ހަބަރު

ތިލަފުށި، ޕޯޓް އަޅަން ކަމަކު ނުދޭ: އަސްލަމް

Jul 6, 2020

މާލޭ ސަރަހައްދުގެ ޕޯޓް، ތިލަފުށީގައި އެޅުމަކީ ކުރަންވާނެ ކަމެއް ނޫން ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. މި ސަރުކާރުން މާލޭގެ ނޯތު ހާބަރު ބަދަލު ކުރުމަށް ޕޯޓް އެޅުމަށް ހަމަޖައްސާފައިވަނީ ގުޅީފަޅުގަ އެވެ. އެކަމަށް ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ ތިލަފުށީގައި އިންޓަނޭޝަނަލް ޕޯޓެއް އަޅައި، ގުޅީފަޅު މުޅިން ވެސް ފްލެޓް އެޅުމަށް ދޫކޮށްލާށެވެ. އެކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފާޑުވިދާޅުވެފައިވެފައިވެސްވެ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، ރައީސް ޔާމީންގެ ސަރުކާރުން ތިލަފުށީގައި ވިޔަފާރި ބަނދަރު އަޅަން ނިންމީ ރާއްޖޭގެ އިގްތިސާދު ފުޅާކޮށް މެރިޓައިމް ކޮމާސްގެ ފައިސާ އެންމެ ފުޅާ މިނުގައި ނެގުމަށް ކަމަށެވެ. ގުޅީފަޅަކީ ބިން އޮތް ބިން ބޮޑު ކުރެވޭނެ ސަރަހައްދެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ މައި ޕޯޓް ތިލަފުށީގައި ނޭޅުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން މިނިސްޓަރު އަސްލަމްއާ ސުވާލު ކުރުމުން ވިދާޅުވީ، މާލެއިން ޕޯޓް ގުޅީފަޅަށް ބަދަލު ކުރަނީ ހަަމައެކަނި ބޯޓް ކައިރި ކުރާ މަގަތު ފާލަމެއްގެ ގޮތުގައި ނޫން ކަމަށެވެ. ނޯޓު ހާބަރުގައި މިހާރު ހިނގާ ހުރިހާ ހަރަކާތެއް އެތަނަށް ބަދަލުވެގެން ދާނެ ކަމަށެވެ.

"ގުޅީފަޅުގެ އިނާ ލެގޫން މިހާރު ނޯތު ހާބަރުގައި އެހިނގާ ހާބަރުގެ ގޮތުގައި ފަންކްޝަން ކުރެވިގެން ދާނީ، ތިލަފުށީގެ އިނާ ލެގޫންއަކީ ވަރަށް ތޮއްޖެހިފައިވާ ތަނެއް، ބައެއް ކަހަލަ މަސައްކަތްތައް ކުރުމަށް ތިލަފުށި ކަމަކު ނުދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުނި ޖަމާ ކުރާ ރަކަށް ވެފައިވާ ޕޯޓަކީ ކާބޯތަކެތި ވެސް އެތެރެ ކުރާނެ ތަނަކަށް ވާތީ ތިލަފުށީގައި އެ ކަން ކުރުމުގެ ބަދަލުގައި ގުޅީފަޅުގައި އެ ކަން ކުރަން ސަރުކާރަށް ފެނުނީ ކަމަށެވެ. އަދި، ކުނި ޖަމާކޮށް ނައްތާލުމަށް ވެސް ރަށެއް އޮންނަން ޖެހޭ ކަމަށާއި މުސްތަގުބަލަށް ވެސް ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ގުޅީފަޅުގައި މިހާރު ހިއްކަމުންދާ ބިމުގައި ޕޯޓްގެ އިތުރުން 15 ޕަސެންޓް ބިމުން ގޯތި ދޫކުރުމަށް ވެސް ނިންމާފައިވާކަން އަސްލަމް ފާހަގަ ކުރެއްވި އެވެ. ގުޅީފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް އަސަރުތަކެއް ކުރިޔަސް އެ މަޝްރޫއު ހުއްޓާލެވެން ނެތް ކަމަށް މިނިސްޓަރު އަސްލަމް މީގެކުރިން ވިދާޅުވެފައިވެ އެވެ. އެންވަޔަރަމެންޓް ޕްރޮޖެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ކޮމިޓީގައި ބުނެފައިވަނީ މަޝްރޫއު ހުއްޓާލަން އަންގަން ޖެހޭ މިންވަރަށް ތިމާވެއްޓަށް އަސަރު ކުރަމުން ނުދާ ކަމަށެވެ.