ކުޅިވަރު

އެންފީލްޑްގެ ރެކޯޑަށް ބާންލީ ނިމުން ގެނެސްފި

ޕްރިމިއާ ލީގްގައި، ލިވަޕޫލުން އަމިއްލަ ދަނޑު އެންފީލްޑްގައި މޮޅު ވަމުން އައި ރެކޯޑް ބާންލީއިން ނިމުން ގެނެސްފި އެވެ.

ލިވަޕޫލާއި ބާންލީ އިއްޔެ އެންފީލްޑްގައި ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ޕްރިމިއާ ލީގްގައި އެއް އަހަރާ ހަ މަސް ފަހުން ލިވަޕޫލު އަތުން އެންމެ ފަހުން ތިން ޕޮއިންޓް ގެއްލުނީ ޖަނަވަރީ 2019 ގައި ލެސްޓާ ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

އިނގިރޭސި ޓޮޕް ޑިވިޝަންގައި، ހޯމް ސްޓޭޑިއަމްގައި ހުރިހާ މެޗަކުން މޮޅުވެގެން ސީޒަން ނިންމާލި ހަމައެކަނި ޓީމަކީ 1891-92 ގައި ސަންޑަލޭންޑެވެ. އެ ރެކޯޑް ގެއްލުމުގެ އިތުރަށް ލިވަޕޫލަށް ވަނީ އެހެން ރެކޯޑެއް ގެއްލުމުގެ ބިރު ކުރިމަތި ވެފަ އެވެ. ޕްރިމިއާ ލީގްގައި 100 ޕޮއިންޓް ހޯދައިގެން 2017-18 ގައި މެންޗެސްޓާ ސިޓީން ހެދި ރެކޯޑް ލިވަޕޫލަށް މުގުރާލެވޭނީ ކުރިއަށް އޮތް ތިން މެޗުން ވެސް މޮޅުވެގެންނެވެ.

މެޗުގައި، ލިވަޕޫލުގެ ގޯލް ކާމިޔާބު ކުރީ އެންޑޭ ރޮބަޓްސަން އެވެ. ފަބީނޯ ނަގައިދިން ހުރަސް ރޮބަޓްސަން ބޮލުން ގޯލް ތެރެއަށް ފޮނުވާލީ އެވެ. ދެ ވަނަ ހާފުގައި ރޮބާޓޯ ފިރުމީނޯ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. މުހައްމަދު ސަލާހް ދިން ބޯޅަ ފިރުމީނޯ ފޮނުވާލުމުން އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

ނަތީޖާ ނެރުމުގައި މެޝިނެއްގެ ގޮތުގައި ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ސިފަ ކުރި ބާންލީގެ ލަނޑު ކާމިޔާބު ކުރީ ޖޭ ރޮޑްރިގޭޒް އެވެ. މެޗުން ބާންލީއަށް ޕޮއިންޓެއް ހޯދައިދިނުމުގައި ގޯލް ކީޕަރު ނިކް ޕޯޕް ވެސް ވަނީ މުހިންމު ސޭވްތަކެއް ކޮށްފަ އެވެ.