ދުނިޔެ

އިންޑިއާ-ޗައިނާ ބޯޑަރުގެ މައުލޫމާތު އެމެރިކާއިން އިންޑިއާއަށް ފޮރުކޮށްދޭ: މީޑިއާ

އިންޑިއާ އާއި ޗައިނާއާ ދެމެދު ދިގުލައިގެން ގޮސްފައި އޮތް ބޯޑަރު މައްސަލަތައް ކޮންޓްރޯލްކުރުމުގައި އިންޑިއާއަށް އެމެެރިކާ އެހީތެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. ބޯޑަރުގެ ދެބަސްވުންތަކުގައި އިންޑިއާއަށް ކުރިލިބުމުގެ އަސްލަކީ ވެސް އެމެރިކާއިން ފޯރުކޮށްދޭ އިންޓެލިޖެންސް މައުލޫމާތު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ހިމާލިޔާގެ އުސްބިންތަކުގައި ޗައިނާ ސިފައިންގެ ސަފުތަކުގެ ތަރުތީބު އޮންނަ ގޮތް އިންޑިއާއަށް ވަގުތުން ވަގުތަށް އެމެރިކާ ކިޔައިދޭ ކަމަށް ޔޫއެސްނިއުސް ވެބްސައިޓްގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސެޓެލައިޓް ޗާޓްތަކާއި މަންޒަރުތައް ފޯރުކޮށްދޭ ކަމަށް ވެސް މި އާޓިކަލްގައި ބުނެފައި ވެއެވެ.

ޔޫއެސްނިއުސްއަށް މައުލޫމާތު ފޯރުކޮށްދިން ބަޔަކާ ބެހެ ތަފުސީލު ހިމަނާފައެއް ނުވެ އެވެ. ބުނެވައި ވަނީ ނަން ހާމަކުރަން ބޭނުން ނުވާ ފަރާތަކުން މައުލޫމާތު ފޯރުކޮށްދިން ކަމަށެވެ. އަދި މި މީހުންނަނީ ކަން ހިނގައި ދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގި ތިބި ބައެއް ކަމަށެވެ.

އެމެރިކާއިން ފޯރުކޮށްދިން މައުލޫމާތުގެ ސަބަބުން ބޮޑު ތަޅާފޮޅުމަކަށް ނުދިޔަ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި މީހަކަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިންޑިއާއަށް ލިބުނު އިންޓެލިޖެންސްއަށް ބަލައި، އިންޑިއާ ސިފައިން ކަންކުރި ގޮތުން ޗައިނާ ސިފައިންނަށް ޖެހުނީ ފަހަތަށް ޖެހެން ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިޕޯޓްތައި ފާހަގަކޮށްފައިވާ އެންމެ މުހިންމު ނުކުތާ އަކީ އެމެރިކާ އާއިން އިންޑިއާ އިންޓެލިޖެންސް ހިއްސާކުރަން ފެށުމުން ދުނިޔޭގެ ރައްކާތެރި ކަމަށް އަންނަ ހެޔޮ ބަދަލެވެ. އަދި ދެ ގައުމުގެ އަސްކަރިއްޔާ އެއް ރޫހެއްގައި، އޮމާންކަމާ އެކު ކުރިއަށް ދާ މިންވަރެވެ.