(9 ޖުލައި 2020 އާ ގުޅޭ)
"އިޓްސް އޯކޭ ސެހެރް، ޓޭކް މީ ހޯމް..." އިސްޖަހާލަމުން ސެހްރާނުގެ އަތަށް ދަމާލިއެވެ. އެހިނދު ސެހްރާނު އެއްފަރާތަށް ކޮށްޕާލުމާއެކު ނުހަނު އަވަހަށް ކެންޒާގެ އަތް ސެހްރާނުގެ އަތާ ވަކިކޮށްލައިފިއެވެ. އަދި ހަލުވިކޮށް ކެންޒާގެ އަތަށް ދަމާލުމާއެކު ލައިތުގެ އެޕާޓްމެންޓަށް ވަދެ ދޮރުލެއްޕިއެވެ. އެމަންޒަރު ބަލަން ހުރެފައި ސެހްރާނު ހޭން ފެށިއެވެ. ދޮރުގައި ތަޅައިގަތުމާއެކު އޭނާ އަދިވެސް ހުރީ ބޭރުގައޭ ސެހްރާނު ބުންޏެވެ. އެއާއެކު ދޮރުކައިރިން ލައިތުގެ ބާރު އަޑު އިވުނެވެ. ސެހްރާނު އެނބުރި ގެއަށްދާން ލައިތު އަމުރުކުރިއެވެ.
ލައިތު ކަންތައް ކުރާނޭ ގޮތް މާކުރިން ވެސް ސެހްރާނަށް އެނގޭ ކަހަލައެވެ. ކުއްލިއަކަށް ގެއަށް އައުން ހުއްޓާލުމުން އެކަމާ އެންމެ ކަންބޮޑުވީ މީހަކީ ފަރުޒީނެވެ. މަންމަގެ ހާސްކަމާއި ސުވާލުތައް ދޭނޭ ޖަވާބެއް ސެހްރާނުގެ އަތަކުނެތެވެ. އޭނާއަށް ވެސް ލައިތަށް ވީގޮތެއް ހުރީ ނޭނގިފައެވެ. ހ.މަހަލް ނޫން ތަނެއްގައި ލައިތު ހުންނަ ނަމަ ހުންނާނީ އޭނާގެ ޕެންޓްހައުސްގަ ކަން ސެހްރާނަށް އެނގެއެވެ. މާމަގެ ކަންބޮޑުވުމާއި ބޮޑުބޭބެ އަސަދުގެ ހާސްކަން ވެސް އަމާޒުވެފައިވީ ސެހްރާނަށެވެ. އެންމެން ވެސް ޤަބޫލުކުރަނީ ލައިތަށް ކަމެއްވެއްޖެނަމަ އެވީގޮތެއް އެނގޭނެ މީހަކަށްވާނީ ސެހްރާނުކަމެވެ. އެކަމަކު އެއީ މުޅިއަކުން ތެދެއް ނޫންކަން އޭނާއަށް އެނގެއެވެ. ލައިތު ސިއްރުކުރަން ބޭނުންވެއްޖެނަމަ އެކަމެއް އޭނާގެ ނޭވާ ހިނގާހާ ހިނދަކު ދުލުން ބޭރެއް ނުކުރާނޭކަން ސެހްރާނަށް ޔަގީންވެއެވެ. އެހެންނޫންނަމަ އޭނާ އެވަރަށް ގުޅާ ސުވާލު ކުރީމާ ވެސް ވެގެން އުޅޭ ގޮތެއް ކިޔާދިނީހެވެ. އެފިކުރުގައި ވަނިކޮށް ކެންޒާގެ ވާހަކަތައް އިވުމުން އޭނާގެ ސުވާލުތަކަށް ޖަވާބު ލިބުނެވެ. ލައިތުއަށް އައި ބަދަލުގެ އަސްލަކީ ކެންޒާކަން ވިސްނުނެވެ. އެ ދެމެދުގައި މައްސަލައެއް ޖެހުނީހެން ސެހްރާނަށް ނަގައިގަނެވުނެވެ. އެކަން ހައްލުކުރުމުގެ ބަދަލުގައި ލައިތު ގަސްދު އެކުރީ ދުރުގައި ހުންނާށެވެ. އެއީ އޭނާގެ ފާޑޭ ސެހްރާނުގެ ހިތަށް އެރިއެވެ. އެހާ ފަސޭހައިން ކެންޒާ ގޮވައިގެން އޭނާ އައީ އެ އަންހެންކުއްޖާއާ މެދު ލައިތުގެ އިޙްސާސްތައް އެނގޭތީއެވެ. އެ އަންހެންކުއްޖާއާ އޮތް ގުޅުން ކަނޑާލުމުގެ ވިސްނުމެއް ލައިތުގެ ނެތްކަން އެނގި ހުރެ ވެސް އޭނާ އެފަދަ ވަހުމެއް ކެންޒާގެ ހިތާއި ސިކުނޑިއަށް ވެއްދީ ގަސްދުގައެވެ. އޭނާގެ ވާހަކަތައް ދޮގުކުރުމުގައި ލައިތު ތެޅިފޮޅިގަންނާނޭކަން ސެހެރާނަށް އެނގެއެވެ.
