އޮޕް - އެޑް

ހިއްސާގެ ބާޒާރުން ދިވެހިންނަށް ފުދުންތެރިކަމާއި އާމްދަނީ

Jul 11, 2020
3

ޅަފަތުގައި އޮތް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި، އާންމުންނަށް ހިއްސާ ވިއްކާފައި ވަނީ ޖުމްލަ ނުވަ ކުންފުންޏަކުންނެވެ. ހިއްސާގެ ބާޒާރަކީ ގައުމު ބިނާ ކުރުމުގައި ވަކިވަކި ފަރުދުންގެ ބައިވެރިވުން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްގީ ގެނެސް އަދި އާމްދަނީގެ ފަރަގު ކުޑަ ކުރަން ބޭނުން ކުރެވޭ މުހިންމު ވަސީލަތެކެވެ. މިއަދު މި ބާޒާރަށް އިތުރު ކުރިއެރުންތައް ލިބި، ތަރައްގީގެ ދުވެލި ބާރުވަމުންދާ މަންޒަރު މިވަނީ ފެންނަން ފަށާފަ އެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި، ފައިދާވާ ތިން ކުންފުންޏެއް ވަނީ ހިއްސާ އަދި ދަރަނީގެ ވަސީލަތްތަކުގެ މުއާމަލާތް ހިންގާފަ އެވެ.

އުރީދޫ މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އެވެ. އުރީދޫ އަދި އެމްއައިބީ އިން އާންމުންނަށް ހުޅުވާލާއިގެން ހިއްސާ ވިއްކާފައިވާއިރު އެޗްޑީއެފްސީން ވަނީ ސުކޫކް އަދި ބޮންޑް މި ބާޒާރުގައި ވިއްކާފަ އެވެ.

މި ބާޒާރު އިތުރަށް ކުރިއެރުވުމަށްޓަކައި, ބޮޑެތި ކުންފުނިތަކުން ފައިސާ ހޯދުމުގައި ހިއްސާގެ ބާޒާރު ހިޔާރުކޮށް، ކުންފުނިތަކުގައި އާންމުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑަށް އިތުރު ކުރުމަކީ ގައުމު، ތަރައްގީގެ އިތުރު ހަރުފަތަކަށް ގެންދިޔުމުގައި މުހިންމު ރޯލެއް އަދާ ކުރާނެ ކަމެކެވެ. މިގޮތުން، މިބާޒާރުން ފެނިގެން ދިއުން މުހިއްމު ކަމަށް ފެންނަ ދިވެހި ކުންފުނި ތަކަށް އަލިއަޅުވާލާނަމެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ، ޓޫރިޒަމް ދާއިރާގެ މައި ދޮރާއްޓެވެ. ނަވާރަސަތޭކެ ފަސްދޮޅަސް ހަވަނަ އަހަރު އުފެދުނު މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީ އުވާލައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވުޖޫދަށް އައިސްފައި ވަނީ އޮގަސްޓް 1، 2000 ގައެވެ. އެމްއޭސީއެލްއަކީ އަހަރެއްގެ މައްޗަށް މިލިއަނެއްހާ ޓުއަރިސްޓުންނަށް މަރުޙަބާ ކިޔާ ކުންފުންޏެކެވެ.

