ލިވަޕޫލް

އާ ސީޒަންގެ ފެށުން ހެންޑަސަންއަށް ގެއްލިދާނެ

ބުދަ ދުވަހުގެ ރޭ ބްރައިޓޮން ހޯވް އެލްބިއޯން އާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުނު ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން، އަންނަ ސީޒަން ފަށާއިރުވެސް ނުކުޅެވޭނެ ކަމުގެ ބިރު ކުރިމަތިވެއްޖެ އެވެ.

ހެންޑަސަންގެ ކަކުލުގެ ސްކޭން އެއް ވަނީ ހައްދާފަ އެވެ. އޭގެ ނަތީޖާ މިިއަދު ލިބޭނެ އެވެ. ލިވަޕޫލްގެ މެޑިކަލް ޓީމުން އަންދާޒާ ކޮށްފައި ވަނީ ހެންޑަސަންގެ ލިގަމެންޓަށް އަނިޔާ ވެފައިވާ ކަމަށެވެ.

އެ އަނިޔާގެ ސަބަބުން، ޔޫއެފާ ނޭޝަން ލީގްގައި އިންގެލެންޑްގެ ގައުމީ ޓީމު ކުޅެން ހަމަޖެހިފައިވާ މެޗުތަކުގައިވެސް ހެންޑަސަން އަށް ނުކުޅެވޭނެ އެވެ. ނޭޝަން ލީގްގައި ސެޕްޓެމްބަރު ފަހެއްގައި އިންގްލެންޑް ނުކުންނާނީ އަިއސްލެންޑާ ދެކޮޅަށެވެ. އަދި ސެޕްޓެމްބަރު އަށެއްގައި ޑެންމާކާ ދެކޮޅަށް ނުކުންނާނެ އެވެ.

އަނިޔާގައި ހުރި ނަމަވެސް، ޗެމްޕިއަން ލިވަޕޫލަށް ލީގް ތަށި އުފުލައިދޭން އޯގަސްޓް 22 ގައި އެންފީލްޑް ސްޓޭޑިއަމްއަށް ނުކުންނާނީ ހެންޑަސަން އެވެ. އެ ދުވަހު ލިވަޕޫލް ނުކުންނާނީ ޗެލްސީ އާ ދެކޮޅަށެވެ.

ޗެލްސީގެ ޒުވާން މިޑްފީލްޑާ ބިލީ ގިލްމޯގެ ކަކުލަށްވެސް އަނިޔާވެ އޭނާ އަށް ވަނީ ސިޒަން ނިމިފަ އެވެ. ގިލްމާގެ ކަކުލަށް އަނިޔާވީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ޗެލްސީގެ މިޑްފީލްޑަރުން ކަމަށްވާ ކޮވަސިޗް އާއި އެންގޯލާ ކަންޓޭ ޕެލަސް އާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފައެއް ނުވެ އެވެ.