ކެންޒާއާއި ލައިތުގެ ޚިޔާލުތަކުގައި ހެވިފައި ހުރެ ސެހްރާނު އައިސް އެލެވޭޓާއަށް އެރީ އެނބުރި ގެއަށް ދާން ނިންމައިގެންނެވެ. ލައިތުއާއި ކެންޒާގެ ދެމެދުގައި ޖެހުނު ކުންޏެއްވިއްޔާ ފިލުވާލަން އެ ދެ ޒުވާނުންނަށް ފުރުޞަތު ދީފައެވެ. އިތުރު މީހަކު އެމީހުންގެ ތެރޭގައި އިނުމުން އެ ދެމެދުގައި ދައްކަން ބޭނުންވާ ވާހަކަތައް މިނިވަންކަމާއެކު ހާމަނުކުރެވޭނޭކަން ސެހްރާނަށް ވިސްނެއެވެ.
* * * * *
ދޮރުކައިރީ ހުރެފައި ލައިތު އެނބުރި ކެންޒާއަށް ބަލާލިއެވެ. އޭނާ އެ އަންހެންކުއްޖާ ބެހެއްޓި ހިސާބުގައި އެ ހުރި ގޮތަށް ހުއްޓެވެ. ލައިތުއަށް ފުރަގަސް ދީގެންނެވެ. ހޭވިފައި ހުރި އިސްތަށިގަނޑުގައި ކަނާއަތުގެ އިނގިލިތައް ހިންގާލައި ފުއްކިބައިގައި އަތްހިންގާލިއެވެ. ކެންޒާއާ ބައްދަލުކުރަން އޭނާ ހުރީ ނިންމައިގެންނެވެ. އެހެންވިޔަސް ކުއްލިއަކަށް އޭނާ ހުރި ތަނަކަށް ކެންޒާ އައުމުން އެ އަންހެންކުއްޖާއާ ކުރިމަތިލާނޭ ގޮތެއް އޭނާއަށް ނޭނގިފައި ހުރި ކަހަލައެވެ.
"އިށީންނަން އާދޭ..." ކެންޒާގެ ކުރިއަށް ލައިތު ހިނގައިގަތެވެ.
އެޕާޓްމެންޓުގެ މެދެއްހާ ހިސާބުގައި ހުރި ކާމޭޒު ކައިރިން ދިމާ ކުރިމަތިން ފެންނަން ހުރި ސޯފާތަކާ ދިމާއަށް ލައިތު އައެވެ. އޭނާގެ ފަހަތުން މަޑުމަޑުން ކެންޒާ އައިސް އިށީނީ ލައިތު އިށީން ދިގު ސޯފާގައެވެ. ދެމެދުގައި ދުރުމިން ބެހައްޓަން ކެންޒާ ސަމާލުކަން ދިނެވެ. ނަމަވެސް ހީކުރިވަރުގެ ދުރުމިނެއް ދެމީހުންގެ މެދުގައި ނެތުނީ ލައިތު ސޯފާގެ މެދުގައި އިށީނުމުންނެވެ. ވަގުތުކޮޅަކަށް ދެމީހުންގެ ދެމެދަށް ހިމޭންކަން ވެރިވިއެވެ. އެކަކުއަނެކަކަށް ކުރިން ވާހަކަދައްކަން ފުރުޞަތު ދީގެން ތިބީ ކަހަލައެވެ. އިރުއިރުކޮޅުން ކެންޒާގެ މޫނަށް ލައިތަށް ބަލާލެވެއެވެ.
"ސޮރީ..." ބުނަން ނުބުނަން އުޅޭ ކަހަލަ ޖެހިލުންވުމަކާއި އަޅައިގަތުމަކާއެކު ލައިތު ބުނެލިއެވެ. ކެންޒާގެ ނަޒަރު އޭނާއާ އަމާޒުވެލާނޭ ކަމަށް ލައިތު ކުރި އުންމީދު ބޭކާރުވިއެވެ.
"އެޓްލީސްޓް ބުނެލިނަމަ. ދުށުމަށް ބޭނުންނުވާނަމަ މެސެޖެއް ކުރިނަމަ. މިހެން އަމިއްލައަށް ލައިތު ހޯދަން އަންނާކަށް ނުޖެހުނީސް. މީ ދުވަހަކުވެސް އަހަރެން ކުރިކަމެއްނޫން. އަހަރެން ލަދުގަންނަވާނުލާ ލައިތު ރީތިކޮށް ބުނެދީފާނަންތަ؟. އޭރުން އަހަރެން އެނބުރި ހިނގައިދާނަން. ލައިތު ކަންބޮޑުވާކަށް ނުޖެހޭނެ. އަހަރެން އުނދަގުލެއްނުކުރާނަން." ހަޤީޤަތުގައި ވެސް ކެންޒާ އިނީ ލަދުންނެވެ. ދުވަހަކުވެސް ފިރިހެނެއްގެ ފަހަތުން އޭނާ އުޅޭ ތަނެއް ހޯދައިގެން އަންނަން ޖެހިދާނޭކަން ކެންޒާގެ ޚިޔާލަށް ތަސައްވުރު ވެސް ނުކުރެވެއެވެ. އެކަމަކު މިއަދު އޭނާ އެއިނީ އެފަދައިން މަތިންބައިން ލައިތުގެ ކުރިމައްޗަށް އައިސްކަން އިޙްސާސް ކުރެވުނެވެ. ލޯބިވެޔޭ ބުނެ ކެންޒާގެ ހިތުގައި ލޯބި އާލަކޮށްދިނުމަށް ދުރުކޮށްލާނޭ ހީނުވީއެވެ. އިސްއޮބާލައިގެން އިނީ ލައިތުއާ ނަޒަރު ސީދާވެއްޖެނަމަ އެ ހިތުގެ ޝުޢޫރުތައް އެ ޒުވާނާގެ ކުރިމަތީ އެ ދެ ލޯ ބޭޒާރުކުރާނޭކަން ކެންޒާއަށް ޔަގީންވާތީއެވެ. އޭރުން އެ ދެލޮލަށް ބޮނޑިވަމުން އައި ކަރުނަތައް އޭގެ މަޤާމު ދޫކޮށް އޮހޮރިގަންނާނޭތީއެވެ.
"ތި ހީކުރީ ރަނގަޅަކަށްނޫން." ލައިތު ފޫހިއްލާލައި ކެންޒާއާ ގާތަށް ދެމިލިއެވެ.
"ކެން... ބޭބީ ޕްލީޒް ޑޯންޓް..." އަނގައިން ނުބުނެ ތުންފިއްތާލައިގެން އިން ކެންޒާގެ ލޮލުން ވެއްޓުނު ކަރުނަތިކި އޭނާގެ އަތްތިލައިން ފާޅުވި ހިނދު ލައިތު ބުނެލިއެވެ.
"ޕްލީޒް ޑޯންޓް ކްރައި..." އަވަސްއަވަހަށް ކެންޒާގެ މޫނުގައި ދެއަތުން ހިފާލައި ލައިތުއާ އަމާޒުކުރުވިއެވެ. ލޯތްބާއެކު ކެންޒާގެ ދެ ކޯތާފަތް އޭނާ ފުހެދިނެވެ. ނުރޯން އެދި ދެފަރާތަށް ބޯހޫރާލިއެވެ. މަޑުމަޑުން ގެނެސް ކައިރިކޮށްލުމާއެކު ކެންޒާގެ ދެ ލޮލުގައި އޭނާ ބޮސްދިނެވެ.
"ސެހެރް އެދެއްކީ ތެދުވާހަކައެއްނޫން. އަހަރެން ކީއްވެ ކެންއާ ގުޅުން ކަނޑާލަންވީ. އަހަރެން ނުބުނަންތަ ލޯބިވެޔޭ. ލިސެން ކެން... ބޭބީ އައި ސްޓިލް ލަވް ޔޫ. އައި ވިލް އޯލްވޭޒް ލަވް ޔޫ. ސޯ ޕްލީޒް... ޕްލީޒް ދެން ހުއްޓާލާ." ކެންޒާގެ ގައިގާ ލައިތު ބައްދާލިއެވެ. ކެންޒާގެ ނަފްސު ހަމައަކަށް އަޅުވަން ވަގުތުކޮޅެއް އޭނާއަށް ބޭނުންވިއެވެ. ލައިތުގެ އޯގާތެރި ބަސްތަކުން ކެންޒާގެ ކަރުނަ ހިނދިއްޖެއެވެ. އެހެންވިޔަސް އޭނާ އިނީ ލައިތުގެ އެ ހިމާޔަތުގެ ތެރެއިން ދުރަށް ޖެހިލަން ބޭނުންނުވެފައެވެ.
"އާ ޔޫ އޯކޭ..." ކެންޒާ ހަމައަކަށް އެޅިއްޖެހެން ހީވުމުން ލައިތު އަހާލިއެވެ. ހިތް ނޭދުނަސް ހޫންއެއް ލައްވާލައި ކެންޒާ ދުރަށް ޖެހިލިއެވެ. ލައިތުގެ ހާމަ ހަށިގަނޑު ލޮލުގައި އަޅައިގަތީ ދެނެވެ. ނުބަލަން ވެގެން ކެންޒާ ނަޒަރު ވަކިކޮށްލި ގޮތް ލައިތަށް ސިއްރެއްނުވިއެވެ. މާނަވީ ގޮތަކަށް އޭނާގެ ތުންފަތުގެ އެއްކޮޅުން ދެމިލިއެވެ.
"ޓީޝާޓު ލާންވީތަ؟" ކެންޒާ ރަކިވާނޭކަން އެނގި ހުރެ ލައިތު އަހާލިއެވެ.
"އޯކޭ..." ކެންޒާ ބުނެލީ މަޑުންނެވެ.
"ޕެންޑާ އެކަނި ބައިންދާފަ ދާކަށް ބޭނުމެއްނޫން. އެކަމަކު ކޮޓަރިއަށް ގޮވައިގެން ގޮސްފިއްޔާ އަހަންނަށް މަޑުން ހުންނަން ވަރަށް އުނދަގޫވާނެ." ލާނޭތް ހިންޏެއް އައިސްފައި އިނދެ ލައިތު ބުންޏެވެ. އަދި އޭނާގެ އަތުގެތެރޭގައި އިނގިލިތައް މަހާލެވިފައިވާ ކެންޒާގެ ވައަތްތިލަ ނަގައި ތުންފަތުގައި ޖައްސާލިއެވެ.
"އައި އޭމް... ނޮޓް ރެޑީ..." ކިރިޔާ ފޫޅަށް އިވޭނޭ ވަރަށް ކެންޒާ ބުނެލިއެވެ. ހިމޭންކަމުގެ ނަޒަރަކުން ދުނިޔޭން އެންމެ ލޯބިވާ އަންހެންކުއްޖާއަށް ލައިތު ބަލަން އިނެވެ. ތުންފަތުގައި ސަމާސާގެ ހިނިތުންވުން ފަނޑުވެއްޖެއެވެ. އޭނާގެ މޫނު ގާތްކޮށްލައި ކެންޒާގެ މޫނުގެ އެއްފަރާތުން ޖައްސާލެވުނެވެ. ސިއްރެއް ބުނާހާ މަޑުމަޑުން ލައިތު ވާހަކަދެއްކިއެވެ.
"އައި އޭމް ސޮރީ... ފާޚާނާގައިކަން ހުރީ އެނގޭއިރު އަހަރެން ވަދެގެންނުވާނެ. އަހަންނަށް ނުހިފެއްޓުނީ. އައި ރިއަލީ ވޯންޓް ޔޫ ޕެންޑާ... އެކަމަކު ދެން އެހެނެއްނުވާނެ. ޕެންޑާ ނޯ އޭ ބުނެފިނަމަ އަހަރެން އެކަމެއްނުކުރާނަން. ޕްރޮމިސް... އެންޑް ސޮރީ އެދުވަހު ރުޅި އާދެވުނީމަ." ލައިތު ބުންޏެވެ.
"ލައިތު އެކަންޏެއްނޫން އިންސިކުއާރ ފީލްވަނީ. މިވީ ދުވަސްތަކުގެ ތެރޭ ލައިތުގެ ޚަބަރެއްނުވީމަ، ކިތަންމެ ފަހަރަކު ހިތަށް އެރި، މިދެމެދުގައި އޮތީ ސީރިއަސް ގުޅުމެއްނޫނޭ. އަހަންނަށް ލައިތު ބޭނުންވިކަމެއް ނުކޮށްދެވުނީމަ، އެފަދަ ކެރޭ، ރީތި އަންހެންކުއްޖަކު ލައިތު ހޯދާނެއޭ. އެކަން ލައިތުއަށް ބޮޑުކަމަކަށް ވެސް ނުވާނޭ. އަހަރެން މީ ކާކުހޭ... ދެމީހުން އެކުގައި ތިބޭއިރު އަހަރެމެން ދެމީހުންގެ ކިހާ ނުގުޅޭކަން އެނގޭ. އައި ޑޯންޓް ލައިކް މައި ބޮޑީ. އަހަންނަށް ވެސް އެނގޭ ފަލަކަން. އިންތިހާއަށް ފަލަކަން. މޫނުގައި ލަކުނެއް ނެތް ނަމަވެސް ގައިގާ އެ އޮމާންކަމެއްނެތް. ލައިތު ފަކުރު ގަންނާނެ..." ކެންޒާއަށް އިތުރަށް ވާހަކަދައްކަން އުނދަގޫވިއެވެ.