ކުންފުނީގެ 2018 ވަނަ އަހަރުގެ މާލީ ރިޕޯޓަށް ބަލައިލާއިރު، ކުންފުނީގެ އާމްދަނީ 18 ޕަސެންޓް އިތުރު ކުރެވި، ސާފު ފައިދާވަނީ ނުވަ ޕަސެންޓް ކުރިއަރާފަ އެވެ. ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ 26 ޕަސެންޓް އިތުރުވެފައިވާއިރު، ފްލައިޓުގެ ލޭންޑިން ފީގެ އާމްދަނީވަނީ 17 ޕަސެންޓް އިތުރުވެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ މާލީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު، ކުންފުނީގެ ކުރިޔަށް ޕްލޭން ކުރެވިފައިވާ ބޮޑެތި މަޝްރޫއުތަކަށް ލޯނު ހޯދުމުގައި ދަތިތަކެއް ކުރިމަތިވުން އެކަށީގެން ވެއެވެ. އަދި ގައުމުގެ އިގްތިސޯދަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމުގައި ބޭރުގެ ބޭންކު ތަކުން ލޯނު ނެގުމުގެ ބަދަލުގައި، ރާއްޖޭގައި ހުރި މިފަދަ ވަސީލަތްތައް ބޭނުން ކުރުން މުހިންމެވެ. ހިއްސާގެ ބާޒާރަކީ މީގެ އެއް ވަސީލަތެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަކީ އިމްޕޯޓް އަދި އެކްސްޕޯޓްގެ ޒަރިއްޔާއިން ރާއްޖެއާއި މުޅި ދުނިޔެ ގުޅުވައިލާދޭ މައި ހަބެވެ. ޖުލައި 31، 2008 ގައި އުފެއްދުނު މި ކުންފުންޏަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އުމުރުން ޅަ ކުންފުންޏެއް ކަމުގައި ވިޔަސް، އެމްޕީއެލް އަންނަނީ އަހަރެއް އަހަރަކަށް ފުޅާވަމުން އަދި ކުރިއަރަމުންނެވެ. އެގޮތުން، 2018 ގައި ކުންފުނީގެ ޖުމްލަ އާމްދަނީ 21 ޕަސެންޓް އިތުރުވެ، ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 228 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ.

ހިއްސާގެ ބާޒާރުގައި ލިސްޓް ކުރުމުން، ކުންފުނިން ކުރާ ހުރިހާ މަސައްކަތެއް ވެސް ދެފުށް ފެންނަ ގޮތަށް ބައްޓަންވެ، ސީއެމްޑީއޭ ގެ އުސޫލުތަކާއި ގަވާއިދުތަކަށް އަމަލުކުރުން ލާޒިމު ވެއެވެ. އެގޮތުން ކޯޕަރޭޓް ގަވަނެންސް ކޯޑަށް އަމަލު ކުރަން ފަށާ ހިސާބުން ކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އައިސް، ރާއްޖެއާއި ދުނިޔޭގެ މާލީ ބާޒަރުގައި ފުރިހަމައަށް ވާދަ ކުރެވި، ކުންފުންޏަށް އޮންނަ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެން ދާނެއެވެ.

މި ބަދަލުތަކުގެ ތެރޭގައި ކުންފުނި ހިންގުމަށް ހަރުދަނާ ބޯޑް އޮފް ޑިރެކްޓަރުން އައްޔަންކުރުމާއި، އެތެރޭގެ ހިންގުން ރަނގަޅު ކުރުމާއި، ދެފުށް ފެންނަ ގޮތަކަށް ކުންފުނީގެ މާލީ ބަޔާންތައް ޕަބްލިޝްކުރުން އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފަދަ ކަންކަން ހިމެނިގެން ވެއެވެ.

ހައުސިން ޑިވޮލޮޕްމެންޓް ފައިނޭންސިން ކޯޕަރޭޝަން

ހައުސިން ޑިވޮލޮޕްމެންޓް ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) ވުޖޫދަށް އައީ 2004 ވަނަ އަހަރުގައި 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގަ އެވެ. މި ކުންފުނި 2006 ވަނަ އަހަރު ޕަބްލިކް ކުންފުންޏަކަށް ބަދަލު ކުރި ނަމަވެސް، 2008 ވަނަ އަހަރު ވަނީ ޕްރައިވެޓައިޒް ކޮށްފައެވެ.

މި ކުންފުނީގެ މައި ހިއްސާދާރުންގެ ގޮތުގައި މިހާރު ހިމެނެނީ ދިވެހި ސަރުކާރާއި 49 ޕަސެންޓް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި 18 ޕަސެންޓް، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން 18 ޕަސެންޓް އަދި އިންޑިޔާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓް ލިމިޓެޑްގެ 15 ޕަސެންޓެވެ.

