ދުނިޔެ

ޔަމަނުގައި 10 މިލިއަން މީހުން ބަނޑަށް ޖެހިދާނެކަމުގެ އިންޒާރު

ސަނާ (ޖުލައި 11) - ބޭރުގެ އިތުރު މާލީ އެހީތެރިކަން ނުލިބި، ޔަމަނުގައި ގާތްގަނޑަކަށް 10 މިލިއަން މީހުން ބަނޑަށްޖެހިދާނެކަމަށް ބުނެ އދ. އިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ފަސް އަހަރު ވީ އިރު، އެތައް މިލިޔަން މީހުންނެއް މިހާރު ވެސް ވަނީ ބަނޑަށް ޖެހިފަ އެވެ.

ޔަމަނުގައި ކުރަމުންދާ ހަނގުރާމަ ފެށުނީ، 2015 ވަނަ އަހަރު، އެ ގައުމުގެ ހުޅަނގުގެ ބޮޑު ބައެއް ހޫތީންގެ އަތް ދަށަށް ދިއުމާއި ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި، ޔަމަނުގެ ރައީސް އަބްޑްރާބު މަންސޫރު ހާދީ ވަނީ ގައުމު ދޫކޮށް ވަޑައިގަންނަވަން މަޖުބޫރު ވެފަ އެވެ.

އިރާނުން އެހީވެދޭ ހޫތީންނާއި ދެކޮޅަށް ސައުދީ، ޔޫއޭއީ އާއި އަރަބި ހަތް ގައުމަކުން ޔަމަނުގެ ސަރުކާރު އަލުން އިޔާދަ ކުރުމަށް މަސައްކަތް ފަށާފައިވާއިރު، ދެ ފަރާތުން ބަދަލު ކުރަމުންދާ ހަމަލާތަކުގައި އާއްމުންގެ ތެރެއިން އެތަކެއް ހާސް ބަޔަކު މަރުވެ، ސަރުކާރުގެ އިމާރާތްތަކުގެ އިތުރުން ސްކޫލްތަކާއި ހޮސްޕިޓަލުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

އދ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ޔަމަނުގެ 24 މިލިއަން މީހުންގެ އާބާދީގެ 80 ޕަސަންޓް، ބޭރުގެ އެކި ޖަމާއަތްތަކުން ފޯރު ކޮށްދޭ ކަބޯތަކެތީގެ އެހީތެރި ކަމަށް ބަރޯސާވެ އެވެ.

އދ. އިން ބުނީ ޔަމަނުގައި އެ ޖަމިއްޔާ އިން ހިންގަމުންދާ އެކިއެކި އެހީގެ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް މިއަހަރުގެ ނިޔަލަށް 727 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.

މި މަހުގެ ދެވަނަ ދުވަހު ޔަމަނަށް ބޭނުންވާ އެހީ ހޯދުމާ ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި، 1.35 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދޭނެ ކަމަށް ވަނީ ވައުދުވެފަ އެވެ. ނަމަވެސް، އެހީގެ ޕްރޮގްރާމުތައް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިއުމަށް 2.4 ބިލިއަން ޑޮލަރުގެ އެހި ބޭނުންވާނެ ކަމަށް އދ. އިން މީގެ ކުރިން ވަނީ އަންދާޒާ ކޮށްފަ އެވެ.