"އަހަރެން ތިކަހަލަ އެއްވެސް އެއްޗެއް ހިތަކަށް ނާރާ. ޔޫ އާ މައި ޕެންޑާ... ޝީ އިޒް އަ ބިއުޓިފުލް ކާވީ ގާލް، އޭނާދެކެ ލޯބިވާކަން ބުނީ އޭނާ ހުންނަ ގޮތް ނޭނގިހުރެއެއް ނޫން. ސައިޒް ޑަޒަންޓް މެޓާ. އައި އޭމް ޓްރޫލީ މޭޑްލީ އިން ލަވް ވިތް ޔޫ. އެހެން އަންހެނަކު ނާންނާނެ. ޔަގީންކަން ދެން. ތިހަށިގަނޑުގައި އަހަރެން ޝައުގުވެރިނުވާ އެންމެ ތަންފުކެއް ވެސް ނެތް. ޤަބޫލުކުރޭ. ތި އަންހެންކުއްޖާ ފެނުނީމަ އަހަރެންގެ ޚިއްސުތައް ހޭލާ. ގާތްވުމުން މި ހަށިގަނޑަށް ބަދަލުއާދޭ. އެބަދަލުތައް ފޮރުވުމަށް އަހަރެން ކިހާ މަސައްކަތެއްކުރަން ޖެހޭކަން އެނގޭތަ. ނަފްސު ވަރުބެލިކުރުވާފަދަ ވޭނެއް އެއީ." ލައިތުގެ ނޭފަތުން ކެންޒާގެ ކޯތާފަތުގައި ބީހިލިއެވެ. ލައިތުގެ ކޮންމެ ލަފުޒެއް ކެންޒާގެ ހިތް އަވަސްކުރުވިއެވެ. ކުރިން ނުލިބޭފަދަ ހިތްހަމަޖެހުމަކާއި ޔަގީންކަމެއް ނަފްސަށް ލިބުނެވެ.
"ލައިތު އެންމެ ބިރުގަންނަނީ ކޮންކަމަކާ؟" ކެންޒާ އަހާލިއެވެ.
"މިހާރު... މިހާރު އެންމެ ބިރުގަންނަނީ ޕެންޑާ ގެއްލިދާނެތީ. ވަޓް އަބައުޓް ޔޫ؟" ލައިތު އަހާލިއެވެ.
"ހުރިހާ ކަމަކާ. އަހަރެން ބޮޑުވަމުން އައިއިރު ހިތަށް އެރި އަހަރެން ހުންނަ ގޮތުން އެކަކުވެސް ލޯތްބެއްނުވާނެއޭ. ދުވަހަކުވެސް މެރީއެއް ނުކުރެވޭނެއޭ. އެހިސާބަށް ވެސް ގުޅުމެއް ނުއުފެދޭއިރު ޢާއިލާއެއް ބިނާކުރުމުގެ ޚިޔާލަކީ އަދި މާދުރުގައި އޮތް ކަމެކޭ. ރީތިކޮށް ހިކިކޮށް ދޮންކޮށް ތިބޭ ކުދީން ފެނުނީމަ ހިތަށް އަރާ، އަހަރެން ވެސް އެކުދީން ތިބޭހެން ހުންނާނޭ ނަމައޭ. އެނގޭ ކެވޭތިކަން ފަލަވަނީ. އެހެންވިޔަސް ކެއުން މަދެއް ވެސް ނުކުރެވުނު. ޓީނޭޖް އިރު އެންމެން ވެސް ބިޓުންގެ ވާހަކަދައްކަނީ. ރީތި ފިރިހެންކުދީން ފެނޭ. އެކަމަކު އަހަންނަކީ އެއްވެސް މީހެއްގެ ވުޖޫދުގައި ވެސް ނެތް މީހެއް ފަދަ. ހުރިކަން އެނގޭނަމަތާ ސަމާލުކަން ލިބޭނީ. ނެތްމީހަކަށް ކާކު ބަލާލާނީ. ބޯއިފްރެންޑެއް ބޭނުންވެފަ ހުރީ. އޭރު އެއީ ކިހިނެއް އޮންނަ ގުޅުމެއްކަމެއް ނޭނގުނަސް ބޯއީފްރެންޑެއް ހުރެޔޭ ކުދީން ކިޔާތީ، އަހަރެން ވެސް ބޭނުންވީ... މޭބީ ޝޯ އޯފްއަށް... ހެ ހެ ހެ... މޮޔައީ ހިސާބަށްވުރެ. އަހަރެންނަށް ޖަޖްކުރުމެއްތި ބަލާ ބަޔަކީ އަހަރެންގެ ބޭބެއާއި މަންމަ އެކަނި. ލޯބިވާނޭ މީހަކު ނެތި، މުޅިއުމުރު އެކަނިމާއެކަނި ހޭދަކުރަން ޖެހުނަސް އަހަރެންގެ ބައްޕަ ފަދަ މީހަކާއެކު ދިރިއުޅުމެއް ނުހޯދަނަމޭ އަބަދުވެސް ހިތުގަ އޮވޭ."
