ކެޕްޓަން ލިއޮނަލް މެސީ ކުރި 20 ވަނަ އެސިސްޓާއެކު އާޓޫރޯ ވިޑާލް ކާމިޔާބު ކުރި ގޯލުން، ރެއާލް ވަޔަޑޮލިޑްގެ މައްޗަށް 1-0 ން މޮޅުވެ ލީގް ހޯދުމުގެ ރޭހުގައި ބާސާއިން ވިއްދައފި އެވެ.
މެޗުން ބާސާ މޮޅުވެ އެ ޓީމު ވަނީ، އެއް ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑާ އެއް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ. ޗިލީގެ މިޑްފީލްޑާ ވިޑާލް ލަނޑު ކާމިޔާބު ކުރީ މެޗުގެ 15 ވަނަ މިނެޓްގައި މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެސީ ވިޑާލްއަށް ބޯޅަ ދިން އިރު އޭނާ ހުރީ އޭރިއާގެ ތެރޭގަ އެވެ. ވަޔަޑޮލިޑް ޑިފެންޑަރުން ވެސް އެރިއާގެ ތެރޭގައި ތިބިއިރު ވިޑާލްއަށް ލިބުނު ފުރުސަތަކީ ހާފް ޗެންސެކެވެ. އޭނާ ވަނީ ގޯލްގެ ދަނޑީގައި ބޯޅަ ޖައްސާލައި ގޯލް ކާމިޔާބު ކޮށްފަ އެވެ.
ވަޔޮޑޮލިޑުން ވަނީ ދެ ފަހަރެއްގެ މަތިން ބާސާގެ ކީޕަރު މާކް އެންޑްރޭ ޓާ ސްޓެގަން ގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. މެޗުން މޮޅުވެ ބާސާ ވަނީ 36 މެޗުން 79 ޕޮއިންޓް ހޯދާފަ އެވެ. ރެއާލް މެޑްރޮޑް ވަނީ 35 މެޗުން 80 ޕޮއިންޓް ހޯދާފަ އެވެ، މާދަމާ ރޭ ގްރަނާޑާ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ބާސާ އާ ހަތަރި ޕޮއިންޓް ފެއަށް ރެއާލް އަށް ޖެހިލެވޭނެ އެވެ.
އެތުލެޓިކޯ މެޑްރިޑާއި ރެއާލް ބެޓިސްގެ މެޗު ވީ ތަފާތު މަންޒަރުތަކެއް ފެނުނު ފޯރިގަދަ މެޗަކަށެވެ. މެޗުން 1-0 ން މޮޅުވެ އެތުލެޓިކޯ ވަނީ ޗެމްޕިއަންސް ލީގްގެ ޖާގަ މެތެމެޓިކަލީ ކަށަވަރު ކޮށްފަ އެވެ.
ފުރަތަމަ ހާފުގައި އެތުލެޓިކޯ މެޑްރިޑުން ބެޓިސްގެ ގޯލަށް ވައްދާލި ދެ ބޯޅަވެސް ލަނޑެއް ކަމަށް ބަލައި ނުގަތީ ވީއޭރުންނެވެ. ފުރަތަމަ އޭންހަލް ކޮރެއާ ގޯލަށް ވައްދާލި ބޯޅަ ވީއޭއާރުން ބަލައި ނުގަތީ އެ ބޯޅަ ކޮރެއާއަށް ތަނަވަސް ކޮށްދޭން އުޅުމުގެ ތެރޭގައި އެތުލެޓިކޯގެ މާކޯސް ޔޮރެންޓޭ އަތުގައި ބޯޅަ ޖެހުމުންނެވެ.
ދެ ވަނަ ފަހަރު އެތުލެޓިކޯގެ ހާފުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން ކޮކޭ ދިން ތުރޫ ޕާސް ބެޓިސްގެ ހާފުގެތެރެއިން މެދުރޮނގާއި ކިރިން، އަލްވާރޯ މޮރާޓާ ލިބި ގަނެ ބޯޅަ ހިފައިގެން ގޮސް ބެޓިސްގެ ގޯލްގެ ތެރެއަށް ފޮނުވާލި އެވެ. ވީއޭއާރުން އެ ގޯލް ބަލައި ނުގަތީ މޮރޮޓާގެ ހަށިގަނޑުން ބައެއް އޮފްސައިޑް މަޅި ހުރަސް ކޮށްފައި ވުމުންނެވެ.
ދެ ވަނަ ހާފުގެ ބޮޑުބައެއް އެތުލެޓިކޯ ކުޅުނީ އެއް ކުޅުންތެރިޔަކު މަދު ކޮށެވެ. ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި ބެޓިސްގެ ކުޅުންތެރިޔާގެ ފަހަތުން އެތުލެޓިކޯގެ ޑިފެންޑަރު މާރިއޯ އާމޯސާ ވަރުގަދަ ޓެކުލެއް ކުރުމުން ރެފްރީ އޭނާ އަށް ވަގުތުން ރަތް ކާޑު ދެއްކި އެވެ.
އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ޑިއޭގޯ ކޮސްޓާ ވަނީ އެތުލެޓިކޯ ލަނޑު ކާމިޔާބު ކޮށްދީ އެ ޓީމު މޮޅުކޮށް ދީފި އެވެ.