގެ ޔޫތު ސިސްޓަމްގެ ތެރެއިން ޕްރަމޯޓްވި ކުޅުންތެރިޔާ ރޭ ކާމިޔާބު ކުރި ލަނޑަކީ ޕްރިމިއާ ލީގްގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

ސައުތުެހެމްޓަން އާއި ސިޓީ ކުޅުނު މެޗުގައި، އިންގްލެންޑްގެ އިރު ދެކުނު ހިމްސްފިއާގެ ޓީމުގެ ލަނޑު މެޗުގެ 17 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޗޭ އެޑަމްސް އެވެ. މޮޅާއެކު ސައުތުހެމްޓަށް ވަނީ 13 ވަނަ އަށް ޖެހިލާފަ އެވެ.