"އެ ކީއްވެ؟" ލައިތު ސުވާލުކުރީ ކެންޒާގެ ވާހަކަ ނުނިމެނީހެވެ.
"އަހަރެމެންގެ ދިރިއުޅުމުން އެމީހަކު ނެތިގެން ދިއުމަށް އެދެވުނު މީހަކީ ބައްޕަ. ކިތަންމެ ދުވަހަކު ސްކޫލަށް ނުގޮސް ހުންނަން ޖެހެނު، ހަށިގަނޑުގައި ހުރި ޒަޚަމްތައް ފަސޭހަވަންދެން. އަނބިމީހާއާއި ދަރީންގެ މައްޗަށް ކުލުނެއް ހުންނާނީ މީހާ ހަމަހޭގައި ހުރެގެން. ދޮރޯށި ބުޑުގައި ބިތްޖެހިފައި އިންދާ ކިތަންމެ ދުވަހަކު މަންމަ ނުކުމެ ބައްޕަ ގެއަށް ވައްދާ. އަހަރެމެން ބޮޑުވީ ވަރަށް ނިކަމެތިކޮށް. ބައްޕަ އަނިޔާކުރާއިރު ތަނެއްދޮރެއް ބަލާނުލާނެ. އަތުގައި ޖެހުނު އެއްޗެއް ހެޔޮވަރު. އެ ދެއަތުން އަހަރެން އަހަރެންގެ މި އަތް ބިންދާލީ. ބޯންއިން ސިނގިރޭޓު އަހަރެންގެ ބުރަކަށްޓަށް ހުލިކޮށްލީ. ކަމަރު ތަޅާލާއިރު ފުރާނަ ނުކުންނަވަރު ކޮށްލާނެ. އަހަރެން މި މޫނާ ދިމާއަށް އެއްލި ކާށިން މަންމަގެ ބޯ ފަޅައިގެން ދިޔައީ. ކޮންމެ އަނިޔާއެއްގެ ދެމެދަށް ހިމާޔަތް ދިނުމަށް އެމަންމަ ވަންނައިރު، މަންމައަށް ލިބޭ ޒަޚަމްތައް ދެގުނައަށް އިތުރުވޭ. ކިތަންމެ ފަހަރަކު ފުލުން އާދޭ. ބައްޕަ ގެންދިޔައީމަ އެ ދުވަސްކޮޅު ހަމަޖެހިލެވޭނެ. އެއީ ހައްލަކަށްނުވޭ. މުޅި އުމުރަށް ޖަލަށް ގެންދާނޭ ނަމައޭ ހިތަށް އަރާ. އަހަރެމެން ދެބެން ނޫނީ މަންމައަށް އަޅާލާނޭ އެކަކުވެސް ނެތް. ޢާއިލާގައި މީހުން ނެތީކީނޫން. އެކަކުވެސް ފެންނަ ކަމަކަށް ހަދަން ބޭނުންނުވަނީ. މުޅި ހިސާބުގަނޑަށް އެނގޭނެ އަހަރެމެންގެ ގެއަކީ ކޮންކަހަލަ ގެއެއްކަން. ކޮންމެ މީހަކު ވެސް އެމީހަކާ ބެހޭ ކަމެއްނޫނޭ ބުނެ މޫނުއަނބުރާލަނީ. ގޭތެރޭގައި ހިނގާކަމެއް ހިނގަންވީ... ކުޑަކުއްޖަކު އަނިޔާނުކުރުށޭ ކިޔާ ބާރަށް ރޯއިރު ވެސް އެ އަޑު އިވިގެން ރަހުމްވަން އެކަކުވެސް ނެތް. ކިހިނެއްތޯވަނީ ބަލާލަން ދޮރޯށި ހުޅުވާލި މީހަކު މުޅި ހިސާބުގައި ވެސް ނޫޅޭނެ. އެކަމަކު އަހަރެމެން މަގުމަތިން ފެނުމުން ޗުކުޗުކު ލެއްވުމުން އެމީހުންގެ ތުންތައް ގުޅާލާނެ. ހުރިހާކަމަކަށް މިހާރު އާދަވެއްޖެ. ވަކިވަރެއްވީމާ ކޮންމެ މާޙައުލަކަށް ވެސް މީހާ ހޭނޭނެ. ބައްޕަގެ ސަބަބުން މަންމައަށް ލިބުނީ ކޮންއުފަލެއް. ދަރިއެއްގެ ހައްޤު އަދާކުރިކަމެއް ނޭނގެ. އަހަރެން ހަނދާން ހުންނަން ފެށީއްސުރެ އޭނާ އުޅެނީ އެހެން. އެފަދަ ދިރިއުޅުމެއް އަހަންނަށް ލިބެން މަންމަ ވެސް ނޭދޭނެކަން އެނގޭ." ކެންޒާގެ ވާހަކަތަކުން ލައިތު މޮޅިވެގެންދިޔަވަރު މޫނުން ފާޅުވޭވޭ ހުއްޓެވެ. އިތުރަށް އެވާހަކަތައް ކެންޒާ ދައްކަން އޭނާ ނޭދެއެވެ. ކެންޒާގެ ކޯތާފަތުގައި ލައިތު ބޮސްދިނެވެ.
