ހަބަރު

ގާސިމާއެކު އެންއައިސީއަށް މެމްބަރުން އައްޔަންކޮށްފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ހަތަރު ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފި އެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން މަޖިލީހުން ފާސްކުރެއްވި ހަތަރު ބޭފުޅުންނެވެ. އެގޮތުން މި ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، ޅ. ނައިފަރު، ނިކަގަސްދަށުގެ، ގާސިމް އަބްދުލްކަރީމާއި، މާފަންނު ޕިސްތާގެ، އާމިނަތު ޝާދިޔާއާއި، ގަލޮޅު ދޫރެސްވިލާ، އާޝިޔަތު ޝިއުނާއާއި، ދަފްތަރު. ނަންބަރު ރސ 1188، ޝުއައިބު އަބްދުއްރަހްމާނެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނާ ހަވާލުކުރައްވާފަ އެވެ.

އެންއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ގާސިމަކީ އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރުވައިލި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރެވެ. ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެ، އަށް އަހަރާއި 12 މަހަށް ގާސިމް ވަނީ ޖަލަށް ލައިފަ އެވެ. ހުކުމް ތަންފީޒު ކުރުމަށް ފަހު، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މި ހަތަރު ބޭފުޅުންނާއެކު އެންއައިސީގައި ދެން ހުންނެވީ ދާދިފަހުން އެކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރެއްވި އަހްމަދު ޖިހާދެވެ.