އުތުރު ތިލަފަޅުގައި ތަރައްގީކުރަން ނިންމާފައިވާ އެގްރިކަލްޗާ އިކޮނޮމިކް ޒޯނުގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރިއަށް ދާނެ ގޮތުގެ ޓައިމްލައިން މިހާރު ވަނީ އެކުލަވާލާފައި ކަމަށާއި، މިވަގުތު ކުރިއަށް ދަނީ ބިން ހިއްކުމަށް ބޭނުންވާ އީއައިއޭ ހެދުމުގެ މަސައްކަތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ޒޯނު ތަރައްގީ ކުރުމަށް 200 ހެކްޓަރުގެ ބިމެއް އެ މިނިސްޓްރީއަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފޭސް އަކަށް ބަހާލައިގެން ކަމަށްވެސް ވިދާޅުވި އެވެ.
މީގެ ތެރެއިން ފުރަތަމަ ފޭސްގައި ބިމުގެ 100 ހެކްޓަރުގައި ކުރާނީ ގްރީންހައުސް ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށާއި ދެން އޮތް 100 ހެކްޓަރުގައި ރާއްޖެއަށް އާންމުކޮށް އެތެރެކުރާ، ބިމަށް ފައިބާ ގޮތަށް ހުންނަ ބާވަތްތައް ހައްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ފުރަތަމަ ފިޔަވަހީގައި މައިގަނޑު ގޮތެއްގައި ހައްދާނީ ރާއްޖެއަށް އެތެރެ ކުރާ ބާވަތްތަކުގެ ތެރެއިން ގްރީން ހައުސްގައި ހެއްދޭ ބާވަތްތައް،" މިނިސްޓަރު ވިދާޅުވި އެވެ.
އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުމުން ދަނޑުވެރިކަން އިތުރަށް ފުޅާކުރެވި ރާއްޖެއަަށް ކާބޯތަކެތި އެތެރެކުރާ ނިސްބަތް ކުޑަކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މީގެ އިތުރުން ދަނޑުވެރިންނަށް އިތުރު އާމްދަނީއެއް ލިބޭނެ ކަމަށާއި މި މަޝްރޫއަކީ ދަނޑުވެރިކަން ފުޅާކުރުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއަށް ވާނެ ކަމަށްވެސް ސަރުކާރުން ދަނީ ބުނަމުންނެވެ.
އެގްރިކަލްޗާ ޒޯނާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް އެގްރިކަލްޗާ ޒޯނުތަކެއް ތަރައްގީކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.