"ކައިފިންތަ؟." ލައިތު ބޭނުންވީ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާށެވެ. ކެންޒާ ދެފަރާތަށް ބޯހޫރާލިއެވެ.
"ކޯއްޗެއް ގެންނާނީ؟. ވަރަށް ބަނޑުހައިވާން ފަށައިފި." ލައިތު ބުންޏެވެ.
"އެއްޗެއް ހަދައިދެންތަ؟." ކެންޒާ އަހާލިއެވެ.
"އެއްވެސް އެއްޗެއް ނުހުންނާނެ." ލައިތު ބުންޏެވެ. ކާއެއްޗިއްސަ އޯޑަރު ކުރަން ވެގެން ލައިތު ތެދުވީ ކޮޓަރީގައި ފޯނު ބޭއްވިފައި އޮތީމައެވެ. އޭނާ ކޮޓަރިއަށް ވަދެ ފޯނު ނަގައިގެން އައި އިރު ހުރީ ހެދުން ވެސް ބަދަލުކޮށްގެންނެވެ. ޓީޝާޓަކާއި ސޯޓެއްގައެވެ.
"އިރުކޮޅެއްވާނެ..." އިމާރާތުގެ "ކޮމާޝަލް ފްލޯ"ގައި ހުރި ރެސްޓޯރެންޓަށް އޯޑަރު ކުރުމަށްފަހު ލައިތު ބުނެލިއެވެ. އޭނާ ކެންޒާއާ ވާހަކަދައްކަން އޭނާގެ ގާތަށް ޖެހިލިވަގުތު ކެންޒާގެ ފޯނުން ރަނގަބީލު އަޅާއަޑު އިވިގެންދިޔައެވެ. ޖީބަށް ޖަހާލެވިފައި އޮތް ފޯނު ކެންޒާ ނެގިއެވެ. ކާކުކަން ނޭނގޭތީ އޭނާ ކޯލު ކަނޑާލީއެވެ.
"ކާކު؟" ކެންޒާގެ ހަރަކާތްތަކަށް ބަލަން އިން ލައިތު އެއްސެވެ. ކެންޒާ ނޭނގެއޭ ބުނުމުން ލައިތު އިތުރު އެއްޗެކޭ ނުބުންޏެވެ. ކެންޒާގެ އަތުން ފޯނު އަތުލައި ކައިރީގައި ހުރި ކޮފީ މޭޒުމަތީ ބޭއްވިއެވެ. އޭނާގެ އެ ޢަމަލުން އެ ދެމެދަށް ހުރަހަކަށް އެ ފޯނު ވާން ނޭދޭ ކަހަލައެވެ. ސޯފާއަށް އެއްފައި އަރުވައި ކުރުކޮށްލަމުން، ކެންޒާގެ ކޮނޑުގައި ދެއަތް ވަށާލައި ލައިތާ ގާތަށް ދަމާލިއެވެ. އެހިނދު އަނެއްކާ ވެސް ކެންޒާގެ ފޯނު ރިންގުވާން ފަށައިފިއެވެ.
"ހެލޯ..." ކެންޒާގެ ފޯނު ނަގައި ކަންފަތުގައި ޖައްސާލުމާއެކު އެ ކޯލަށް ލައިތު ވާހަކަދެއްކިއެވެ. އެއްޗެކޭ މީހަކު ނުބުނެ ގިނައިރުވުމުން ލައިތު ދެވަނަ ފަހަރަށް ހެލޯއޭ ބުންޏެވެ. އަދި އެ ފޯނަށް ގުޅަނީ ކާކު ހޯދަންތޯ ވެސް ލައިތު ސުވާލުކުރިއެވެ. އެމީހަކު ވާހަކަދެއްކުމެއްނެތި ކޯލު ކަނޑާލީއެވެ.
"އޮޅިގެން ގުޅުނީކަމަށް ވެދާނެ." ކެންޒާ ބުންޏެވެ. އެހެންނަމަވެސް ލައިތު އެކަން ޤަބޫލުނުކުރާ ކަހަލައެވެ.
* * * * *
ގެއާ ހަމައަށް އާދެވުނު ސެހްރާނުގެ ލޮލުގައި ދުވާރުމަތީ ހުރި ލޫޅާފަތި އަންހެންކުއްޖާ އަޅައިގަތެވެ. އެ އަންހެންކުއްޖާގެ ނަޒަރު ހުރީ ހ.މަހަލްއަށް ހުއްޓިފައެވެ. އޭނާ އިސްއުފުލައި އިމާރާތުގެ އުސްކަމަށް ބަލާލިއެވެ. ކާރު ވެއްދުމަށް ގަރާޖު ހުޅުވި ހިނދު އެ އަންހެންކުއްޖާ ސެހްރާނަށް ބަލާލިއެވެ. ދެމީހުންގެ ނަޒަރު ސީދާ ވެލުމުން އެ އަންހެންކުއްޖާ ހިނިތުންވުމެއް ހަދިޔާކުރިއެވެ. ޝައުގުވެރިކަމެއް ހިތުގައި އުފެދުނު ސެހްރާނު، ކާރު ގަރާޖަށް ވައްދާފައި ގޭތެރެއިން ލާފައި މަގުމައްޗަށް ނުކުތެވެ.
"ހާއި، މީހަކު ހޯދަނީތަ؟." ސެހްރާނު އަހާލިއެވެ.
"ޔާދިން... އެބައުޅޭތަ؟" އެ އަންހެންކުއްޖާ ނަން ކިޔާލީ ޔަގީންނުވެފައި ހުރި ފަދައިންނެވެ.
"އޭނާއަށް ގޮވާލަންވީތަ؟. ނޭނގެ ގޭގަ އުޅޭކަމެއް." ސެހްރާނު ބުންޏެވެ.
"އަޅެ ގޮވާލަދީބާ... ޕްލީޒް..." އެ އަންހެންކުއްޖާ އާދޭސްކޮށްލިއެވެ.
"ތީ ކޮންނަމެއްކިޔާ ކުއްޖެއް؟... އޭރުންތާ ބުނެވޭނީ ހޯދަން އައިސް ހުރި ރީތި ކުއްޖަކީ ކާކުކަން؟" ސެހްރާނު ލާނެތްވެލިއެވެ. ހީނލަމުން އެ އަންހެންކުއްޖާ ވެސް ބަނޑިބަނޑި ލައްވާލި ގޮތުން ހީވީ ސެހްރާނުގެ އެ ލާނެތްކަމުގައި ބައިވެރިވެލީ ހެންނެވެ.
"ފިޒާ... ތީ؟... މީގެ ކުރިން ފެނިފައިނުވާ ޒުވާންމޫނެއް." ބޯއަރިކޮށް ސެހްރާނަށް ރަނގަޅަށް ބަލާލަމުން އެ އަންހެންކުއްޖާ ބުންޏެވެ.
"ހޯދަން އައީ ޔާދިންއެއްނު، އަންނާނަން އޭނަ އުޅޭތޯ ބަލާފައި، އެނބުރި އަންނަން ޖެހިއްޖެއްޔާ، ފަހަރެއްގައި ތިކުއްޖާ ގާތު ނަންބުނެފާނަން." ހިނިއައިސްފައި ހުރެ ސެހްރާނު ބުންޏެވެ. އަދި ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.
ކައިރީގައި މީހަކު ފެންނަން ނެތުމުން އަތްދަބަހުން ނެގި ލޯގަނޑު ކޮޅުން ފިޒާނާގެ މޫނު ބަލާލިއެވެ. އެ ދިގު މޫނުގައި މޭކަޕް ހުރީ ރަނގަޅަށްތޯ އޭނާ ޗެކުކޮށްލީއެވެ. ހުދުކުލައިގެ ލޭސް ޓޮޕުގެ ބެގީ ރަނގަޅުކޮށްލިއެވެ.
"ފި..ޒާ.." އަޖައިބުވެ އަންތަރީސް ވެފައި ހުރި މީހަކު ފަދައިން ޔާދިންގެ އަނގައިން އެ ނަން ނުކުތެވެ. ފެންނަ ހުރި އަންހެންކުއްޖަކީ ހަޤީޤަތެއް ކަމާމެދު ވެސް އޭނާއަށް ޝައްކެވެ.
(ނުނިމޭ)