ހަބަރު

ސޮނެވާ އިން ދަނޑުހައްދަން ދަސްކޮށްދެނީ

ޖަޒީރާ މާހައުލެއްގައި ކާނާ ހައްދަން ދަސްކޮށްދިނުމައްޓަކައި "އޯގެނިކް ޓްރޮޕިކަލް ގާޑްނިންގް"ގެ ނަމުގައި އޮންލައިން ކޯހެއް ސޮނެވާއިން ތައާރަފްކޮށްފި އެވެ.

ސޮނެވާ އިން ބުނީ މި ކޯސް ތައްޔާރުކުރެވިފައިވަނީ ކުޑަ ބެލްކަންޏެއްގައި، ނުވަތަ ރަށެއްގެ ގޭގެ ބަގީޗާގައި ނުވަތަ ބޮޑު ދަނޑެއްގައި ނަމަވެސް، އަލަށް ކާނާ ހައްދަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ މައުލޫމާތު ހިމެނޭ ގޮތަށް ކަމަށެވެ.

"ޓްރޮޕިކަލް އޯގެނިކް ގާޑްނިން" ކޯހަށް ބޭނުންވާ 10 ވީޑިއޯ އެޕިސޯޑު ރިކޯޑު ކުރީ ބ.އަތޮޅުގައި އޮންނަ ސޮނެވާފުށި ރިސޯޓުގައި ކަމަށެވެ. މިކޯހުގައި ގަސް ހައްދަން ސަރަހައްދެއް ތައްޔާރުކުރުން، ގަސް އިންދުން، އަދި ދަނޑު ބަލެހެއްޓުމާއި ތަރުކާރީ ކަނޑާނެގޮތުގެ މައުލޫމާތުގެ އިތުރުން ހައްދާ ތަރުކާރީގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ކިޔައިދޭނެ ކަމަށްވެސް ސޮނެވާ އިން ވަނީ ބުނެފަ އެވެ.

މިކޯހަކީ ބ. އަތޮޅު މާޅޮސް، ކިހާދޫ، ދަރަވަންދޫ، ސޮނެވާ އަދި ކޮމަން ސީސް ގުޅިގެން ހިންގާ ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ ތެރެއިން ތައްޔާރުކޮށްފައިވާ ކޯހެކެވެ. ދަނޑުހެއްދުމާ ބެހޭގޮތުން ސޮނެވާގެ ޓީމާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ސުވާލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ރިސޯޓުން ވަނީ ބުނެފަ އެވެ.

މި ޓިއުޓޯރިއަލްގައި ކިޔާދޭ އުކުޅުތަކަކީ މިހާރުވެސް ސޮނެވާފުށީގެ އޯގެނިކް ދަނޑުތަކުގައި ބޭނުންކުރެވެމުންދާ އުކުޅުތަކެކެވެ. ޓިއުޓޯރިއަލްގައި އަލިއަޅުވާލާ މައުލޫމާތުތަކަކީ:

  • ކޯހުގެ ތައާރަފް.
  • ގަސް އިންދުމަށް ބެޑެއް ތައްޔާރުކުރާނެގޮތް.
  • ޕޮޓުގައި ގަސް އިންދުން.
  • ގަސް އިންދުމާއި ގަހުގެ އޮށް.
  • ކޮމްޕޭނިއަން ޕްލާންޓިން ނުވަތަ ކައިރި ކައިރީގައި އެއްފަސް ގަނޑެއްގައި އިންދޭ ގަސް.
  • ދަނޑު ބެލެހެއްޓުން.
  • ތަރުކާރީ ކެނޑުން.
  • ޕެސްޓް ކޮންޓްރޯލް.
  • ކޮމްޕޯސްޓް ކުރުން.
  • ވޯމް ފާމިން ނުވަތަ ފަނި އުފެއްދުން.

މި ކޯހާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސޮނެވާ ފުށީގެ ވޭސްޓު-ވެލްތު މެނޭޖަރު، ޖަސްޓިން ރޮބާޓްޝޯ ބުނީ ތިމާ ކާއެއްޗިއްސަކީ ދުޅަހެޔޮ، ހަށިގަނޑަށް ފައިދާ ކުރުވަނިވި ކާނާ ކަމުގެ ޔަގީންކަން ލިބޭނެ އެއްގޮތަކީ އަމިއްލައަށް ކާނާ ހެއްދުން ކަމަށެވެ. މީ ހިތްހަމަޖައްސާލާ ތިމާވެއްޓާ އޮންނަ ގުޅުން ބަދަހިކުރުމަށްވެސް ރަނގަޅު ގޮތެއް، ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ސޮނެވާގައި ބޭނުންކޮށް ޔަޤީން ކަން ލިބިފައިވާ، ހޫނު، ޖަޒީރާ މާހައުލެއްގައި ކާނާ އުފެއްދުމަށް ބޭނުންކުރެވިދާނެ ޕާމަކަލްޗާގެ އުސޫލުތައް އެހެން ފަރާތްތަކާވެސް ހިއްސާކުރަން. މި އުކުޅުތަތަކަކީ ކުޑަ ބެލްކަންޏެއްގައި ނުވަތަ ގޭގެ ބަގީޗާގައިވަސް ކާނާ އަލަށް އުފައްދަން ބޭނުންވާ ފަރާތްތަކަށް އެކަށޭނެ އުކުޅުތަކެއް،" އޭނާ ބުންޏެވެ.

ސީ.އީ.އޯ ސޯނޫ ޝިވްދަސާނީ މި ކޯހާ ގުޅޭގޮތުން ވިދާޅުވީ މި ޓިއުޓޯރިއަލްތަކަކީ ރާއްޖޭގައި ދުޅަހެޔޮ، ފައިދާ ހުރި ކާނާ އުފެއްދުމަށް އެޅިގެންދާނެ އިތުރު ބާރަކަށް ވެގެންދިއުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ އަމާޒަކީ ރަށްރަށުގައި ތިމާވެއްޓާ ރައްކާތެރި ކުނި ނައްތާލާ ނިޒާމެއް ގާއިމް ކުރުމާއި، ސިންގްލް-ޔޫސް ޕްލާސްޓިކް ބޭނުންކުރާވަރު ދަށްކުރުމާއެކު ތިމާވެއްޓައް ލޯބި ޖެއްސުން ކަމަށެވެ.

ސޮނެވާ އަކީ ލަކްސަރީ، ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އެންމެ ކުރީގައިވާ އެއް ހޮސްޕިޓާލިޓީ ކުންފުންޏެވެ. ސޮނެވާ މިވަގުތު ރާއްޖޭގައި ހިންގާ ރިޒޯޓްތަކަކީ ސޮނެވާ ފުށި، ސޮނެވާ ޖާނީ އަދި ސޮނެވާ އިން އެކުއާ އެވެ. އަދި ސޮނެވާއިން ސޮނެވާ ކިރީ ތައިލަންޑްގައި ހިންގަ އެވެ.