މުހައްމަދު ސައީދު

ދައުލަތުން ލައްކައިން މުސާރަ ނަގާ ބައެއް ބޭފުޅުން މަސައްކަތްކުރީ ރާއްޖެ ބަނގުރޫޓްކޮށްލަން: ސައީދު

ދައުލަތުން ލައްކައިން މުސާރަ ނަންގަވާ ބައެއް ބޭފުޅުން މަސައްކަތްކުރީ ރާއްޖެ ބަނގުރޫޓުކޮށްލުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް މިއަދު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުކޮށްލުމަށް އެ ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން މިކަން ކުރަން (ބަންކަރިންގެ ހިދުމަތް) ރައީސްގެ އިރުޝާދާއެކު ތެދުވިއިރުގައި ވަރަށް ގިނަ ޝައްކުކުރާ ބައެއް އިސް ފަރާތްތައް ތިބި. އޭގެ ތެރޭގައި ދައުލަތުން ލައްކައިން މުސާރަ ނަންގަވާ ބޭފުޅުންވެސް ވަހުމް އުފައްދާ، ޝައްކުކުރުވާ މިކަން ވިޔަނުދިނުމަށްޓަކައި ފައި ވިއްދާފައި ރާއްޖެ ބަނގުރޫޓުކުރުމަށް މިކަންވެސް ވިޔަނުދިނުމަށްޓަކައި އަޒުމް ކަނޑައަޅައިގެން ދެ ލައްކައެއްހާ ރުފިޔާ މުސާރަވެސް ނަންގަވައިގެން ހަމަ ރެއާއި ދުވާލު ބޮޑެތި ވާހަކަތައް ދައްކަމުން ގެންދިޔައީ،" ސައީދު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ދައުލަތް 122 ބިލިއަން ރުފިޔާއިން ދަރާފައިވާކަން ސައީދު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ރިއަލް އިކޮނޮމީ ބާރަށް ކުރިއަށް އެރި ނަމަވެސް މާލިއްޔަތު -- ފިސްކަލް ސިޓުއޭޝަން ގޯސް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހާލަތު ބަދަލުކުރުމަށް ފަތުރުވެރިކަމަށް ބަރޯސާވުމަކީ ރިސްކެއް ކަމަށް ބައިނަލްއަގުވާމީ މާހިރުން ވިދާޅުވާ ކަމަށް ސައީދު ވިދާޅުވި އެވެ.

ރާއްޖެ ހުރަސްކޮށް ދުވާލަކު 300 ބޮޑެތި ބޯޓު ފަހަރު ދަތުރުކުރާއިރު އޭގެ ތެރެއިން އެއް ޕަސެންޓްވެސް ގެނެވޭނީ ބަންކަރިންގެ ހިދުމަތް ފަށައިގެން ކަމަށް ސައީދު ވިދާޅުވި އެވެ.

"ސުވާލަކީ މި ވިޔަފާރި ފަށާނީ އާދައިގެ ގޮތެއްގައިތޯ ނުވަތަ ހަމަ ބޮޑު ބިމެއް ހިއްކާފަ. ޕޯޓް ހަދާފަ ހުރިހާ ކަމެއް ކޮށްފަ ދެން އިންތިޒާރެއްގައި ތިބޭނީތޯ ބޯޓެއް ވަދޭތޯ،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ބަންކަރިންގެ ހިދުމަތުގައި އެންމެ ރަނގަޅު ގޮތަކީ ފަންނުގެ އިސް އަދި ތަޖުރިބާހުރި ބައެއްގެ ފަހަތުގައި ވިޔަފާރި ފެށުމެވެ. އެގޮތުން އޮފް-ޝޯ ފެސިލިޓީއެއްގެ ގޮތުގައި ހިދުމަތް ފަށައި ބޯޓު ފަހަރު ގެނެސް އޭގެ ފަހުން ބިން ހިއްކައިގެން ބަންކަރިންގެ ހިދުމަތް ދިނުމެވެ.