އެޗްޑީއެފްސީއަކީ ހިއްސާގެ ބާޒާރަށް ފަރިތަ ކުންފުންޏެކެވެ. ހިއްސާ ވިއްކާފައި ނުވި ނަމަވެސް، ފާއިތުވި ތިން އަހަރު ވެސް މި ކުންފުނިން ވަނީ އާންމުންނަށާއި ކުންފުނިތަކަށް ހުޅުވާލައިގެން ދަރަނީގެ ވަސީލަތްތައް ކަމަށްވާ ސުކޫކް އަދި ބޮންޑް ވިއްކާފަ އެވެ.

ފާއިތުވެ ދިޔަ އަހަރުތަކުގައި، ރާއްޖޭގެ އިގްތިސޯދާއެކު، ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާ ވެސް ވަނީ ފުޅާވެގެން ގޮސްފަ އެވެ. އެހެންކަމުން، ގިނަ ސޯޝަލް ހައުސިންގް ޔުނިޓްތަކާއި އެހެނިހެން ހައުސިންގް ޔުނިޓްތައް ބާޒާރަށް ދަނީ އިތުރު ވަމުންނެވެ.

އެޗްޑީއެފްސީގެ މައިގަނޑު ވިޔަފާރިއަކީ މިފަދަ ހައުސިންގް ލޯނުތައް ދޫކުރުން ކަމުގައިވުމުން، މި ދަނޑިވަޅުގައި ލޯނު ޕޯޓްފޯލިއޯ ފުޅާ ކުރުމަށް ފައިނޭންސިންގް ބޭނުން ވާނެ އެވެ. އެހެންކަމުން، ކުންފުނީގެ ހިއްސާ ވެސް ބާޒާރުގައި ވިއްކައިގެން، ލޯނު ދޫކުރުމުގެ ގާބިލްކަން އިތުރު ކުރެވިގެން ދާނެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްފަދައިން ރާއްޖެއަށް ވެސް ވަނީ އިގްތިސޯދީ ގޮތުން ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ. އާމްދަނީ ދަށްވެ، ވަޒީފާ ތަކަށާއި، ވިޔަފާރި ތަކަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ. މި އަހަރަށް ޕްލޭން ކޮށްފައި ހުރި ޕްރޮޖެކްޓްތައް ހުއްޓި، އެއަށް ފަންޑު ހޯދުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފަ އެވެ. މިފަދަ ދަނޑިވަޅެއްގައި، ކުންފުނިތަކުން ދަރަނީގެ ގޮތުގައި ފައިސާ ހޯދުމުގެ ބަދަލުގައި، ހިއްސާގެ ބާޒާރުގައި ހިއްސާ ވިއްކައިގެން އެ ފައިސާ ހޯދުން ރަނގަޅު ވާނެ އެވެ. އިންވެސްޓްމަންޓް ރިސްކާއި، ފައިނޭންސިންއަށް ކުރާ ހަރަދު ކުޑަކޮށް ގައުމުގައި ލިބެންހުރި ވަސީލަތްތައް ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔެފައި ވާ އަހުމަދު އަރުޝަދަކީ މެލޭޝިޔާގެ އޭޝިއަން ޕެސިފިކް ޔުނިވާސިޓީގައި އެކައުންޓިންގް އެންޑް ފައިނޭންސް ސްޕެޝަލައިޒިން އިން ފޮރެކްސް އެންޑް އިންވެސްޓްމެންޓް ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. ޑިގްރީގެ ބޭނުމަށްޓަކައި މިހާރު އިންޓާންޝިޕްގައި މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު ކުންފުނީގަ އެވެ. މި ލިޔުން ޝާއިއުކޮށްފައި ވަނީ އެ ކުންފުނިން އެދިގެނެވެ.