ހަބަރު

ކޭލަކުނު ބަލަހައްޓާނެ ފަރާތެއް ހޯދަނީ

Jul 12, 2020

މި ސަރުކާރުން ހިމާޔަތްކޮށްފައިވާ ހދ. ކޭލަކުނު ބަލަހައްޓާނެ ބަޔަކު ހޯދަން އެ އަތޮޅު ކައުންސިލުން އިއުލާންކޮށްފި އެވެ.

ހދ. އަތޮޅު ކައުންސިިލުން ކުރި އިއުލާނެއްގައި ހޯދަން އިއުލާން ކުރީ އެ ރަށް ހަ މަސް ދުވަހަށް ބަލަހައްޓައިދޭނެ ބައެކެވެ.

އަދި އެއްބަސްވުން އާކުރެވޭނީ ހަމަހުގެ މުއްދަަތަކަށް ކަމަށް އެ އިއުލާންގައި ވަނީ ބުނެފަ އެވެ.

މި ރަށް ބެލެހެއްޓުމަށް ހަވާލުވާ ފަރާތަކުން ވެސް އެ ރަށުގެ ތިިމާވެއްޓަށް ގެއްލުން ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން، ރަށް ބަލަހައްޓާ ފަރާތުން އެ ރަށުގައި އާމްދަނީއަށް މަސައްކަތެއް ކުރިޔަސް، އެ ކަމެއްގެ މައުލޫމާތު ކައުންސިލަށް އަންގަން ޖެހޭނެ ކަމަށާއި، އަދި ހުއްދައަކާ ނުލައި ރަށަށް މީހަކު އަރައިފި ނަމަ އެކަންވެސް އަންގަން ޖެހޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ކޭލަކުނުގައި ދަނޑުވެރިކަން ކޮންމެ ވެސް ވަރަކަށް ކުރި އެވެ. އެކަމަށް އެ ރަށް އޮތީ ބަޔަކަށް ދޫކޮށްފަ އެވެ. ނަމަވެސް ނިމިގެން ދިޔަ ސަރުކާރުން އެ ރަށަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާނެ ރަށެއްގެ ގޮތުގައި ކަނޑައަޅައި އެކަމަށް އިއުލާން ކުރި އެވެ.

އެކަމާ ދެކޮޅަށް ވަރަށް ގިނަ އަޑު އުފުލި އެވެ. ކޭލަކުނަކީ ގުދުރަތީ ގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ ގުދުރަތީ ގޮތުން މުއައްސަނދި ރަށެކެވެ.

ހދ. ކުޅުދުއްފުއްޓާ ކައިރީގައި އޮންނަ އެ ރަށުގައި ކުޅިފާތަކާއި ޗަސް ބިންތައް އޮވެ އެވެ. އަދި ބޮޑެތި ގަސްތައް ވެސް އެ ރަށުގައި ވަރަށް ގިނަ އެވެ. ކޭލަކުނަކީ މީގެ އެތަކެއް ޒަމާން ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށް ފަޅުވެފައިވަނީ ބޮޑު ވިއްސާރައެއްގަ ކަމަށް ދިވެހި ތާރީހުގައިވެ އެވެ.