މުހައްމަދު ސައީދު

ދަނޑުވެރިކަން ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ފަށަނީ

ރާއްޖޭގެ އެގްރިކަލްޗާ އިކޮނޮމިކް ޒޯނު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެގްރޯނެޓުގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯނުގެ ދަށަށް ބަދަލުކުރުމުން ދަނޑުވެރިކަން އިތުރަށް ފުޅާކުރެވޭނެ ކަމަށާއި އަދި އުތުރުތިލަފަޅުގައި ޒޯން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށިގެންދާނެ ކަމަށެވެ.

މި މަޝްރޫއަކީ 250 މިލިއަން ޑޮލަރުގެ މަޝްރޫއަކަށް ވާއިރު، މަޝްރޫއުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ހާބާ އިންޖީނިއަރިންގް ކޮމްޕެނީ ލިމިޓެޑަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް އެގްރިކަލްޗާ ޒޯނުތަކެއް ތަރައްގީކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އޭގެ ސަބަބުން ދަނޑުވެރިކަމުންވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނީގެ ބައެއްގެ ގޮތުގައި އެގްރޯނެޓް ހިމެނުމަކީ ދަނޑުވެރިންނަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

"ކުރިން ނެތް ފަސޭހައެއް މިކަމުގެ ސަބަބުން ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއަކީ ދަނޑުވެރިކަން ފުޅާކުރުމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ޒޯނުގައި އާންމުކޮށް ރާއްޖޭގައި ބޭނުންކުރާ 15 ބާވަތެއްގެ ތަރުކާރީއާއި މޭވާ ބާޒާރަށް ނެރޭނެ ކަމަށެވެ.