އިންޕޭޝަންޓް ހިދުމަތްތައް ހޯދަން ދާ ފަރާތްތަކުގެ ޕީސީއާރް ޓެސްޓް، ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްވުމުގެ ކުރިން ހަދަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ.
ޓްރީޓޮޕްން ބުނީ އެ ހޮސްޕިޓަލުގައި ރައްކާތެރިކަން ޔަގީން ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޕީސީއާރް ޓެސްޓިން އަދި މުވައްޒަފުންގެ ރެންޑަމް ސެރަމް ޓެސްޓިން ހަދާނެ ކަމަށެވެ.
އެގޮތުން އެ ހޮސްޕިޓަލުގައި އިން ޕޭޝަންޓް ހިދުމަތްތަށް ހޯދާ ފަރާތްތައް އެޑްމިޓް ކުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދާނެ އެވެ.
ރައްކާތެރިކަން ޔަގީންކުރަން އަޅާފައިވާ ފިޔަވަޅުތައް
- ޑީކޮންޓެމިނޭޝަން އަދި ޕްރިވެންޓޭޓިވް ކްލީނިން މަސައްކަތްތައް ކުރިއަށްގެންދިޔުން
- ހޮސްޕިޓަލަށް ވަނުމުގެ ކުރިން ސްކްރީންކޮށް ޓެންޕަރޭޗާ ބަލައި، ދަތުރު ކޮށްފައިވޭތޯ ބަލައި މައުލޫމާތު ސަފުކުރުން
- ހުރިހާ މެހެމާނުންގެ ސަލާމަތައްޓަކައި ހޮސްޕިޓަލުން ފޯރުކޮށްދޭ ސާޖިކަލް މާސްކް ބޭނުންކުރަން ހަމަޖެއްސުން
- ހުއްޓުމެއްނެތި ޑިސްއިންފެކްޓްކޮށް ސާފު ކުރުމުގެ މަސައްކަތް ކުރުން
- ގައިދުރުކުރުން ހިޔާރު ކުރުމާއި އަދި ހުރިހާ ކައުންޓަރެއްގައި "ޕްލެކްސީ ގްލާސް" ސްކްރީން ހަރުކުރުން
ޓްރީ ޓޮޕް ހޮސްޕިޓަލަށް ޒިޔާރަތް ކުރުމުގައި ހާއްސަ އުސޫލުތަކެއް ވެސް އެ ހޮސްޕިޓަލުން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން
އެ ހޮސްޕިޓަލުގެ ކްރިޓިކަލް ކެއާ ޔުނިޓް އާއި އިންޓެންސިވް ކެއާ ޔުނިޓާއި ހައި ޑިޕެންޑެންސީ ޔުނިޓް އާއި ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް އަދި ޑޭ ކެއާ ޔުނިޓަށް ޒިޔާރަތް ކުރުން ވަނީ މަނާ ކޮށްފަ އެވެ. އަދި އެ ތަންތާނަގައި އެޑްމިޓް ކޮށްފައިވާ ބަލިމީހާގެ އެހީތެރިޔާގެ އެހީ ބޭނުން ވަންދެން ވެއިޓިން އޭރިއާގައި މަޑު ކުރަން ވެސް ހަމަޖައްސާފައި ވެއެވެ.
އެ ހޮސްޕިޓަލުން ބުނީ ލޭބާ ވޯޑަށް ވަދެވޭނީ ހަމައެކަނި ފިރިމީހާ ނުވަތަ އެހީތެރިޔާ އަށް އެކަނި ކަމަށާއި އިންޕޭޝަންޓް ޕްރައިވެޓް ރޫމްސް އަދި ސުއީޓްސް އަށް ޒިޔާރަތް ކުރުމަށް ވެސް ވަގުތުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެއީ އިންޕޭޝަންޓް ޕްރައިވެޓް ރޫމްސް އަދި ސުއީޓްސް އަށް ހެނދުނު 11:00 އިން މެންދުރު 12:00 އަދި ހަވީރު 6:00 އިން ރޭގަނޑު 7:00 ކަށެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ އެއްވެސް މީހެއްގެ ގާތަށް 14 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ނުވަދެވޭނެ އެވެ.
އައުޓް ޕޭޝަންޓް ކްލިނިކް އަދި ކޮންސަލްޓޭޝަން އެޕޮއިންޓްމަންޓަށް ހޮސްޕިޓަލަށް ދާއިރު އެންމެ އެހީތެރިއެއް ދިއުމަށް އެދިފައިވާއިރު ކުޑަކުދިން ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ދާއިރު ކުއްޖާގެ އެއް ބެލެނިވެރިޔަކު ދިއުމަށް ވެސް އެދެ އެވެ.
މީގެ އިތުރުން ހޮސްޕިޓަލަށް ދާ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 އިގެ އަލާމާތްތައް ހުންނަ ފަރާތްތަކުން ލަސް ނުކޮށް ފްލޫ ކްލިނިކަށް ގެންދާނެ އެވެ. އަދި އިންޕޭޝަންޓް، ކްރިޓިކަލް ކެއާ ޔުނިޓާއި އިންޓެންސިވް ކެއާ ޔުނިޓާއި ހައި ޑިޕެންޑެންސީ ޔުނިޓާއި ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް އަދި ޑޭ ކެއާ ޔުނިޓަކަށް ނުވަދެވޭނެ އެވެ.