މުހައްމަދު ސައީދު

ބަންކަރިންގެ ހިދުމަތް ފަށާނެ އާ ތާރީހެއް ދީފި

މަސައްކަތްތައް މިހާރު ކުރިއަށްދާ ގޮތުން ބަންކަރިންގެ ހިދުމަތް ދެން ފެށޭނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށުން އެކި ފަހަރުމަތިން ފަސްކޮށްފައި ކަމަށާއި މިހާރު އަމާޒުކުރަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ހިދުމަތް ފެށުމަށް ކަމަށެވެ.

މިނިސްޓަރު ވަނީ މި ހިދުމަތް ނުފެށުނު ސަބަބެއްގެ ގޮތުގައި މި ދޭތެރެއިން ދިމާވި ބޯ ވިއްސާރައިގެ މޫސުން ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑު ހިތަށް އެރި އޭގަ މޫސުމަށް މި ދޭތެރެއިން މި އައި ހުޅަނގުގެ ގަދަކަންވެސް ހަމަ އަޅުގަނޑު ދަންނަވާލާނަމޭ، މިހާރު މި ޓާގެޓް ކުރަނީ 12 ވަނަ ދުވަހު ބަންކަރިންގެ ހިދުމަތް ވެސް ފަށަން،" މިނިސްޓަރު ވިދާޅުވިއެވެ.

ބަންކަރިންގެ ހިދުމަތް ފެށުން ފަސްކޮށްފައިވާއިރު، މިދިޔަ ޖުލައި މަހުވެސް މިނިސްޓަރު ވަނީ މިމަހު 20 ނުވަތަ 21 ވަނަ ދުވަހު ރަސްމީކޮށް ހިދުމަތް ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެއިރު އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު އިއްޔެ އިތުރަށް ވިދާޅުވީ ބަންކަރިންގެ ހިދުމަތް އަދި މި ފަށަނީ އޮފްޝޯކޮށް ކަމަށެވެ.