އެންއައިސީ

އެންއައިސީގެ ނާއިބް ރައީސާ ދެ މެންބަރަކު އިސްތިއުފާދީފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ނާއިބް ރައީސް ހައްސާން ހަމީދު އަދި އެކޮމިޝަންގެ އިތުރު ދެ މެންބަރަކު އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެންއައިސީގެ މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީންނެވެ. މި ތިން ބޭފުޅުން ވަނީ މަގާމުން އިސްތިއުފާ ދެއްވާ ރައީސް ސޯލިހަށް ސިޓީ ފޮނުއްވާފައެވެ.

އިސްތިއުފާ ދެއްވި އެންއައިސީގެ ނާއިބް ރައީސް ހައްސާން ހަމީދު އަދި މެންބަރު ހަދީޖާ އަބްދުﷲ އަލީ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅުންނެވެ.

އެންއައިސީން ތިން ބޭފުޅަކު އިސްތިއުފާދީފައިވާއިރު އެ ކޮމިޝަންގެ ގެ ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެ ކޮމެޓީން އެ ނިންމުން ނިންމީ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.

އެންއައިސީ މެންބަރުންގެ މައްސަލަ ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ނެގި އެވެ. ސަބް ކޮމިޓީއާ ހަވާލު ކޮށްފައި ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މައްސަލާގަ އާއި ބަޔަކަށް އަނިޔާކުރި ފުލުހުންތަކެއްގެ ދިފާއުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ކުރި ފުލުހުންގެ މައްސަލަތަކުގައި އެންއައިސީން އަމަލުކުރި ގޮތް ބަލާށެވެ.

ސަބް ކޮމިޓީގެ މަސައްކަތް ނިންމައި އެކުލަވާލި ރިޕޯޓުގައިވާ ގޮތުން، އެންއައިސީގެ ހަތަރު މެންބަރަކު އެކަށީގެންވާ ގޮތަކަށް މަގާމުގެ މަސްއޫލިއްޔަތު އަދައެއް ނުކުރެ އެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ކޮމިޝަންގެ ނައިބު ރައީސް ހައްސާން ހަމީދު އާއި، މެންބަރު އަހުމަދު އަމީން އާއި، މެންބަރު ހަދީޖާ އަބްދުﷲ އެވެ.

އެންއައިސީގެ ވަކިނުކުރަން ކޮމެޓީން އޭރު ނިންމީ މެންބަރު އަހުމަދު ޖިހާދު އެކަންޏެވެ. މެންބަރު ޖިހާދަކީ މި ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަން ކުރި މެންބަރެކެވެ. ވަކި ކުރަން ނިންމި ހަތަރު މެންބަރުންނަކީ ކުރީ ސަރުކާރުގެ ދުވަސްވަރު އެ ކޮމިޝަނަށް އައްޔަން ކުރި މެންބަރުންނެވެ.

އެންއައިސީގެ މެންބަރުން ވަކިކުރަން ރައީސަށް އަންގާ ގޮތަށް ކޮމިޓީން ނިންމީ، އެ ކޮމިޝަންގެ ގާނޫނުގައި ބުނާ ގޮތުން އެ ކޮމިޝަންގެ މެންބަރުން ވަކި ކުރުމުގެ އިހްތިޔާރު ރައީސަށް އޮންނަ ކަމަށް ބުނެފައިވާތީ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި ގާނޫނެކެވެ. އެއީ 2015 ވަނަ އަހަރުގަ އެވެ.

އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެ ކަން ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ.