ދުނިޔެ

އެމެރިކާއިންވެސް ޗައިނާގެ އެޕްތައް މަނާކުރަން ވިސްނަނީ

Jul 7, 2020

ވޮޝިންގްޓަން (ޖުލައި 7) - ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ "ޓިކްޓޮކް" އާއި "ވީޗެޓް" ފަދަ ޗައިނާގެ ކުންފުނިތަކުން އުފައްދާފައިވާ މޯބައިލް އެޕްތައް ޖާސޫސު ކުރުމަށް ޗައިނާ ސަރުކާރުން ބޭނުންކުރަމުންދާކަމުގެ ތުހުމަތާ ގުޅިގެން، އެމެރިކާ އިން ވެސް ޗައިނާގެ ކުންފުނިތަކުގެ އެޕްތައް މަނާކުރަން ވިސްނަމުންދާކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.

"އަޅުގަނޑު ބޭނުމެއްނޫން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރިން މިކަން ހާމަކުރަން. އެކަމަކު މިއީ އަޅުގަނޑުމެން ވިސްނަމުންދާކަމެއް،" އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މައިކް ޕޮމްޕޭއޯ ވިދާޅުވި އެވެ.

ޕޮމްޕޭއޯ މިހެން ވިދާޅުވެފައިމިވަނީ ޗައިނާގެ ކުންފުނިތަކުން އުފައްދާފައިވާ ގިނަ މޯބައިލް އެޕްތައް އިންޑިއާ ސަރުކާރުން މަނާކޮށްފައިވަނިކޮށެވެ.

އިންޑިއާގެ ސަލާމަތާއި މިނިވަން ކަމަށް ނުރައްކާވާ ކަމަށް ބުނެ މިދިއަ ހޯމަ ދުވަހުން ފެށިގެން އިންޑިއާ ގައި ޗައިނާއަށް ނިސްބަތްވާ 59 އެޕް ވަނީ މަނާކޮށްފަ އެވެ.

އިންޑިއާ ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ ޗައިނާ އާ ގުޅޭ ބޯޑަރު ސަރަހައްދުގައި އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިންނާމެދު ބޮޑު ކުރިމަތިލުމެއް ހިނގާފައިވާ ދަނޑިވަޅެއްގަ އެވެ.

ޗައިނާގެ ކުންފުނިތަކުގެ ކަސްޓަމަރުންގެ މައުލޫމާތު އިންޓެލިޖެންސްގެ ބޭނުންތަކަށް ޗައިނާ ސަރުކާރާއެކު ހިއްސާކުރަން ލާޒިމުކުރާ ގާނޫނާމެދު އެމެރިކާގެ ސިޔާސީ ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ނަމަވެސް، އެޕް ބޭނުން ކުރާ މީހުންގެ މައުލޫމާތު ޗައިނާ ސަރުކާރާ ހިއްސާ ކުރާ ކަމަށް އަމާޒުވެފައިވާ ތުހުމަތުތައް ޓިކްޓޮކް އާއެކު ގިނަ ކުންފުނިތަކުން ވަނީ ދޮގު ކޮށްފަ އެވެ.

އެކަމަށް ބާރުދެމުން ޗައިނާ ސަރުކާރުން ބުނީ، އެ ގައުމުގެ ހުރިހާ ކުންފުނިތައްވެސް ހިނގާނީ ބައިނަލްއަގުވާމީ ވިޔަފާރީގެ އުސޫލުތަކާއި ހަމަތަކުގެ މަތީން ކަމަށެވެ.

އެގޮތުން، އެއްވެސް ކުންފުންޏެއްގެ ވިޔަފާރީގެ ތެރެއަށްވަދެ، އެފަދަ މައުލޫމާތެއް ހޯދަން މަސައްކަތް ނުކުރާކަމުގެ ޔަގީންކަން ވެސް ޗައިނާ ސަރުކާރުން ވަނީ ދީފަ އެވެ.